އާރޓިކަލް 42 : ނަމާދުކުރުން މަނާ ތަންތަން ހުންނަކަން އެނގޭތަ؟ – (7)

الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.

ނަމާދުކުރުން މަނާކުރެވިގެންވާ، ވަރަށް ގިނަ ތަންތަން ޢިލްމުވެރިން ވަނީ ފާހަގަ ކުރައްވާފައެވެ. އަދި އެއިން ކޮންމެ ކަމަކަށް ސާފު ދަލީލެއް ނެތުމާއިއެކު އެއިން ގިނަ ތަންތަނާއި މެދު ޢިލްމުވެރިންގެ މެދުގައި ޚިޔާލު ތަފާތުވުން ނަޤުލްވެފައި ވެއެވެ. މިފަދަ ތަންތަނުގެ ތެރޭގައި މަގުމަތި ހިމެނެއެވެ. މިކަމާއި މެދު ރިވާވެފައިވާ ޙަދީޘަކީ ޟަޢީފު ޙަދީޘެއް ކަމަށް ޙަދީޘް ޢިލްމުގެ ތަޙްޤީޤީ ޢިލްމުވެރިން ވިދާޅުވެއެވެ. މިޙަދީޘްގައި ޛިކުރު ކުރެވިފައިވާ މަގުމަތީގެ މުރާދުގައިވެސް ތަފާތު ގޮތްގޮތަށް ބުނެވެއެވެ. އެއީ މަގުގެ ކޮޅުކަމުގައި، މަގުގެ މެދު ކަމުގައި އަދި މަގުން ދުއްވާ ތަކެއްޗާއި ހިނގާބިނގާވާ މީހުންނަށް ފާޅުވާ ހިސާބު ކަމުގައިވެސް ބުނެވެއެވެ. އޭގެ ޙިކުމަތުގެ ގޮތުގައިވެސް ތަފާތު ގޮތްގޮތަށް ޢިލްމުވެރިން ވާހަކަ ދައްކަވާފައި ވެއެވެ. އޭގެ ތެރޭގައި މަގަކީ މީސްތަކުންނައިގެން ވަރަށް ހަލަބޮލި ތަނެއް ކަމުގައި ވުމާއިއެކު، ނަމާދުގައި ހުންނަ މީހާ، މަގުމަތީގައި ހިނގާ ކަންކަމާ މެދު މަޝްޣޫލުވެ ނަމާދުގެ ޚުޝޫޢަތްތެރިކަމުން ނިކުތުން، އެއީ ވަރަށްވެސް ގާތްކަމެއް ކަމުގައި ޛިކުރުކުރެވިފައިވެއެވެ. މަގުމަތީގައި ހިނގާބިނގާވެ އުޅޭ މީހުން، އަދި މިޒަމާނުގައި ނަމަ މަގުމަތީގައި ދުއްވާ އެއްޗިއްސަށް، ނަމާދު ކުރާ މީހާގެ ސަބަބުން އުނދަގޫތައް ކުރިމަތިވުމަކީ ވެސް އެކަން މަނާވާ ސަބަބެއް ކަމުގައިވެއެވެ. މިފަދައިން ވިދާޅުވާ ބޭކަލުން ނަމާދު ކުރަނީ ކިތަން ބޮޑު ތަނަވަސް ކަމެއް ލިބިގެންވާ މަގެއްގައި ނަމަވެސް، އެކަން ހުއްދަ ނުވާނޭ ކަމުގައި ބަޔާންކުރައްވައެވެ. އެއީ އެކަމުގެ ސަބަބުން ފަސާދައަށް މަގުފަހި ކުރުވާ ކަމެއް ކަމުގައިވެސް ވެގެން ދެއެވެ. ވީމާ މިކަމަށް ބަލާއިރު ފަޅުވެފައިވާ މަގުތައް މިމަނާވުމުގެ ތެރެއަށް ނުވަންނާނެއެވެ. އަދި އިހުގައި ނަމަ މިޒަމާނާއި ޚިލާފަށް، މަގުމައްޗަކީ ނުހަނު ގިނަ ޖަނަވާރުތައް އުޅޭ ތަނަކަށްވެސް ވެއެވެ. އެތަނަކީ ޖަނަވާރުގެ ނަޖިސް ގިނަ ތަނަކަށް ވެއެވެ. ވުމާއެކު މަގުމަތީގައި ނަމާދު ކުރާ ނަމަ، އެކުރެވެނީ ނަޖިސްތަކެއްގެ މަތީގައި ކަމުގައިވުން އެއީ ވަރަށް ގާތް ކަމެކެވެ. މިއީވެސް އެތަނުގައި ނަމާދުކުރުން މަނާވި ކަމަށް، އިހުގެ ޢިލްމުވެރިން ބަޔާންކުރައްވާފައި ޙިކުމަތެކެވެ. ޖުމްހޫރު ޢިލްމުވެރިންގެ ގާތުގައި މަގަކީ އެތަނެއްގައި ނަމާދުކުރުން މަކްރޫހަވެގެންވާ ތަނެކެވެ. ޙަނަފީ މަޛްހަބު، މާލިކީ މަޛްހަބު އަދި ޝާފިޢީ މަޛްހަބުގައިވެސް އެއީ މަކްރޫހަ ކަމެއް ކަމުގައި ކަނޑައަޅުއްވާފައިވެއެވެ. ނަމާދުކުރުން މަނާ ތަންތަނުގެ ތެރޭގައި ކަނީސާގެ ވާހަކަވެސް ޢިލްމުވެރިން ޛިކުރު ކުރައްވައެވެ. އެއީ ޔަހޫދީންނާއި ނަޞާރާއިން އަޅުކަން ކުރާ ތަންތަނެވެ. އޭގެ ސަބަބެއްގެ ގޮތުގައި ޢިލްމުވެރިން ޛިކުރު ކުރައްވަނީ އެއީ ބުދާއި، ތަޞްވީރު ހުންނަ ތަނަކަށް ވުމެވެ. ބުޚާރީ އަދި މުސްލިމް ރިވާކުރެއްވި ޙަދީޘެއްގައި ވެއެވެ. ޢާއިޝާ رضي الله عنها ވިދާޅުވިއެވެ: ((لَمَّا كَانَ مَرَضُ النَّبِيِّ صلى الله عليه وسلم تَذَاكَرَ بَعْضَ نِسَائِهِ كَنِيسَةً بِأَرْضِ الْحَبَشَةِ يُقَالُ لَهَا : مَارِيَة وَقَدْ كَانَتْ أُمُّ سَلَمَةَ وَأُمُّ حَبِيبَة َقَدْ أَتَتَا أَرْضَ الْحَبَشَةِ فَذَكَرْنَ مِنْ حُسْنِهَا وَتَصَاوِيرِهَا قَالَتْ : [فَرَفَعَ النَّبِيُّ صلى الله عليه وسلم رَأْسَهُ] فَقَالَ : " أُولئِكَ إِذَا كَانَ فِيهِمْ الرَّجُلُ الصَّالِحُ بَنَوا عَلَى قَبْرِهِ مَسْجِدًا ثُمَّ صَوَّرُوا تِلْكَ الصُّوَرَ أُولئِكَ شِرَارَ الْخَلْقِ عِنْدَ اللهِ يَوْمَ القِيَامَةِ)) މާނައީ: [ނަބިއްޔާ صلى الله عليه وسلم އާލާސްކަންފުޅު ޖެހިވަޑައިގެންހިނދު އެކަލޭގެފާނުގެ ބައެއް އަނބިން ޙަބަޝްކަރައިގެ، މާރިޔާ ކިޔާ ފައްޅިއެއްގެ ވާހަކަ ޛިކުރު ކުރެއްވިއެވެ. އުންމު ސަލަމާ އާއި އުންމު ޙަބީބާ އާއި ދެކަނބަލުންނަކީ ވެސް ޙަބަޝް ކަރައަށް ވަޑައިގެންނެވި ދެކަނބަލުންނެވެ. ދެން އެތަނުގެ ރީތިކަމާއި އެތަނުގައި ހުރި ތަޞްވީރުތަކުގެ ވާހަކަތައް ބަޔާންކުރެއްވިއެވެ. ޢާއިޝާ ވިދާޅުވިއެވެ: އެހިނދު ނަބިއްޔާ صلى الله عليه وسلم އެކަލޭގެފާނުގެ އިސްތަށިފުޅު އުފުއްލަވާލައްވާ ޙަދީޘްކުރެއްވިއެވެ: "އެބައިމީހުންނީ، އެބައިމީހުންގެ ތެރެއިން ޞާލިޙު މީހަކުނަމަ އެމީހެއްގެ ޤަބުރުގެ މަތީގައި މިސްކިތެއް ބިނާކުރި ބައެކެވެ. ދެން އެއަށްފަހު އެތަޞްވީރުތައް އެތަނުގައި ކުރަހައެވެ. އެބައިމީހުންނީ ޤިޔާމަތްދުވަހުގައި، ﷲ ގެ ޙަޟްރަތުގައި ޚަލްޤުތަކުގެ ތެރެއިން އެންމެ ނުބައިވެގެންވާ މީހުންނެވެ."] ވީމާ އެތަންތަނަކީ ތަޞްވީރުތަކުން ފުރާލާފައިވާ ތަންތަނެވެ. ކަނީސާއެއް ނުވަތަ ފައްޅިއެއް ފައްޅިއަކަށް ވުމަށްޓަކައި އެތަނުގައި ބުދު ނުވަތަ ތަޞްވީރު ބަހައްޓައިގެން ނޫނީ އެފަދަ ތަނަކަށް ނުވެއެވެ. ވީމާ އެތަންތަނުގައި ނަމާދުކުރުން އެއީ ޙަރާމްވެގެންވާ ކަމެކެވެ. އަދި އެތަންތަން ނޫނަސް އެތަނެއްގައި ތަޞްވީރު ހުންނަ އެއްވެސް ތަނެއްގައި ނަމާދު ކުރުން އެއީ ކޮށްގެންވާނޭ ކަމެއް ނޫނެވެ. އިމާމް ބުޚާރީ ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ: ((كانَ قِرَامٌ لِعَائِشَةَ سَتَرَتْ به جَانِبَ بَيْتِهَا، فَقَالَ النبيُّ صَلَّى اللهُ عليه وسلَّمَ: أمِيطِي عَنَّا قِرَامَكِ هذا، فإنَّه لا تَزَالُ تَصَاوِيرُهُ تَعْرِضُ في صَلَاتِي)) މާނައީ: [ޢާއިޝާގެ އަތުގައިވި ފޮތިގަނޑަކުން، އެކަމަނާގެ ގޭގެ އެއްފަރާތް ފޮރުވާފައި ވިއެވެ. ދެން ނަބިއްޔާ  صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: [ކަމަނާގެ މިހިރަ ފޮތިގަނޑު އެތަނުން ނަގާށެވެ. އެހެނީ ހަމަކަށަވަރުން އޭގައިވާ ތަޞްވީރުތައް ތިމަން ނަބިއްޔާގެ ނަމާދުން ތިމަން ނަބިއްޔާ އެކަހެރި ކުރުވައެވެ.]

ނަމާދުކުރުމަށްޓަކައި މުޅި ބިން ﷲ ވަނީ އަހަރެމެންނަށް ޠާހިރު ތަނެއް ކަމުގައި ކަނޑައަޅުއްވާފައެވެ. އިސްލާމްދީނަކީ ނުހަނު ފަސޭހަ ކޮށްދެއްވާފައި ދީނެކެވެ. ކުރީގެ އުންމަތްތަކަށް ކޮންމެ ތަނެއްގައި އަޅުކަން ކުރުމުގެ ފުރުޞަތާއި ހުއްދަ ދެވިފައި ނެތް ހިނދު، މިއުންމަތަށް އެހުއްދަ ދެއްވާ މިއުންމަތް އެހެން އުންމަތްތަކުގެ މައްޗަށް ޚާއްޞަކުރައްވާ މާތް ކުރެއްވިއެވެ. އެހެން ނަމަވެސް އެކަމެއްގައި މުންކަރާތާއި ނުބައިކަން އަންނަ ހިނދު އެތަންތަނުގައި ނަމާދުކުރުން ނަހީކުރެވުނެވެ. އެއީ އެކަންކަމުން ނިކުންނަ ފަސާދައަކަށްޓަކައެވެ. ޚާއްޞަކޮށް މިތަނުން ފާހަގަ ކުރެވެނީ އެތަންތަނުގައި ޝައިޠާނުން އުޅޭ ތަންތަނަކީ ﷲ سبحانه وتعالى އަށް އަޅުކަން ކުރުމާ ފުށޫއަރާ، އެކަމެއްގައި ފަސާދަ ހިމެނޭނޭ ކަމަކަށް ވެގެންދެއެވެ. އެގޮތުން ޖަމަލު އުޅޭ ތަންތަނާއި، ﷲ ފިޔަވާ އެހެންފަރާތްތަކަށް އަޅުކަން ކުރެވޭ ތަންތަނާއި، އެތަނެއްގައި ތަޞްވީރުތައް ހުންނަ ތަންތަނާއި ފާޚާނާތަކާއި ކުނިގޮނޑުތަކަކީ އެތަންތަނުގައި ޝައިޠާނުންގެ ހާލިތައް އެކުލެވިގެންވާ ތަންތަނެވެ. ވީމާ މިފަދަ ތަންތަނުގައި ނަމާދުކުރުމުން މުސްލިމުން ދުރުހެލިވާންޖެހޭނެއެވެ.

وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.

(ނިމުނީ)

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *