ދެވަނަ ޓާމުގެ ކިޔެވުން އަންނަ އާދީއްތަ ދުވަހު ފަށާއިރު، ކޮވިޑުން ރައްކާތެރި ވުމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުން ފުރަތަމަ ހަފްތާގައި މާލޭގެ ސްކޫލްތަކުގެ ގުރޭޑް އެކަކުން އަށަކަށް ކިޔަވައިދޭނީ މަދުވެގެން ދެ ދުވަހު ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ ހަލުއިކަމާއެކު ކޮވިޑު ފެތުރެމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން އެޗްޕީއޭއިން އަންގަމުންދާ ކަމަށެވެ. އެހެންވެ، އަންނަ އާދީއްތަ ދުވަހު ދެ ވަނަ ޓާމުގެ ކިޔެވުން ފަށާއިރު މުހިއްމު ކަންތައްތަކަށް ސަމާލުކަން ދިނުމަށް އެދިފައިވެ އެވެ.
އެގޮތުން ދިރާސީ އަހަރުގެ ދެވަނަ ޓަރމްގެ ކިޔަވައިދިނުން ފަށާއިރު ރައްކާތެރި ކަމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުން، ސްކޫލްގެ ހުރިހާ ހަރަކާތްތަކެއްގައި ވެސް ގައި ދުރުކަން ދެމެހެއްޓުމާއި، ދަރިވަރުން ސްކޫލަށް ހާޒިރު ވުމުން ހުންބެލުން އަދި ސެނެޓައިޒްކުރުން ނުވަތަ އަތްދޮވުމާއި، ސްކޫލުގެ ކިޔަވައިދޭ ދަންފަޅި ކުރުކުރުމާއި ކްލާސްރޫމްގައި ދަރިވަރުން ތިބޭއިރު 3 ފޫޓު ދުރުމިން ބެހެއްޓުން ހިމެނެއެވެ. އަދި ގްރޭޑް 1 އިން 8 ގެ ދަރިވަރުން ފުރަތަމަ ހަފްތާގައި މަދުވެގެން 2 ދުވަހު ސްކޫލަށް ހާޒިރުވާ ގޮތަށް ޓައިމްޓޭބަލް ރޭވުމާއި މާސްކު ނަގައިގެން ހިންގަންޖެހޭ އެއްވެސް ހަރަކާތެއް ސްކޫލްގައި ނުހިންގުމާއި ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ހެލްތު ޕްރޮޓެކްޝަން އެޖެންސީން ދޭ އިރުޝާދުތަކަށް އަމަލުކުރަން ސްކޫލްތަކަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ އަންގާފައެވެ.
އެ މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ވަކި ސްކޫލްތަކުގެ ކިޔަވައިދިނުމުގެ އިންތިޒާމްތައް ހަމަޖެހިފައިވާގޮތް އެ ސްކޫލްތަކުން ބެލެނިވެރިންނާއި ހިއްސާ ކުރަމުން ގެންދާނެ ކަމަށެވެ.
މާލެ ހިމެނޭ ސަރަހައްދުގައި ކޮވިޑް ކޭސްތައް އިތުރުވަމުންދާތީ ރައްކާތެރި ކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅެއްގެ ގޮތުން މާލެއިން ރަށްރަށަށް ދާނަމަ ޕީސީއާރު ޓެސްޓް ހެދުން ވަނީ މަޖުބޫރުކޮށްފައެވެ.
މޮނިޓަރިންގެ ހާލަތުގައި އޮންނަ ރަށަކުން ދަރިވަރަކު ނުވަތަ މުވައްޒަފަކު މަސައްކަތް ކުރާ ރަށަކަށް ގޮސް 3-4 ދުވަހުގެ ތެރޭގައި ޕީސީއާރު ޓެސްޓު ހެދުމަށް ފަހު ނަތީޖާ ލިބުމުގެ ކުރިން ސްކޫލަށް ހާޒިރު ނުވާން މިނިސްޓްރީން ވަނީ އަންގައިފަ އެވެ.