އާރޓިކަލް 51 : ކަންކަމުގައި ނިޔަތްރަނގަޅުކުރުމުގެ މުހިންމުކަން

الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.

ކޮންމެމީހަކުވެސް ކޮންމެކަމެއްވެސް ކުރަނީ ހިތުގައި އެކަމެއް ކުރުމުގެ ކޮންމެވެސް ބޭނުމެއް އޮވެގެންނެވެ. މިއީ ޢާއްމުކޮށް، ގަދަބާރުން ހިތުގައި އެވެނި މިވެނިގޮތަކަށް ގޮތެއް ނިންމާޒާތުގެ ކަމެއްގެ ގޮތުގައި އޮންނަ ކަމެއް ނޫނެވެ. ބޮޑަށް އެކަން ވެފައި އޮންނަނީ އެއީ މީހާގެ އުޅުމުގައި ހިތުގައި ހިނގާ ކަމަކަށެވެ. އިންސާނާގެ ނަފްސުގެ އެތެރޭގައި ހިނގާ "ހިތްއެދޭއެދުން" ގެ ހަރަކާތުގެ ތެރެއިން އެމީހެއްގެ ބޭނުން ޙާޞިލުކުރުމަށް ކަންކަން ކޮށް އުޅެނީއެވެ. ނަމަވެސް އިސްލާމްދީންވަނީ މިޒާތަށް ކަންކަން ކުރުމުގެ ބަދަލުގައި ހިތުގައި ގޮތްތަކެއް ކަނޑައަޅައިގެން ދިރިއުޅުމުގެ ކަންކަންވެސް، ޚާއްޞަކޮށް އަޅުކަމުގެ ކަންކަންވެސް ކޮށްއުޅުމަށް ވަރަށްބޮޑަށް ބާރުއަޅާފައެވެ. އެކަންވަނީ ދީނުގެ އެންމެމުހިންމު މައިގަނޑު އެއް އުޞޫލުގެ ގޮތުގައި ކަނޑައަޅުއްވާފައެވެ.

ބުޚާރީ އާއި މުސްލިމް އެދެބޭފުޅުންގެ ޞަޙީޙްގައި، ޢުމަރު رضي الله عنه ގެ އަރިހުން ރިވާކުރެއްވި ޙަދީޘެއްގައި، އެކަން ކަނޑައަޅުއްވާ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: ((إِنَّـمَا الأعْمَالُ بالنِّيَّةِ، ولِكُلِّ امْرِئٍ ما نَوَى، فمَن كَانَتْ هِجْرَتُهُ إلى اللَّهِ ورَسولِهِ فَهِجْرَتُهُ إلى اللَّهِ ورَسولِهِ، ومَن كَانَتْ هِجْرَتُهُ لِدُنْيَا يُصِيبُهَا أوِ امْرَأَةٍ يَتَزَوَّجُهَا، فَهِجْرَتُهُ إلى ما هَاجَرَ إلَيْهِ)) މާނައީ: [ހަމަކަށަވަރުން ޢަމަލުތައް ބިނާވެގެންވަނީ ނިޔަތުގެ މައްޗަށެވެ. އަދި ކޮންމެމީހަކަށްވެސް ވަނީ އެމީހަކު ނިޔަތް ގަތް ކަމެކެވެ. ފަހެ އެގޮތުން ﷲ އާއި އެކަލާނގެ ރަސޫލާއަށްޓަކައި ހިޖުރަކޮށްފިމީހާ، ފަހެ ހިޖުރަކޮށްފައި އެވަނީ ﷲ އަށާއި އެކަލާނގެ ރަސޫލާއަށްޓަކައެވެ. އަދި ދުނިޔެއިން ލިބެންވީ ބައެއް ހޯދުމަށް ނުވަތަ އަންހެނަކާ ކައިވެނި ކުރުމަށް ހިޖުރަކޮށްފިމީހާ، ފަހެ އޭނާގެ ހިޖުރަ އެވަނީ އޭނާ އެހިޖުރަކުރި ކަމަކަށެވެ.]

މިޙަދީޘުގައި އެބުނެދޭ ވާހަކައަކީ އެވާހަކައެއް މުޅި އިސްލާމްދީން އެކަމެއްގެ ވަށައިގެން އެނބުރޭ، އިސްލާމްދީނުގެ އެންމެ މުހިންމު އެއް އުޞޫލުކަމުގައި ނުހަނު ގިނަ ޢިލްމުވެރިންވަނީ ޛިކުރު ކުރައްވާފައެވެ. އެގޮތުން ހިޖުރައިން 238 ގައި އަވަހާރަވި، އެޒަމާނުގެ އެންމެބޮޑު ޙަދީޘް ޢިލްމުވެރިއެއް ކަމުގައިވާ އިސްޙާޤު ބުން ރާހަވައިހި ވިދާޅުވެފައިވެއެވެ: ހަތަރު ޙަދީޘެއްވަނީ ދީނުގެ އުޞޫލުތަކުގެ ތެރެއިންނެވެ. އެއީ [ހަމަކަށަވަރުން ޢަމަލުތައް ބިނާވަނީ ނިޔަތުގެ މައްޗަށް …] މިޙަދީޘާއި [ޙަލާލުކަންކަން ވަނީ ބަޔާންވެގެންނެވެ. އަދި ޙަރާމްކަންކަން ވަނީ ބަޔާންވެގެންނެވެ. ….] މިޙަދީޘާއި [ހަމަކަށަވަރުން ތިޔަބައިމީހުންގެ މީހަކު ޚަލްޤު ކުރައްވާ އޭނާގެ މައިމީހާގެ ބަނޑުގައި ޖަމާކުރެއްވުން …] މިޙަދީޘާއި [އަހަރެމެންގެ މިކަމުގައި (ދީނުގައި) އޭގައި ނެތްކަމެއް އުފައްދައިފިމީހާގެ އެކަންވަނީ ރައްދުވެގެންނެވެ.] މިޙަދީޘެވެ.

ވީމާ ނިޔަތުގެ ޙަދީޘަކީ ދީނުގެ މައިގަނޑު ބޮޑު އުޞޫލެކެވެ. ވާނީވެސް އެހެންތާއެވެ. މިޙަދީޘުން ނެގޭ ޙުކުމަކީ ހުރިހައި ޢަމަލެއް ﷲ ގެ ޙަޟްރަތުގައި ޤަބޫލުވެވުމަށް އެމީހެއްގެ އެޢަމަލެއްގައި ހިތުގައި ކަނޑައެޅިގޮތާއި މަޤްޞަދު ރަނގަޅުވާންޖެހޭނޭ ކަމެވެ. ވީމާ ޤިޔާމަތްދުވަހުގެ ލާބައާ މަންފާއަށް އެދިކުރެވޭ އެންމެހައި ހެޔޮޢަމަލުތަކެއްގެ ފައިދާ ލިބުން ބިނާވަނީ ރަނގަޅު ނިޔަތާއެކުގައި ކުރެވިފައިވުމަށެވެ. މީގެ މާނައަކީ ކޮންމެ ހެޔޮޢަމަލެއްވެސް އަންނަންވާނީ ނިޔަތަކާއެކުގައި ކަމެވެ. އަދި އެނިޔަތް ވާންވާނީ އެޢަމަލު ޤަބޫލުވުމަށް ﷲ سبحانه وتعالى ކަނޑައެޅުއްވި ނިޔަތްކަމުގައެވެ. ނަމާދަކަސް ރޯދަޔަކަސް ޞަދަޤާތަކަސް އަދި އެނޫންވެސް ހެޔޮކަމުގެ ޢަމަލެއްވިޔަސް އެއިން ކޮންމެ ޢަމަލެއް ޢަމަލީގޮތުން ކުރުމުގެ ކުރިން އެކަން ކުރާނެ ޤަޞްދެއް ހިތުގައި ކަނޑައެޅިފައި އޮންނަންޖެހެއެވެ.

އަދި އެޤަޞްދު ވާންޖެހޭނީ ﷲ އެކަން ކުރަން އެންގެވީތީ އެކަލާނގެއަށް ތަބާވެ ކިޔަމަންގަތުމުގެ ބޭނުމުގައި ކުރާ ކަމެއްގެ ގޮތުގައެވެ. ކޮންމެ ޢަމަލެއްގެ ކުރިއަށް މިކަން ހިތުގައި ކަނޑައެޅިފައި އޮންނަންޖެހޭނެއެވެ. މިކަން ﷲ އަށްޓަކައި ކުރާކަމެއްގެ ގޮތުގައި ހިތުގައި ބޭއްވުން އެންމެ އުނދަގޫވަނީ ދުނިޔޭގެ ބޭނުންތަކާއި އެދުންތަކާއި ޤަޞްދުތައް ހިތުގައި އުފެދޭލެއް ގިނަކަމުގެ ސަބަބުންނެވެ. އަބަދުވެސް ދުނިޔޭގެ ޤަޞްދުތައް ހިތުގައި ހުންނަނީ އުފެދި އުފެދިއެވެ. ވީމާ އިސްލާމްދީން މިއަމުރުކުރަނީ އެޤަޞްދުތަކާއި ދެކޮޅަށް ގަދައަޅާ މަސައްކަތްކޮށް، އެޤަޞްދުތައް ބަލިކޮށްލާ، އޭގެ މައްޗަށް ﷲ އަށްޓަކައި ކުރާކަމެއްގެ ގޮތުގައި ބޭއްވުމުގެ ޤަޞްދު ގަދަބާރު ކުރުމަށެވެ. އަބަދާއި އަބަދު ދުނިޔޭގެ ޤަޞްދުތަކުގެ ބަލިމަޑުކަމަށް ފަރުވާކުރުމެވެ. އަދި ފަރުވާކޮށް ނިޔަތް ރަނގަޅު ކުރުމެވެ.

އަލްފަޟްލު ބުން ޒިޔާދު ވިދާޅުވިއެވެ: ތިމަންނާ އަބޫޢަބްދުﷲ އާ (މާނައަކީ އިމާމް އަޙްމަދާ) ޢަމަލުގައި އޮންނަންޖެހޭ ނިޔަތާ މެދު ސުވާލުކުރެއްވީމެވެ. ތިމަން ދެންނެވީމެވެ: ނިޔަތް އޮންނަންވީ ކިހިނެތްތޯއެވެ؟ (އިމާމް އަޙްމަދު) ވިދާޅުވިއެވެ: ކަމެއް ކުރަން ބޭނުންވުމުން އެކަމަކުން މީހުންގެ ފަރާތުން ކަމެއް ބޭނުން ނުވުމަށް ބާރުއެޅުމަށް އޭނާގެ ނަފްސަށް އޭނާ ފަރުވާކުރާނީއެވެ. -اهـ- ވީމާ ހެޔޮޢަމަލުތައް އާޚިރަތަށް އެދި ކުރުމަކީ ނިޔަތް ރަނގަޅުކުރުމެވެ. ﷲ سبحانه وتعالى ގެ ވަޖުހުފުޅު އަދައިގެން ކުރުމަކީ ނިޔަތް ރަނގަޅުކުރުމެވެ. ﷲ سبحانه وتعالى ގެ ލޯތްބާއި ރުއްސެވުން ހޯދުމުގެ ބޭނުމުގައި ޢަމަލުތައް ކުރުމަކީ ނިޔަތް ރަނގަޅު ކުރުމެވެ.

ﷲ ވަޙީކުރެއްވިއެވެ: ﴿مِنْكُمْ مَنْ يُرِيدُ الدُّنْيَا وَمِنْكُمْ مَنْ يُرِيدُ الْآخِرَةَ ۚ﴾ آل عمران :152 މާނައީ: [ތިޔަބައިމީހުންގެ ތެރޭގައި ދުނިޔެއަށް އެދޭމީހުންވެއެވެ. އަދި ތިޔަބައިމީހުންގެ ތެރޭގައި އާޚިރަތަށް އެދޭ މީހުންވެއެވެ.] އަދިވެސް ﷲ سبحانه وتعالى ވަޙީކުރެއްވިއެވެ: ﴿لَّا خَيْرَ فِى كَثِيرٍۢ مِّن نَّجْوَىٰهُمْ إِلَّا مَنْ أَمَرَ بِصَدَقَةٍ أَوْ مَعْرُوفٍ أَوْ إِصْلَٰحٍ بَيْنَ ٱلنَّاسِ ۚ وَمَن يَفْعَلْ ذَٰلِكَ ٱبْتِغَآءَ مَرْضَاتِ ٱللَّهِ فَسَوْفَ نُؤْتِيهِ أَجْرًا عَظِيمًا﴾ النساء :114 މާނައީ: [އެބައިމީހުން ސިއްރުން ދައްކާ ގިނަ ވާހަކަތަކުގައި ހެޔޮކަމެއް ނުވެއެވެ. ޞަދަޤާތް ކުރުމަށް ނުވަތަ ހެޔޮކަމަކަށް ނުވަތަ މީސްތަކުންގެ މެދުގައި އިޞްލާޙުކުރުމަށް އަމުރުކޮށްފި މީހާ މެނުވީއެވެ. އަދި ﷲ ގެ ރުއްސެވުން ހޯދުމަށް އެގޮތަށް ޢަމަލުކުރިމީހާ ދަންނާށެވެ. ފަހެ އެމީހަކަށް ތިމަން ﷲ ބޮޑުވެގެންވާ އަޖުރު ދެއްވާނަމެވެ.]

އެންމެހައި ހެޔޮކަމެއް ކުރުމުގައި އަހަރެމެންގެ ނިޔަތް އޮތީ ކިހިނެއްތޯ ދެނެގަތުމުގެ މުހިންމުކަން ވަރަށްވެސް ބޮޑެވެ. ހުރިހައި ހެޔޮކަމެއްގައި ވިސްނައިގެން މިކަމަށް ގަދައަޅާ މަސައްކަތް ކުރުން ހުއްޓެވެ. އަހަރެމެންގެ ކުރިން ވަޑައިގެންނެވި މިއުންމަތުގެ މާތް ސަލަފުން މިފަދައިން ޢަމަލުކުރުމަށް ބޮޑުމަސައްކަތްތަކެއް ކުރެއްވިއިރު އަހަރެމެން އަޅާނުލައި ތިބެއްޖެނަމަ އަހަރެމެންގެ ޢަމަލުތަކުގައި ހުރީ ކޮން ފައިދާއެއް ހެއްޔެވެ؟ ދެވަނަ ޤަރުނުގެ ކުރީކޮޅު އަވަހާރަވި ތާބިޢީ ބޭކަލެއް ކަމުގައިވާ ޔަޙްޔާ އިބްނު އަބީ ކަޘީރު ވިދާޅުވިއެވެ: "ތިޔަބައިމީހުން ނިޔަތް އުނގެނި ދެނެގަންނާށެވެ. އެހެނީ ފަހެ ހަމަކަށަވަރުންވެސް އެކަމުގެ މުހިންމުކަން ކުރާޢަމަލަށްވުރެ ބޮޑުވެގެންވެއެވެ." އެއްފަހަރަކު ނާފިޢު ބުން ޖުބައިރް އަށް ބުނެވުނެވެ: ޖަނާޒާއަށް ނުދާނަންތޯއެވެ؟ ވިދާޅުވިއެވެ: އަހަރެން ނިޔަތް ގަނެގެން، ތިބާ ފަދައިން އަހަރެންވެސް ދާނަމެވެ. ދެން އެއަށްފަހު ހިނދުކޮޅަކަށް ވިސްނާލައްވަން މަޑުކޮށްލެއްވިއެވެ. ދެންއެއަށްފަހު ވިދާޅުވިއެވެ: ހިނގާށެވެ. ވިސްނާލުން ހުއްޓެވެ. މިއީ އެންމެ ކުރީގެ ދުވަސްވަރުގެ ތާބިޢީންގެ މަސައްކަތެވެ. ޢަމަލުފުޅު ހުރި ގޮތެވެ. އެހެންވާނެތާއެވެ. ޤިޔާމަތްދުވަހުގައި ނިޔަތް ރަނގަޅު ޢަމަލު ނޫން އެހެން ޢަމަލުތައް ﷲ ޤަބޫލު ނުކުރައްވާނެތެވެ. އިބްނު މާޖާ ރިވާކުރެއްވި ޙަދީޘެއްގައި ވެއެވެ: ((إِنَّـمَا يُبعَثُ النَّاسُ عَلَى نِيَّاتِهِمْ)) މާނައީ: [ހަމަކަށަވަރުން މީސްތަކުން މަޙްޝަރު ކުރެވޭހުށީ އެބައިމީހުންގެ ނިޔަތުގެ މައްޗަށެވެ.]

އަޅަމެންނީ އަޅަމެން ކުރާ ހެޔޮޢަމަލުތަކުގައި ނިޔަތް ރަނގަޅު ކުރުމުގެ ހެޔޮތައުފީޤު ލިބިގެންވާ ބަޔަކު ކަމުގައި ލައްވާނދޭވެ! އާމީން!

وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *