الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.
އަހަރެމެންގެ ތެރެއިން ބައެއް މީހުންނަށް އިސްލާމްދީނަކީ ކޮބައިހެއްޔޭ ބުނެވިއްޖެނަމަ ވިސްނުމަށް އަންނާނީ ނުވަތަ ބުނާނީ އެއީ ޝަހާދަތް ކިޔައި އިސްލާމްވުމަށްފަހު، ފަރުޟު ނަމާދު ކުރުމާއި ރޯދަ ހިފުމާއި ޒަކާތްދިނުމާއި ޙައްޖުވުން ކަމުގައެވެ. ނަމަވެސް މިއީ އިސްލާމްދީނަށް ޢަމަލުކުރުމުގައި އުޞޫލީ ކަންތައް ތަކެވެ. މިއީ އިސްލާމްދީނުގެ ފައުންޑޭޝަން އެވެ. އިސްލާމްދީން އެކަންކަމުގެ މަތީގައި ޤާއިމްވާ އެންމެ ވަރުގަދަ އުޞޫލުތަކެވެ. އެޢަމަލުތަކާއި ނުލައި އިސްލާމްދީން ނޯންނާނެ ޢަމަލުތަކެވެ. އެކަންކަމަށް ޢަމަލުކޮށްގެން ނޫނީ އިސްލާމްދީނުގައި ނުހިފެހެއްޓޭނޭ ފަދަ ތަބުތަކެއްފަދަ ކަންކަމެވެ. ނަމަވެސް މިއަދު ބައެއް މުސްލިމުންގެ ނަޒަރުގައި މިއުޞޫލީ ކަންކަން ނުކޮށް ދޫކޮށްލުމަކުންވެސް އެއީ މައްސަލައެއް ނޫނެވެ. ދެން އިސްލާމްދީނަށް އުޅުމަށް އޮތީ ތިމާ ހިތުހުރި ގޮތަކަށް ޢަމަލުކުރުން ހެއްޔެވެ؟ ތިމާ އެވަގުތެއްގައި އެދޭ ކަންކަން ކޮށްލާ އެދޭ ކަންކަން ދޫކޮށްލުން އެއީ އިސްލާމްދީނެއް ނޫނެވެ. އެންމެ ކުޑަމިނުން މިއުޞޫލުތަކާއި ނުލައި އިސްލާމްދީން ނަގަހައްޓާނީ ކިހިނަކުން ހެއްޔެވެ؟ އިސްލާމްދީނަކީ ކޮބައިކަން ބަޔާންކޮށްދެއްވަން ވަޑައިގެންނެވި ޖިބްރީލުގެފާނު ރަސޫލާއަށް ދެންނެވި ފަދައިންނެވެ. މުސްލިމް ރިވާކުރެއްވި ޙަދީޘެއްގައި ޢުމަރު ބުން އަލްޚައްޠާބު ވިދާޅުވިއެވެ: ((بَيْنَمَا نَحْنُ عِندَ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ذَاتَ يَوْمٍ إِذْ طَلَعَ عَلَيْنَا رَجُلٌ شَدِيدُ بَيَاضِ الثِّيَابِ شَدِيدُ سَوَادِ الشَّعْرِ ، لَا نَرَى عَلَيْهِ أَثَرَ السَّفَرِ وَلَا نَعْرِفُهُ ، حَتَّى جَلَسَ إِلَى رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ فَأَسْنَدَ رُكْبَتَهُ إِلَى رُكْبَتِه وَوَضَعَ كَفَّيهِ عَلَى فَخِذِه ثُمَّ قَالَ : يَا مُحَمَّدُ أَخْبِرْنِي عَنِ الإِسْلاَمِ ، مَا الإِسْلَامُ ؟ قَالَ : أنْ تَشْهَدَ أنْ لَا إِلهَ إِلَّا اللهَ وَأنَّ مُحَمَّدًا رَسُولُ اللهِ وَتُقِيمَ الصَّلَاةِ وَتُؤْتِيَ الزَّكَاةَ وَتَصُومَ رَمَضَانَ وَتَحُجَّ الْبَيْتَ إِنِ اسْتَطَعْتَ إِلَيْهِ سَبِيلًا . قَالَ : صَدَقْتَ)) الحَدِيث… މާނައީ: [އަހަރެމެން އެއްދުވަހެއްގައި ﷲ ގެ ރަސޫލާ صلى الله عليه وسلم ގެ އަރިހުގައި ތިއްބަވަނިކޮށް އަހަރެމެންގެ ތެރެއަށް މީހަކު އައެވެ. އޭނާގެ ހެދުން ވަރަށް ހުދުވެފައި ބޮލުގެ އިސްތަށިގަނޑު ވަރަށް ކަޅެވެ. އަހަރެމެންނަށް އޭނާގެ ކިބައިން ދަތުރުކޮށްފައި އައިމީހެއްގެ އެއްވެސް އަސަރެއް ފެންނާކަށް ނެތެވެ. އަދި އަހަރެމެން އެމީހަކު ނުވެސް ދަންނަމެވެ. އެމީހަކު އައިގޮތަށް އައިސް ﷲ ގެ ރަސޫލާ صلى الله عليه وسلم ގެ ކަކޫފުޅާ އޭނާގެ ކަކުލާ ދިމާވާގޮތަށް އިށީނދެ އޭނާގެ ދެއަތްތިލަ ފަލަމަސްގަނޑު މަތީގައި ބޭއްވުމަށްފަހު ވިދާޅުވިއެވެ: އޭ މުޙައްމަދު އެވެ. ތިމަންނާއަށް އިސްލާމްދީން ކިޔައިދޭށެވެ. އިސްލާމްދީނަކީ ކޮބައިހެއްޔެވެ؟ ޙަދީޘްކުރެއްވިއެވެ: ﷲ ފިޔަވާ ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވާކަމަށް ތިބާ ހެކިވުމާއި މުޙައްމަދުގެފާނީ ﷲ ގެ ރަސޫލާކަމަށް ހެކިވުމެވެ. އަދި ނަމާދު ޤާއިމްކުރުމާއި ޒަކާތް އަދާކުރުމާއި ރަމަޟާންމަހުގެ ރޯދަހިފުމާއި ޙައްޖަށް ދިއުމުގެ ކުޅަދާނަކަން ލިބިގެންވާ ނަމަ ގެފުޅަށް ޙައްޖުވުމެވެ. އޭނާ ދެންނެވިއެވެ: ތިޔަ ވިދާޅުވީ ރަނގަޅަށެވެ.] މިއީ ޙަދީޘެއްގެ ބައެކެވެ… މިޙަދީޘްގެ އަލީގައި ބައެއް މީހުންނަށް ފަހުމްވެގެންދަނީ އިސްލާމްދީނަކީ މިފަސްކަންތައް އެކަނި ކަމުގައެވެ.
އެހެންނަމަވެސް އިސްލާމީދީނަށް ޢަމަލުކުރުން މިޢަމަލުތަކާއި ހިސާބަކުން ނުހުއްޓޭނެއެވެ. އެއަށްވުރެ ފުޅާވެގެން އެކަން ދެއެވެ. މިކަމަށް ދަލީލުކޮށްދެނީ ހަމަ މިޙަދީޘް އިބްނު ޙިއްބާން އެކަލޭގެފާނުގެ ޞަޙީޙް ގައި ރިވާކުރެއްވީ ޙަދީޘްގައި އިތުރަށް ޛިކުރުކުރައްވާފައިވާ ކަންކަމުންނެވެ. އެރިވާޔަތުގައިވެއެވެ: [އަދި ތިބާ ޙައްޖުވުމެވެ. އަދި ޢުމްރާކުރުމެވެ. އަދި ޖުނުބުވެރިކަމުން ހިނައިގަތުމެވެ. އަދި ވުޟޫ ފުރިހަމަ ކުރުމެވެ. އަދި ރަމަޟާން މަހުގެ ރޯދަ ހިފުމެވެ.] މިރިވާޔަތުގައި އެވަނީ މިޙަދީޘްގެ މަޝްހޫރު ހުރިހާ ރިވާޔަތެއްގައި ވާ ކަންކަމަށްވުރެ އިތުރު ކަންކަމެވެ. މިފަދަ ކަންކަން އަމިއްލަ ބުއްދިން ވިސްނާލިއަސްވެސް އެނގިގެން ދެއެވެ. ހަމަގައިމުވެސް ވުޟޫއާއި ނުލައި ނަމާދު ޤާއިމް ނުކުރެވޭނެތެވެ. އެފަސް ކަންތަކުގެ އިތުރުންވެސް އިސްލާމްދީނަށް އުޅުމަށްޓަކައި އިތުރު ކަންކަމަށް ޢަމަލުކުރުން ލާޒިމްކަން އެނގިގެންދެއެވެ. ނަމަވެސް އިސްލާމްދީނުގެ އަސާސީ މައިގަނޑު ވަނީ ފަސް ކަމެކެވެ. އެކަން ބައެއް ރިވާޔަތްތަކުގައި ވާ ތަންކޮޅެއް ބަލައިލުމުން އެނގިގެންދެއެވެ. މިޙަދީޘްގެ ބައެއް ރިވާޔަތްތަކުގައިވެއެވެ: އެއްސެވިއެވެ: [ތިމަންނާ އެކަންކަން ކުރުމުން ތިމަންނާއީ މުސްލިމެއްތޯއެވެ؟ ވިދާޅުވިއެވެ: [އާއެކެވެ.] ވީމާ މިޙަދީޘްގެ ރިވާޔަތްތައް އެއްކޮށްލުމުން ފުރިހަމަ މާނައިގެ ގޮތުގައި ފަހުމްވެގެންދަނީ، މިފަސް ކަންތައް ކޮށްފިނަމަ އިސްލާމްދީނުގެ ފަސް އަސާސަށް އޭނާ ޢަމަލުކޮށްފިކަމެވެ. އަދި އޭނާ ހަމަ ޙަޤީޤަތުގައިވެސް މުސްލިމަކަށް ވެއްޖެކަމެވެ. އެހެންނަމަވެސް އޭގެ ތެރެއިން ޝަހާދަތުގެ ދެކަލިމަ ކިޔާ އިސްލާމްވުމުން ޙުކުމީ ގޮތުން އިސްލާމަކަށް ވެގެން ދިޔައީއެވެ. މާނައަކީ އޭނާއާ މެދު އެހެންމީހުން އެއީ މުސްލިމެއްގެ ގޮތުގައި ދެކެންޖެހޭނޭ ކަމެވެ. ދެން އޭނާ އެހިސާބުން އިސްލާމްދީނަށް އެވަދެވުނީއެވެ. ދެން އެއަށްފަހު ދީނުގެ އަސާސީ ކަންކަން ކުރުމާއެކު ﷲ سبحانه وتعالى އާއި އެކަލާނގެ ރަސޫލާ صلى الله عليه وسلم އަމުރު ކުރެއްވި ކޮންމެ ކަމެއް ކުރުން އޭނާއަށް ލާޒިމްވެގެން ދެއެވެ. އަދި އެކަންކަމަށް ޢަމަލުކުރުންވެސް އެއީ އޭނާގެ އިސްލާމްދީން ކަމުގައި ވެގެންދެއެވެ. އޭގެ ތެރެއިން އެންމެ މުހިންމުވެގެންވަނީ ފަރުޟު ފަސްނަމާއި ޒަކާތްދިނުމާއި ރަމަޟާންމަހުގެ ރޯދަ ހިފުމާއި ޙައްޖުވުމެވެ. ދެން އެއަށްފަހު އޭގެ އިތުރުން ﷲ سبحانه وتعالى އާއި އެކަލާނގެ ރަސޫލާ صلى الله عليه وسلم އަމުރުކުރެއްވި ކަންކަމެވެ. އިސްލާމްދީނުގެ ތެރެއަށް މިފަދަ އެންމެހައި އަމުރުފުޅެއް ވަދެގެންދާކަން އަންގައިދޭ ގިނަ ޙަދީޘްތަކެއްވެއެވެ. އެގޮތުން ބުޚާރީ ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ: ((الْمُسْلِمُ مَنْ سَلِمَ الْمُسْلِمُونَ مِنْ لِسَانِهِ وَيَدِهِ)) މާނައީ: [މުސްލިމަކީ އެހެންމުސްލިމުން އެމީހެއްގެ ދުލުންނާއި އެމީހެއްގެ އަތުން ސަލާމަތްކަން ލިބިގެންވާ މީހާއެވެ.] މިއިން އެނގެނީ އިސްލާމެއްގެ ގޮތުގައި ވުމަށްޓަކައި އެހެންމީހުންނަށް ދުލުންނާއި އަތުން އުނދަގުލާއި އަނިޔާ ދިނުން ހުއްޓާލަންޖެހޭ ކަމެވެ. އެހެންނޫނީ އެމީހަކު ދީނުން ބޭރުވެގެން ނުދިޔައެއްކަމަކު އޭނާގެ އިސްލާމްކަން އުނިވެގެންދާނޭ ކަމެވެ.
އަދިވެސް މިކަމަށް ބާރުދޭ އެހެން ޙަދީޘެއްގައި އަލްޙާކިމް އަބޫހުރައިރާ ގެ އަރިހުން ރިވާކުރެއްވި ޙަދީޘެއްގެ މާނައިގައިވެއެވެ. ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: [ހަމަކަށަވަރުން އިސްލާމްދީނަކީ މަގުދެއްކުމަށް ކޮޅަށްޖެހިފައިވާ ހިލައެކެވެ. މަގުމަތީގައިވާ މުންނާރެއް ވާފަދައިންނެވެ. އެއީ ﷲ އަށް އެކަނި އަޅުކަން ކުރުމެވެ. އަދި އެކަލާނގެއާ އެހެން އެއްވެސް ފަރާތެއް ބައިވެރި ނުކުރުމެވެ. އަދި ތިބާ ނަމާދު ޤާއިމް ކުރުމެވެ. އަދި ޒަކާތް ދިނުމެވެ. އަދި ރަމަޟާން މަހުގެ ރޯދަ ހިފުމެވެ. އަދި ހެޔޮކަންކަމަށް ގޮވާލައި ނުބައިކަންކަން މަނާކުރުމެވެ. އާދަމުގެ ދަރިންނާއި ދިމާވުމުން އެމީހުންނަށް ސަލާމް ގޮވުމެވެ. އަދި ތިބާގެ ގެއަށް ވަންނަމުން ގޭގެ އަހުލުވެރިންނަށް ސަލާން ގޮވުމެވެ. ފަހެ އެއިން ކަމެއް އުނިކޮށްފިމީހާ، އޭނާ އެދޫކޮށްލީ އިސްލާމްދީނުގެ ބައެކެވެ. އަދި އެއެންމެހައި ކަމެއް ދޫކޮށްލައިފިނަމަ ފަހެ އޭނާ އޭނާގެ ފުރަގަހަށް އިސްލާމްދީން ނަގާ އެއްލާލައިފިއެވެ.]
އިސްލާމްދީނަށް އޭގެ އެންމެފުރިހަމަ ގޮތުގައި ޢަމަލުކުރުމުގެ ހެޔޮ ތައުފީޤު ދެއްވުން އެދި ދުޢާކުރަމެވެ! އާމީން!
وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.