الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.
އަޚްލާޤީ މިންގަނޑުން ބަލާއިރު ދުނިޔެއިން ފެންނަ އެންމެރިވެތި އެންމެނަލަ އިންސާނީ ސިފަތަކުގެ ތެރެއިން އެއް ސިފައަކީ އޯގާތެރިކަމުގެ ސިފައެވެ. މިސިފަ އިންސާނުންނާއި ދުނިޔޭގައިވާ ދޫނިސޫފާސޫފިއާއި އެކި އެކި ޖަނަވާރުންގެ ކިބައިންވެސް ފެނިގެން ދެއެވެ. މިފެންނަނީ ﷲ سبحانه وتعالى މިދުނިޔެއަށް ލެއްވި އެސިފައިގެ މިންވަރެކެވެ. ހަމަކަށަވަރުންވެސް މާތްﷲ އާއި އެއްފަދަވެގެންވާ އެހެން އެއްވެސް ފަރާތެއް ނުވެއެވެ. މިއުޞޫލާ އެކުއެކީގައި، އެކަލާނގެ އެކަލާނގެ ޒާތުފުޅަށް ދެއްވާ އެކަމުގެ ޚަބަރު ފޯރުކޮށްދެއްވާފައިވާ އެންމެހައި ސިފަފުޅުތަކެއް އޭގެ މާނައަށް ބަދަލެއް ގެނައުމަކާއި ނުލައި އިންސާނުން ދެނެގަނެ އެސިފައިން އެކަލާނގެ ސިފަކުރުމަކީ އިންސާނިއްޔަތަށް ވާޖިބުވެގެންވާ ކަމެކެވެ. އެކަލާނގެ ދެއްވާފައިވާ ޚަބަރަކުން ނޫންގޮތަކަށް އެއިން ކަމެއް ދެނެނުގަނެވޭނެތީ، އެސިފަފުޅުތައް ދެނެގަނެވޭނޭ ހަމައެކަނި މަރުޖިޢު އަކީ ކީރިތި ޤުރުއާނެވެ. އަދި އެކަލާނގެ ރަސޫލާގެ ސުންނަތެވެ. މިއިންސިފަފުޅެއް އެކަލާނގެއަށް ލިބިވޮޑިގެންވާ ކަމަށް ޚަބަރު ދެއްވުމަށްފަހު، އެއިން ކަމަކަށް އިންކާރު ކުރުމަކީ އޮތްކަމެއް ނޫނެވެ. އެގޮތުން އެކަލާނގެއީ އޯގާވަންތައިލާހު ކަމުގައި ޤުރުއާނުގެ އެތައް ތަނެއްގައި، އެކަލާނގެ ވަނީ ބަޔާންކުރައްވާ ޚަބަރުދެއްވާފައެވެ. ވީމާ އެކަލާނގެއީ الرَّحْمٰنُ އަދި الرَّحِيمُ އެވެ. މިދެލަފްޒުގެވެސް މާނައަކީ އޯގާވަންތައިލާހެވެ. މީގެ ތެރެއިން އޯގާވަންތަ ކަމުގެ ސިފަ الرَّحْمٰنُ މިލަފްޒުން އެކަލާނގެ ނޫން ފަރާތެއް ސިފަ ނުކުރެވޭއިރު، الرَّحِيمُ މިލަފްޒަކީ ޢަރަބި ބަހުގައި އެކިއެކި މަޚްލޫޤުންގެ އޯގާތެރިކަން ސިފަކުރުމަށްވެސް ބޭނުންކުރެވޭ ބަހެކެވެ. ނަމަވެސް އެއްވެސް މަޚްލޫޤެއްގެ އޯގާތެރިކަމާއި އެކަލާނގެ އޯގާތެރިކަމާއި އެއްފަދަ ވެގެން ނުވެއެވެ. ވީމާ އޯގާވަންތަކަމަކީ އެކަލާނގެ ޒާތުފުޅަށް ލިބިވޮޑިގެންވާ ސިފަފުޅެކެވެ. ﷲ سبحانه وتعالى ވަޙީކުރެއްވިއެވެ: ﴿كَتَبَ رَبُّكُمْ عَلى نَفْسِهِ الرَّحْمَةَ﴾ الأنعام :54 މާނައީ: [ތިޔަބައިމީހުންގެ ވެރިއިލާހު އެކަލާނގެ ނަފްސުފުޅުގެ މައްޗަށް އޯގާވަންތަކަން ކަނޑައެޅުއްވިއެވެ.] ނިކަން ވިސްނާލުން ހުއްޓެވެ. ދުނިޔޭގެ މިސާލަކުން މިސާލު ނަގަމާ ހެއްޔެވެ! އަހަރެމެންގެ އަމިއްލަ ނަފްސުގައި މީސްތަކުންނަށް އޯގާތެރިކަން ވަރަށް ބޮޑަށް ވަރަށް ގިނަމީހުންގެ އޮވެއެވެ. އެގޮތުން ތިމާއަކީ އެސިފަ ވަރަށްބޮޑަށް ހުރިމީހެއް ކަމުގައި ވިސްނައިގެން، މިމިސާލާއި މެދު ފުންކޮށް ނަޒަރު ހިންގާލަމާހެއްޔެވެ؟ މުޅިގޭގެ ހުރިހައި ޚަރަދަކާއި ހުރިހައި ކަމެއް ބަލަހައްޓާ ވެރިފަރާތުން މިއީ ތިމަންނާ އެންމެ ރުޅިއަންނަ ކަންތަކޭ އެކަން މިގޭގެ ތެރޭގައި ކޮށްގެން ނުވާނޭ، އަދި އޭގެ އިތުރަށްވެސް މިވެނި އެވެނި ކަންކަން ކޮށްގެން ނުވާނޭ ބުނާ މީހަކާއި އޭނާގެ ބެލެހެއްޓުމުގައި އޭނާގެ ދަށުގައިވާ ފަރާތްތަކެވެ. ގައިމު އެންމެ ރުޅިއަންނާނޭ ކަންތަކުގެ ގޮތުގައިވާ އެންގެވުނު ކަންތައް ކޮށްފިނަމަ، އަހަރެމެންނަށް އަންނާނޭ ހިތްހަމަނުޖެހުމާއި ރުޅި އަންދާޒާ ކޮށްލާށެވެ. މިމިސާލުގައި މިބުނެދޭން މިއުޅެނީ އެއްގޮތަކަށްވެސް އެނުބައި ކަންތައް ގޭގެ ވެރިމީހާއަށްވެސް ރަނގަޅުވެ، އޭނާ ބަދަލުވާ ވާހަކައެއް ނޫނެވެ. އެނުބައިކަމެއްގެ ނުބައިކަން ބަދަލު ނުވާނެއެވެ. ޚާއްޞަކޮށް މާތް ﷲ އެކަމެއް އެއީ ނުބައިކަމެއް ކަމުގައި ކަނޑައެޅުއްވުމަށްފަހު އެކަލާނގެ ޙަޟްރަތުގައި އެއީ ހަމަ ނުބައިކަމެކެވެ. އަހަރެމެންނަށް އެކަލާނގެ ޙަޟްރަތުގައި އެކަން ރަނގަޅުކަމަކަށް ވެއްޖެކަމަށް ހީވެ އެގޮތަށް ކަނޑައެޅުމަކީ އެކަލާނގެ ކަނޑައަޅުއްވާފައިވާ ގޮތާއި ޚިލާފު ނިންމުމެއް ކަމުގައިވުމުން، އެގޮތަށް ހަދައިފިނަމަ އެމީހަކު ދީނުންވެސް ބޭރުވާހުއްޓެވެ. ދެން ނިކަން ވިސްނާލާށެވެ. އެކަލާނގެ އެންމެ ކޯފާވެވޮޑިގަންނަވާ ކަމަކީ އެކަލާނގެއަށް ޝަރީކު ކުރުމެވެ. އެކަން ދުނިޔޭގައި މިއުޅޭ މީހުންގެ ތެރެއިން ވަރަށްބޮޑު ނިސްބަތެއްގެ މީހުން އެދަނީ ކުރަމުންނެވެ. އަދި އެވެނި މިވެނި ކަމަކީ ބޮޑެތި ފާފަކަމާއި އެކަންކަން ކޮންގެން ނުވާނެކަމަށް އަންގަވާފައި ވާއިރުގައިވެސް އެކަލާނގެއަށް އީމާންވެގެން ތައުޙީދުގެ މަތީގައިވާ މީހުން ހިމެނޭ ފަދައިން، މީސްތަކުން ކުރަމުން ދަނީ ދުނިޔޭގައި ކިތައްކިތައް މީހުން ހެއްޔެވެ؟ އެކަލާނގެ ކޮންފަދަ ބޮޑު ކޯފާއެއް އެކަންކަމަށް އޮންނާނޭ ހެއްޔެވެ؟ އެންމެހައި ކަމެއްގެ ކުޅަދުންވަންތަކަން ލިބިވޮޑިގެންވާ، އަދި އެކަލާނގެ އިރާދަކުރެއްވި ކޮންމެ ކަމެއް ކުރުމުގެ އިރާދަފުޅު ލިބިވޮޑިގެންވާ އިލާހު އެބައިމީހުންނާ މެދު މިދުނިޔޭގައި ކަން ހިންގަވާގޮތް އަހަރެމެންގެ ލޮލަށް ފެންނަމުންދެއެވެ. މިއެންމެހައި މީހުންގެ މައްޗަށް އެކަލާނގެ ރަޙްމަތް ނުވިނަމަ މިބައިމީހުން މިގޮތުގައި ދޫކޮށްލެއްވީސް ހެއްޔެވެ؟ ވީމާ އެކަލާނގެ އޯގާވަންތަކަން މުއުމިނުންގެ އިތުރުން ފާސިޤުންނާއި ކާފިރުންނާއި މުޝްރިކުންގެ މައްޗަށްވެސް މިދުނިޔޭގައި ޝާމިލްވެގެންވެއެވެ. ނަމަވެސް ޤިޔާމަތްދުވަހުގައި އެރަޙްމަތް އެކަލާނގެއަށް ކާފިރުވިމީހުންގެ މައްޗަކަށް ނުވެއެވެ. އެދުވަހުގައި އެކަލާނގެ ރަޙްމަތް ވަނީ ސުވަރުގެވަންތަވެރީންނަށެވެ. ދުނިޔޭގައި ޝާމިލުވެގެންވާ މިއޯގާތެރިކަމާއި، މުއުމިނުންނަށް ޚާއްޞަވެގެންވާ އޯގާވަންތަކަން ބަޔާންކުރައްވާ އެކަލާނގެ ވަޙީކުރެއްވިއެވެ: ﴿ٱلرَّحْمَٰنِ ٱلرَّحِيمِ﴾ الفاتحة :2 މާނައީ: [އެކަލާނގެއީ ރަޙްމާންވަންތަ (އޯގާވަންތަ) އަދި ރަޙީމްވަންތަ (އޯގާވަންތަ) އިލާހެވެ.] އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ: ﴿وَرَحْمَتِي وَسِعَتْ كُلَّ شَيْءٍ ۚ﴾ الأعراف :156 މާނައީ: [އަދި ތިމަންއިލާހުގެ އޯގާވަންތަކަން ހުރިހައި އެއްޗެއްގެ މައްޗަށް ޢާންމުވެފައިވިއެވެ.] ދުނިޔޭގެ އެންމެހައި ކަމެއް އެކަލާނގެ ހިންގަވާގޮތުގެ އެންމެހައި ޙިކްމަތެއް މޮޅަށް ދެނެވޮޑިގެންވަނީ އެކަލާނގެއެވެ. އަހަރެމެންނަށް އެނގި ކަށަވަރުވަނީ އެކަލާނގެ އޯގާވަންތަކަމުގެ ސިފަފުޅެވެ. އެކަލާނގެއީ ނުހަނު ބޮޑަށް އަޅުތަކުންގެ މައްޗަށް އޯގާވަންތައިލާހެވެ. ނޫންނަމަ އެކަލާނގެއީ ފާފަ ފުއްސަވާނޭ ފަރާތެއް ކަމުގައި ނުވީހެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ: ﴿إِنَّ اللَّهَ غَفُورٌ رَحِيمٌ﴾ المائدة :39 މާނައީ: [ހަމަކަށަވަރުން ﷲ އީ ގިނަގިނައިން ފާފަފުއްސަވާ އޯގާވަންތަ އިލާހެވެ.] އެކަލާނގެ ރަޙްމަތްފުޅު ނުވާނަމަ އެކަލާނގެއަށް އުރެދުމުގައި އިންތިހާއަށް ގިނަގުނަވެފައިވި މީހުންގެ ތައުބާ އެކަލާނގެ ޤަބޫލު ނުކުރެއްވީހެވެ. ﴿قُلْ يا عِبادِيَ الَّذِينَ أَسْرَفُوا عَلى أَنْفُسِهِمْ لا تَقْنَطُوا مِنْ رَحْمَةِ اللَّهِ﴾ الزمر :53 މާނައީ: [ކަލޭގެފާނު ވިދާޅުވާށެވެ. އޭ، އެބައެއްގެ އަމިއްލަ ނަފްސުތަކުގެ މައްޗަށް (ފާފަކުރުމުގައި) އިސްރާފުކޮށްފައިވާ ތިމަންއިލާހުގެ އަޅުތަކުންނޭވެ! ﷲ ގެ އޯގާވަންތަކަމުން ތިޔަބައިމީހުން މާޔޫސްނުވާށެވެ!] އަބަހީ އެކަމާއި މާޔޫސްވެ ތައުބާ ނުވެ ނުތިބޭށެވެ! އަދި ކިއެއްތަ އެކަލާނގެއަށް ތައުބާވާށެވެ. އެކަލާނގެ އެތައުބާ ޤަބޫލުކުރައްވާނެއެވެ. އަދި އޭގެ އިތުރުން، އެކަލާނގެ ބާވައިލެއްވި އަދި މީސްތަކުންގެ މައްޗަށް ޝަރުޢުކުރެއްވި އެކަލާނގެ ޝަރީޢަތަކީ އެކަލާނގެ އޯގާވާންތަކަމުގެ މިސާލެކެވެ. ވަކިވަކި ކަންކަން އުންމަތުގެ މައްޗަށް ޙަރާމްކުރައްވާ އަދި ވަކިވަކިކަންކަން އުންމަތުގެ މައްޗަށް ވާޖިބުކުރެއްވީ ހަމައެކަލާނގެ ރަޙްމަތުން، އިންސާނުންނަށް ފައިދާއާއި ލާބަ ލިއްބައިދިނުމަށްޓަކައެވެ. ކަށަވަރުންވެސް، އެއިން އެއްވެސް ކަމަކަށް އިންސާނުން ޢަމަލުކޮށްގެން އެކަލާނގެ ޒާތުފުޅަށް ވާނޭ ފައިދާއެއްވެސް އަދި އެއިން ކަމަކަށް ޢަމަލު ނުކޮށްގެން އެކަލާނގެ ޒާތުފުޅަށް ލިބޭނޭ ގެއްލުމެއްވެސް ނުވެއެވެ. އެލިބޭނޭ ފައިދާއެއްވެސް އަދި އެލިބޭނޭ ގެއްލުމެއްވެސް ލިބުން ވަނީ ހަމަ އިންސާނުންނަށެވެ. ފަހެ، އެކަލާނގެއީ ކޮންފަދަ އޯގާވަންތަ ފަރާތެއް ހެއްޔެވެ! އަދި ހަމައެފަދައިން އިންސާނުންނަށް ހެޔޮ ރަނގަޅުގޮތް ބުނެދެއްވުމަށް، ފޮނުއްވުނު ރަސޫލުންވެސް އެކަލާނގެ ފޮނުއްވީ މަޚްލޫޤުންނަށް އެކަލާނގެ އޯގާވަންތަކަމުންނެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ: ﴿وَمَا أَرْسَلْنَاكَ إِلَّا رَحْمَةً لِلْعَالَمِينَ﴾ الأنبياء :107 މާނައީ: [އަދި ޢާލަމްތަކަށް ހުރި ރަޙްމަތެއް ކަމުގައި މެނުވީ ތިމަންއިލާހު ތިޔަނަބިއްޔާ ނުފޮނުއްވަމުއެވެ.]
އަޅަމެންނީ އެކަލާނގެ ރަޙްމަތުގެބޮޑުކަން އެނގުމާއެކު، ތައުބާވުމަށް އަވަސްވެގަންނަ ފަދަ ބަޔަކު ކަމުގައި ލައްވާށި! އާމީން!
وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.