އިރުއޮއްސި މޫނު އަނދިރިވެއްޖެއެވެ. އަތިރިމަތީ ކުޅެންތިބި ދެ ޖިންސުގެ ކުދި ބޮޑު އެންމެންވަނީ އެބައެއްގެ މަންޒިލަށް ގޮސް ހުސްވެފައެވެ. މުޅި އަތިރިމައްޗަށްވަނީ ހަމަހިމޭންކަން ވެރިވެފައެވެ. އެއްވެސް ދިރޭ އެއްޗެއްގެ ހިލަމެއް ވާހެނެއް ހިއެއްނުވެއެވެ. ނަމަވެސް އަދިވެސް ރާމިޒާ އެއިންތަނުގައި ޖެހި ބުދެއްހެން އެބައިނދެއެވެ. ހީވަނީ ވަރަށް ބޮޑު ފުން ޚިޔާލެއްގައި އިންހެނެވެ. ރާމިޒާގެ ވަށައިގެންވާ މާހައުލުގައި ހިނގާ އެއްވެސް ކުލައެއް ރާމިޒާއަކަށް ފެންނަހެނެއް ހިޔެއްނުވެއެވެ. ވާނީވެސް އެހެންތާއެވެ. މިއަދު ރާމިޒާއަކީ ރަށުގައި ހުރި އެންމެ ނިކަމެތި މީހާއެވެ.
އެއީ މީގެ ތިރީސް އަހަރު ކުރިއެވެ. ރާމިޒާއަކީ އޭރު ރަށުގެ އެންމެންގެ ޤަދަރާއި ލޯބި ލިބިފައިވާ ޒުވާން ޖިންސުއްލަތީފެކެވެ. ރަށުފެންވަރުން ކިޔެވޭ އެންމެ މައްޗަކަށް ކިޔަވައިގެން މާލެގޮސް ފެމެލީ ހެލްތުވޯކަރުކަން ކިޔަވައިގެން އެނބުރި ރަށަށްއައިސް ރަށަށް ޚިދުމަތްކުރުމުގައި ދެމިހުރި ޚިދުމަތްތެރިއެކެވެ. އެހާމެ އަޚުލާޤު ރަނގަޅު މީހުންނާއި ގުޅޭ ޒުވާނެކެވެ. ރާމިޒާ މަސައްކަތްކުރަމުން އައީ ރަށުގެ ސިއްޙީ މަރުކަޒުގައި ހެލްތު ވޯކަރެއްގެ ވަޒީފާގައެވެ. މާގިނަދުވަސްތަކެއްނުވެ، ސިއްޙީ މަރުކަޒުގައި އުޅުނު ހަމީދަކީވެސް ރާމިޒާކަހަލަ ރަށުގެ އެންމެން ވެސް ލޯބިވާ އެކެކެވެ. ރާމިޒާއާއި ހަމީދު އެއްތަނެއްގައި މަސައްކަތް ކުރުމުގެ ނަތީޖާއަކަށްވީ ދެމީހުންގެ ހިތުގައި ވެސް އެއްވިންދެއް ޖަހަން ފެށުމެވެ. މާގިނަދުވަހަކު ރައްޓެހިވެގެން ނޫޅެ ދެ މީހުންވެސް ނިންމީ ޒަވާޖީ ހަޔާތެއް ފަށާށެވެ. ދެ ފަރާތުގެ އާއިލާ ވެސް ބޭނުންވީ ދެކުދިންގެ ކާވެނި އަވަސްކުރުމަށެވެ. އެހެންކަމުން މާގިނަދުވަހެއް ނުވެ، މި ދެ ކުދިންގެ ކާވެނިކުރެވި އަހަރެއްވެސް ނުވެ އުޅެނިކޮށް އާއިލލާއަށް އިތުރުވީ ލޯބިލޯބި ފިރިހެން ކުއްޖެކެވެ.
ރާމިޒާގެ ދިރިއުޅުން ވަރަށް ވެސް ފުރިހަމައެވެ. ފިރިމީހާގެ ލޯބި އިންތިހާއަށް ލިބެއެވެ. ހަމައެހެންމެ ކުޑަކުޑަ މަޖީދު ބޮޑުވަމުން އައީ ރާމިޒާއާއި ހަމީދުގެ އިތުރުން ދެއާއިލާގެ ލޯބިވެސް ލިބިގެން އުފާވެރި މާހައުލެއްގައެވެ. ރާމިޒާގެ ހުރިހާ ވެސް އުންމީދެއް ގުޅިފައިވަނީ މަޖީދު ރަނގަޅުގޮތުގައި ތަރުބިއްޔަތުކޮށް މުޖުތަމައަށް ފައިދާހުރި ޒުވާނަކަށް ހެދުމަށެވެ. މަޖީދު ބޮޑުވަމުން އައިސް އުމުރުން ބާރައަހަރު ފުރުމުން އިތުރަށް ކިޔަވައިދިނުމަށްޓަކައި މާލޭގައި ހުރި ރާމިޒާގެ ދައްތައެއްގެ ގާތަށް މަޖީދު ފޮނުވިއެވެ. މަޖީދަށް ރަނގަޅު ތައުލީމެއް ހޯދައި ދިނުމުގެ އުންމީދުގައެވެ. ދުވަސްތައް މާޒީއާއި އެކުވަމުން ގޮސް ބަރާބަރު 12 އަހަރު ފާއިތުވެގެން ދިޔައިރު މިހާރު މަޖީދަކީ ރާއްޖޭގައި ހުރި އެންމެ ޒުވާން ހިތުގެ ޑޮކުޓަރެވެ. ރާމިޒާގެހުރިހާ އުންމީދެއް މިވަނީ ފުރިހަމަވެގެން ގޮސްފައެވެ. ދެކެމުން އައި ހުވަފެނުގައި ކުލަޖެހި ނިމިފައެވެ. މިއަދު މަޖީދަކީ ކާކުކަން ނޭނގޭ އެކަކު ވެސް ނެތެވެ.
މިއަދު ރާމިޒާގެ ހިތަށްއަރައެވެ. މި ދުނިޔޭގައި ހުރި އެންމެ ނަސީބުގަދަ މީހަކީ އަހަންނެވެ. އަހަރެން ބިނާކުރަމުން އައި ގަނޑުވަރު ފުރިހަމަވެއްޖެއެވެ. ރާމިޒާގެ ހަޔާތަށް އައިއުފާވެރިކަން މާގިނަދުވަހަކުދެމި ނޯތެވެ. ކުއްލިއަކަށް ހަމީދުވެސް މިދުނިޔެއާއި ވަކިވެއްޖެއެވެ. މިކަން ވެގެން ދިޔައީ ރާމިޒާގެ ހަޔާތަށް ބިންދާލި ބޮޑުރާޅަކަށެވެ. އެ ރާޅުދަށުވެ ރާމިޒާގެ ހަޔާތް އޮޔާލައިފިއެވެ. ދާނެ ވަކި މަންޒިލެއް މިސްރާބެއްނެތި ރާޅުގެ ހޮޅީލައިފިއެވެ. ދަރިފުޅު މަޖީދަށް މަންމަ ގާތަށް އަންނާނެ ފުރުސަތެއް ނުލިބި ވަޒީފާގެ އަވަދި ނެތުމުގައި ތާށިވެއްޖެއެވެ. އެހެންކަމަކާ ވިސްނުމަށްވުރެ، އަމިއްލަ ދިރިއުޅުމުގެ މުހިންމުކަން އިޙުސާސް ވާންފަށައިފިއެވެ. މިއަދު މައިންބަފައިން ލޯބޯ ފިއްސައިގެން ހޯދައިދިން މަތިވެރި މަޤާމު ހަނދާން ނައްތާލައިފިއެވެ. އެ މީހުންވީ ޤުރުބާނީގެ އަގު ހަނދާން ނެތިއްޖެއެވެ. މައިންބަފައިން ދިން ތަރުބިއްޔަތެއް މިއަދު މަޖީދުގެ އުޅުމަކުން ނުފެނެއެވެ. އަދިވެސް ރާމިޒާ އިންތިޒާރުކުރަނީ ދަރިފުޅު މަންމަ ދެކިލުމަށް އަންނާނެކަމަށެވެ.
ދުވަސްތައް މާޒީވަމުން ދާވަރަކަށް ރާމިޒާގެ ގައިބާރުދެރަވެ، ބަލިއެނދެއްގައި ގިނަވަގުތު އޮންނަން ޖެހިއްޖެއެވެ. ރާމިޒާ މުޅިން އެކަނިވެއްޖެއެވެ. ދަރިފުޅު މަޖީދަށް އެތައް ސިޓީއެއް ފޮނުވިއްޖެއެވެ. އެއިން އެއްވެސް ސިޓީއަކަށް ޖަވާބެއް ނާދެއެވެ. ނަމަވެސް ރާމިޒާގެ ކޮންމެ ދުވަހަކީ މަޖީދަށް ކުރެވޭ ދިގު އިންތިޒާރެކެވެ. މިގޮތުގައި ރާމިޒާގެ ހަޔާތުގެ ދުވަސްތައް ގުނަމުން ދެއެވެ. ރަށުގައި އުޅޭ މީހުންވެސް މިހާރު ރާމިޒާއަކަށް ބަލައެއް ނުލައެވެ. ވާނީވެސް އެހެންތާއެވެ. މިއަދު ރާމިޒާއަތުގައި މީހަކަށް ދިއްކޮށްލާނެ ބޭސް ގުޅައެއްގެ މިންވަރުވެސް ނެތެވެ. ޚުދު ރާމިޒާ ބަލިވެއުޅޭ އިރުވެސް ކާލާނެ ބޭސްގުޅައެއް ނެތެވެ.
ކުއްލިއަކަށް ރާމިޒާއަށް ފުންމައިގެން ތެދުވެވުނީ ކައިރީގައި ހުރި ރުކުން ވެއްޓުނު ކާށީގެ އަޑަށެވެ. މުޅިތާގައި ކުދިންތައް ދުވެ ހަދަނީއެވެ. ހެނދުނުވީއެވެ. ކުއްލިއަކަށް ރާމިޒާއަށް ހަނދާން ވީ ރޭހަތަރުދަމު މިއިނދެވުނީ މިތާއިން ބޮޑު ކާނިގަސް ބުޑުގައިކަމެވެ. މިހާރު ރާމިޒާއަކަށް މިއީ އާކަމެއް ނޫނެވެ. ކޮންމެ ދުވަހަކުވެސް މާލެއިން އަންނަ ދޯނިތައް ބަލަން ހަވީރު ރަށުގެ އަތިރިމައްޗަށް ނިކުމެ، ރާމިޒާ އިންނަނީ ދަރިފުޅު މަޖީދުގެ އިންތިޒާރުގައެވެ. މި އިންތިޒާރަކީ ދުވަހަކު ނިމުމެއް ނެތް އިންތިޒާރެކެވެ.
(ނިމުނީ)