ބުރާސްފަތި, 24 އޭޕްރިލް 2025

ކޮވިޑް ކޭސްތައް އިތުރުވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަމަލުކުރަން ސްކޫލްތަކަށް އަންގައިފި

ކޮވިޑް-19 އިން ރައްކާތެރިވުމަށް ސްކޫލްތަކުގައި އެޅުމަށް ކަނޑައަޅާފައިވާ ފިޔަވަޅުތަކަށް އަމަލުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން އަންގައިފި އެވެ. އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ސޮއިކުރައްވައި މިދިޔަ ބުރާސްފަތި ދުވަހު ސްކޫލްތަކަށް ފޮނުއްވި ސާކިއުލާއެއްގައި ވަނީ، އެޗްޕީއޭ އިން އާއްމު ކޮށްފައިވާ މިންގަނޑުތަކަށް އަމަލުކުރަން އަންގައި، މައިގަނޑު ފަސް ކަމެއް ތަންފީޒު ކުރަން އެދިވަޑައިގެންފަ އެވެ.

ސްކޫލްތަކުން އަޅަން އެންގި ފިޔަވަޅުތަކަކީ، ބޭރުން އަންނަ ކުދިން އަދި ސްކޫލް މުވައްޒަފުން ރާއްޖެ އަންނަތާ 3-5 ދުވަހުގެ ތެރޭގައި ޕީސީއާރު ޓެސްޓު ހަދައި އަދި އެ ޓެސްޓުގެ ނަތީޖާ ލިބުމުގެ ކުރިން ސްކޫލަށް ހާޒިރު ނުވުމާއި، މޮނިޓަރިންގެ ހާލަތުގައި އޮންނަ ރަށަކުން ކުއްޖަކު ނުވަތަ މުވައްޒަފަކު އެ ރަށަކަށް ގޮސް 3-4 ދުވަހުގެ ތެރޭގައި ޕީސީއާރު ޓެސްޓު ހެދުމަށްފަހު ނަތީޖާ ލިބުމުގެ ކުރިން ސްކޫލަށް ހާޒިރު ނުވުމެވެ.

އަދި ސްކޫލްގެތެރޭގައި ކުދިންނާއި މުވައްޒަފުން ހުރިހާ ވަގުތެއްގައި ވެސް މާސްކް އަޅައިގެން ތިބުމާއި ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވެވޭނެ އިންތިޒާމު ހަމަޖައްސާފައި ހުރުމެވެ.

މީގެ އިތުރަށް، މި ދުވަސްވަރު ސްކޫލުގެ ތެރޭގައި ގްރޫޕް ހަދައިގެން އެއްވެސް މުވައްޒަފަކު ނުވަތަ ދަރިވަރަކު ވެސް ކައިބޮއި ނުހެދުމާއި، ސްކޫލްގެތެރޭގައި ގާއިމު ކޮށްފައިވާ "އިންފެކްޝަން މެޝާސް" ގެ ކަންކަން ފުރިހަމަ އަށް ތަންފީޒުކުރުމެވެ.

ތިން ހަފްތާގެ ބަންދަކަށް ފަހު، އަންނަ ހަފުތާގެ އާދީއްތަ ދުވަހު ސްކޫލްތައް ހުޅުވަން ތައްޔާރުވާއިރު، އޮމިކްރޮން ވޭރިއެންޓާއެކު ކޮވިޑްގެ ކޭސްތައް ރާއްޖޭގައި އަނެއްކާވެސް ވަނީ ވަރަށް ބޮޑަށް އިތުރުވާން ފަށައިފަ އެވެ.

މާލެ ސަރަހައްދުގައި ކޮވިޑް-19 އަނެއްކާވެސް އާދަޔާ ހިލާފަށް ފެތުރެން ފެށުމާ ގުޅިގެން އެޗްޕީއޭ އިން މިހާރު ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރަން ފަށައިފަ އެވެ. އޭގެ ތެރެއިން އެއް ކަމަކީ މާދަމާ އިން ފެށިގެން މާލެ ސަރަހައްދުން އެހެން ރަށްރަށަށް ދަތުރު ކުރެވޭނީ، ޕީސީއާރު ނެގެޓިވް ނަތީޖާއާއެކު ކަމަށް ކަނޑައެޅުމެވެ.

އެޗްޕީއޭ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ މާލެ، ވިލިމާލެ އަދި ހުޅުމާލެ އިން ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ކޮންމެ ހަފުތާއަކު ނަގާ ސާމްޕަލްގެ ނިސްބަތުން ޕޮޒިޓިވިޓީ ރޭޓް ފަސް ޕަސެންޓަށް ވުރެ މަތިވެފައިވާ ކަމަށެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *