ކިޔެވުމުގައި އަޅުގަނޑަކީ ޖީނިއަސްއެއް ނޫން. ނަމަވެސް ޓޮޕް 1 އަށް ދެވޭނެ ކަމަށް އުންމީދުކުރަން: މަތީ ސާނަވީ ކެޕްޓަން ޒުހާ

އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ މަތީ ސާނަވީ ކެޕްޓަން ޢާއިޝަތު ޒުހާ ޝާހަކީ އޭނާ ފަދަ އެހެން ބައެއް އިސްވާރުންނަށް ވެސް ނަމޫނާ ދަރިވަރެކެވެ. އުޅުމާއި ގުޅުމުގައެވެ. ކިޔެވުމާ، ކުޅިވަރާއި ޢަމަލީ މައިދާނުގައި ވެސް މެއެވެ.

ގްރޭޑް އަށަކުން ފެށިގެން އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގައި ކިޔަވަމުން އަންނަ މި ދަރިވަރު، އޯލެވެލްގެ ގަދަ ދިހައެއްގެ ހަތަރު ވަނައިގައި ހިމެނިފައިވާއިރު، ޒުހާ ބުނާ ގޮތުން ކިޔެވުމުގައި އޭނާ އަކީ "ޖީނިއަސްއެއް" ނޫނެވެ. އެހެން ނަމަވެސް އެކަށީގެންވާ ބުރަ މަސައްކަތުން އޭލެވެލް އިމްތިހާނުގެ ޓޮޕް 1 އަށް ދިއުމުގެ އުއްމީދު އެބައޮތް ކަމަށާއި، އެ އަޒުމުގައި ކެނޑިނޭޅި މަސައްކަތްކުރާނޭ ކަމަށް ޒުހާ ބުންޏެވެ. ޒުހާއަށް، ޒުހާ ޖީނިއަސްއަކަށް ނުވިޔަސް ޒުހާ އަކީ ޖީނިއަސްކަމަށް އެހެން މީހުން ދެކެނީ މިފަދަ އެތައް ކަމެއްގެ ސަބަބުންނެވެ. އޭނާގެ ހިތްވަރާއި، ފަންވަރާއި ނުގުޑާ ފަދަ އަޒުމުގައި މަސައްކަތްކުރުމުގެ ގާބިލްކަން ފަދަ އެތައް ރީތި ސިފައެއްގެ ސަބަބުންނެވެ. އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް ފަދަ ތަޢުލީމީ ޤާބިލް އެތައް ދަރިވަރުންނެއް ތިބި ސްކޫލެއްގެ ކެޕްޓަން ކަމަށް އާދެވުމަކީ ވެސް ޒުހާ އަކީ "ޖީނިއަސްއެއްކަން" ހާމަވާ ކަމެކެވެ.

ޒުހާއަށް ކެޕްޓަން ކަމުގެ ލިޔުން ހަވާލުކުރަނީ.. އަޙްމަދިއްޔާ ފޮޓޯ: ހަރުޝާ

ޒުހާ ބުނާ ގޮތުން ގްރޭޑް އަށަކުން ފެށިގެން ސްކޫލް ކެޕްޓަނަކަށް ވުމުގެ ހުވަފެން ދެކެމުން އައި ނަމަވެސް އެކަމަށް ކުރިމަތިލުމަށް ފަސްޖެހެވުނެވެ. ކެޕްޓަންކަމަށް ކުރިމަތިލީ އެކުވެރިންނާއި މުދައްރިސުން ދިން ހިތްވަރުން ހިތްވަރު ލިބިގެންނެވެ.

"އޭރު އަޅުގަނޑުމެންގެ އިމްތިހާނުތައް މެއި/ޖޫން އަށް ޝެޑިއުލް ކޮށްފައި އޮތުމުން އަޅުގަނޑު ހީކުރީ ސްކޫލް ކެޕްޓަނެއްގެ ހައިސިއްޔަތުން ކަމެއް ކުރަން ބާކީ އޮތީ އެންމެ 4 ނޫނީ 6 މަސް ކަމަށް. އެހެން ނަމަވެސް، މުދައްރިސުންގެ ހިތްވަރުން، އަޅުގަނޑު އެކަމަށް ކުރިމަތިލުމަށް ހިތްވަރު ލިބުނީ". ކެޕްޓަން ކަމަށް ކުރިމަތިލުމުގެ ވިސްނުން އަލުން އައި ގޮތާ މެދު ޒުހާ ބުނީ މިހެންނެވެ. "އަޅުގަނޑާ ވާދަކުރަން ވަރަށް މޮޅު، ވަރަށް ޤާބިލް 9 ކެންޑިޑޭޓުން ތިބީމަ އަޅުގަނޑު ވަރަށް ބޮޑަށް މާޔޫސްވި. އެކަމަކު ކެޕްޓަނަކަށް ވުމުގެ އުންމީދު ދޫކޮށެއް ނުލައި، އެ އުއްމީދުގައި ކުރި މަސައްކަތުގެ ނަތީޖާ މީ".

ސާނަވީއަށް ކިޔެވި އިރު މި ސްކޫލްގެ ޑެޕިއުޓީ ކެޕްޓަންކަމުގެ މަގާމުފުރި ޒުހާ މަތީ ސާނަވީގެ ކެޕްޓަނަކަށް ވެވުމުން ކުރެވުނު އިހުސާސްފާޅުކުރި ގޮތުން ވެސް ޒުހާގެ ހިތުގައި އަޙްމަދިއްޔާއަށް އޮތް ލޯތްބާއި ކުލުނު ހާމަވެގެން ދިޔައެވެ. " އަޅުގަނޑުގެ އެންމެ ލޯބިވާ ސްކޫލްގައި މިފަދަ މަގާމެއްގައި ހުންނަން ފުރުސަތު ލިބުމުން އަޅުގަނޑު ވަރަށް، ވަރަށް އުފާވި. ހުރިހާ ކުދިންގެ ލީޑަރަކަށްވާން އަބަދުވެސް ކުރި އުންމީދު މި ހާސިލްވީ. މި މަސްއޫލިއްޔަތު އިރާދަކުރެއްވިއްޔާ އެންމެ ފުރިހަމަ ގޮތުގައި އަދާކުރާނަން. އެއްވެސް ކުއްޖަކު ބާކީނުކޮށް ހުރިހާ ކުދިންގެ އަޑުއަހާ ލީޑަރެއްގެ ގޮތުގައި ޒުހާ ހުންނާނަން".

އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ އެހެން ދަރިވަރުންނެކޭ އެއްފަދައިން ޒުހާ ދެކޭ ގޮތުގައި ވެސް މި ސްކޫލަކީ ކިޔަވައިދިނުމާއި އެހެނިހެން ހަރަކާތްތަކުގައި ވެސް ނަމޫނާ ސްކޫލެކެވެ. އެ ހަރަކާތްތައް ރާވައި ހިންގައި ބައިވެރިވުމަށް ފަހި ފުރުސަތުތަކެއް ހުޅުވާލެވިފައިވާ ސްކޫލެކެވެ. އެހެން ނަމަވެސް މިފަދަ ހަރަކާތްތައް މިހާރަށްވުރެ ވެސް އިތުރަށް ފުރިހަމަ ކުރުމަށް ކެޕްޓަނެއްގެ ހައިސިއްޔަތުން ޒުހާ ބޭނުންވާ ކަންތައްތަކެއް އެބަހުއްޓެވެ.

މިފެށޭ ބައިހަރު (ސެމިސްޓަރ) ގައި އާޓް އެކްސްޕޯތަކާއި، ތިމާވެށީގެ ބަހުސްތަކާއި، އިންސާނީ ހައްގުތަކާ ބެހޭ ބަހުސްތައް ބޭއްވުމަކީ ޒުހާގެ އުއްމީދެކެވެ. އަދި ކޮވިޑުގެ ސަބަބުން ގިނަ ދުވަސްތަކެއް ފުރަބަންދުވެ މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކަކުން ދަރިވަރުން މަޙްރޫމްވެފައިވާތީ، އެކުދިންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް މުނިފޫހިފިލުވުމުގެ ހަރަކާތްތައް އިތުރުކުރަން މަސައްކަތްކުރާނޭ ކަމަށް ވެސް ޒުހާ ބުންޏެވެ. މީގެއިތުރުން ދަރިވަރުންނަށް އައު ހުނަރުތައް ދެނެގަނެވޭނެ ފަދަ ގޮތަކަށް ސްކޫލުގައި ޙަރަކާތްތަކެއް ގެންދެވޭނެ ގޮތަކީ ކޮބައިކަން ދެނެގަނެ އެމަގަށް މަސައްކަތްކުރިއަށް ގެންދަން ބޭނުންވާ ކަމަށް ޒުހާ ބުންޏެވެ.

"އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލަކީ އަބަދުވެސް އަޅުގަނޑުގެ ނަޒަރުގައި އެންމެ ރަނގަޅު ސްކޫލް. މެނޭޖްމަންޓާއި، ޓީމްވަރކްއާއި، އަދި މިނޫންވެސް ހުރިހާ ކަމެއްގައި. މި މޮޅު މަދަރުސާ މިހާރަށްވުރެ ވެސް ފުރިހަމަ ކުރުމަށްޓަކައި، އަޅުގަނޑު އުންމީދު ކުރަނީ، ހުރިހާ ދަރިވަރުންނަށްވެސް، އެކުދިންގެ ހުނަރު އެކްސްޕްލޯރ ކުރުމަށް ތަފާތު ފުރްޞަތުތައް ހޯދައިދޭން" ޒުހާގެ އުއްމީދުތައް ކިޔައިދެމުން ބުންޏެވެ.

ޒުހާއަކީ ކުރިންވެސް ދެންނެވި ފަދައިން އިލްމީ ރޭހާއި ކުޅިވަރުގެ ރޭހުގައި އަދި އިސްނެގުމުގައި ވެސް ފާހަގަކޮށްލެވޭ، ކާމިޔާބު ލާމަސީލު ދަރިވަރެކެވެ. މަތީ ސާނަވީ ކެޕްޓަނަކަށްވުމަކީ ޒުހާ ދެކޭ ގޮތުން މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބެވެ. އަޙްމަދިއްޔާ އިންގްލިޝް ލިޓްރަރީ އެސޯސިއޭޝަން (އެލާ) ގެ 2018 ވަނަ އަހަރުގެ ނައިބު ރައީސްކަން ވެސް އަދާކޮށްފައިވާ ޒުހާގެ ކާމިޔާބީތަކުގެ ވާހަކަ، އެ ޖަމިއްޔާއިން ހިންގި ހަރަކާތްތަކުގައި ޒުހާ ހޯދި ފަޚުރުވެރި ކާމިޔާބީތަކުން ފަށަމާ ހިނގާށެވެ. 2017 ވަނަ އަހަރު އެލާއިން ބޭއްވި އަދަބީ ހަފްތާގެ ޅެންކިޔުމުން އެއްވަނަ ހޯދީ ޒުހާއެވެ. ޚަބަރުކިޔުމާއި ސްޕެލިންގބީގެ ފަޚުރުވެރި އެއްވަނަ އަކީ ވެސް ޒުހާއެވެ. އެލާގެ އިންޓަރކްލާސް މުބާރާތްތަކުގައި ވެސް އެލާ އަކީ އެންމެ ފާހަގަކުރެވޭ އެއް ނަމެވެ. މީގެއިތުރުން 2017 ވަނަ އަހަރާއި 2018 ވަނަ އަހަރުގެ ގަރލްގައިޑް ދަރިވަރުންގެ ތެރެއިން ކިޔެވުމަށް އެންމެ މޮޅު ދަރިވަރަކަށް ހޮވިފައި ވަނީ ވެސް ޒުހާއެވެ.

ދަރިވަރުންނަށް ހިތްވަރުދީ، އެ ދަރިވަރުން ގޮވައިގެން އުޅުމުގެ ޤާބިލްކަމަކީ ކެޕްޓަނެއްގެ ގައިގައި ކޮންމެހެން ވެސް ހުންނަންޖެހޭ ސިފައެކެވެ. ޒުހާގެ ކިބައިގައި މި ސިފަ ހުރިކަން އޭނާ ވަނީ އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ 2019 ވަނަ އަހަރުގެ ޓުއަރިޒަމް ފެސްޓުގެ ބެސްޓް އިވެންޓް ސްޓޫޑެންޓް ސަޕޯޓާ ކަމާއި، ބެސްޓް ސްޓޫޑެންޓް ސަޕޯޓާ އޮފް ގާރލްސްގެ މަގާމް ޙާޞިލްކޮށްގެން ސާބިތުކޮށްދީފައެވެ. މީގެ އިތުރުން 2016 ވަނަ އަހަރު ބޭއްވި 18 ވަނަ ނެޝަނަލް ޕެޓްރޯލް ލީޑަރސް ޓްރެއިނިންގ ކޭމްޕްގެ ޖެންޑަރ އިކުއަލިޓީ ސަބްކޭމްޕްގެ ބެސްޓް ކޭމްޕަރ ކަން ވެސް ޒުހާ ވަނީ ހޯދާފައެވެ. އަދި 2016 ވަނަ އަހަރު ތައިލޭންޑުގައި ބޭއްވި "ލީވް ނޯ ޓްރޭސް" ވޯކުޝޮޕް ވެސް އޭނާ ވަނީ ފުރިހަމަކޮށްފައެވެ.

އެމެރިކާ އާއި އޮސްޓްރޭލިއާ ފަދަ ގައުމުތަކުގެ ސްކައުޓުންނާއި ގައިޑުން ވެސް ބައިވެރިވި، "ލީވް ނޯ ޓްރޭސް" އަކީ ތިމާވެށީގެ މައްސަލަތަކަށް އެކި ގައުމުތަކުގެ ސްކައުޓުންނާއި ގައިޑުން ހޭލުންތެރިކުރުވުމަށް ބޭއްވި ވޯކު ޝޮޕެކެވެ.

ކިޔެވުމާއި އިސްނެގުމުގެ ދާއިރާގެ އިތުރުން ޒުހާ ދެން އެންމެ ފާހަގަކޮށްލެވެނީ ކުޅިވަރުގެ ދާއިރާގައި ވިދާލި ދަރިވަރެއްގެ ގޮތުގައެވެ. އޭގެ ތެރެއިން ވެސް ފުޓުބޯޅައާއި ބާސްކެޓްބޯޅަ އާއި ފެތުމުގައި ޒުހާގެ ވިދުން ގަދައެވެ. 2013 ވަނަ އަހަރުގެ މައިލޯ ފުޓްބޯޅަ ފެސްޓިވަލުގެ 12 އަހަރުން ދަށުގެ އަންހެން ކުދިންގެ ބައިން ޗެމްޕިއަންކަން ހޯދި ޓީމުގައި ޒުހާ ހިމެނުނެވެ. 2014 ވަނަ އަހަރު 12 ވަނަ މަކިޓާ ސްވިމިންގ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ 25 މީޓަރ ބްރެސްޓް ސްޓްރޯކުން 3 ވަނަ، 2015 ވަނަ އަހަރު 50 މީޓަރުގެ ބެކްސްޓްރޯކުން 3 ވަނަ އަދި އަންހެން ފެތުންތެރިންގެ ބައިން 3 ވަނަ ހޯދިއެވެ. 2014 ވަނަ އަހަރުގެ އިންޓަރސްކޫލް ބާސްކެޓް ބޯލް ކޮންޕެޓިޝަންގެ 12 އަހަރުން ދަށުގެ އެންމެ މޮޅު ޓީމުގައިވެސް ޒުހާ ހިމެނުނެވެ.

ޒުހާގެ މިހާރުގެ ވެސް ބިޒްނަސް ޓީޗަރ އާމިނަތު އަރޫޝާ (އަރޫ މިސް) ވިދާޅުވާ ގޮތުން ޒުހާ އަކީ ކިޔަވާ ކުއްޖެއްގެ ކިބައިން އޭނާ ފެންނަން ބޭނުންވާ ހުރިހާ ރަނގަޅު ސިފައެއް ހުރި ދަރިވަރެކެވެ. އަރޫ މިސް އެންމެ ބޮޑަށް ފާހަގަކުރެއްވީ ކިޔެވުމަށް ގަދައަޅައި މަސައްކަތްކުރުމާއި ޒުހާގެ ކިޔަމަންތެރިކަމެވެ.

ޒުހާގެ އެކައުންޓް ޓީޗަރ ޝަޒްނާ ޢަބްދުލްޙަކީމް (ޝަޒްނާ މިސް) ވިދާޅުވީ ޒުހާ އަކީ ވަރަށް ކިޔަމަންތެރި، އެކުވެރި އަދި އެހެން ކުދިން ގޮވައިގެން މަސައްކަތްކުރަން ދަންނަ ދަރިވަރެއް ކަމަށެވެ. މީގެ އިތުރުން ކޮވިޑް 19ގެ ބަލިމަޑުކަމުގެ ތެރޭގައި އޮންލައިންކޮށް ކިޔަވައިދިން އިރުވެސް އަދި މިހާރު ވެސް ސުވާލުކޮށް، އަހައި އޮޅުންފިލުވުމާއި ބަރާބަރަށް މަސައްކަތް ނިންމުމަކީ ޒުހާގެ ފަރާތުން ފެންނަ ވަރަށް ރަނގަޅު ސިފަތަކެއް ކަމަށް ޝަޒްނާ މިސް ވިދާޅުވިއެވެ.

އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ސީނިއަރ ލީޑިންގ ޓީޗަރ ފާތިމަތު އިނާސާ (އިނާ މިސް) ވެސް ވަނީ ޒުހާގެ މި ސިފަތަކަށް ތަޢުރީފްކުރައްވާފައެވެ.

"ޒުހާ އަކީ ވަރަށް ބަސްއަހާ، ކިޔަމަންތެރި، މޮޅު، ނަމޫނާ ދަރިވަރެއް. އެހެންކުދިންނާ އެކު ގުޅިގެން މަސައްކަތްކުރަން އެނގޭ، ހަވާލުކުރެވޭ މަސައްކަތް ފަރުވާތެރިކަމާ އެކު ކުރާ ދަރިވަރެއް. އަމިއްލައަށް އިސްނަގާ، ހިންގުންތެރި ދަރިވަރެއް". އިނާ މިސް ވިދާޅުވިއެވެ.

"އަޅުގަނޑަށް ފުރަތަމަ ޒުހާ ފާހަގަވީ ވަރަށް ބަސްމަދު އެހެން ނަމަވެސް ވަރަށް ކިއުރިއަސް ކުއްޖެއްގެ ގޮތުގަ. އޮންލައިންކޮށް ކިޔަވައިދިން އިރުވެސް ވައިބަރ އިން ވެސް ފިލާވަޅުތައް އަހައި އޮޅުންފިލުވާނެ. އޮންލައިންކޮށް ކިޔަވައިދިން އިރު ދިމާވި މައްސަލައެއް ކުދިން ފިލާވަޅު ނުނިންމާ މައްސަލައަކީ. އެކަމަކު ޒުހާ ތަފާތުވާ ތަންކޮޅަކީ ހުރިހާ ވަރކެއް ވެސް ބަރާބަރަށް ނިންމާފަ ފޮނުވާނެ. މިފަހުން އަދި ވަރަށް ފާހަގަކުރެވޭ ކުދިންނާ ވަރަށް ގުޅޭ، ކުދިން ގޮވައިގެން އުޅެން ދަންނަ ލީޑަރޝިޕް ހުރި ކުއްޖެއްގެ ގޮތުގަވެސް". ޒުހާއަށް ޝަޒްނާ މިސްގެ ތަޢުރީފް ބަންޑުންކޮށްލި ގޮތަކީ މިއެވެ.

މުސްތަގުބަލުގައި ކެޕްޓަނަކަށް ވާން ބޭނުންވާ މީހަކަށް ޒުހާ ދޭން އޮތް ނަސޭހަތަކީ ހިތްވަރާއެކު ކިޔަވައި، އިސްނަގާ ދަރިވަރަކަށްވެ، ދަރިވަރުންނާއި މުދައްރިސުންގެ އިތުބާރު ހޯދައި، ހުރިހާ ޒިންމާއަކަށް ތައްޔާރުވެގެން ހުރި ދަރިވަރަކަށްވާށެވެ. އަބަދުވެސް އަމިއްލަ ނަފްސަށް އިތުބާރު ކުރަން ދަންނަ، ބިނާކުރަނިވި ފާޑުކިޔުންތައް އަޑުއަހައި، އެ ފާޑުކިޔުންތައް ރަނގަޅު ގޮތުގައި ބަލައިގަންނަ ދަރިވަރަކަށްވުމަކީ ވެސް މުހިއްމު ކަމެއްކަން ޒުހާ ފާހަގަކުރިއެވެ.

"ކޮންމެ މީހަކީ ވެސް ތިމާއަށް ބަރޯސާވެވިދާނެ ލީޑަރަކަށް ވާން ޖެހޭނެ. ބައެއް ފަހަރު އުނދަގޫވާނެ، އެކަމަކު ހިތްވަރާއެކު ކަންކަމާ ކުރިމަތިލާން އަމިއްލަ ނަފްސަށް އަޒުމް ކަނޑައަޅަން ޖެހޭނެ. އެންމެ ފުރަތަމަ ހިތްވަރާއެކު ކިޔަވައި، އިސްނަގާ ދަރިވަރަކަށްވޭ. އަދި ދަރިވަރުންނާއި މުދައްރިސުންގެ އިތުބާރު ހޯދާ". ކުރިމަގުގައި އިސްވާރުންނަށްވާން ބޭނުންވާ ކުދިންނަށް ޒުހާ ދޭ ނަސޭހަތަކީ މިއެވެ.

ޒުހާ ބައްޕައާއެކު… އަޙްމަދިއްޔާ ފޮޓޯ: ހަރުޝާ

ކިޔަވައި ނިމުމަށްފަހު ޒުހާ ބޭނުން ވަނީ ފައިނޭންސިންގ އަދި އެކައުންޓިންގެ ދާއިރާއިން ޚާއްޞަ ތަޖުރިބާ ލިބިފައިވާ ނަންހުރި ވިޔަފާރިވެރިއަކަށް ވާށެވެ. ޒުހާ ގަބޫލުކުރާ ގޮތުގައި އެ ދާއިރާ އިޚްތިޔާރުކުރީ އެމީހަކު އެންމެ ކުރާ ހިތްވާ، އެންމެ އުފާވާނެ މަގެއް ޚިޔާރުކުރުމަކީ މުހިންމު ކަމަކަށްވާތީއެވެ. އަދި އެ ދާއިރާއަކީ އޭނާއާ ވަރަށް އެކަށީގެންވާ ދާއިރާއެއްކަމުގެ އިހުސާސް ކުރެވޭތީ ވެސްމެއެވެ.

އަޅުގަނޑުމެންގެ ވެސް އުއްމީދަކީ ޒުހާ އޭލެވެލްގެ ގަދަ ދިހައެއްގެ ފަޚުރުވެރި އެއްވަނައިގައި ހިމެނުމެވެ. އަދި އޭނާ އަކީ ރާއްޖޭގައި ނަންހިނގާ މަޝްހޫރު ވިޔަފާރިވެރިއަކަށްވުމެވެ. ދުޢާއަކީ ޒުހާގެ ހުރިހާ އުންމީދެއްގައި ކުލަޖެހި، ކާމިޔާބު ވިޔަފާރިވެރިއެއްގެ ގޮތުގައި ގައުމަށް ޚިދުމަތްކުރުމުގެ ފުރުޞަތު ފަހިވެ، ޒުހާއަށް އުފާވެރިކަމާއި ފާގަތިކަން މިންވަރުކުރެއްވުމެވެ.

ކިޔުންތެރިންގެ ޚިޔާލުތައް

  1. އަލްހަމްދުﷲ، ކާމިޔާބީއަކީ މަސައްކަތް ކުރާ ކުދިންގެ ހައްގެއް، ކިޔެވުމާއި އެހެނިހެން ހަރކާތްތަކަކީ ދިރިއުޅުމަށް ވަރަށް މިހިއްމު ކަމެއް،

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *