ރަށުން ބޭރުގައި ތިބި ދަރިވަރުންނާއި މުދައްރިސުން އަވަހަށް ރަށަށް ދިއުމަށް އެދިއްޖެ

 

ރަށުން ބޭރުގައި ތިބި ދަރިވަރުންނާއި ޓީޗަރުން ވީހާވެސް އަވަހަށް ރަށަށް ދިއުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އެދިއްޖެއެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ، ސުކޫލުތަކުގެ ކިޔެވުން މެދު ނުކެނޑި ކުރިއަށް ގެންދިއުމަކީ އެ މިނިސްޓްރީން އަބަދުވެސް އެންމެއިސްކަންދޭ ކަންތައް ކަމަށެވެ.

އެގޮތުން ދެވަނަ ޓާމް ކިޔެވުން ފެށޭއިރު ހުރިހާ ދަރިވަރުންނާއި މުދައްރިސުން ސުކޫލަށް ހާޒިރުވުމަކީ އެޑިޔުކޭޝަން މިނިސްޓްރީގެ ވަރަށް ބޮޑު އެދުމެއް ކަމަށް ބަޔާނުގައި ވެއެވެ.

ބަޔާނުގައި އިތުރަށް ބުނީ، މާލެ ސަރަޙައްދުގައި ކޮވިޑައަށް ފައްސިވާ ޢަދަދު ނިސްބަތުން 5 ޕަސެންޓަށް ވުރެ މަތިވެފައިވާތީ، މާލޭން އެހެން ރަށްރަށަށް ދަތުރުކުރައްވާ ފަރާތްތަކުން 72 ގަޑިއިރު ނުވާ ޕީސީއާރު ނެގެޓިވް ޓެސްޓް ހިއްޕަވައިގެން ދަތުރުކުރުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެންގުމާ ގުޅިގެން އެ ގޮތަށް އަމަލު ކުރުމަށް ދަންނަވާ ކަމަށެވެ.

"މި ވަގުތު ޗުއްޓީއަށް އަމިއްލަ ރަށުން ބޭރުގައި އުޅުއްވާ ޓީޗަރުންނާއި ދަރިވަރުން އެޗްޕީއޭގެ ދަތުރުކުރުމުގެ މިންގަނޑުތައް ފުރިހަމަކޮށް، ވީ އެންމެ އަވަހަކަށް ރަށަށް ވަޑައިގެން ދެއްވުމަކީ މި މިނިސްޓްރީގެ ވަރަށް ބޮޑު އެދުމެކެވެ،" ބަޔާނުގައި ވެ އެވެ.

ކުރިއަށް އޮތް ދެދުވަސް ތެރޭގައި މާލޭން ރަށްރަށަށް ދަތުރުކުރަންޖެހޭ ފަރާތްތަކަށް ދެ ގޮތެއް ޚިޔާރުކުރުމުގެ ފުރުސަތު ހެލްތް ޕްރޮޓެކްޝަން އެޖެންސީން ވަނީ ދީފައެވެ. އެ ގޮތުން މާލޭން ސާމްޕަލް ނެގުމަށްފަހު ދަތުރުކޮށް ނަތީޖާ ލިބެންދެން ކަރަންޓީނުގައި ހުންނަން ޖެހެއެވެ. އަދި ރަށަށް ދަތުރުކޮށް ރަށުން ސާމްޕަލް ނަގާ ޓެސްޓްކުރުމަށްފަހު ޓެސްޓް ނަތީޖާ ލިބެންދެން ކަރަންޓީނުގައި ހުންނަން ޖެހެއެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *