ބުރާސްފަތި, 24 އޭޕްރިލް 2025

މަތީ ސާނަވީ ފުރިހަމަ ކުރުމަށް ރައީސް އެދިވަޑައިގެންފި

ސާނަވީ ތައުލީމުގެ މަރުހަލާ ނިންމައި، މަތީ ސާނަވީއަށްދާ ކުދިންގެ އަދަދު މަދުވާ މައްސަލައަށް ސަމާލުކަންދޭންޖެހޭ ކަމަށާއި މަތީ ސާނަވީ ފުރިހަމަ ކުރުމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެއެވެ.

"މިއީ ކިހިނެއްވެގެން، ކޮން ސަބަބަކާހުރެ މެދުވެރިވާ ކަމެއްތޯ ބަލަންޖެހޭ ކަމަށް އަޅުގަނޑު ދެކެން" 2019ވަނަ އަހަރުގެ ސާނަވީ އިމްތިޙާނުގެ މަތީ އަރުތަވެރިންނަށް އެވޯޑް ދިނުމަށް ރޭ ބޭއްވި ރަސްމިއްޔާތު ގައި ރައީސް ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވީ ސާނަވީ އިމްތިހާން ނިންމާ ކުދިންގެ ކާމިޔާބީގެ ވާހަކަ ދައްކާއިރު ސާނަވީ އިމްތިހާން ނިންމާ ކުދިންގެ ތެރެއިން، މަތީ ސާނަވީއާ ކުރިމަތިލާ ކުދިންގެ ޢަދަދު މަދުވާ މައްސަލައަކީ ކަންބޮޑުވުމެއް ކަމަށެވެ. ރައީސް ވިދާޅުވީ ފާއިތުވި ފަސް އަހަރަށް ބަލާއިރު، އެވްރެޖްގޮތެއްގައި 5600 ދަރިވަރުން ސާނަވީ އިމްތިޙާން ނިންމާކަމަށާއި، އޭގެ ތެރެއިން މަތީ ސާނަވީއަށް ދަނީ އެވްރެޖްގޮތެއްގައި 2040 ކަމަށާއި އެއީ ސާނަވީ ނިންމާ ދަރިވަރުންގެ އެންމެ 35 އިންސައްތަ ކަމަށެވެ. ރައީސް ވިދާޅުވީ ސާނަވީ އިމްތިޙާން ނިންމާ ދަރިވަރުންގެ ގާތްގަޑަކަށް 64 އިންސައްތަ ދަރިވަރުން މަތީ ސާނަވީ ހަދަން ބޭނުންވާ ސަބަބު ބަލަންޖެހޭ ކަމަށެވެ.

"ބެލެނިވެރިންވެސް ދަރިވަރުންނަށް ހިތްވަރުދޭންވީ، މަތީ ޘާނަވީ ފުރިހަމަކުރަން. ގްރޭޑް 10 ނިމުނީމާ، ކިޔަވައި ނިމުނީ ކަމަށް ޤަބޫލުކުރެވޭނަމަ، އެ ވިސްނުން އަވަހަށް ސިކުނޑިން ފޮހެލުމަށް އަޅުގަނޑު އިލްތިމާސް ކުރަން" ރައީސް ވިދާޅުވިއެވެ

ރައީސް ވިދާޅުވީ، މަތީ ސާނަވީ ދޫކޮށްލުމުން އެފަދަ ކަތި ފިޔަވަޅަކުން ގެއްލިގެންދާނީ، އެ ކުއްޖެއްގެ މުސްތަޤްބަލް އެކަންޏެއް ނޫން ކަމަށާއި، އެއީ މުޅި ޤައުމަށް ލިބޭ ގެއްލުމެއް ކަމަށެވެ.

"އެންމެ ކުއްޖަކުވެސް ތަޢުލީމީ ޙަޔާތް ފުރިހަމަނުކޮށް ދޫކޮށްލުމަކީ، ޤައުމަށް ގެއްލޭނެ ވަރަށް އަގުބޮޑު ރައުސްމާލެއް. އެއީ ޤައުމު ކުރިއެރުވުމަށާއި، ޤައުމު ބިނާކުރުމަށް އެޅޭ ވަރަށް ބޮޑު ހުރަހެއް" ރައީސް މިރޭ ވިދާޅުވިއެވެ.

ކޮވިޑުގެ ދަތިކަމުގެ ތެރޭގައި،އޮންލައިން ކްލާސްތައް ނަންގަވައިދެއްވި ޓީޗަރުންގެ އަގު އަޅުގަނޑުމެން އަބަދުވެސް ވަޒަންކުރަންޖެހޭނެ ކަމަށެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު، ސްކޫލަށް ހާޒިރުވެގެން ކިޔަވައިދެއްވުމުގައިވެސް، ޓީޗަރުން ކުރެއްވީ، ވަރަށް މުހިންމު ޤައުމީ ޚިދުމަތެއް ކަމަށް އެމަނިކުފާނު ވަނީ ހަނދާންކޮށް ދެއްވާފައެވެ.

" ދުނިޔޭގެ މިސްރާބުވެސް މިހާރުހުރީ ވަރަށް ބޮޑެތި ބަދަލުތަކަކާ ދިމާއަށް. މިއިން ދުވަހަކުވެސް ދުނިޔެ ނުދެކޭފަދަ، ޒަމާނީ ޓެކްނޯލޮޖީގެ ބަދަލުތަކެއް، ވަރަށް އަވަހަށް ފެންނަން ފަށާނެ. ތިޔަ ކުދިންވެސް މިއަދު ވިސްނުން އަމާޒުކުރަންވީ، ދުނިޔެއަށް އަންނަ ބަދަލުތަކަށް. ތިޔަ ކުދިން މިއަދު ފިކުރު ހިންގަންވީ، މާދަމާ ކުރާނެ މަސައްކަތަކާ ދޭތެރޭގައި" ދަރިވަރުންނަށް އަމާޒުކޮށް ރައީސް ވިދާޅުވިއެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *