ބުރާސްފަތި, 17 އޭޕްރިލް 2025
ބިޒިނަސް ސްޓަޑީޒް އިން މުޅި ދުނިޔެއިން 1 ވަނަ ޙާޞިލްކުރި ރީއާ ޙުސައިން ފިރާޒަށް ރައީސް އިނާމު ދެއްވަނީ

ބިޒްނަސް ސްޓަޑީޒްއިން ދުނިޔޭގެ 1 ވަނަ ހޯދި ރީއާ ހުރީ ސްކޫލް ފަޚުރުވެރިކޮށްދެވުނީތީ ނިކަން އުފަލުން

"އަހަރެން އަމާޒު ހިފީ ގައުމީ ގަދަ ދިހައަކުން ޖާގައެއް ހޯދަން. އެއްވެސް ވަރަކަށް އުއްމީދެއް ނުކުރަން އެއްވެސް މާއްދާއަކުން މުޅި ދުނިޔެއިން 1 ވަނަ ލިބިދާނެ ކަމަކަށް. ވަރަށް ސަޕްރައިޒްވި އަސްލު". 2019 ވަނަ އަހަރުގެ އޯލެވެލް އިމްތިޙާނުގައި ބިޒްނަސް ސްޓަޑީޒް އިން މުޅި ދުނިޔެއިން 1 ވަނަ ހޯދި ރީއާ ހުސައިން ފިރާޒް ވާހަކަ ފެށި ގޮތަކީ މިއެވެ.

އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުން ތަޢުލީމް ޙާޞިލްކޮށް މި ސްކޫލް ފަޚުރުވެރިކޮށްދިން މި ދަރިވަރު ހުރީ އޭނާ ނުހަނު ލޯބިވާ ސްކޫލަށް ރީތި ނަން ހޯދައިދިން ބައިވެރިންގެ ލިސްޓުގައި ހިމެނުނީތީ ހަގީގަތުގައި ވެސް ނިކަން އުފާވެފައެވެ.

މި މޮޅު ނަތީޖާ ލިބުނީ ރީއާ ބުނާގޮތުން އޭނާގެ ޢާއިލާއާއި، ރަޙްމަތްތެރިންނާއި، އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ޓީޗަރުންގެ އެހީތެރިކަމާއި އެއްބާރުލުމުގެ ސަބަބުންނެވެ.

"އަޅުގަނޑު ކުރިޔަށް އެޅި ކޮންމެ ފިޔަވަޅެއް ވެސް މި އެޅީ އާއިލާއާއި ރައްޓެހިންނާއި، ސްކޫލްގެ ޓީޗަރުންގެ ފުރިހަމަ އެއްބާރުލުމާ އެހީތެރިކަމާ އެކު. އަޅުގަނޑުމެންގެ ނަތީޖާ ރަނގަޅުކޮށްދިނުމަށް މަސައްކަތްކޮށްދެއްވި އެންމެނަށް، ޚާއްޞަކޮށް ޓީޗަރުން ބެހެއްޓި ގާތްކަމާއި މެދުނުކެނޑި ދެއްވަމުން ގެންދެވި އިރުޝާދުތަކަށް ޝުކުރުދަންނަވަން". ރީއާގެ ޝުކުރުގެ ލިސްޓު ފެށިއެވެ. " މި ކާމިޔާބަށްޓަކައި މާތްﷲ އަށް ޙަމްދުކުރަން. އަދި ދެގޮތެއްނުވެ ހިތްވަރުދެމުން ދިޔަ އާއިލާއަށާއި، ރައްޓެހިންނަށް ވެސް ޝުކުރުއަދާކުރަން".

ރީއާ.. އަޙްމަދިއްޔާގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދާއެކުއެކު…. އަޙްމަދިއްޔާ ފޮޓޯ: ހަރުޝާ

ރީއާ ވެސް ދެކޭގޮތުގައި އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލަކީ ރާއްޖޭގެ އެންމެ ފެންވަރު ރަނގަޅު އެއް ސްކޫލް ކަމަށްވާއިރު، އެ ސްކޫލްގައި ކިޔެވުމުގެ ފުރުޞަތުލިބުމަކީ މިފަދަ އަރުތައެއް ޙާޞިލްވުމަށް މަގުފަހިވި އެއް ސަބަބެވެ. އަދި ސްކޫލްގެ މެނޭޖްމަންޓާއި، މުދައްރިސުން ކޮންމެ ދަރިވަރަކަށް ވެސް ރަނގަޅު ނަތީޖާ ހޯދައިދިނުމަށް ކުރައްވާ ބުރަ މަސައްކަތަކީ އޭނާގެ ނަތީޖާގެ ވެސް ފޮނިމީރުކަން ލިބުމުގެ އަސްލުކަމަށް ރީއާ ގަބޫލުކުރެއެވެ.

"ރަނގަޅު ނަތީޖާއެއް ހޯދަން ބޭނުމިއްޔާ މިހާރުއްސުރެ، ކުރާ ހުރިހާ ކަމެއް ބެލެންސް ކުރަން މަސައްކަތް ކުރޭ. އަދި ޕޮޒިޓިވް ވިސްނުމެއް ގެންގުޅެން މަސައްކަތް ކުރޭ. އަބަދުވެސް ހަނދާން ބަހައްޓަންވީ ތިމަންނައަކީ ތިމަންނަގެ ނަމްބަރ ވަން ސަޕޯޓަރކަން." ރީއާ

ކުރިމަގުގައި ރަނގަޅު ނަތީޖާ ހޯދަން އެދޭ ބަޔަކަށް ރީއާ ދޭ ނަސޭހަތަކީ ކުރާ ކޮންމެ ކަމެއް ވެސް މިންހެޔޮކޮށް ފަހި ވިސްނުމެއްގައި މަސައްކަތްކޮށް، އަމިއްލަ ނަފުސަށް އިތުބާރުކުރާށެވެ.

"ރަނގަޅު ނަތީޖާއެއް ހޯދަން ބޭނުމިއްޔާ މިހާރުއްސުރެ، ކުރާ ހުރިހާ ކަމެއް ބެލެންސް ކުރަން މަސައްކަތް ކުރޭ. އަދި ޕޮޒިޓިވް ވިސްނުމެއް ގެންގުޅެން މަސައްކަތް ކުރޭ. އަބަދުވެސް ހަނދާން ބަހައްޓަންވީ ތިމަންނައަކީ ތިމަންނަގެ ނަމްބަރ ވަން ސަޕޯޓަރކަން." ރީއާ ބުންޏެވެ.

އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ޕްރިފެކްޓް ބޯޑުގައި 2017 ވަނަ އަހަރުން ފެށިގެން ހިމެނެމުން އަންނަ ރީއާ ވަނީ އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުގެ ފަރާތުން ވޯލްޑް ސްކޮލަރސް ކަޕްގައި ބައިވެރިވެ 10 މެޑަލް ހޯދާފައެވެ. އޭގެ ތެރޭގައި 3 ރަން މެޑަލް ވެސް ހިމެނެއެވެ. މެލޭޝިޔާގައި އޮތް ގްލޯބަލް ރައުންޑަށް ވެސް ރީއާ ހޮވުނެވެ. އެހެން ނަމަވެސް އޭރު ދެވޭ ގޮތް ނުވީއެވެ.

ރީއާ… ވޯލްޑް ސްކޮލާސްކަޕް އިން ލިބުނު މެޑެލްތަކާއެކު..

އޯލެވެލްގެ ގަދަ 10 ގެ ދެވަނައިގައި ހިމެނުނު ރީއާގެ އެންމެ ބޮޑު ކާމިޔާބީ އަކީ ބިޒްނަސް ސްޓަޑީޒް އިން މުޅި ދުނިޔެއިން ފަޚުރުވެރި 1 ވަނަ ހޯދުމެވެ. މީގެ އިތުރުން އިންގްލިޝް އޭޒް އަ ސެކަންޑް ލޭންގުއޭޖް އިން ދުނިޔޭގެ ގަދަ 10 ގައި ހިމެނުމެވެ. ޤައުމީ ގަދަ ދިހައެއްގައި 2 ވަނަ ޙާޞިލުކުރުމަކީ ވެސް ކުޑަކޮށް ފާހަގަކުރަންޖެހޭ ކާމިޔާބީއެއް ނޫނެވެ.

"ރީއާ އަކީ އެހެން ކުދިންނާ ބަލާފަ ވަރަށް ތަފާތުކޮށް މަސައްކަތްކުރާ ކުއްޖެއް. ކުރާ ކަންކަން ވަރަށް ވަރަށް ޕަރފެކްޓްކޮށް ކުރޭ. ރީއާ ނިންމާ ކޮންމެ މަސައްކަތެއް ވެސް ހަމަ ވަރަށް ޕަރފެކްޓްވާނެ. ރީއާ އަކީ އަޚްލާގު ރަނގަޅު ކިޔަމަންތެރި ކުއްޖެއް ވެސްމެ." އަރޫ މިސް

އެއްވެސް ވަރަކަށް ޓިއުޝަން ނުނަގައި ބިޒްނަސް އިން މުޅި ދުނިޔޭގެ އެއްވަނަ ހޯދި ރީއާ ބުނީ ކޮންމެ ދަރިވަރަކީ ވެސް ކިޔެވުމުގައި ތަފާތު ވިސްނުމެއް ގެންގުޅޭ ދަރިވަރަކަށްވާއިރު، ކޮންމެ ކުއްޖަކު ވެސް އެ ކުއްޖަކަށް އެންމެ ފައިދާހުރި ގޮތުގައި ކިޔަވަން މަސައްކަތް ކުރާނެ މެތަޑް އެނގި، އެ ގޮތަކަށް މަސައްކަތް ކުރަންވާނެ ކަމަށެވެ.

ރީއާގެ ބިޒްނަސް ސްޓަޑީޒް ޓީޗަރ އާމިނަތު އަރޫޝާ (އަރޫ މިސް) ވިދާޅުވީ ރީއާ އަކީ ވަރަށް ތަފާތުކޮށް މަސައްކަތްކުރާ ކުއްޖެއް ކަމަށެވެ. ރީއާގެ މަސައްކަތްތައް އެހެން ގިނަ ކުދިންނާ ތަފާތުވާ ގޮތް ވެސް އަރޫ މިސް ވިދާޅުވެދެއްވިއެވެ.

"ރީއާ އަކީ އެހެން ކުދިންނާ ބަލާފަ ވަރަށް ތަފާތުކޮށް މަސައްކަތްކުރާ ކުއްޖެއް. ކުރާ ކަންކަން ވަރަށް ވަރަށް ޕަރފެކްޓްކޮށް ކުރޭ. ރީއާ ނިންމާ ކޮންމެ މަސައްކަތެއް ވެސް ހަމަ ވަރަށް ޕަރފެކްޓްވާނެ. ރީއާ އަކީ އަޚްލާގު ރަނގަޅު ކިޔަމަންތެރި ކުއްޖެއް ވެސްމެ." އަރޫ މިސް ވިދާޅުވިއެވެ.

ރީއާގެ އުއްމީދަކީ އޭލެވެލްގައި ވެސް، އޯލެވެލް އިމްތިޙާންގައި ލިބުނު ފަދަ ރަނގަޅު މޮޅު ނަތީޖާއެއް ހޯދައި، ކުރިމަގުގައި އެކައުންޓިންގެ ދާއިރާއިން ކުރިޔަށްދިއުމެވެ. އަޅުގަނޑުމެންގެ ދުޢާ އަކީ ރީއާގެ މި އުއްމީދުތަކުގައި ކުލަ ޖެހި، ރީއާއަށް ފަހި ފާގަތި މުސްތަޤްބަލެއް މާތް ﷲ މިންވަރުކުރެއްވުމެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *