އެއީ އަށްޑިހައިގެ ފަހު އަހަރުތަކެވެ. އޭރު ލ. ކަލައިދޫގައި ހުރީ ދަނޑިފަނުން ހަދާފައި ހުރި މަދަރުސާއެކެވެ. އަދި އެންމެ ކްލާސްރޫމެއް ހުރި އެ މަދަރުސާގައި ކިޔަވައިދޭން ތިބީ ދެ ޓީޗަރުންނެވެ. ނަމަވެސް އެ ދުވަސްވަރު ކުރެވުނު ތަޖުރިބާއިން ތައުލީމީ ދާއިރާއަށް ހިތްޖެހުނު ހަލީމަތު ރަހީމާ (ހަލީމަތު މިސް) ވަނީ ފާއިތުވި އަހަރުތަކުގައި މަދަރުސާތަކުން ދުރަށް ނުޖެހި، އާ ޖީލެއް ބިނާ ކުރުމުގައި އަގުހުރި ހިދުމަތްތަކެއް ކޮށްދީފައެވެ.
ހަލީމަތު މިސް އުނގަންނައި ދިނުމަށް ޝައުގުވެރިވި ގޮތުގެ ވާހަކަ ކިޔައިދިނީ ކުޑައިރު ކަލައިދޫގައި ކިޔަވައި އުޅުނު ގޮތުގެ ފޮނި ހަނދާންތަކާއެކުގައިއެވެ. "ހަރުގެއެއް ގޮތަށް ފުރަތަމަ ހުރި" އެ މަދަރުސާގައި ވަކި ގްރޭޑުތައް ބަހާފައި ނެތެވެ. އޭރު މަދަރުސާގައި އާއްމުކޮށް ދަސްކުރާނީ ހަމައެކަނި ލިޔަންކިޔާށެވެ.
އެ މަދަރުސާގައި ތަފާތު ގްރޭޑުތައް ކަނޑައަޅައި، ދަރިވަރުންނަށް ވަކިވަކިން ކިޔަވައިދޭން ފެށީ ތައުލީމީ ދާއިރާއިން ތަމްރީނުވެފައި ހުރި މުދައްރިސަކު ފުރަތަމަ ފަހަރަށް އެ ރަށަށް ދިޔުމުންނެވެ. އެއީ ހައްވާ ޒާހިރާ ކިޔާ ޓީޗަރެކެވެ.
ހަލީމަތު މިސް، ހައްވާ ޒާހިރާ ސިފަކޮށްދިނީ ކުދިންނާ ވަރަށް ގުޅޭ، ދަރިވަރުންނާ ގާތް ގުޅުމެއް ބޭއްވި ޓީޗަރެއްގެ ގޮތުގައެވެ. އަދި ޓީޗަރަކަށް ވުމުގެ ވިސްނުން ހަލީމަތު މިސްގެ ބޮލުގައި އުފެދުނީވެސް ހަމަ އެ ޓީޗަރުގެ ސަބަބުންނެވެ.
"އެ މިސް ވަރަށް ރަނގަޅު. ހުރިހާ ކުދިން ގޮވައިގެން ވަރަށް އެއްކޮށް އުޅޭނީ. ހަވީރު ކުޅުމާއި ފަތިހު ކަސްރަތަށް ދިޔުމާއި މޫދަށް ދިޔުންވެސް އޮންނާނެ. އަދި ކުދިންގެ ތެރޭގައި މައްސަލައެއް ޖެހުނަސް ވަރަށް ކިޔައިދީ، އުޅޭނެ ގޮތް ބުނެދޭނެ. އެ މިސްއާ އެކީގައި، ވަރަށް ގާތްކޮށް މިހެން އުޅުމުގެ ތެރޭގައި ކިޔަވަދޭހިތްވީ،" ހަލީމަތު މިސް ބުންޏެވެ.
ހައްވާ ޒާހިރާ ގެނެސްދިން ބަދަލުތަކާއެކު، ފުރަތަމަ ގްރޭޑް އެކަކުން ހަތަރަކަށް ކްލާސްތައް ފަށައި، އޭގެ ފަހުން އެ ރަށުގައި ތައުލީމީ މަދަރުސާއެއް ހަދައި، އިތުރު ގްރޭޑުތައް ތައާރަފް ކުރީ ކަމަށް ހަލީމަތު މިސް ބުންޏެވެ.

ކިޔަވައިދިން ފުރަތަމަ އަހަރުތައް، އެންމެ ހިތްގައިމު ދުވަސްތައް
އިސްލާމް މާއްދާ ކިޔަވައިދޭ ހަލީމަތު މިސް އެންމެ ފުރަތަމަ ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރީ 2001 ވަނަ އަހަރު ލ. ގަމުގައެވެ. އެއީ އޭރުގެ ގަތަރު އަމީރު ސްކޫލްގައެވެ. މިހާރުގެ ހަމަދު ބިން ޚަލީފާ އަލްޘާނީ ސްކޫލެވެ.
ހަލީމަތު މިސް އެ ދުވަސްތައް ހަނދާން ކުރަނީ ސްކޫލްގެ މެނޭޖްމެންޓާއި ޓީޗަރުންނާއި ދަރިވަރުންނާވެސް ވަރަށް ގުޅިގެން މަސައްކަތް ކުރި ދުވަސްތަކެއްގެ ގޮތުގައެވެ. އަދި އެ ގުޅުންތަކުގެ ސަބަބުންނާއި ރަށުގެ މާހައުލުގެ ސަބަބުން ވެސް ވަރަށް ހިތްހަމަޖެހިގެން މަސައްކަތް ކުރެވުނު ދުވަސްތަކެއްގެ ގޮތުގައެވެ.
އޭގެ ނަތީޖާއެއްގެ ގޮތުން، އޭރު ހަލީމަތު މިސް ކިޔަވައިދިން ކުދިން މިހާރު ވެސް ގުޅައި، ހާލު އަހައި، މާލެ އަތުވެއްޖެނަމަ ބައްދަލު ކުރަން އަހައެވެ. އެއީ ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރުމުން ހަލީމަތު މިސްއަށް ލިބޭ އެންމެ ބޮޑު އުފަލެވެ.
"މިހާރުވެސް އެކުދިން ވަރަށް ލޯބިވާނެ. މިދޭތެރޭގަ ކްލަބްހައުސްގަ އަތޮޅުގެ ކަންތައްތަކާ ބެހޭ ގޮތުން ބޭއްވި މަޝްވަރާއެއްގަ، އޭގެއިން ކުދިންތައް ދިމާވީމަ ވަރަށް ލޯބިން ގޮވައި ހެދި. މާލެ އައިސްވެސް ގުޅާލާނެ ދިމާވޭތޯ ބަލައިލާން،" ހަލީމަތު މިސް ބުންޏެވެ.
ހަމަދު ސްކޫލްގައި ތިން އަހަރު ވަންދެން މަސައްކަތް ކުރުމަށް ފަހު، ހަލީމަތު މިސް ދެން ދިޔައީ އެނބުރި ކަލައިދޫއަށެވެ. އަދި އެއް އަހަރު އިސްދޫ ސްކޫލްގައި ކިޔަވައި ދިނުމަށް ފަހު، 2005އިން 2008އަށް މާލޭގައި އަމީނިއްޔާ ސްކޫލްގައި މަސައްކަތް ކުރިއެވެ. އޭގެފަހުން 2009ގައި އަނެއްކާވެސް ކަލައިދޫގައި ވަޒީފާ އަދާ ކުރުމަށް ފަހު 2010ގައި އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލާ ގުޅުނީއެވެ.

ދާއިރާއިން ލިބޭ އުފާ މުޅިންވެސް ގުޅިފައި ވަނީ ދަރިވަރުންނާ!
އަހުމަދިއްޔާ ސްކޫލްގައި މިހާރު 11 ވަނަ އަހަރު ގުނަމުންދާ ހަލީމަތު މިސްއަށް އުނގަންނައިދިނުމުން ލިބޭ އެންމެ ބޮޑު އުފަލަކީ ދަރިވަރުންނަށް ރަނގަޅު ނަތީޖާ ލިބުމާއި އެކުދިން ޓީޗަރުންގެ އަގު ވަޒަން ކުރުމެވެ.
އެގޮތުން ކޮންމެ ފަހަރަކު ވެސް އޯލެވެލް ނަތީޖާ ފެންނަ ވަގުތު ވަރަށް އުފާވެއެވެ. އަދި އަހުމަދިއްޔާއިން ގިނަ އަހަރުތަކުގައި 200 ވަރަކަށް ކުދިން އެސްއެސްސީ އިމްތިހާނުގައި ބައިވެރިވާއިރު މުޅި ސްކޫލުން އިސްލާމް މާއްދާއިން 99 ޕަސެންޓާ ގާތް ކުރާ ވަރަށް ކޮންމެ ފަހަރަކުވެސް ކުދިން ފާސްވާތީ އެއީ އޭނާއަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ.
"ސްކޫލްގައި ކޮށްދިން މަސައްކަތް ގަބޫލުކޮށް، އެވާހަކަ އެކުދިން ފާޅު ކުރާ އިރު މިސް ވަރަށް އުފާވޭ. ބައެއް ފަހަރު މޮކް ނިންމާފަ އަމިއްލައަށް ތަށްޓެއް ހަދާފަ، ސެޓްފިކެޓެއް ހަދާފަ ދީފާނެ. ވީމާ މަސައްކަތް ބަލައިގަތްކަން އެނގޭ. އެކަހަލަ ވަގުތުތަކުގައި ވަރަށް އުފާވޭ،" ހަލީމަތު މިސް ކިޔައިދިނެވެ.
އަމިއްލަ ދިރިއުޅުމުގައިވެސް ނަމޫނާއެއް!
ހަލީމަތު މިސް ތައުލީމީ ދާއިރާއިން އެންމެ ފުރަތަމަ ހާސިލު ކުރީ ސެކަންޑަރީ ޓީޗިން ސެޓްފިކެޓެކެވެ. ނަމަވެސް މިހާތަނަށް މިސް ވަނީ ބެޗްލާސް އޮފް އިސްލާމިކް ޓީޗިން ވިތު އޮނާސް އާއި އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ލީޑަޝިޕްއިން މާސްޓާސް ޑިގްރީ ފުރިހަމަކޮށްފައެވެ.
އެ ސަނަދުތައް މިސް ހާސިލު ކުރީ ސްކޫލުގައި ކިޔަވައިދެމުން، ޓިއުޝަންވެސް ނަގައިދިނުމުގެ އިތުރުން އެކަނިވެރި މައެއްގެ ގޮތުގައި ހުއްޓުމެއްނެތި މަސައްކަތް ކުރަމުންނެވެ.
އެގޮތުން ދަރިފުޅަށް ހަ އަހަރުވީ އިރުން ފެށިގެން އެކަނި ދަރިފުޅު ބަލަމުން، ކިޔެވުމާއި ވަޒީފާގެ ޒިންމާތައްވެސް ހަލީމަތު މިސް އަދާ ކުރަމުން ދިޔައީ ގިނަ ގުރުބާނީތަކެއް ވަމުންނެވެ. އޭގެ ތެރެއިން މިސްގެ ދިރިއުޅުމުން ކޮށާ މަށާލާފައިވާ އެކައްޗަކީ ރޭގަނޑުގެ ހަމަ ނިންޖެވެ.
މިސް ކިޔައިދިން ގޮތުގައި އޭނާ ނިދުމުގެ ކުރިން، ކުރިއަށް އޮތް ދުވަހު ކުރާނެ ކަންތައްތައް އޮންނަނީ ވިސްނާ ރާވާފައެވެ. އަދި އާއްމު ގޮތެއްގައި މިސްގެ ދުވަސް ފެށެނީ ދަންވަރު 3:00 ނުވަތަ 3:30ހާ އިރުއެވެ. އެ ގަޑީގައި ތެދުވުމަށް ފަހު އުޅެނީ ސައި ތައްޔާރު ކުރުމާއި ނަމާދުކޮށް އަދި ދަރިފުޅު ވެސް ހޭލައްވައި، ނަމާދު ކުރުވުމަގައެވެ.
ނަމަވެސް އެދޭތެރެއިންވެސް ވަގުތެއް ވެއްޖެ ނަމަ ސްކޫލްގެ މަސައްކަތެއް ނިންމާލެވޭތޯ ބަލާނެއެވެ. އަދި ޑިގްރީ ހެދި ދުވަސްވަރު، ކޮލެޖުގެ ފިލާވަޅެއް ހެދޭތޯ މަސައްކަތް ކުރާނެއެވެ.

ޒުވާން ޓީޗަރުންނަށް ދޭ މެސެޖު: އަދުލުވެރިވެ، އިޚުލާސްތެރިވާން ވާނެ
މުދައްރިސަކަށްވާ ހިސާބުން އެ ހަވާލުވެވެނީ އެތައް ކުދިންނެއްގެ ހައްގުތަކާއެވެ. އަދި އެ ހައްގުތައް ރައްކާތެރިކުރުމަށްޓަކައި ޓީޗަރުން އިންސާފުވެރިވެ، މަސައްކަތަށް ކަމޭ ހިތުމަކީ ކޮންމެހެންވެސް ކުރަން ޖެހޭ ކަންތައްތައްކަން ހަލީމަތު މިސް ފާހަގަކުރިއެވެ.
"ޓީޗަރަށް ކުރެވޭ ކަމަކުން ނުވަތަ ބުނެވޭ ބަހެއްގެ ސަބަބުން ކުއްޖާ ކިޔަވަން ފޫހިވެދާނެ. ވީމާ މިސް ބުނަން އޮތީ ކުދިންނަށް ދެރަބަހެއް ނުބުނާށޭ. އަދި އެކުދިން ހިތްހަމަނުޖެހޭ އެއްޗެއް ބުނެވުނަސް ވަކިން ވާހަކަދެއްކުމުން އެކުދިން ވަރަށް ހިތްހަމަޖެހޭނެއޭ،" ހަލީމަތު މިސްގެ ތަޖުރިބާ ހިއްސާކުރިއެވެ.
އެޑިއުކޭޝަން މިނިސްޓްރީއާއި ބެލެނިވެރިންނަށް ލަފައެއް
ހަލީމަތު މިސް ތައުލީމީ ދާއިރާއާ ގުޅުނުތާ މިހާރު 20 އަހަރު ވެފައިވާ އިރު، އެޑިއުކޭޝަން މިނިސްޓްރީން މި ދާއިރާއަށް ގެނައި އެތައް ބަދަލުތަކަކާއި އޭގެ ނަތީޖާ އޭނާއަށް ވަނީ ފެނިފައެވެ. އަދި އޭގެ ތެރޭގައި ދާއިރާއަށް އެންމެ ރަނގަޅު ނޫން ބަދަލުތައް ގެނެވިފައިވާ ކަމުގެ ކަންބޮޑުވުން ހަލީމަތު މިސް ފާޅުކުރިއެވެ.
މިސް ދެކޭ ގޮތުގައި އެކަމަށް އޮތް ހައްލަކީ ތައުލީމާއި ދަރިވަރުންނާއި ޓީޗަރުންނާ ގުޅުން ހުރި ނިންމުންތައް ނިންމާއިރު، އެ އިސްލާހެއް ގެނައުމުގެ ކުރިން ޓީޗަރުންނާ މަޝްވަރާ ކުރުމެވެ. އަދި އެއީ އިސްލާމީ އުސޫލްތަކާ ފުށޫ ނާރާ ބަދަލުތަކަށް ހެދުމެވެ.

"ކުދިންގެ ތެރޭގައި އުޅެވުނީމަ އަސްލު އެނގޭނީ ކުދިންގެ ހާލަތު، ކުދިންގެ ކަންތައްތައް ހުރިގޮތް. މިނިސްޓްރީން ބައެއް ފަހަރު ގެނެވޭ ބަދަލުތަކަކީ ތައުލީމީ ދާއިރާއަށް ގެނެވޭ ހެޔޮ ބަދަލުތަކެއް ނޫން. އިސްލާމީ އުސޫލުތަކާ އެއްގޮތަށް ކުދިން ބައްޓަން ކުރަން މަޝްވަރާ ކުރަންވީ،" މިސްގެ ހިޔާލުފާޅު ކުރިއެވެ.
މީގެ އިތުރުން ދަރިން ބެލުމުގައި މައިންބަފައިން ގުޅިގެން މަސައްކަތް ކުރުމާއި، ވަރި ވިޔަސް އޭގެ އަސަރު ކުދިންނަށް ނުކުރާ ގޮތަށް ކޮންމެ ބެލެނިވެރިއަކުވެސް ޒިންމާތައް ފުރިހަމަ ކުރުުމަށް ހަލީމަތު މިސް އިލްތިމާސްކުރިއެވެ.
"ބައެއް ފަހަރު ކުދިން ވަރަށް ހިތުގަ ޖެހިފަ ހުރޭ. ވަރަށް ދެރަވެފަ ވާހަކަތައް ކިޔާދޭ. ވީމާ އަސްލު މަންމަވެސް ނުވާނެ މަންމަ ކުއްޖާ ބަލާތީ ބައްޕައާ ކުއްޖާއާ ގުޅުން ކަނޑުވާލައިގެން ނޫނީ ބައްޕަ ގާތު ކުއްޖާ ހުރީތީ ބައްޕަ ނުވާނެ މަންމައާ ބައްދަލު ނުވެވޭ ގޮތް ހަދައިގެން. ވަރި ވިޔަސް ދެމީހުންގެ ޒިންމާއެއް ދަރިއަށްޓަކައި އަދާކުރަން ޖެހޭ ޒިންމާ އަދާ ކުރުމަކީ،" ހަލީމަތު މިސް ބުންޏެވެ.
ހަލީމަތު މިސްގެ އެ ނަސޭހަތަކީ ދަރިވަރުންނަށް ނަގައިދޭ ފިލާވަޅުތައް ފަދައިން، ބެލެނިވެރިން ދަސްކޮށް، އެއަށް ކޮންމެހެންވެސް އަމަލު ކުރަންޖެހޭ ނަސޭހަތެކެވެ. އަދި ވޭތުވެދިޔަ އަހަރުތަކުގައި މިސްގެ އެފަދަ ފިލާވަޅުތަކުން، މިސްއާ އެތައް ސަތޭކަ ދަރިވަރުންނާ ވަނީ ގުޅިފައެވެ.
އެހެންކަމުން، ހައްވާ ޒާހިރާ މިސްގެ އަތުން ހަލީމަތު މިސްގެ އަތަށް ވާސިލުވި ތައުލީމީ ދަންމަރުން ހިތްތައް އަލިވެ، އިލްމީ ނޫރު ފަތުރަން ގަޔާވި އިތުރު ޖީލެއް މިހާރު ވަނީ އުފެދިފައެވެ.
އެޑިޓަރުގެ ނޯޓު: މި ލިޔުމަކީ މިއަހަރުގެ މުދައްރިސުންގެ ދުވަސް ކަމުގައިވާ 5 އޮކްޓޯބަރ 2021 ގައި ”ސަން އޮންލައިން” ގައި ޝާއިޢު ކޮށްފައިވާ ލިޔުމެކެވެ. ލިޔުއްވާފައިވަނީ، ރުގިއްޔާ މުހައްމަދު މޫސާ އެވެ.