އެއީ 2009 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 19 ވަނަ ދުވަހެވެ. އަޅުގަނޑާއި ގއ.ކޮލަމާފުށީ ފުޓުބޯޅަ ޓީމުގެ އެންމެހާ މެންބަރުން ތައްޔާރުވަމުން ދިޔައީ ވޭތުވެދިޔަ 19 ދުވަހު ކުރި މަސައްކަތުގެ ނަތީޖާ ވަޒަންކޮށްލުމުގެ ދަތުރަށް ފުރާށެވެ.
ދުވަސްވަރަކީ ސުކޫލުގެ އަހަރީ ޗުއްޓީ ދުވަސްވަރުކަމަށްވެފައި، އެ ދުވަސްވަރާ ދިމާކޮށް، ގދ.ތިނަދޫގައި ހުންނަ ޒޯން 4 ގެ ޒުވާނުންގެ މަރުކަޒުން، ގއ. އަތޮޅާއި ގދ. އަތޮޅުގެ ހުރިހާ ރަށްތަކަށް ހުޅުވާލައިގެން ފުޓުބޯޅަ މުބާރާތެއް ބާއްވާތީ، އަޅުގަނޑުމެން މި ވޭތުވެދިޔަ ދުވަސްތަކުގައި ޖޯޝާއި ފޯރީގައި ކުރަމުންދިޔަ މަސައްކަތަކީ އެ މުބަރާތަށް ތައްޔާރުވުމުގެ މަސައްކަތެވެ. އެގޮތުން މިއަދުގެ ދަތުރަކީ މުބާރާތަށް އެންމެ ބޮޑަށް ތައްޔާރުވެފައިވާ ރަށްކަމުގައިވާ ގދ. ތިނަދޫއާއެކު އެކުވެރިކަމުގެ މެޗެއް ކުޅުމަށްޓަކައި ކުރާ ދަތުރެކެވެ. މިއީ ހިޖުރަކުރުމުގެ ސަބަބުން ބޮޑު އާބާދީއެއް ހާވިޔާވެފައިވާ ކޮލަމާފުށީގައި މިހާރު ދިރިއުޅޭ 1000 މީހުންގެ ކުޑަކުޑަ އާބާދީން ޓީމެއް އެކުލަވައިލައިގެން މިފަދަ މުބާރާތެއްގައި މި ފަހުގެ ތާރީޚެއްގައި ވާދަކުރާ ފުރަތަމަ ފަހަރުކަމަށް ވާތީ، މާލެއިން ކޯޗެއް ގެނެސްގެން ދުވާލު ދެއިރު ފަރިތަކުރާތާ 19 ދުވަސްވެފައިވުމުން، ތިނަދޫ ފަދަ ޓީމަކާ ކުޅެލަން އަޅުގަނޑުމެން ތިބީ ހަމަ ހަގީގަތުގައި ވެސް ވަރަށް ކެތްމަދުވެފައެވެ.
ދަތުރަށް ފުރަން ހަމަޖެހިފައިވަނީ މެންދުރު 12:30 ގައެވެ. ހުރިހާ ކުޅުންތެރިންނަށް ވެސް އަންގާފައިވަނީ އެ ކުޅުންތެރިއެއްގެ ކުޅޭ ސާމާނު ހަމަކޮށްގެން، އެހާ ކުޅިނޫން ކެއުމެއް ކައިގެން ގަޑިއަށް ބަނދަރަށް ނުކުތުމަށެވެ. ޓީމުގެ ކެޕްޓަންގެ ހައިސިއްޔަތުން ކުޅުންތެރިންގެ ތަކެތި ހަމަވިތޯ ބެލުމަށްފަހު، ޖޯޒީއާއި، އިންޓަވަލްގެ ބުއިމާއި ފުރަތަމަ އެހީގެ ސާމާނު ހަމަކޮށްދިނުމުގައި އެހީތެރިވުމަށްފަހު، ގަޑިއަށް ނުކުތީ ނިޔާމަ އަދި ކާމިޔާބު ދަތުރަކަށް އެދެމުންނެވެ.
އަޅުގަނޑުމެން ދަތުރުކުރަން ހަމަޖެހިފައި އޮތީ އަނގަމަތި މަސްދޯންޏެއްގައެވެ. ދޯނީގެ ކުރީކޮޅުގައި ހަދާފައިވާ 7 ފޫޓު 7 ފޫޓުގެ ކުޑަކުޑަ ގެގަނޑު ފިޔަވައި ހިޔާކޮޅެއް ނެތެވެ. ޓީމުގެ 22 ކުޅުންތެރިންނާއި، 8 އޮފިޝަލުންނާއި، 30 ސަޕޯޓަރުންނާއި ދޯނީގެ ކައްޕިއާއެކު، ޖުމްލަ 61 މީހުން ދަތުރަށް ފުރިއިރު، މޫސުން އާދައިގެ ވަރެކެވެ. ގަދައަށް އަވިދީފައި އޮތްއިރު، ކަނޑުވެސް ގަދައޭ ބުނާވަރެއްނޫނެވެ. އާދައިގެ ދޯންޏަކަށް އެހާ ގިނަ ބަޔަކު އެރުމުން ހީވަނީ ހަކުރު އެއްޗަކަށް ހިނި ޖަމާވެފައިވާހެންނެވެ. ނަމަވެސް އެކަކު ވެސް ބާކީކުރަން ބޭނުންނުވާތީ ދަތުރަށް ފެށީއެވެ.
ދަތުރަކީ ދެ ގަޑިއިރުގެ ދަރުރަކަށްވެފައި، ތޮއްޖެހިފައިވާ ދޯނީގައި، ގަދަ އަވީގައި ތިބެންޖެހުމުން ކުޅުންތެރިންނަށް އަތުވެދާނެ ނުތަނަވަސްކަމަކުން ސަލާމަތްކުރުމަށްޓަކައި، އަޅުގަނޑު އިސްނަގައިގެން، ވީހާވެސް ގިނަ ކުޅުންތެރިން ގޮވައިގެން ދޯނީގެ ދިރުނބާކޮޅުގައި ހުރި ކުޑަ ގެގަނޑުގެ މައްޗަށް އަރައި ލަވަބާޒީކުޅެން ފެށީމެވެ. ލަވަބާޒީގެ ފޯރިގަދަވެ، ދޯނީގައި ތިބި އެންމެނަށް ވެސް އެއީ މަޖާކަމަކަށްވެ މިކަމުގައި ބައިވެރި ވެއްޖެއެވެ.
އެ މަޖާގަނޑުގެ ތެރެއަށް ގެއްލިފައި ތިއްބާ ދޯނި އޭގެ މަންޒިލަށް ވާސިލުވެއްޖެއެވެ. ގަޑިން 3:00 ގައި އަޅުގަނޑުމެނަށް ތިނަދުއަށް ލެފުނުއިރު، ތިނަދޫ ޓީމުން އަޅުގަނޑުމެންނަށް މަރުހަބާކިޔަން އައިސްތިއްބެވެ. ލަވަބާޒީ މެދުކަނޑައިލީ، ރަށަށްދާ މަގުމަތީގައި ބާކީބައި ކުރިއަށްގެންދަން ނިންމައިގެންނެވެ. ގިނަ ކުޅުންތެރިންނާއި ސަޕޯޓަރުންގެ ވެސް އެދުމުގެ މަތިންނެވެ.
އަޅުގަނޑުމެން ތިނަދުއަށް ފޭބުމުން ވަރަށް ހޫނު މަރުހަބާއެއް ކިޔެވެ. ތިނަދޫ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ސަފަކަށް އެތުރި، އަޅުގަނޑުމެން ޓީމުގެ ކޮންމެ މެންބަރަކަށް މާބޮނޑިއެއް ދިނެވެ. އެ ޓީމުގެ ކޯޗަކަށް ހުރީ ދިވެހި ފުޓުބޯޅައިގައި މަޝްހޫރު ކޯޗެއްކަމަށްވާ މުޙައްމަދު ނަޒީހެވެ. ގައުމީ ޓީމުގެ 3 ކުޅުންތެރިންނާއި، ގއ. އަތޮޅާއި ގދ. އަތޮޅުން ހޮވައިލެވޭ އިތުރު 6 ކުޅުންތެރިން ތިބުމުން، މެޗުގައި އަޅުގަނޑުމެނަށް ކުރިމަތިވާނެ ގޮންޖެހުމާމެދު އެވަގުތު ވެސް ވިސްނައިލެވުނެވެ. ޚިޔާލަކަށް ގެއްލިފައި ހުރެވުނު އަޅުގަނޑަށް ހޭވެރިކަންވީ ކޯޗު ގޮވައިލުމުންނެވެ. އޭރު ގޮނޑުދޮށުގައި ހުރި ކާނިގަހެއްގެ ހިޔަލުގައި ވަށްބުރަކަށްވާގޮތަށް ގޮނޑި އަތުރައި، މެދުގައި ހުރި މޭޒެއްގެ މަތީގައި، އަޅުގަނޑުމެންގެ ޝަރަފުގައި ބެހެއްޓިފައިވާ މަރުހަބާގެ ބުއިން ހުއްޓެވެ. ދަނބުރުކާއި ޖާފާނުރުކުގެ ކުރުނބަލެވެ.
މަރުހަބާގެ ބުއިމަށްފަހު، އަޅުގަނޑުމެން ދިޔައީ އަޅުގަނޑުމެންގެ ޓީމު ތިބުމަށް ހަމަޖެހިފައިވާ ގެއަށެވެ. އެ ގެއަށް ގޮސް ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ތާޒާވެލައިގެން އަސުރުނަމާދުކޮށް، މެޗުގެ ތައްޔާރީތައްވާން ފެށީމެވެ. ހުރިހާ ކުޅުންތެރިން ޖޯޒީއަޅައި ތައްޔާރުވުމުން، ކުޅުންތެރިން އެއްކުރުމަށްފަހު، ޓީމު ކުޅެންވީ ގޮތް ކޯޗުކިޔައިދިނެވެ. އެއަށްފަހު އަޅުގަނޑުމެން މެޗަށްދާން ނުކުތްއިރު، އަޅުގަނޑުމެން ބަލައި ޕިކަޕެއް އައިސް އޮތެވެ. މެޗުފެށުމަށް ހަމަޖެހިފައިވަނީ 4:15ގައި ކަމަށްވާތީ، ދަނޑަށް ގޮސް، ކުޑަކޮށް ކަސްރަތުކޮށްލައި، މެޗަށް ހަށިގަނޑު ހޫނުކޮށްލީމެވެ. އެއަށްފަހު މެޗު ފެށުމަށް ދެ ޓީމުވެސް ތައްޔާރުވިއެވެ.
މެޗު ފެށިގެން ކުރިއަށްދާން ފަށައިފިއެވެ. ތިނަދޫގެ ވަރުގަދަ ޓީމުގެ ކުރިމަތީގައި އަޅުގަނޑުމެން ވެސް ހިތްވަރުކުރަމުން ދިޔައީމެވެ. މެޗު ކުރިއަށް ދިޔަވަރަކަށް އަޅުގަނޑުމެނަށް ދިޔައީ ބުންވަރުގެ މައްސަލަ ދިމާވަމުންނެވެ. ކުޑަ ދަނޑެއްގައި ފަރިތަކުރުމަށްފަހު އޭގެ ދެގުނަ ބޮޑު ދަނޑެއްގައި ކުޅެންޖެހުމުން ވަރަށް އުނދަގޫވިއެވެ. ނަމަވެސް ފުރަތަމަ ހާފު ނިމެންދެން އަޅުގަނޑުމެން ވެސް ތިނަދުއާ ހަމަހަމ ކުޅުމެއް ދެއްކީމެވެ.
އަޅުގަނޑު ކުޅެންޖެހިފައިވަނީ މެދުތެރޭގައި ޓީމުގެ މައި އިންޖީނުގެ މަގާމުގައިކަމުން ވަރަށް ބޮޑަށް ވަރުބަލިކަން އިހުސާސްވިއެވެ. ޚާއްސަކޮށް އަޅުގަނޑާއެކު މެދުތެރެއަށް ކުޅެމުންއައި ބައިވެރިޔާ އަކުނިވަޔަށް ދަމަންފެށުމުން ފައިބަންޖެހުމުގެ އުނިކަން ޓީމަށް ވަރަށް ބޮޑުވިއެވެ. ދަނޑިވަޅު ބަލާފައި ތިނަދޫގެ ތަޖުރިބާކާރު ކުޅުންތެރިން އަޅުގަނޑުމެންކޮޅަށް ފުލުފުލުގައި ދެ ގޯލުޖަހައިފިއެވެ. ކިތަންމެ ވަރުބަލިވެފައި ތިބި ނަމަވެސް އަޅުގަނޑުމެން ކަށިން ހިތްވަރުނެރެގެން ސުންކަނޑުވައިލީމެވެ. މެޗު ނިމުނީ 2 ލަނޑު 1 ލަނޑުން އަޅުގަނޑުމެން ބަލިވެގެންނެވެ. ނަމަވެސް އަޅުގަނޑުމެން ދެއްކި ކުޅުމަށް ތިނަދޫގެ ކުޅުންތެރިންނާއި ކޯޗު ވެސް ތައުރީފު ކުރިއެވެ. އަދި އަޅުގަނޑުމެން ރަނގަޅުކުރަންވީ ބައެއް ކަންކަން ކިޔައިދިނެވެ.
މެޗަށްފަހު، އަޅުގަނޑުމެންގެ ޝަރަފުގައި ތައްޔާރުކުރެވިފައިވާ ސައިފޮދެއް އޮތެވެ. ސައިބޮއެ، ޓީމުގެ ތަކެތި ހަމަކޮށްގެން ފުރަން ނުކުމެވުނުއިރު، އިރު އޮއްސިއްޖެއެވެ. މޫސުން ބަދަލުވެ ކަނޑު ވެސް ވަރަށް ގަދަވެއްޖެއެވެ. ނަމަވެސް އެކަކުވެސް އެރަށުގައި މަޑުކުރުމަށް ތައްޔާރުވެފައި ނެތުމުން، އެންމެނަށް ވެސް ފެނުނީ ކަނޑު ގަދަޔަސް ރަށްރަށުގެ ނިވާދަށުން ދިއުމަށްޓަކައި ފުރާށެވެ.
ވެފައިހުރި ވަރުބައްޔާއެކު، ދޯނިމަތީ އުޅެން އުނދަގޫވާނެތީއާއި، ކުޅުންތެރިންނަށް ލިބިފައިވާ މަޔޫސްކަން ފިލުވައިލުމަށްޓަކައި، ދޯނިމަތީގައި ސަކަރާތްޖަހައިލުމުގެ ނިޔަތުގައި އަޅުގަނޑުގެ ބޫޓާއި އިސްޓާކީނު ބޭލީމެވެ. އެއަށްފަހު ލަވަބާޒީ ކުޅުމަށްޓަކައި ޓީމުގެ ކުދިން ދިރުނބާކޮޅުގައިވާ ގެގަނޑު މައްޗަށް ޖަމާކުރީމެވެ. އަޅުގަނޑު އިނީ ގެގަނޑުގެ އެއް އަރިމަތީގައެވެ.
ލަވަބާޒީގެ ފޯރިއާއި، ގަދަ ކަނޑުގެ ލާނެތްކަމުގެ ތެރޭގައި ދޯނި ދުވާތާ ގަޑިއެއްހާއިރު ފަހުން ދެއްވަދުއާ ހަމައަށް އާދެވިއްޖެއެވެ. ކުއްލިއަކަށް އައި ރާޅަކާއެކު ދޯނި އަރިވިގޮތުން، ގެގަނޑުމަތީގައި ތިބި ދެކުއްޖަކު ކަހާލައިގެން އައިސް އަޅުގަނޑުގެ ގައިގައި ޖެހިއްޖެއެވެ. ދޯނި އަރިވީ އަޅުގަނޑު އިން ފަޅިއަށް ކަމުން، ކަހާލައިގެން އައި ދެކުދިން އަޅުގަނޑުގެ ގައިގައި ޖެހި، އަޅުގަނޑު އިންތަނުން ކަހާލައިގެން ދޯނީގެ ހަފޮޅުގެ މަތީ ކައިރީގައި އަޅާފައިވާ އިސްޓީލުގަނޑާ ދިމާއަށް ވެއްޓެންފަށައިފިއެވެ. އެވަގުތު ލިބުނު ހާސްކަމުގައި އަޅުގަނޑަށް އެ ގެގަނޑުގައި އަތްވިއްދާފައި ދުރަށް ކޮއްޕައިލެވުމުން އަޅުގަނޑު ގަދަ ކަނޑުގެ ރާޅުތަކުގެ ތެރެއަށް ވެއްޓިއްޖެއެވެ. ރޭގަނޑުގެ ކަނު އަނދިރިއާއި، މޫސުން ގޯސްވުމާއި މީހުން ގިނަވުމުގެ ސަބަބުން، އަޅުގަނޑު ވެއްޓުނު މަންޒަރު، ކޮޅުފަސްކޮޅުގައި ހުންގާނުގައި ހުރި ކައްޕިއަކަށް ނުފެނުނެވެ. އެހެންކަމުން އަޅުގަނޑު ގާތުގައި ތިބި ކުޅުންތެރިން ރޮއެ ހަޅޭއްލަވަން ފެށުމުން ކައްޕިއަށް ދޯނި މަޑުކުރެވުނު އިރު ދޯނި އޮތީ އަޅުގަނޑާ 100 އެއްހާ ފޫޓު ދުރުގައެވެ. ދިއްލާފައިވާ ފޯނުތަކުގެ އަލި ކިރިޔަކިރިޔާ ފެނެއެވެ. ކަނޑުގަދަ ކަމުންނާއި، އަނދިރިކަމުން ރާޅު ނުފެންނާތީ ފެތޭވަރެއް ވެސް ނޫނެވެ. ފަތަން ޖެހެނީ އޮޔާ އިދިކޮޅަށްކަމުން އިރުއިރުކޮޅާ އަނގައަށް ރާޅެއްޖަހައި ލޮނުބޮވެއެވެ. މިއީ އަޅުގަނޑުގެ އެންމެ ފަހު ވަގުތުކޮޅޭ ވެސް ހިތަށްއެރިއެވެ. ދުލަށް އައިހާ ހެޔޮ އެއްޗެއް ކީމެވެ.
ދޯނި ކެޕްޓަންގެ ތަޖުރިބާގައި، އަޅުގަނޑު ހޯދަން ދުއްވާކަށް އޭނާ ގަސްދެއް ނުކުރިއެވެ. އެއީ ހޯދަން އުޅެގެން އަޅުގަނޑު ގައިގައި ދޯނިން ޖެހިދާނެތީއާއި، އަޅުގަނޑު ފަސްދީ ކިތަންމެ ދުރަށް ދެވުނަސް ނޭނގޭނެތީއެވެ. އެހެންވެ އަޅުގަނޑަށް ދޯނި ފެނިގެން ފަތާފައި އާދެވޭނެކަމުގެ އުއްމީދުގައި ދޯނި މަޑުކޮށްގެން އޮތީއެވެ. އަދި ދޯނީގައި އަލިކުރަން ގެންގުޅޭ ބައްތި ހޯދުމަށްފަހު އަޅުގަނޑު ފެނޭތޯ އަލިކުރުމުގެ މަސައްކަތް ފެށިއެވެ.
ﷲއަށް ހަމްދުހުއްޓެވެ. ކެޕްޓަނަށް ފުރަތަމަ ވެސް އަލިކޮށްލެވުނީ އަޅުގަނޑުގެ މޫނަށެވެ. އަޅުގަނޑު ވަރުބަލިވެފައިވާވަރު ފެނުމުން އެހެން ކުއްޖަކު އަތަށް ބައްތި ދީފައި ސީދާ އަޅުގަނޑާ ދިމާއަށް އަލިކޮށްގެން ހުންނަން ބުނެފައި، ކެޕްޓަން ހުންގާނަށްއަރައި މަޑުމަޑުން ދުއްވާފައި އައިސް އަޅުގަނޑާ ދޯނި ކައިރިކުރިއެވެ. އެއަށްފަހު އަޅުގަޑު ދޯންޏަށް ނެގިއެވެ. އޭރު ޓީމުގެ ގާތްގަނޑަކަށް ހުރިހާ މެންބަރުންނާއި ސަޕޯޓަރުން ވެސް ރޮނީއެވެ. އަޅުގަނޑު ދޯންޏަށް ނެގުމުން ބައެއް ކުޅުންތެރިން އަޅުގަނޑުގެ ގައިގައި އޮޅުލައޮޅުލާފައި ވެސް ރުޔެވެ.
ކުޑަ އިރުކޮޅަކުން ރަށަށް އާދެވިއްޖެއެވެ. ދެން ހީވީ ހިކި ޖަންގައްޔަކަށް އަލިފާން ފެތުރިގަތްހެންނެވެ. މުޅި ރަށަށް އެ ވާހަކަ ފެތުރި، އަޅުގަނޑުގެ މަންމަގެ ކަންފަތާ ހަމައަށް ވެސް އެވާހަކަ ފޯރައިފިއެވެ. އެ ޚަބަރު ލިބުމާއެކު މަންމަ އަޑުން އަޑުނަގާ ރޯންފަށައިފިއެވެ. އަދި އަޅުގަނޑު ސަލާމަތްކުރެއްވީތީ ﷲ އަށް ހަމްދުކުރިއެވެ.
އޭގެ ފަހުން އަޅުގަނޑު ކަނޑުދަތުރެއް ކުރާނަމަ، ދޯނީގެ ވީހާވެސް އެތެރޭގައި އިނުމަށް މަންމަ ނަސޭހަތްދެއެވެ. އަދި އަޅުގަނޑު އަރިމަތީގައި އިންނަ ނަމަ، ބައެއް އެކުވެރިން ވެސް ވެއްޓިދާނެއޭ ބުނެ މަޖަލަށް އަޅުގަނޑުގެ ގައިގައި ހިފަހައްޓައެވެ. އެ ދަތުރަށް މިހާރު 12 އަހަރުވެފައި ވީނަމަވެސް އެހަނދާން އަޅުގަނޑުގެ ހިތަކުން ނުފިލިއެވެ.