އދ. އާއްމު މަޖިލީހުގެ ނަމޫނާ ބައްދަލުވުމެއް ރޭ 8 ޖެހިއިރު އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް ހޯލްގައި ބާއްވައިފިއެވެ. ގްރޭޑް 7 އަދި 8 ގެ ދަރިވަރުން ބައިވެރި ކޮށްގެން ބޭއްވި މި ބައްދަލުވުމުގައި 63 ގައުމަކުން ދަރިވަރުން ތަމްސީލް ކުރިއެވެ. މިބައްދަލުވުން ބޭއްވުމުގެ މަޤްޞަދަކީ ދަރިވަރުންގެ ބަހުގެ ހުނަރު ކުރިއެރުވުމާއި ދުނިޔޭގެ އެކިއެކި ކަންކޮޅުގައި ހިނގާ ކަންތައްތަކަށް ދަރިވަރުން ހޭލުންތެރިކުރުވުމެވެ.

ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓީ ގްރޭޑް 11 ސީ ގެ އަންޖަލް މުޙައްމަދު ޢަގީލެވެ. އަންޖަލް އަކީ މިދިޔަ އަހަރުގެ ސާނަވީ ސްކޫލް ކެޕްޓަނެވެ. ނާއިބް ރައީސަކީ 11 އެލްގެ އާދަމް ނާއިޝް ނަސީމެވެ. ނާއިޝް އަކީ މިދިޔަ އަހަރުގެ ސާނަވީ ސްކޫލް ވައިސް ކެޕްޓަނެވެ. ސެކްރެޓަރީ ޖެނެރަލަކީ، ގްރޭޑް 11 ސީގެ މަރިޔަމް ނައިސަމް ސަޢީދެވެ.

މިބައްދަލުވުން އިންތިޒާމް ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންނެވި އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ލީޑިންގ ޓީޗަރ ހަމްދާ އަޙްމަދު ވިދާޅުވީ، ނަމޫނާ ބައްދަލުވުމުގައި 33 ގައުމަކުން ކަރުދާސް ހުށަހެޅިކަމާއި ކަރުދާސް ތައްޔާރުކުރީވެސް ގައުމުތަކުގެ ހާލަތާގުޅޭ މައުލޫމާތު ހޯދައިގެން އެކުދިން އަމިއްލަ އަށް ކަމުގައެވެ.

މިބައްދަލުވުން ޝަރަފްވެރި ކޮށްދެއްވީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ފޮރިން ސެކްރެޓަރީ ޢަބްދުލް ޣަފޫރު މުޙައްމަދެވެ. ޢަބްދުލް ޣަފޫރުގެ ވާހަކަފުޅުގައި ބައްދަލުވުމުގައި ދަރިވަރުން ދެއްކި ކުޅަދާނަ ކަމަށް ތަޢުރީފް ކުރެއްވި އެވެ.

ބައްދަލުވުން ބައްލަވާލެއްވުމަށް ސްކޫލްގެ އިސްވެރިންނާއި ބެލެނިވެރިން ވަޑައިގެންނެވިއެވެ.
ކިޔުންތެރިންގެ ޚިޔާލުތައް
ކޮންމެ އަހަރަކު ތިބައްދަލުވުން ބޭއްވުމަށް ފެނޭ ތިޔަ ފެށްޓެވީ ދަރިވަރުންނަށް ވަރަށް މުހިއްމު ކަމެއް.