ކްލީން މޯލްޑިވްސްގެ ފަރާތުން މިއަދު ބޭއްވި ގަސްއިންދުމުގެ ޕްރޮގްރާމްގައި އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ދަރިވަރުންގެތެރެއިން އެންވާރުމެންޓް ކްލަބުގެ ދަރިވަރުންނާއި ސާނަވީ އަދި މަތީ ސާނަވީ ދަރިވަރުން ވަނީ ބައިވެރިވެފައެވެ. " ގޯ ގްރީން 2021″ އިން މިއަދުވަނީ އެޗް.ޑީ.ސީއަށް 3500 ގަސް ހަދިޔާ ކުރައްވާފައެވެ. އަދި އޭގެތެރެއިން 1000ގަސް މިއަދު ހުޅުމާލެ ފޭސް ދޭއްގައި އިންދިއެވެ.

މި ރަސްމިއްޔާތު އޮތީ މިއަދު ހަވީރު 4:00 ން 6:00 އަށް ހުޅުމާލެ ފޭސް ދޭއްގެ ރުއްގަނޑު ސަރަހައްދުގައެވެ. އަދި މި ރަސްމިއްޔާތު " ގޯ ގްރީން" ޝަރަފުވެރިކޮށްދެއްވީ އެންވާރުމެންޓް މިނިސްޓަރ އާމިނަތު ޝައުނާއެވެ. މިނިސްޓަރ ޝައުނާ ވިދާޅުވީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރެއްވުމަށް ސަރުކާރުން ވަރަށް ބޮޑު އަހުމިއްޔަތުކަމެއް ދެއްވާކަމުގައެވެ. މީގެއިތުރުން މިނިސްޓަރ ވިދާޅުވީ މީގެ 17 އަހަރުކުރިން ރާއްޖެއަށް އެރި ސުނާމީން ކުރެވުނު ތަޖުރިބާއާއި އިޙުސާސަކީ މިރާއްޖޭގެ ތިމާވެށީގެ މުހިންމުކަމާއި، ރަށްތަކުގެ ނާޒުކުކަމެވެ. މިފަދަ އެކިއެކި މައްސަލަތައް ދިމާވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަމުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ކްލީން މޯލްޑިވްސްގެ ފަރާތުން ބޭއްވި "ގޯ ގްރީން 2021″ ގަސްއިންދުމުގެ މި ހަރަކާތުގައި މިއަދުބައިވެރިވެފައިވަނީ އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލާއި، ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލާއި، ވިލާކޮލެޖާއި، އަދި ތިމާވެށީގެ އެކިއެކި ޖަމުއިއްޔާތަކުންނެވެ. މިއަދު އިންދާފައިވަނީ، މަގޫގަހާއި، ހިރުނދުގަހާއި، ދިއްގާގަހުގެ އިތުރުން ކިނބިގަހެވެ. އަދި މި ޕްރޮގްރާމަކީ ކުރިއަށް އޮތް އަހަރުތަކުގައި ވެސް ކުރިއަށް ގެންދާނެ ޕްރޮގްރާމެކެވެ.