الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.
އަހަރެމެން މުސްލިމުން ވަރަށްގިނައިން އަޑުއަހާ އުޅޭ ބަހެކެވެ. އީމާންކަމުގެ ވާހަކައެވެ. އެވަރަށް އަހަރެމެން މިބޭނުންކުރަމުންދާ ބަހުގެ މާނައަކީ ނުވަތަ މުރާދަކީ ކޮބައިތޯ އުފެދޭ ސުވާލު ބޮޑެވެ. ދީނީގޮތުން ގިނަގިނައިން މިކިޔޭ ބަސް "އީމާންކަން" އަކީ ކޮބައިހެއްޔެވެ؟ އެއީ އޭގެ ޒާތުގައި ލޮލަށްފެންނަ އެއްޗެއް ނޫނެވެ. ނަމަވެސް އީމާންކަން އޮންނަނީ ހިތުގަޔާއި ކުރެވޭ ޢަމަލުތަކުގައެވެ. ހިތަކީ އެއްވެސް މީހަކަށް ފެންނަ އެއްޗެއް ނޫނެވެ. ނަމަވެސް އެހިތް ނުފެނުނު ކަމުގައިވީ ނަމަވެސް އެހިތަކީވެސް އޭގެ ތެރޭގައި ގިނަގުނަ ޢަމަލުތަކެއް ކުރަމުންދާ ވަރަށް ނާޒުކު ގުނަވަނެކެވެ. އެހިތުގައި ހިނގާ އެއްކަމަކީ ދެނެގަނެވޭ ކަންކަން ޤަބޫލުކުރުމެވެ. ޢާންމުކޮށް އީމާންކަން މިބުނެވެނީ ދީނީގޮތުން ޤަބޫލުކުރަންޖެހޭ ކަމަށް އޮންނަ ކަންކަން އެހިތުން ޤަބޫލުކުރުމަށެވެ. މިއީ ޢާންމުކޮށް އެންމެހައި މުސްލިމުންނަށްވެސް އަދި ޚާއްޞަކޮށް ދިވެހިންނަށްވެސް މީގެ މާނަ މަޝްހޫރުކޮށް އެނގިފައި އޮންނަގޮތެވެ. ޖިބްރީލު އެއްފަހަރަކު ރަސޫލާގެ އަރިހަށް ވަޑައިގެން އިސްލާމް ކަމަކީ ކޮބައިތޯ ސުވާލުކުރެއްވިއެވެ: ޖަވާބުގައި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: ((أَنْ تَشْهَدَ أَنْ لاَ إِلَهَ إِلاَّ اللَّهُ وَأَنَّ مُحَمَّدًا رَسُولُ اللَّهِ وَتُقِيمَ الصَّلاَةَ وَتُؤْتِيَ الزَّكَاةَ وَتَصُومَ رَمَضَانَ وَتَحُجَّ الْبَيْتَ إِنِ اسْتَطَعْتَ إِلَيْهِ سَبِيلاً)) މާނައީ: [ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަމެއްވެވޭ އެހެން އިލާހަކު ނުވާކަމަށާއި މުޙައްމަދުގެފާނީ ﷲ ގެ ރަސޫލާކަމަށް ތިބާ ހެކިވުމެވެ. އަދި ނަމާދު ޤާއިމްކުރުމާއި ޒަކާތް އަދާކުރުމާއި ރަމަޟާންމަހު ރޯދަހިފުމާއި ތިބާއަށް ހައްޖަށް ދިއުމުގެ ކުޅަދާނަކަން ލިބިގެންވާނަމަ ގެފުޅަށް ޙައްޖުވުމެވެ.] އެއަށްފަހު އެމަލާއިކަތާ އީމާންކަމަކީ ކޮބައިތޯ ސުވާލުކުރެއްވިއެވެ: ޙަދީޘްކުރެއްވިއެވެ: (( أَنْ تُؤْمِنَ بِاللَّهِ وَمَلاَئِكَتِهِ وَكُتُبِهِ وَرُسُلِهِ وَالْيَوْمِ الآخِرِ وَتُؤْمِنَ بِالْقَدَرِ خَيْرِهِ وَشَرِّهِ)) މާނައީ: [ﷲ އަށާއި އެކަލާނގެ މަލާއިތަކުންނަށާއި އެކަލާނގެ (ބާވައިލެއްވި) ފޮތްތަކަށާއި އެކަލާނގެ (ފޮނުއްވި) ރަސޫލުންނަށާއި އާޚިރަތްދުވަހަށް ތިބާ އީމާންވުމެވެ. އަދި ޤަދަރަށް އޭގެ ހެޔޮ މިންވަރަށާއި އަދި ނުބައި މިންވަރަށް ތިބާ އީމާންވުމެވެ.] ވީމާ ވަކިވަކިން މިދެކަލިމަ ބޭނުންކުރާ ހިނދުގައި އޭގެ މާނައަކީ ކޮބައިކަން މިޙަދީޘުންވަނީ ތަފްޞީލުކޮށް ބަޔާންވެފައެވެ. ނަމަވެސް މިދެލަފްޒަކީ އޭގެ މާނައިގެ ގޮތުން އެކަތި އަނެއްކައްޗާ ގުޅިލާމެހިފައިވާ ދެލަފްޒެވެ. އީމާންކަން އިސްލާމްކަމާއި ނުލައި ފުރިހަމަ ނުވާނޭހެން، އިސްލާމްކަންވެސް އީމާންކަމާއި ނުލައި ފުރި ނުވާނެއެވެ. އެލަފްޒު މާނަކުރުމުގައި ގެންގުޅޭ އުޞޫލުތައް ފުރިހަމައަށް އެނގެންޖެހެއެވެ. އޭގެ ފުރިހަމަ މާނައިގައި އޭގެ މާނައަކީ ހިތުން ތެދުކޮށް ޤަބޫލުކުރުމާއެކު ދުލުގެ ޒަރީޢާއިން ވެސް އެކަމަށް އިޤްރާރުވުމާއި އަދި އެހެންމެ ހަށިގަނޑުގެ ބޭރުފުށުގެ ގުނަވަންތަކުން އެޤަބޫލުކޮށް ދުލުން އިޤްރާރުވާ އެއްޗެއް އެގުނަވަންތަކުގެ ޢަމަލުން ދެއްކުމެވެ. ނުވަތަ ފާޅުކޮށް ފެންނާނޭހެން އެކަންކަން ކުރުމެވެ. މިބުނެވިދިޔަ އެންމެހައި ކަންކަމަށް ދެވިފައިވާ ނަމަކީ އީމާންކަމެވެ. މިބުނެވިދިޔަ ޢަމަލާއި ނުލައި އީމާންކަން މާނަ ނުކުރެވޭނެއެވެ. އެއީ ހަމައެކަނި "އީމާންކަމޭ" ބުނެ މިލަފްޒު ބޭނުންކުރުމުން މާނަ ކުރަންޖެހޭނޭ ގޮތެވެ. ހަމައެފަދައިން "އިސްލާމްކަން" މިބަސް މިފަދައިން ބޭނުންކުރުމުން އޭގެ މާނައަކީވެސް އީމާންކަމާއެކު އިސްލާމްދީނަށް ޢަމަލުކުރުމެވެ. ﷲ سبحانه وتعالى މިތަނުގައި މިވަޙީކުރެއްވި ފަދައިންނެވެ. ﴿إِنَّ الدِّينَ عِنْدَ اللَّهِ الْإِسْلامُ﴾ آل عمران:19 މާނައީ: [ހަމަކަށަވަރުންވެސް ﷲ ގެ ޙަޟްރަތުގައި ދީނަކީ އިސްލާމްދީނެވެ.] މިތަނުގައި އީމާންވެ ޢަމަލުކުރުމޭ ބަޔާން ނުކުރައްވާ، ނުވަތަ އީމާންކަމާއި އިސްލާމް ކަމޭ ވަޙީކުރައްވާފައި ނެތުމުން "އިސްލާމް" އޮތް ބަހުގެ މުރާދަކަށް ވާނީ އީމާންވެ އިސްލާމްދީނަށް އުޅުމެވެ. ސަބަބަކީ އިސްލާމްދީނުގެ ކަންކަމަށް ބޯލަބައި ކިތަންމެ ވަރަކަށް ޢަމަލުކުރި ނަމަވެސް އީމާންކަމެއް ނެތް ނަމަ އެއިސްލާމްކަމުގެ އެއްވެސް ފައިދާއެއް ނުކުރާނެތީއެވެ. ނަމަވެސް "އިސްލާމް" ގެ ލަފްޒާއި އެކު "އީމާން" ގެ ލަފްޒު އަތުވެއްޖެ ނަމަ އެއިން ކޮންމެ ބަހެއްގައި އޮންނާނެ މާނައިގައި "އީމާންކަމަކީ" ހިތުން ތެދުކޮށް ޤަބޫލުކުރުމެވެ. އަދި "އިސްލާމް" ކަމަކީ ދީނުގައިވާ ކަންކަމަށް ބޯލަނބައި ކިޔަމަންވެ ކުރަން އަންގަވާފައިވާ ހެޔޮޢަމަލުތައް ކުރުމެވެ. އެގޮތުން ބައެއް ފަހަރު ޞާލިޙު ޢަމަލުކުރުމާއި އީމާންކަމާއި ގުޅުވާފައިވާއިރު، އަނެއްބައިފަހަރު ތަޤްވާވެރިކަމާއި، އަދި އަނެއްބައިފަހަރު ކެތްތެރިވުމާއި ގުޅުވާފައިވެއެވެ. އެފަދައިން ޤުރުއާނުގެ އެތައް ތަނެއްގައި ﷲ سبحانه وتعالى ވަނީ ވަޙީކުރައްވާފައެވެ. ﴿إِنَّ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ﴾ މާނައީ: [ހަމަކަށަވަރުން އީމާންވީ މީހުންނެވެ. އަދި ޞާލިޙުޢަމަލުތައް ކުރި މީހުންނެވެ.] މިފަދައިން ޢާންމުކޮށް "ޞާލިޙުޢަމަލު" މިބަހާއި ގުޅުވާލެވިފައި ނުވާ، އެހެން ކޮންމެވެސް ޚާއްޞަ ޢަމަލަކާއި ވެސް ބައެއްފަހަރު ގުޅުވާލައްވާފައި ވެއެވެ. ﷲ سبحانه وتعالى ވަޙީކުރެއްވިއެވެ: ﴿أَلَا إِنَّ أَوْلِيَاءَ اللَّهِ لَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ الَّذِينَ آمَنُوا وَكَانُوا يَتَّقُونَ﴾ يونس:62-63 މާނައީ: [ދަންނާށެވެ! ހަމަކަށަވަރުން ﷲ ގެ ވަލިއްޔުން، އެބައިމީހުންގެ މައްޗަކަށް ބިރުވެރިކަމެއް ނުވެއެވެ. އަދި އެބައިމީހުންނީ ހިތާމަކުރާނޭ ބަޔަކުކަމުގައިވެސް ނުވެއެވެ. އެބައިމީހުންނަކީ އީމާންވީމީހުންނެވެ. އަދި އެބައިމީހުން ތަޤްވާވެރިވާ ކަމުގައި ވިއެވެ.] މިފަދަ އާޔަތްތަކުން އެންމެބޮޑަށް އެނގިގެންދަނީ ޢަމަލާއި ނުލައި އީމާންކަން ނޯންނަކަމެވެ. ވީމާ އީމާންކަމުގެ ލަފްޒު އެކަހެރިކޮށް ގެނައުމުން އެއިން ނެގޭނެ މާނައަކީ ޤުރުއާނުގައިވާ ﷲ سبحانه وتعالى ގެ ކަލާންފުޅާއި ރަސޫލާ صلى الله عليه وسلم ގެ އެންމެހައި ބަސްފުޅުތައް ހިތުގެއަޑީން ޤަބޫލުކުރުމާއެކު އެފަދައިން ގުނަވަންތަކުން ޢަމަލުކުރުމެވެ. އެއީ އީމާންކަމާއި ނުލައި ޢަމަލުތައް ޞައްޙަ ނުވާނޭހެން، ޢަމަލުތަކާއި ނުލައި އީމާންކަންވެސް ޞައްޙަނުވާނެތީއެވެ. މިދޭއްޗަކީ އެކަތިއަނެކައްޗާ ގުޅިލާމެހިފައިވާ ދެބަހެވެ. އެއްތަނެއްގައި ދެބަސް ވަކިވަކިން އައުމުން އެއިން ކޮންމެބަހަކަށް ވަކިމާނައެއް އޮވެއެވެ. އީމާންކަމުގައި ހިތުގެއަޑިން ޤަބޫލުކުރުމުގެ މާނަ އޮވެފައި، އިސްލާމް ކަމުގައި ގުނަވަންތަކުން ޢަމަލުތައް ބަހައްޓަންވީ ގޮތުގެ މާނައެވެ. އަދި އެއިން ކޮންމެ ބަހެއް ވަކިވަކިން އެކަހެރިކޮށް އައުމުން އެއިން ކޮންމެ ބަހެއްގައިވެސް މިބުނެވިދިޔަ ދެމާނަވެސް އޭގައި އޮވެއެވެ. އީމާންކަމުގައި ހިތުގެއަޑިން ޤަބޫލުކޮށް ގުނަވަންތަކުން އެއާއި އެއްގޮތަށް ޢަމަލުކުރުމެވެ. އަދި އިސްލާމް ކަމުގައިވެސް ހިތުގެއަޑިން ޤަބޫލުކުރުމާއެކު އިސްލާމްދީނަށް ބޯލަނބައި ކިޔަމަންވެ، އިސްލާމްދީނާ އެއްގޮތަށް ޢަމަލުކުރުމެވެ. އިބްނު ތައިމިޔާ "ކިތާބުލް އީމާން" ގައި ވިދާޅުވިއެވެ: [ދެންފަހެ، އީމާންގެ ލަފްޒު ޚާއްޞަކޮށް އިސްލާމް ކަމާއި ގުޅުވާލައިފިނަމަ ނުވަތަ އެއާއި ޞާލިޙު ޢަމަލާއި ގުޅުވާލައިފިނަމަ، ފަހެ އޭގެ މާނައަކީ ހިތުގައިވާ އީމާންކަން ކަމުގައި އެންމެންވެސް އިއްތިފާޤުވެއެވެ. އަދި އޭގެ މާނައިގައި އޭގެ ފަހަތަށް ވަކިން އައި ލަފްޒުގެ މާނަ ވަންނަގޮތަށްވެސް އޭގެ މާނަ ކުރެވިދާނެހެއްޔެވެ؟ އޭރުން ވާނީ އެޢާންމުބަހުގެ ތެރެއަށް ވަންނަ ޚާއްޞަ ބަހެއް "އަދި" ގެ ފަހަތަށް ގުޅުވާލައިގެން ގެނައުމަށެވެ.] މާނައަކީ ޞާލިޙު ޢަމަލަކީ އީމާންކަމުގެ ތެރެއަށް ވަންނަ ކަމެކޭއެވެ. ނަމަވެސް އެގޮތަށް އީމާންކަމޭ ބުނެވުމުން އޭގެ ތެރޭގައި ހިތުގެއަޑިން ޤަބޫލުކުރުމާއެކު ޞާލިޙު ޢަމަލު ކުރުން އޮތެއްކަމަކުވެސް، އެބައި ވަކިން އަނެއްކާ އެވަނީ ގެނެސްފައެވެ. ކޮންމެއަކަސް ހެޔޮޞާލިޙު ޢަމަލަކީ އީމާންކަމާ ވަކިކުރެވޭނޭ އެއްޗެއް ނޫނެވެ.
وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.
(ނުނިމޭ)