الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.
އީމާންކަމާއި އިސްލާމްކަމާއި ވަނީ ގުޅިލާމެހިފައެވެ. އެއީ އެކަތީގެ ތެރެއަށް އަނެކަތީގެ މާނަ ވަންނަ ގޮތަށް ދީނީ އިޞްޠިލާޙުގައި ބޭނުންކުރެވޭ ދެބަހެވެ. އެގޮތުން އީމާންކަމަކީ ހިތުގެ އަޑީން ޤަބޫލުކުރުމަށް ދީނުގައި އަންގަވާފައިވާ އެންމެހައިކަމެއް އެއްވެސް ޝައްކެއްނެތި ޤަބޫލުކުރުމާއި އެކު ﷲ سبحانه وتعالى އާއި އެކަލާނގެ ރަސޫލާ صلى الله عليه وسلم ގެ ކިޔަމަންތެރިކަމުގެ ދަށަށްގޮސް އިސްލާމްދީނުގައި ކުރުމަށް އަންގަވާފައިވާ ޢަމަލުތައް ކުރުމެވެ. އަދި ދުރުހެލިވުމަށް އަންގަވާފައިވާ އެންގެވުންތަކަށްވެސް ބޯލަނބާ ކިޔަމަންވެ، އެފަދަ އެންމެހައި ކަމަކުން ދުރުހެލިވުމެވެ. ވީމާ އީމާންކަމަކީ ހިތުގެ އަޑީން ޤަބޫލުކުރުމާއި ދުލުން އެކަންކަމަށް އިޤްރާރުވުމާއި އަދި ގުނަވަންތަކުން ހިތުގެ އަޑީން އީމާންވީ ޢަމަލުތައް ފެނުމެވެ. ޢަމަލާއި ނުލައި އިސްލާމްދީނުގައި މިބުނެވޭ އީމާންކަން ނުވެއެވެ. އަދި އެޢަމަލުތައް ގިނަވެ، ﷲ سبحانه وتعالى އަށާއި ރަސޫލާއަށް ކިޔަމަންތެރިކަން އަދާކުރާހާ ވަރަކަށް އެއީމާންކަން އިތުރުވެގެންދެއެވެ. އަދި އެކަލާނގެއާއި އެކަލާނގެ ރަސޫލާއަށް އުރެދޭ ވަރަކަށް އެއީމާންކަން އުނިވެ ނިކަމެތިވެގެން ދެއެވެ. އެއީމާންކަމުގެ ފުރިހަމަކަން ގެއްލިގެން ދެއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ: ﴿إِنَّمَا ٱلْمُؤْمِنُونَ ٱلَّذِينَ إِذَا ذُكِرَ ٱللَّهُ وَجِلَتْ قُلُوبُهُمْ وَإِذَا تُلِيَتْ عَلَيْهِمْ ءَايَٰتُهُۥ زَادَتْهُمْ إِيمَٰنًا وَعَلَىٰ رَبِّهِمْ يَتَوَكَّلُونَ﴾ الأنفال :2 މާނައީ: [މުއުމިނުންވާކަން ކަށަވަރީ، އެބައިމީހުންނަށް ﷲ ގެ މަތިން ހަނދުކުރެވޭ ހިނދު އެބައިމީހުންގެ ހިތްތައް ބިރުވެތިވާ މީހުންނެވެ. އަދި އެބައިމީހުންނަށް އެކަލާނގެ އާޔަތްތައް ކިޔަވައިދެވޭ ހިނދު އެބައިމީހުންގެ އީމާންކަން އިތުރުވެގެންދެއެވެ. އަދި އެބައިމީހުން އެބައިމީހުންގެ ވެރިއިލާހަށް ތަވައްކުލްކުރެއެވެ.] މިއީ އީމާންކަން މަސައްކަތްކުރާ ގޮތެވެ. ޤުރުއާނުގެ އާޔަތްތަކުގެ އަޑު އެހުމަކީ ކުރެވޭ ހެޔޮޢަމަލެކެވެ. އެއާޔަތްތައް އަޑުއަހާ އެއާޔަތްތަކާއި މެދު ތަދައްބުރުކޮށް ހެދުމުން އެމީހަކު އެކުރަނީ ޢަމަލީ ކަމެކެވެ. އެއްކަންތައް ހިތުން ކުރާއިރު އަނެއްކަންތައް ކުރަނީ ގުނަވަނުންނެވެ. ތަދައްބުރުކޮށް އާޔަތުގެ މާނައާ މެދު ވިސްނާ ހަދަނީ ހިތުންނެވެ. އަދި އަޑުއެހުމުގެ ބައި އެމީހަކު ކުރިއަށް އެގެންދަނީ ބޭރުފުށުގެ ގުނަވަނަކުންނެވެ. ﷲ سبحانه وتعالى އަށާއި އެކަލާނގެ ރަސޫލާއަށް އީމާންވެގެންވާ މީހަކު، ޤުރުއާނުގެ އާޔަތްތަކުގެ އަޑު އެހުމުގެ ޢަމަލު ކުރުމުން، އޭގެ ނަތީޖާއަކީ އެމީހާގެ އީމާންކަން އިތުރުވުމެވެ. އެކަމުން އެނގެނީ އީމާންކަމަކީ ހެޔޮޢަމަލުކުރުމުން އިތުރުވާ އެއްޗެއް ކަމެވެ. އެގޮތުން ކޮންމެ ހެޔޮޢަމަލަކުން އީމާންކަން އިތުރުވަމުންދާނެއެވެ. އެކަމުން އެނގިގެންދާ އެންމެ މުހިންމު ކަމަކީ އީމާންކަމަކީ އެއްވެސް ބަދަލެއް ނާންނާނެހެން އެކަތިގަނޑެއްހެން އޮންނާނެ އެއްޗެއް ނޫނެވެ. އޭގެ ބަދަލުގައި އެއީ ގިނަބައިތަކެއް އޭގެ ތެރޭގައި ހިމެނޭނޭ އެއްޗެކެވެ. އެއިން ކޮންމެބައެއް ހެޔޮ ޢަމަލަކުން އިތުރުވެއެވެ. ނުވަތަ ކޮންމެވެސް ނުބައިޢަމަލަކުން ނުވަތަ ހެޔޮޢަމަލެއް ދޫކޮށްލުމުން އީމާންކަމުގެ ބައިތަކުގެ ތެރެއިން ބައެއް އުނިވެގެންދެއެވެ. އީމާންކަމަކީ ގިނަގުނަ ބައިތަކެކެވެ. އިމާމް މުސްލިމް ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: ((الإِيمانُ بضْعٌ وسَبْعُونَ، أوْ بضْعٌ وسِتُّونَ، شُعْبَةً، فأفْضَلُها قَوْلُ لا إلَهَ إلَّا اللَّهُ، وأَدْناها إماطَةُ الأذَى عَنِ الطَّرِيقِ، والْحَياءُ شُعْبَةٌ مِنَ الإيمانِ)) މާނައީ: [އީމާންކަމަކީ ހަތްދިހަ އެތަކެއް ބައެކެވެ. ނުވަތަ ފަސްދޮޅަސް އެތަކެއް ބައެކެވެ. ފަހެ އޭގެ ތެރެއިން އެންމެ ހެޔޮކަން ބޮޑުވެގެންވަނީ لا إلَهَ إلَّا اللَّهُ މިކަލިމަ ކިޔުމެވެ. އަދި އޭގެ ތެރެއިން އެންމެ ދަށްވެގެންވަނީ މަގުމަތީގައި އޮންނަ (މީސްތަކުންނަށް) އުނދަގޫވާ އެއްޗެއް އެއްފަރާތް ކޮށްލުމެވެ. އަދި ލަދުވެތި ކަމަކީ އީމާންކަމުގެ ބައިތަކުގެ ތެރެއިން ބައެކެވެ.] މިއީ ވަރަށްގިނަ ފިލާވަޅުތަކެއް ދަސްކޮށްދޭ ޙަދީޘެކެވެ. އެގޮތުން ހަތްދިހަ އެތައްބައެއް ނުވަތަ ފަސްދޮޅަސް އެތައްބައެކޭ އޮތުމުން އީމާންކަން ގިނަގުނަ ބައިތަކަކަށް ބެހިގެންވާކަން ވަރަށް ސާފުކޮށް އަންގައިދެއެވެ. އެއީ ބައިބަޔަށް ވާ އެއްޗެއް ކަމުން އެބަޔަކާ ގުޅޭ ޢަމަލެއް އުނިވުމުން މުޅި އީމާންކަން އެއްކޮށް އެކީއެކައްޗަކަށް ފިލައިދިއުން ލާޒިމް ނުކުރެއެވެ. ނަމަވެސް އެކަމުން ލާޒިމް ކުރަނީ އެޢަމަލަކާއި ގުޅޭ އީމާންކަމުގެ ބައި އުނިވެގެން ދިއުމެވެ. އެހެންކަމުން ހެޔޮޢަމަލުން އެބައިތައް އިތުރުވެއެވެ. ނުބައިޢަމަލުން ނުވަތަ ހެޔޮޢަމަލުތައް މަދުވުމުން އެއީމާންކަމުގެ ބައިތައްވެސް އުނިވެއެވެ. އަދި އީމާންކަމުގެ އެބައިތަކުގެ ތެރެއިން އެންމެ މަތިވެރިވެގެންވަނީ لا إلَهَ إلَّا اللَّهُ މިކަލިމައާ ގުޅިގެންދާ ހިތުގެ ޤަބޫލުކުރުންތަކާއި ދުލުގެ އިޤްރާރުވުމާއި އެކަލިމައާއި ގުޅިގެން ޢަމަލީ ގޮތުން ކުރަންޖެހޭ ކަންތައްތަކެވެ. އެއީ ﷲ سبحانه وتعالى ފިޔަވައި ޙައްޤުވެގެން އަޅުކަންވެވޭ އެހެން އިލާހަކު ނުވާކަމަށް ހިތުގެ އަޑީން ޤަބޫލުކުރުމާއިއެކު އެކަމަށް ދުލުން އިޤްރާރުވެ ޢަމަލީގޮތުން އެންމެހައި ޝިރުކުގެ ޢަމަލަކުން އެއްކިބާވެ އެކަލާނގެއަށް އެކަނި އަޅުކަން އަދާކުރުމެވެ. އެއީ އީމާންކަމުގެ އެންމެ މަތިވެރިވެގެންވާ ބައެވެ. އަދި އީމާންކަމުގެ އެންމެ ދަށް ކަމެއްގެ ގޮތުގައި ޙަދީޘްގައިވަނީ ހިތުގެ އަޑިން ޤަބޫލުކުރަންޖެހޭ ފަދަ އެއްޗެއް ނޫނެވެ. އެހެންނަމަވެސް އެއީ ޢަމަލީ ގޮތުން ކުރާ ކަމެކެވެ. އެއީ މަގުމަތީގައި މީހުންނަށް އުނދަގޫވާގޮތަށް އޮންނަ ގާބުރިއެއް ނުވަތަ ކުނިގަނޑެއް އެއްޗެއް އެއްފަރާތް ކޮށްލުމެވެ. ﷲ سبحانه وتعالى އަށްޓަކައި އެކަން ކުރުމުން އެމީހެއްގެ އީމާންކަމުގެ އެބައި ފުރިހަމަ ކޮށްދެއެވެ. އެއީ ހަމަސީދާ ގުނަވަނުން ކުރެވޭ ޢަމަލެކެވެ. މިކަމުން ވަރަށް ސާފުކޮށް ދަލީލުކޮށްދެނީ އީމާންކަމަކީ ހިތުގެ އަޑިން ޤަބޫލުކުރުމާއެކު ގުނަވަންތަކުން ޢަމަލީ ގޮތުން ކަންކަން ކުރުންކަމެވެ. އަދި އެއަށްފަހު އިންސާނުންގެ ހިތުގެ ތެރެއިން ކުރެވޭ ޢަމަލެއް ކަމުގައިވާ ލަދުގަތުމުގެ ވާހަކަ ޙަދީޘްގައި ބަޔާންކުރެއްވިއެވެ. އެއީ ހިތުގެ ތެރޭގައި އުފެދޭ މިޢަމަލުންވެސް އީމާންކަން އިތުރުވާކަން ބަޔާން ކޮށްދެއްވުމަށެވެ. އަދި އޭގެ އިތުރުން ހެޔޮއެންމެހައި ޢަމަލަކީ އީމާންކަމުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. އެއިން ކޮންމެ ހެޔޮޢަމަލެއް އަދާކުރުމުން އެމީހެއްގެ އީމާންކަން އިތުރުކޮށްދެއެވެ. އަދި ހަމައެއާއެކު އެކަމެއް އުނިވުމުން އީމާންކަން ބަލިކަށިވެސް ވާނެއެވެ.
އަޅަމެންނީ އީމާންކަން އިތުރުވާފަދަ ޢަމަލުތައް ގިނަގިނައިން ކުރުންމަތީގައި ދެމިތިބެވޭނޭ ބަޔަކު ކަމުގައި ލައްވާށިއެވެ! އާމީން!
وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.
(ނިމުނީ)