ބުރާސްފަތި, 24 އޭޕްރިލް 2025

އާރޓިކަލް 54 : ޤަޟާޤަދަރަށް އީމާންވުމުގެ ޢަޤީދާއަށް ފުރިހަމައަށް ތަބާވުން

الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.

ޤަޟާޤަދަރަށް އީމާންވުމަކީ އީމާންކަމުގެ ރުކުންތަކުގެ ތެރެއިން ރުކުނެކެވެ. މާނައަކީ ޤަޟާޤަދަރުގެ މައްސަލައިގައި ޤުރުއާނާއި ސުންނަތުން ސާބިތުވާގޮތަށް އީމާންވާންޖެހޭނޭ ކަމެވެ. އެނޫންގޮތަކަށް އެކަމުގައި ޤަބޫލުކުރާގޮތް ބަދަލުވެއްޖެނަމަ އެއީމާންކަން ނަފީވާނޭކަމެވެ. އަދި އީމާންކަމުގައި މައްސަލަޖެހިފައިވާ ޙާލުގައި އިސްލާމްދީނަށް ޢަމަލުކޮށްގެން، އެޢަމަލުތައްވެސް ބޭކާރުވާނޭ ކަމެވެ. ޢަމަލުތަކުގެ ފައިދާއެއް ކުރަނީ އީމާންވާންޖެހޭ ރުކުންތަކަށް ފުރިހަމައަށް އީމާންވެގެންނެވެ. ޤަދަރުގެ މައްސަލައިގައި ޤުރުއާނާއި ސުންނަތުން އެނގެން އޮތް ގޮތް، އެނޫންގޮތަކަށް ވިސްނުން ބަދަލުކުރި ބަޔަކު އެކަން ބަދަލުކުރީ ވަރަށް ކުރީންނެވެ. މިބިމުގައި ރަސޫލާ صلى الله عليه وسلم ގެ އަޞްޙާބު ބޭކަލުންވެސް ދުނިޔޭގައި ދިރިއުޅުއްވަމުން ގެންދަވަނިކޮށެވެ.

އެކަން އިމާމް މުސްލިމް ރިވާކުރެއްވި މިޙަދީޘުން ވަރަށް ސާފުކޮށް އެނގިގެން ދެއެވެ. އެރިވާޔަތުގައި يَحيَى بنُ يَعمَرَ ގެ އަރިހުން ރިވާވެގެންވެއެވެ: އެންމެފުރަތަމަ ޤަދަރުގެ ވާހަކަ (މާނައަކީ: އަޅުތަކުންގެ ޢަމަލުތައް އެބައިމީހުން އެޢަމަލެއް ކުރުމުގެ ކުރިން މާތްﷲ ދެނެވޮޑިގަންނަވާނޭ ކަމާމެދު އިންކާރުކުރުމުގެ ވާހަކަ) ދެއްކިމީހަކީ مَعْبَدٌ الجُهَنِيُّ އެވެ. ދެން ތިމަންނާއާއި حُمَيْدُ بنُ عبدِ الرَّحْمَنِ الحِمْيَرِيُّ އާ ދެމީހުން ޙައްޖަށް ނުވަތަ ޢުމްރާއަށް ނިކުތީމެވެ. އަހަރެމެން ބުނީމުއެވެ: ﷲގެ ރަސޫލާ صلى الله عليه وسلم ގެ އަޞްޙާބުބޭކަލުންގެ ތެރެއިން އެއްވެސް ބޭކަލަކާއި އަހަރެމެންނާ ބައްދަލުވެއްޖެ ނަމަ އަހަރެމެން އެބޭކަލަކާއި، އެބައިމީހުން ޤަދަރުގެ ކަންތަކުގައި އެދައްކާ ވާހަކައާމެދު ސުވާލުކުރާނަމެވެ. ދެން عبدُ اللهِ بنُ عُمَرَ بنِ الخَطَّابِ އާ މިސްކިތުގެ ތެރެއިން އަހަރެމެންނާ ބައްދަލުވާގޮތް މެދުވެރިވިއެވެ. ދެން ތިމަންނާއާއި ތިމަންނާގެ ރަޙްމަތެތެރިޔާ އެޞަޙާބީގެ ވަށާލީމެވެ. އެކަކު އެޞަޙާބީގެ ކަނާތްފަރާތުންނެވެ. އަނެކަކު ވާތްފަރާތުންނެވެ. ދެން ވާހަކަތައް ފަށަން ތިމަންނާގެ ރަޙްމަތްތެރިޔާ ތިމަންނާއާ ޙަވާލުކުރިކަމަށް ވިސްނިގެން ތިމަންނާ ދެންނެވީމެވެ: އޭ أبُو عَبْدِ الرَّحْمَنِ އެވެ. ހަމަކަށަވަރުން އަހަރެމެން އުޅޭ ހިސާބުގަނޑުން ޤުރުއާން ކިޔަވާ އުޅޭ އަދި ދީނީޢިލްމުގެ ފަހަތުން އުޅޭ ބަޔަކު ފާޅުވެއްޖެއެވެ. އަދި އެބައިމީހުންގެ ކަންތައްތައް ކިޔައިދެއްވިއެވެ. އެބައިމީހުން ދަޢުވާކުރާ ގޮތުގައި ޤަދަރެއް ނުވެއެވެ. އަދި ކަންތައްތައް ހިނގަނީ ޤަދަރެއްނެތި އެކަލާނގެ ޢިލްމުފުޅަކާވެސް ނުލައެވެ. އެޞަޙާބީ ވިދާޅުވިއެވެ: ތިބާ އެބައިމީހުންނާ ބައްދަލުވެއްޖެ ނަމަ، އެބައިމީހުންނާ ތިމަންކަލޭގެފާނު ބަރީއަވެގެންވާ ކަމަށް އެބައިމީހުންނަށް ދަންނަވާށެވެ. އަދި އެބައިމީހުންވަނީ ތިމަންޞަޙާބީއާ ބަރީއަވެގެންކަންވެސް ދަންނަވާށެވެ. އަދި عبدُ اللهِ بنُ عُمَرَ ހުވާކުރައްވާ ވިދާޅުވިގޮތުގައި އެބައިމީހުން އުޙުދު ފަރުބަދަ މިންވަރަށް ރަން ހޭދަކުރި ކަމުގައި ވީނަމަވެސް، އެބައިމީހުން ޤަދަރަށް އީމާންވެއްޖައުމަށް ދާންދެން، ﷲ އެމީހުންގެ ކިބައިން އެކަން (މާނައީ އެހޭދަކުރުން) ޤަބޫލު ނުކުރައްވާނެއެވެ.

ދެން އެއަށްފަހު އެޞަޙާބީގެ ބައްޕާފުޅު عُمَرُ بنُ الخَطَّابِ ގެ އަރިހުން އަޑުއައްސަވާފައިވާ ޙަދީޘް ވިދާޅުވެދެއްވިއެވެ: ((بيْنَما نَحْنُ عِنْدَ رَسولِ اللهِ صَلَّى اللَّهُ عليه وسلَّمَ ذاتَ يَومٍ، إذْ طَلَعَ عليْنا رَجُلٌ شَدِيدُ بَياضِ الثِّيابِ، شَدِيدُ سَوادِ الشَّعَرِ، لا يُرَى عليه أثَرُ السَّفَرِ، ولا يَعْرِفُهُ مِنَّا أحَدٌ، حتَّى جَلَسَ إلى النبيِّ صَلَّى اللَّهُ عليه وسلَّمَ، فأسْنَدَ رُكْبَتَيْهِ إلى رُكْبَتَيْهِ، ووَضَعَ كَفَّيْهِ علَى فَخِذَيْهِ. وَقالَ: يا مُحَمَّدُ أخْبِرْنِي عَنِ الإسْلامِ، فقالَ رَسولُ اللهِ صَلَّى اللَّهُ عليه وسلَّمَ: الإسْلامُ أنْ تَشْهَدَ أنْ لا إلَهَ إلَّا اللَّهُ وأنَّ مُحَمَّدًا رَسولُ اللهِ صَلَّى اللَّهُ عليه وسلَّمَ، وتُقِيمَ الصَّلاةَ، وتُؤْتِيَ الزَّكاةَ، وتَصُومَ رَمَضانَ، وتَحُجَّ البَيْتَ إنِ اسْتَطَعْتَ إلَيْهِ سَبِيلًا، قالَ: صَدَقْتَ، قالَ: فَعَجِبْنا له يَسْأَلُهُ، ويُصَدِّقُهُ، قالَ: فأخْبِرْنِي عَنِ الإيمانِ، قالَ: أنْ تُؤْمِنَ باللَّهِ، ومَلائِكَتِهِ، وكُتُبِهِ، ورُسُلِهِ، والْيَومِ الآخِرِ، وتُؤْمِنَ بالقَدَرِ خَيْرِهِ وشَرِّهِ، قالَ: صَدَقْتَ، قالَ: فأخْبِرْنِي عَنِ الإحْسانِ، قالَ: أنْ تَعْبُدَ اللَّهَ كَأنَّكَ تَراهُ، فإنْ لَمْ تَكُنْ تَراهُ فإنَّه يَراكَ، قالَ: فأخْبِرْنِي عَنِ السَّاعَةِ، قالَ: ما المَسْؤُولُ عَنْها بأَعْلَمَ مِنَ السَّائِلِ قالَ: فأخْبِرْنِي عن أمارَتِها، قالَ: أنْ تَلِدَ الأمَةُ رَبَّتَها، وأَنْ تَرَى الحُفاةَ العُراةَ العالَةَ رِعاءَ الشَّاءِ يَتَطاوَلُونَ في البُنْيانِ، قالَ: ثُمَّ انْطَلَقَ فَلَبِثْتُ مَلِيًّا، ثُمَّ قالَ لِي: يا عُمَرُ أتَدْرِي مَنِ السَّائِلُ؟ قُلتُ: اللَّهُ ورَسولُهُ أعْلَمُ، قالَ: فإنَّه جِبْرِيلُ أتاكُمْ يُعَلِّمُكُمْ دِينَكُمْ.)) މާނައީ: [އެއްދުވަހެއްގައި ﷲ ގެ ރަސޫލާގެ އަރިހުގައި އަހަރެމެން ތިއްބާ އަހަރެމެންގެ ގާތަށް ހުދުހެދުމެއް ތުރުކުރައްވައިގެން ހުރި ބޮލުގެ އިސްތަށިގަނޑު ކަޅު، އަދި ދަތުރުގެ އެއްވެސް އަސަރެއް ފެންނަން ނެތް ފިރިހެނަކު ވަޑައިގެންނެވިއެވެ. އަހަރެމެންގެ ތެރެއިން އެކަކުވެސް އޭނާ ނުދަނެއެވެ. އެމީހަކު އައިސް ރަސޫލާގެ ކަކޫފުޅާ އޭނާގެ ކަކުލާ ދިމާވާގޮތަށް އިށީންނެވިއެވެ. އަދި ފަލަމަސްގަނޑުގެ މަތީގައި ދެއަތްތިލަ ބާއްވަވާ ސުވާލުކުރަންވަން ފެއްޓެވިއެވެ: އޭ މުޙައްމަދު އެވެ. އިސްލާމްދީނާމެދު ތިމަންނާއަށް ކިޔައިދެއްވާށެވެ. ދެން ﷲ ގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: އިސްލާމްދީނަކީ ތިބާ ޝަހާދަތުގެ ދެކަލިމަކިޔާ ނަމާދު ޤާއިމްކޮށް ޒަކާތް ދީ ރަމަޟާންމަހުގެ ރޯދަ ހިފާ އަދި ކުޅަދާނަވެގެންވާ ނަމަ ގެފުޅަށް ޙައްޖުވުމެވެ. އެމީހަކު ދެންނެވިއެވެ: ތިވިދާޅުވީ ރަނގަޅަށެވެ. (ރާވީ) ވިދާޅުވިއެވެ: އެމީހަކު ސުވާލުކޮށްފައި ރަސޫލާ ދެއްވާ ޖަވާބަށް ރަނގަޅޭ ބުނާތީވެ ތިމަންމެން ތިބީ އެމީހަކާމެދު އަޖައިބުވެފައެވެ. ދެން އެމީހަކު ދެންނެވިއެވެ: އީމާންކަމަކީ ކޮބައިކަމާމެދު ކިޔައިދެއްވާށެވެ. ޙަދީޘްކުރެއްވިއެވެ: އެއީ ﷲ އަށާއި އެކަލާނގެ މަލާއިކަތުންނަށާއި އެކަލާނގެ ފޮތްތަކަށާއި އެކަލާނގެ ރަސޫލުންނަށާއި އާޚިރަތްދުވަހަށް އީމާންވުމެވެ. އަދި ޤަދަރަށް އީމާންވުމެވެ. ޤަދަރުގެ ހެޔޮމިންވަރާއި ނުބައި މިންވަރަށެވެ. އެމީހަކު ވިދާޅުވިއެވެ: ތިޔަވިދާޅުވީ ރަނގަޅަށެވެ. ދެން ދެންނެވިއެވެ: އިޙްސާންތެރިކަމަކީ ކޮބައިކަމާމެދު ކިޔައިދެއްވާށެވެ. ޙަދީޘްކުރެއްވިއެވެ: އެއީ ތިބާ ﷲ ދެކެދެކެ ހުންނަ ފަދައިން ތިބާ އެކަލާނގެއަށް އަޅުކަން ކުރުމެވެ. ފަހެ ތިބާއަށް އެކަލާނގެ ނުފެނުނެއް ކަމަކު އެކަލާނގެ ތިބާ ދެކެވޮޑިގެންވެއެވެ. އެމީހަކު ދެންނެވިއެވެ: ޤިޔާމަތްވުމާމެދު ކިޔައިދެއްވާށެވެ. ޙަދީޘްކުރެއްވިއެވެ: ސުވާލުކުރި މީހާއަށްވުރެ ސުވާލުވެވުނު މީހާއަށް ވަކިއިތުރަށް ތިޔަކަމާމެދު އެނގޭނީ ކޮން އެއްޗެއްތޯއެވެ. އެމީހަކު ދެންނެވިއެވެ: ޤިޔާމަތްދުވަހުގެ ޢަލާމާތްތަކާމެދު ތިމަންނާއަށް ކިޔައިދެއްވާށެވެ. ޙަދީޘްކުރެއްވިއެވެ: އެއީ އަޅުއަންހެނާ އޭނާގެ ޞާޙީބުމީހާ ވިހެއުމެވެ. އަދި ފައިވާންގަނޑެއް ނެތް އޮރިޔާންޙާލުގައިވާ ފަޤީރު ބަކަރި ހުއިހައްޕާ މީހާވެސް ބިނާތައް އުސްކޮށް ޢިމާރާތް ކުރުމެވެ. (ރާވީ) ވިދާޅުވިއެވެ: ދެން އެއަށްފަހު އެމީހަކު އެތަނުން ވަޑައިގަންނަވައިފިއެވެ. ދެން ތިމަންނާ އިރުގަނޑަކު މަޑުކޮށްގެން އިނީމެވެ. ދެން ތިމަންނާއަށް އެނަބިއްޔާ ޙަދީޘްކުރެއްވިއެވެ: އޭ ޢުމަރުއެވެ. އެސުވާލުކުރީ ކާކުކަން ތިބާއަށް އެނގިލައްވާތޯއެވެ. ތިމަން ދެންނެވީމެވެ: މޮޅަށް ދެނެވޮޑިގެންވަނީ ﷲ އާއި އެކަލާނގެ ރަސޫލާއަށެވެ. ޙަދީޘްކުރެއްވިއެވެ: ފަހެ ހަމަކަށަވަރުން އެއީ ޖިބްރީލެވެ. އެވަޑައިގެންނެވީ ތިޔަބައިމީހުންނަށް ތިޔަބައިމީހުންގެ ދީން އުނގަންނަވައި ދެއްވުމަށެވެ.]

ވީމާ ޤަޟާޤަދަރަށް އީމާންވާން އޮންނަ ގޮތުގައި އީމާންވުމަކީ މުއުމިނެއްގެ ގޮތުގައި ވުމަށްޓަކައި ކޮންމެހެންވެސް ޤަބޫލުކުރަންޖެހޭ އެއްޗެކެވެ. އެގޮތުން އެކަމަށް އީމާންވުމުގައި ދެ ދަރަޖައެއް ހިމެނިގެން ވެއެވެ. ފުރަތަމައީ: އަޅުތަކުން ކުރާޢަމަލުތަކުގައި ހެޔޮޢަމަލެއްވިޔަސް އަދި އެއީ ނުބައި ޢަމަލެއް ވިޔަސް އެޢަމަލެއް އެބައިމީހުން ކުރުމުގެ ކުރިންވެސް އެކަލާނގެ ޢިލްމުފުޅުގައި އެކަމެއް އެކަލާނގެ މޮޅަށް ދެނެވޮޑިގެންވާކަމަށް އީމާންވުމެވެ. އެމީހަކު ކުރާނީ ކިޔަމަންތެރި ޢަމަލެއްތޯ ނުވަތަ ނުކިޔަމަންތެރި ޢަމަލެއްތޯވެސް އެކަލާނގެ ދެނެވޮޑިގަންނަވައެވެ. އެބައިމީހުންގެ ތެރެއިން ސުވަރުގެވަންތަވެރިންނަކީ ކޮބައިކަމާއި ނަރަކަވަންތަވެރިންނަކީ ކޮބައިކަންވެސް އެކަލާނގެ ދެނެވޮޑިގަންނަވައެވެ. އަދި އެބައިމީހުން އުފެއްދެވުމުގެ ކުރިން އެބައިމީހުންނަށް ޘަވާބާއި ޢުޤޫބާތްވެސް އެބައިމީހުން އުފެއްދެވުމުގެ ކުރިން ތައްޔާރުކުރެއްވިއެވެ. އަދި އެބައިމީހުން ޢަމަލުތައް ކުރުމުގެ ކުރިން އެކަމުގެ ޢިލްމާއި އެކަންކަން ލިޔުންވުން މާކުރިން ވަނީ ހިނގާފައެވެ. މިއެންމެހައި ކަމަކަށް އީމާންވުން ޤަޟާޤަދަރަށް އީމާންވުމުގެ ތެރޭގައި ހިމެނިގެންވެއެވެ. ދެވަނަ ދަރަޖައަކީ އެކަލާނގެ އަޅުތަކުންގެ ޢަމަލުތައް، އެއީ ހުރިހާ ޢަމަލެއްވެސް، އެއީ ކުފުރުގެ ޢަމަލެއް ވިޔަސް، އީމާންކަމުގެ ޢަމަލެއްވިޔަސް، ކިޔަމަންތެރިކަމުގެ ޢަމަލެއްވިޔަސް އަދި އުރެދުމުގެ ޢަމަލެއްވިޔަސް އެކަލާނގެ އެއެންމެހައި ކަމެއް އިރާދަކުރައްވައި އުފެއްދެވުމުން ނޫނީ އެކަންކަން ވުޖޫދު ނުވާނެއެވެ. ޤަދަރުގެ މައްސަލަތަކުގައި އެންމެފުރަތަމަ ރަސޫލާ صلى الله عليه وسلم މިއުންމަތަށް ދަސްކޮށްދެއްވި ގޮތް ނޫން ގޮތްގޮތަށް ޤަބޫލުކުރަންފެށި މީހުންކަމުގައިވާ ޤަދަރިއްޔާ އިން ވަނީ މަގުފުރެދިފައެވެ. އެބައިމީހުން ބުނާ ގޮތުގައި އެއްވެސް ޢަމަލެއް އިންސާނުން އެޢަމަލެއް ކުރުމުން ނޫނީ ﷲ އަށް އެކަމެއް ދެނެވޮޑިގެން ނުވެއެވެ. ބައެއް ޞަޙާބީންނާއި ތާބިޢީން ވިދާޅުވެފައިވެއެވެ. ޤަދަރިއްޔާގެ މީހުންނާ ﷲ ގެ ޢިލްމުފުޅާ މެދު ވާހަކަ ދައްކާށެވެ. އެބައިމީހުން އެކަން ޤަބޫލުކޮށްފިނަމަ އެބައިމީހުންނާ ދެވަނަ ދަރަޖައާ މެދު ބަހުސް ކުރެވޭނެއެވެ. އަދި އެބަހުސަކުން ކުރިނާރާނެއެވެ. އަދި އެކަލާނގެ އެމަތިވެރި ޢިލްމުފުޅަށް އިންކާރު ކޮށްފިނަމަ އެމީހަކު ކާފިރުވީއެވެ. އެއީ އެންމެހައި ކަމެއް އެކަލާނގެ ޢިލްމުފުޅުގައިވާ ކަމާއި ލައުޙުލް މަޙްފޫޡްގައި އެއެންމެހައި ކަމެއް ލިޔުއްވާފައިވާ ކަމަށް އިންކާރުކޮށްފިނަމަ އެމީހަކު ކާފިރުވާނެއެވެ. ނުވަތަ އަނެއްގޮތަކީ، އެކަމަށް އީމާންވުމަށްފަހު، އަޅުތަކުންގެ ޢަމަލުތައް ޚަލްޤު ކުރެއްވުމަށް އިންކާރުކޮށްފިނަމަ، މާނައީ އެބައިމީހުން އެކަން ކުރުމުން ނޫނީ ﷲ سبحانه وتعالى އަށް އެކަމެއް ދެނެވޮޑިގެން ނުވާކަމަށް ބުނެފިނަމަ، އެބައިމީހުން އެވަނީ ވަރަށް ބޮޑު ފުށޫއެރުމެއްގެ ތެރޭގައެވެ. އެއްކޮޅުން އެކަލާނގެ މަތިވެރި ޢިލްމުފުޅަށް އީމާންވާއިރު އަނެއްކޮޅުން އެކަލާނގެ އިރާދަކުރެއްވި އިރަކުން އެކަމެއް ވުޖޫދުކުރައްވާ ޚަލްޤު ކުރެއްވުމަށް އެބައިމީހުން އިންކާރު ކުރާނަމަ، އެވާހަކަ އެއްގޮތަކަށްވެސް ދެކޮޅު ނުޖެހެއެވެ. ވީމާ މިދެދަރަޖައަށް ފުރިހަމަ ގޮތުގައި އީމާންވެގެން ނޫނީ ޤަޟާޤަދަރަށް އީމާންވުމުގައި ފުރިހަމަވެގެން ނުދާނެއެވެ.

އަޅަމެއްނީ ޤަޟާޤަދަރަށް ފުރިހަމައަށް އީމާންވުމާއެކު ހެޔޮޢަމަލު ކުރުމުގައި ގަދައަޅާ މަސައްކަތް ކުރާ ބަޔަކު ކަމުގައި ލެއްވުން އެދި ދުޢާކުރަމެވެ! އާމީން!

وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *