އާރޓިކަލް 55 : ކޮންމެ މުސްލިމަކަށް މުއުމިނެއްގެ ނަމެއް ނުދެވޭނެއެވެ. ނަމަވެސް މުސްލިމެއްގެ ނަން ނަފީނުކުރެވޭނެއެވެ.

الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.

އީމާންކަމާއި އިސްލާމްކަން ވަކިވަކިން އެދޭތީގެ މާނަ ބުނެދިނުމުގައި އީމާންކަމަކީ މުސްލިމެއްގެ އެތެރެއިން، އިސްލާމްދީނުގެ ނައްޞުތަކުގައި އައިސްފައިވާ އެންމެހައި ކަމެއް ހިތުގެ އަޑިން ޤަބޫލުކުރުމެވެ. އޭގެ އެންމެ އިސްކަމެއް ދެވިފައިވާ ހަ ރުކުނެއް ހިމެނެއެވެ. އަދި އިސްލާމްކަމަކީ ޤުރުއާނާއި ސުންނަތުގައި އައިސްފައިވާ ޙުކުމްތައް ހިތުގެ އަޑިން ޤަބޫލުކުރުމުގެ ސަބަބުން ޢަމަލީގޮތުން ގުނަވަންތަކުން ކުރާ ޢަމަލުތަކެވެ. އޭގެ ތެރެއިން ޚާއްޞަވެގެންވާ އަސާސީ ފަސް ރުކުނެއް ހިމެނެއެވެ. މިދެކަމަކީ އެކަތިއަނެކައްޗާ ވަކިނުކުރެވޭވަރަށް ގުޅިލާމެހިފައިވާ ދޭއްޗެކެވެ. އެގޮތުން އީމާންކަމަކީ ހެޔޮޢަމަލު ކުރުމުން އިތުރުވެގެންދާ އަދި ނުބައިޢަމަލު ކުރުމުން ނުވަތަ ހެޔޮޢަމަލުތައް ދޫކޮށްލުމުން އުނިކަން އަންނަ އެއްޗެކެވެ. ވީމާ އިސްލާމްކަމުގެ އެންމެހައި ޢަމަލަކަށް އީމާންކަމުގެ ނަންވެސް ދެވޭނެއެވެ.

ޞަޙީޙް ބުޚާރީއާއި މުސްލިމް ގައި ޢަބްދު ޤައިސްގެ ވަފްދަށް ޙަދީޘްކުރެއްވި ކަމަށް އިބްނު ޢައްބާސް ރިވާކުރެއްވިކަމުގައި އައިސްފައިވެއެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: ((آمُرُكُمْ بِأَرْبَعٍ: الإِيمَانِ بِاللهِ، وَهَلْ تَدْرُونَ مَا الإِيمَانُ بِاللهِ؟ شَهَادَةُ أَن لاَ إِلَهَ إِلاَّ اللهُ، وَإِقَامِ الصَّلاَةِ، وَإِيْتَاءِ الزَّكَاةِ، وَصَوْمِ رَمَضَانَ، وَأَنْ تُعطُوا مِن الـمَغْنَمِ الـخُمْسَ)) މާނައީ: [ތިޔަބައިމީހުންނަށް ހަތަރުކަމަކަށް ތިމަން ނަބިއްޔާ އަމުރުކުރައްވަމެވެ. އެއީ ﷲ އަށް އީމާންވުމެވެ. އަދި ﷲ އަށް އީމާންވުމަކީ ކޮބައިކަން ތިޔަބައިމީހުންނަށް އެނގޭހެއްޔެވެ؟ އެއީ ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަންވެވޭ އެހެން އިލާހަކު ނުވާކަމަށް ހެކިވުމެވެ. އަދި ނަމާދު ޤާއިމް ކުރުމެވެ. އަދި ޒަކާތް އަދާކުރުމެވެ. އަދި ރަމަޟާން މަހު ރޯދަހިފުމެވެ. އަދި ޣަނީމާ މުދަލުން ފަސްބައިކުޅަ އެއްބައި ދިނުމެވެ.] މިޙަދީޘްގައި ރަސޫލާ صلى الله عليه وسلم އެއަމުރުކުރެއްވި ހަތަރު ކަންތައް މާނަ ކުރުމުގައި ޚިޔާލުތަފާތުވުން ހިމެނެއެވެ. އޭގެ ތެރެއިން އެއްގޮތަކީ އެހަތަރު ކަންތަކަކީ އީމާންވުމާއި، ނަމާދާއި، ޒަކާތާއި، ރޯދައެވެ. އަދި ޣަނީމާއިން ބައެއް ދިނުން އެބޭކަލުން ހިމަނުއްވަނީ ޒަކާތުގެ ތެރޭގައެވެ. އެގޮތަށް މާނަ ކުރުމުން އެއީ ހަތަރުކަމެކެވެ. ކޮންމެއަކަސް ކޮންމެގޮތަކަށް މާނަކުރި ކަމުގައިވިޔަސް އީމާންކަން ބުނެދެއްވާފައި އެވަނީ ޢަމަލުތަކަކުންނެވެ. އަދިވެސް ޢަމަލަށް އީމާންކަމުގެ ނަން ރަސޫލާ صلى الله عليه وسلم ދެއްވި އެހެން ޙަދީޘެއްގެ މާނައިގައިވެއެވެ: [އީމާންކަމަކީ ހަތްދިހަ އެތައް ބައެކެވެ. ނުވަތަ ފަސްދޮޅަސް އެތައް ބައެކެވެ. އޭގެ ތެރެއިން އެންމެ މަތިވެރި ބަޔަކީ ޝަހާދަތް ކިޔުމެވެ. އަދި އޭގެ އެންމެ ދަށް ބަޔަކީ މަގުގައިވާ މީހުންނަށް އުނދަގޫވާ ޒާތުގެ އެއްޗެއް އެއްކައިރި ކޮށްލުމެވެ.  އަދި ލަދުވެތިކަމަކީ އީމާންކަމުގެ ބައެކެވެ.] މީ މުސްލިމް ރިވާކުރެއްވި ޙަދީޘެކެވެ. މީގައިވެސް މިވަނީ އީމާންކަމަކީ ކުރާ ޢަމަލުތަކެއްކަން ޙަދީޘްކުރައްވާފައެވެ.

އަދި ހަމައެފަދައިން ބޮޑެތި ފާފަކުރުމުން އެމީހާގެ ކިބައިން އީމާންކަން ވަނީ ނަފީކުރައްވާފައެވެ. ބުޚާރީ އާއި މުސްލިމްގައިވާ ޙަދީޘެއްގައި ވެއެވެ: ((لَا يَزْنِي الزَّانِي حِينَ يَزْنِي وَهو مُؤْمِنٌ، وَلَا يَسْرِقُ السَّارِقُ حِينَ يَسْرِقُ وَهو مُؤْمِنٌ ولا يَشْرَبُ الخَمْرَ حِينَ يَشْرَبُ وهو مُؤْمِنٌ)) މާނައީ: [ޒިނޭކުރާމީހާ ޒިނޭކުރާހިނދު މުއުމިނެއްގެ ގޮތުގައި ހުރެ ޒިނޭ ނުކުރާނެއެވެ. އަދި ވައްކަން ކުރާމީހާ ވައްކަން ކުރާހިނދު މުއުމިނެއްގެ ގޮތުގައި ހުރެ ވައްކަން ނުކުރާނެއެވެ. އަދި ބަނގުރާ ބޯމީހާ ބަނގުރާ ބޯހިނދު މުއުމިނެއްގެ ގޮތުގައި ހުރެ ބަނގުރާ ނުބޯނެއެވެ.] މިޙަދީޘްގައި އެވަނީ މުސްލިމުން މިބޮޑެތި ފާފަތައް ކުރާހިނދު އީމާންކަން ބަލިކަށިވެގެން ދިއުމުގެ ސަބަބުން މުއުމިނެއްގެ ނަން އޭނާއަށް ނަފީކޮށްފައެވެ.

ވީމާ ބޮޑެތި ފާފަކުރާމީހަކަށް އީމާންކަމުގެ ނަން ނުދެވޭނެއެވެ. ކޮންމެ މުއުމިނަކީ މުސްލިމެކެވެ. ނަމަވެސް ކޮންމެ މުސްލިމަކު މުއުމިނަކަށް ނުވެދާނެއެވެ. އެމީހެއްގެ އީމާންކަން ހަރުދަނާވެ އޭނާގެ ހިތުގައި އެކަން ވަރުގަދަވުމުން އިސްލާމްދީނުގެ ޢަމަލުތަކާއިގެން އޭނާ ކުރިއަށްދެއެވެ. އޭނާގެ ހިތުގައިވާ އީމާންކަން ރަނގަޅުވުމުން އޭނާގެ ޢަމަލުތައްވެސް އިޞްލާޙުވެގެން ދެއެވެ.

ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: ((ألَا وإنَّ في الجَسَدِ مُضْغَةً: إذَا صَلَحَتْ صَلَحَ الجَسَدُ كُلُّهُ، وإذَا فَسَدَتْ فَسَدَ الجَسَدُ كُلُّهُ، ألَا وهي القَلْبُ)) މާނައީ: [ދަންނާށެވެ! ހަމަކަށަވަރުން ހަށިގަނޑުގައި މަސްކޮޅެއްވެއެވެ. އެމަސްކޮޅު އިޞްލާޙުވުމުން އޭނާގެ މުޅިހަށިގަނޑު އެއްކޮށް އިޞްލާޙުވެއެވެ. އަދި އެމަސްކޮޅު ފަސާދަވުމުން މުޅިހަށިގަނޑު އެއްކޮށް ފަސާދަވެއެވެ. ދަންނާށެވެ! އެއީ ހިތެވެ.] ވީމާ ހަށިގަނޑުން ކުރާ ޢަމަލުތައް ރަނގަޅު ނުވާހައި ހިނދަކު އޭނާއަކީ އީމާންކަމުގެ އަހުލުވެރިއަކަށް ނުވެވޭނެއެވެ. ނުވަތަ އޭނާއީ އީމާންކަން ބަލިކަށި މީހެކެވެ. އީމާންކަން ނެތުމުގެ ސަބަބުން ނުވަތަ ހިތުގައިވާ އީމާންކަމުގެ ބަލިކަށިކަމުން އޭނާވަނީ ގުނަވަންތަކުން ކުރާންޖެހޭ ހެޔޮ ޢަމަލުތަކުގައި ނުކުޅެދިފައެވެ. ނުވަތަ އިސްލާމްދީނާއި އެއްގޮތަށް ޢަމަލުކުރަން އުނދަގޫ ޙާލަތެއްގައެވެ. އެހެންވުމާއެކު އޭނާއަކީ މުސްލިމެކެވެ. ނަމަވެސް އެއީ އީމާންކަން އޮންނަންޖެހޭ ވަރަށް އީމާންކަން ނެތް މީހެކެވެ. އެމަކަށް އިޝާރާތް ކުރައްވާ ﷲ  ވަޙީކުރެއްވިއެވެ: ﴿قَالَتِ ٱلْأَعْرَابُ ءَامَنَّا ۖ قُل لَّمْ تُؤْمِنُواْ وَلَٰكِن قُولُوٓاْ أَسْلَمْنَا وَلَمَّا يَدْخُلِ ٱلْإِيمَٰنُ فِى قُلُوبِكُمْ﴾ الحجرات :14 މާނައީ: [ޢައުރާބީން ބުނެއެވެ. އަހަރެމެން އީމާންވެއްޖައީމެވެ. ކަލޭގެފާނު ވިދާޅުވާށެވެ. ތިޔަބައިމީހުން އީމާނެއް ނުވެއެވެ. އެހެންނަމަވެސް ތިމަންމެން އިސްލާމް ވެއްޖައީމޭ ތިޔަބައިމީހުން ބުނާށެވެ. އެހެނީ ތިޔަބައިމީހުންގެ ހިތްތަކަށް އީމާންކަން އަދި ވަދެފައިނުވެއެވެ.] ނަމަވެސް އެބައިމީހުން ހެޔޮޢަމަލު ކުރުމުން އެބައިމީހުންނަށްވެސް ޘަވާބު ލިބޭނެކަން އެއާޔަތުގައި އެއާ ޖެހިގެން އޮތް ތަންކޮޅުން އެނގެއެވެ. ﴿وَإِن تُطِيعُواْ ٱللَّهَ وَرَسُولَهُۥ لَا يَلِتْكُم مِّنْ أَعْمَٰلِكُمْ شَيْـًٔا﴾ الحجرات :14 މާނައީ: [އަދި ތިޔަބައިމީހުން ﷲ އަށާއި އެކަލާނގެ ރަސޫލާއަށް ކިޔަމަންވެއްޖެނަމަ ތިޔަބައިމީހުން ކުރާ އެއްވެސް ޢަމަލެއްގެ ޘަވާބު އުނިވެގެން ނުދާހުއްޓެވެ.]

ބުޚާރީ ގައި ވާ ޙަދީޘެއްގައި، ސަޢުދު ބުން އަބީ ވައްޤާޞް رضي الله عنه އެނަބިއްޔާ صلى الله عليه وسلم އަށް ވިދާޅުވިއެވެ: މިވެނިމީހަކަށް ތިޔަނަބިއްޔާ (އެމުދަލުން) ނުދެއްވަމުއެވެ. އޭނާއަކީ މުއުމިނެކެވެ. ދެން ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: ((أَو مُسْلِمٌ)) މާނައީ: [ނޫނީ އެއީ މުސްލިމެއް ހެއްޔެވެ.] މާނައީ އެއީ މުއުމިނެއް ނޫނެވެ. އެނާއަކީ އީމާންކަމަށް ފޯރާވަރުގެ މަޤާމަށް ނުދާމީހެކެވެ. އެހެންނަމަވެސް އޭނާއީ ބޭރުފުށުން އިސްލާމްކަމުގެ މަޤާމްގައިވާ މީހެއް ކަމެވެ.

ޝައްކެއްވެސް ނެތެވެ. އެތެރޭގެ އީމާންކަން ބަލިކަށިވެއްޖެ ހިނދު ބޭރުފުށުގެ ޢަމަލުތައްވެސް އޭނާގެ ބަލިކަށިވެގެން ދެއެވެ. ނަމަވެސް އެމީހަކު އަދާކުރަންޖެހޭ ވާޖިބުތައް އަދާ ނުކުރުމުގެ ސަބަބުން އީމާންކަން ނަފީކުރެވުނަސް އޭނާގެ އިސްލާމްކަން ނަފީ ނުކުރެވޭނެއެވެ. ބައެއް ވާޖިބުތައް ދޫކޮށްލި ކަމުގައިވިޔަސް އަދި ބައެއް ޙަރާމް ކަންކަމަށް އަރައިގަތް ކަމުގައިވިޔަސް އިސްލާމްވެފައިވާ މީހެއްގެ ކިބައިން އޭނާގެ އިސްލާމްކަން ނަފީކޮށް ނިގުޅައި ނުގަނެވޭނެއެވެ. އީމާންކަން ނަފީކުރުމަށް ނައްޞުތަކުގައި އައިސްފައިވާ ފަދައިން އިސްލާމްކަން ނަފީ ކުރެވޭނޭ ކަމަށް އެއްވެސް ނައްޞެއްގައި ވާރިދުވެފައި ނުވެއެވެ. ނަމަވެސް ކުފުރުގެ ޢަމަލުގެ ގޮތުގައި ބައެއް ފާފަތަކަށް ނަންދެވިފައިވީ ކަމުގައި ވީނަމަވެސް އެއިން ކަމަކުންވެސް އިސްލާމްކަން ނަފީކުރައްވާފައި ނުވެއެވެ. އަދި ނިފާޤު ކަމުގެ ޢަމަލުގެ ގޮތުގައިވެސް ބައެއް ޢަމަލުތަކަށް ނަންދެވިފައިވެއެވެ. އެހެންނަމަވެސް އިސްލާމްދީނުން ޚާއްޞަކޮށް ބޭރުވާނޭފަދަ ޢަމަލުތަކަށް އަރައިގަތުމުން ނޫނީ އެއޮންނަ އުޞޫލުތަކުގެ ދަށުން ނޫން ގޮތަކަށް، އެއްވެސް މުސްލިމެއްގެ އިސްލާމްކަން ނިގުޅައި ނުގަނެވޭނެއެވެ.

އަޅަމެންގެ ހިތްތަކުގައި އީމާންކަމުގެ ފޮނިމީރުކަން ލައްވާ، ހެޔޮޢަމަލުތަކުގައި ކުރިއަރައި ދިއުމުގެ ހެޔޮ ތައުފީޤު ދެއްވާށި! އާމީން!

وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *