ބުރާސްފަތި, 24 އޭޕްރިލް 2025

ކޮޕީ މުޙައްމަދު ރަޝީދަކީ، އަޙްމަދިއްޔާ ވުޖޫދުވުމުގައި އެންމެ އިސް ސަފުގައި ޙަރަކާތްތެރިވެ ވަޑައިގެންނެވި ބޭފުޅެއް.

ކޮޕީ މުޙައްމަދު ރަޝީދަކީ އަދު ދިވެހިރާއްޖޭގެ ތަޢުލީމީ އުދަރެހުގައި އެންމެ އަލިގަދަ އެންމެ ކުލަގަދަ ސްކޫލް، އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލު ވުޖޫދުވުމުގައި ޙަރަކާތްތެރިވަޑައިގެންނެވި ބޭފުޅުންގެ އެންމެ އިސް ސަފުގައި ޙަރަކާތްތެރިވެ ވަޑައިގެންނެވި ބޭފުޅެއްކަމާއި މި ސްކޫލު ވުޖޫދު ކުރެއްވުމަށް މަސައްކަތްކުރެއްވި މަސައްކަތްތެރިއެއް ކަމުގައި އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ސީނިއަރ އެސިސްޓެންޓް ޕްރިންސިޕަލް އަޙްމަދު ޝަފީޤު ވިދާޅުވެއްޖެއެވެ.

" އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްއެންމެ ތުއްތު އިރުއްސުރެ ގާތްގަނޑަކަށް އުމުރުން 4 އަހަރުވަންދެން ޕްރިންސިޕަލްކަން ކޮށްދެއްވި ބޭފުޅަކީ، ކޮޕީ މުޙައްމަދު ރަޝީދު. އެހެންވީމާ ލޯތްބާއި ކުލުނުގައި، އަޅާލުމާއި ހޭހަން ކޮށްދެއްވުމުގައި ސާބިތުވެ ހުންނެވި، މި ސްކޫލުގެ ބަފައަކީ ކޮޕީ މުޙައްމަދު ރަޝީދު." ކޮޕީ މުޙައްމަދު ރަޝީދު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމުގެ ހިތާމައިގައި، ދިވެހި ބަހުގެ އެކެޑަމީ އާއި އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް ގުޅިގެން އަޙްމަދިއްޔާގައި ރޭ ބޭއްވި ތަޢުބީންގެ ޖަލްސާގައި ޝަފީޤު ވިދާޅުވިއެވެ.

ކޮޕީ މުޙައްމަދު ރަޝީދު ހަނދާނުގައި ރޭ އަޙްމަދިއްޔާގައި ބޭއްވި ތަޢުބީންގެ ޖަލްސާގެ ތެރެއިން… އަޙްމަދިއްޔާ ފޮޓޯ: ހަރުޝާ

ޝަފީޤުގެ ވާހަކަފުޅުގައި ކޮޕީ މުޙައްމަދު ރަޝީދު އަޙްމަދިއްޔާގެ ވަޒީފާގެ ހައިސިއްޔަތުން ޚިދުމަތްކުރެއްވި ކުރެއްވުމަށް ތާރީޚީ ނަޒަރަކުން ބައްލަވާލެއްވިއެވެ. ޝަފީޤު ވިދާޅުވީ، މި ސްކޫލް ރަސްމީގޮތުން އޭރުގެ ރައީސް، އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމް  ހުޅުއްވައިދެއްވީ 21 ފެބްރުއަރީ 1982ގައި ކަމުގައި ވިޔަސް، ސްކޫލްގެ ކިޔެވުން ފެށުނީ 7 މާރޗު 1982 ގައި ކަމުގައެވެ. އެ ދުވަހުން ފެށިގެން ސްކޫލުގެ ޕްރިންސިޕަލަކީ އަވަށުގެ ކަމުވޮށިވެގެންވާ ބޭފުޅެއްކަމުގައިވާ މައްޗަންގޮޅީ ހަނީސަކުލް ޢަބްދުއްރަޝީދު ޢަލީކަމާއި ހަމަ އެ ދުވަހުންފެށިގެން މި ސްކޫލުގެ ހެޑްމާސްޓަރަކީ ކޮޕީ މުޙައްމަދު ރަޝީދު ކަމުގައެވެ. ނަމަވެސް ފަސްމަހާއި ދުވަސްކޮޅަކު ޕްރިންސިޕަލްކަމުގައި ހުންނެވުމަށް ފަހު ޢަބްދުއްރަޝީދު ޢަލީ އިސްތިއުފާދެއްވުމުން ދެން ސްކޫލުގެ ޕްރިންސިޕަލްކަމުގެ ބުރަ މަސްއޫލިއްޔަތު އަދާކުރެއްވީ ކޮޕީ މުޙައްމަދު ރަޝީދު ކަމާއި އެއީ 1982 ވަނައަހަރުގެ އޯގަސްޓްމަހުގެ 16ވަނަދުވަހުން ފެށިގެން، 1986 ވަނައަހަރުގެ ޑިސެމްބަރުމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ކަމުގައެވެ.  ވީމާ 4 އަހަރާއި 4 މަހާއި 6 ދުވަހު ކޮޕީ މުޙައްމަދު ރަޝީދު ވަނީ އަހްމަދިއްޔާގެ ޕްރިންސިޕަލްކަން އަދާކުރައްވާފައި ކަމުގައެވެ.

" އޭރު ސްކޫލުގެ ޕްރިންސިޕަލަކީ ހަމައެކަނި ޕްރިންސިޕަލެއްނޫން. އަވަށުންހިންގާ އެންމެހައި ޙަރަކާތްތަކެއް ފަރުމާކުރެއްވުމަށް އަވަށުކޮމެޓީން ހިންގަވާ ހުރިހައި ޙަރަކާތެއްގެ އިސް ސަފުގައި ޙަރަކާތްތެރިވަޑައިގަންނަވަނީ ސްކޫލުގެ ޕްރިންސިޕަލް." ޝަފީޤު ވިދާޅުވިއެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *