އަޙްމަދިއްޔާ އަކީ ކުޑަ ޖާގައެއްގައި ވަރަށް ގިނަ ކުދިންނަށް ޚިދްމަތްދޭ ސްކޫލެއްކަމުގައި އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ އެސިސްޓެންޓް ޕްރިންސިޕަލް މޫސާ ޞަލާޙް ވިދާޅުވެއްޖެއެވެ. މިއަދު ޓެލެވިޜަން މޯލްޑިވްސް އިން ގެނެސްދިން "ހެނދުނު ހެނދުނާ" ޕްރޮގްރާމް ގައި ވާހަކަފުޅު ދައްކަވަމުން ޞަލާޙް ވިދާޅުވީ. 200 ކުދިންނާއެކުގައި މިސްކޫލް ފެށުނު ކަމުގައި ވިޔަސް މިއަދު ވަރަށް ގިނަ އަދަދެއްގެ ކުދިން ސްކޫލް ނިންމާ ގުރެޖުއޭޓްވެ ގޮސްފައިވެސް ވެއްޖެކަމުގައެވެ.
" އަޙްމަދިއްޔާ އަކީ އެންމެ ތުއްތު ކުދިން (ބޭބީ ނާސަރީ) ފެށިގެން ގްރޭޑް 12 އާ ހަމައަށް އެއް ފުރާޅެއްގެ ދަށުން ތަޢުލީމް ދޭ ސްކޫލެއް. އަޅުގަނޑުމެން ކިޔަވައިދޭން ބޭނުންވާ ހުރިހާ އެއްޗެއް ހިމެނިފައިވާ ސްކޫލެއް. އަޅުގަނޑުމެން ކުޑަ ޖާގައެއްގައި ވަރަށް ބައިވަރު ކުދިންނަށް ޚިދްމަތް ދެން. ހަމަ އެހެންމެ ބެލެނިވެރިން އަޅުގަނޑުމެންދޭ ޚިދްމަތް ބަލައިގެންވެސް ގަނޭ. " ޞަލާޙް ވިދާޅުވިއެވެ.

ޞަލާޙް ވިދާޅުވީ، ވަރަށްގިނަ ބޭފުޅުން ގެ ކުދިން ސްކޫލަށް ވަންދަން ކުލާސްތަކުން ޖާގަވެސްއެބަ ހޯއްދަވާކަމާއި މިދެންނެވި ހުރިހާ އުމުރު ފުރާއަކަށް ކިޔަވައިދިނުމަކީ، ކުޑަ ޖާގައެއްގައި ވަރަށް ބޮޑު ޗެލެންޖެއް ކަމުގައެވެ. އެކުދިންނަށް ބޭނުންވަނީ ހަމަ އެކަނި ކުލާސްރޫމްގެ މާހައުލެއްވެސް ނޫން ކަމާއި އެކިއެކި އުމުރުފުރާތަކަށް ޚާއްޞަ ކުޅިވަރާއި އެކިއެކި ހަރަކާތްތައް ކުރިއަށްގެންދަން ވަރަށް ބޮޑު ޖާގައެއް ބޭނުންވާ ކަމަށް ވެސް ޞަލާޙް ވިދާޅުވިއެވެ. މިހާރު ދިމާވާ އެންމެ ބޮޑު ޗެލެންޖަކީ، ލިބިފައި ހުރި ކެޕޭސިޓީގައި ޚިދްމަތް ފުރިހަމައަށް ދެވޭތޯ ބެލުން ކަމާއި އުފަލާއެކު ފާހަގަކުރަން ޖެހެނީ، މުޖުތަމައިން އަޅުގަނޑުމެން މިދޭ ޚިދްމަތް ވަރަށް ފުރިހަމައަށް ބަލައި ގަންނަކަން އިހުސާސް ކުރެއްވޭތީ ކަމަށް ވެސް ޞަލާޙް ވިދާޅުވިއެވެ.

"ހެނދުނު ހެނދުނާ" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ސީނިއަރ އެސިސްޓެންޓް ޕްރިންސިޕަލް އަޙްމަދު ޝަފީގް ވިދާޅުވީ، އަޙްމަދިއްޔާ އަކީ މައްޗަންގޮޅީ ރައްޔިތުން ވަރަށް ލޯބިވާ ސްކޫލެއް ކަމާއި މައްޗަން ގޮޅީރައްޔިތުންގެ ސްކޫލެއް ކަމުގައެވެ. ސްކޫލުން ހޯދަމުން ދާ ކާމިޔާބީގެ އަސްލަކީވެސް މައްޗަންގޮޅީ ރައްޔިތުން ފަޚުރުވެރިވާ ކާމިޔާބީ ތަކެއްކަމާއި ސްކޫލުން ތަޢުލީމް ހާޞިލް ކުރައްވައިގެން ތިއްބެވި ބޭފުޅުންތަކެއް ސްކޫލްގައި މަސައްކަތް ކުރައްވާ ކަން ފާހަގަ ކުރެއްވިއެވެ. އަދި އެބޭފުޅުންނަކީ އަޙްމަދިއްޔާގެ ލޯބި ހުރެގެން އަޙްމަދިއްޔާއަށްޓަކައި މަސައްކަތް ކުރައްވާ ބޭފުޅުން ކަމާއި އެއީވެސް ލިބޭ ވަރަށް ބޮޑު ކުރިއެރުމަކާއި ފަޚްރެއް ކަމަށް ޝަފީޤު ވިދާޅުވިއެވެ. އަޙްމަދިއްގެ ތާރީޚަށް ބަލާއިރު އަހްމަދިއްޔާގެ ތާރީޚް މިއޮތީ މައްޗަންގޮޅިއާ ގުޅި ލާމެހިފައިކަމާއި އަދިވެސް އަޙްމަދިއްޔާ ހިންގަމުންދަނީ، މައްޗަން ގޮޅި މަދަރުސާއެއްގެ ގޮތުގައި ކަމަށްވެސް ޝަފީޤު ވިދާޅުވިއެވެ.