އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ "އެޗީވްމެންޓް ނައިޓް" ރޭ ފާހަގަ ކޮށްފިއެވެ. މިއީ 2019 ވަނަ އަހަރު އޯލެވެލް އަދި އޭލެވެލް އިމްތިހާނުން އަޙްމަދިއްޔާ އަށް ލިބުނު ކުލަގަދަ ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ހަފްލާއެކެވެ. މިހަފްލާގެ ޝަރަފްވެރި މެހްމާނަކީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އިބްރާހީމް އާސިފް ރަޝީދެވެ. މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދު ވިދާޅުވީ، އަހްމަދިއްޔާ އިން މިކާމިޔާބީ ހާސިލް ކުރުމުގައި އަޙްމަދިއްޔާގެ ވަރަށް ގިނަ މުދައްރިސުންގެ ވަރަށް ބުރަ މަސައްކަތް ހިމެނިފައިވާ ކަމުގައެވެ. ޚާއްޞަ ގޮތެއްގައި އަޙްމަދިއްޔާގައި މަސައްކަތް ކުރައްވާ މުދައްރިސުންނާއެކީގައި އެދަރިވަރުންގެ ބެލެނިވެރިންނާއި އަދި ސްކޫލަށް އެހީތެރިވެދެއްވާ އެހެނިހެން ފަރާތްތަކާއި އަދި އިދާރީ މުއައްޒަފުން ކުރި މަސައްކަތް މި ނަތީޖާ ހޯދުމުގައި ލިބިފައިވާ ކަމުގައެވެ. އެހެން ކަމުން އެހުރިހާ ފަރާތްތަކަށްވެސް ޕްރިންސިޕަލް ޝުކުރު އަދާކުރެއްވިއެވެ.

"މިފާހަގަ ކުރަނީ އަޅުގަނޑުމެންގެ ތެރޭގައި މިއޮންނަ އެކުވެރިކަމާ އެއްބައިވަންތަކަމާ އެކު ކުރެވުނު މަސައްކަތުގެ ނަތީޖާ. ﷲ ގެ ރަޙްމަތާއެކީ ކޮންމެ އަހަރަކުވެސް އަހަރަކަށްވުރެ އަހަރެއް ކާމިޔާބު ކަމާއެކީގައި އަޅުގަނޑުމެންނަށް ލިބިގެންދާތީ އެއުފާ އަޅުގަނޑުމެން މިހާޞިލްކުރަނީ. އަހްމަދިއްޔާ ގެ ތާރީޚްގައި މިހާތަނަށް އޯލެވެލް އިމްތިހާނުން ލިބުނު އެންމެ ރަނގަޅު ނަތީޖާ އަޅުގަނޑުމެންނަށް މިވަނީ 2019 ވަނަ އަހަރުލިބިފައި." ޕްރިންސިޕަލް ވިދާޅުވިއެވެ.
ޕްރިންސިޕަލް ވިދާޅުވީ، އަހްމަދިއްޔާގެ 50 ދަރިވަރުން އޯލެވެލް އިމްތިހާން ގަދަ 10ގައި ހިމެނި އޭގެ ތެރެއިން 3 ދަރިވަރަކުވަނީ 8 މާއްދާއިން އޭ ސްޓާރ ހޯދައިގެން މުޅި ރާއްޖެއިން ވެސް 1 ވަނަ ޙާޞިލްކޮށްފައި ކަމާއި އެއީ އަޙްމަދިއްޔާއަށް މިފަދަ އިމްތިހާނަކުން ލިބުނު އެންމެ މޮޅު ނަތީޖާ ކަމުގައެވެ.
މިހަފްލާގައި 2019 ވަނަ އަހަރު ސްކޫލް ނިންމި ދަރިވަރުންނަށް ކިޔަވައިދެއްވި މުދައްރިސުންނަށް ހަނދާނީ ލިޔުން ދެވުނެވެ. އަދި އެސްއެސްސީ ، އެޗްއެސްސީ އިމްތިހާނާއި އޯލެވެލް ، އޭލެވެލް އިމްތިހާނުން 90 އިންސައްތައަށްވުރެ މަތީ ނަތީޖާއެއް ހޯއްދަވައިދެއްވި މުދައްރިސުންނަށް އެވޯޑް ދިނުންވެސް އޮތެވެ. އެވޯޑާއި ހަނދާނީ ލިޔުން ބައްސަވައިދެއްވީ، ޝަރަފްވެރި މެހްމާން ، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އިބްރާހީމް އާސިފް ރަޝީދާއި، އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދާއި، ސްކޫލް ބޯޑް މެމްބަރ ރަޒިއްޔާ މުޙައްމަދު ކަލޭފާނާއި، މުޙައްމަދު އަޙްމަދާއި، އަޙްމަދު ނަސީމެވެ.