ބުރާސްފަތި, 17 އޭޕްރިލް 2025

އަޙްމަދިއްޔާގެ 40 ވަނަ އަހަރީ ދުވަހަކީ، އަޅުގަނޑުގެ ހަޔާތުގައި ވަރަށް އުފާވެރި ދުވަހެއް. – ޕްރިންސިޕަލް މުޙައްމަދު ރަޝީދު

މިއަދަކީ އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ 40 ވަނަ އަހަރީ ދުވަހެވެ. މިއަހަރުގެ އަހަރީ ދުވަސް އަޙްމަދިއްޔާގައި ދަނީ ވަރަށް ކުލަގަދަ ގޮތެއްގައި ފާހަގަ ކުރަމުންނެވެ. 40 ވަނަ އަހަރީ ދުވަހުގެ ހަރަކާތް ތަކާއި ސްކޫލްގެ އެކި އެކި ކަންކަމާ ގުޅޭގޮތުން ”އަޙްމަދިއްޔާ 1982” އޮންލައިން ނޫހުގެ ފަރާތުން ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދާ ބައްދަލުކޮށް މަޢުލޫމާތު އޮޅުންފިލުވީމެވެ.

އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލު ގެ ސާޅީސް ވަނަ އަހަރީ ދުވަސްފާހަގަ ކުރާއިރު ކުރެވޭ އިހުސާސަކީ ކޮބައިތޯ؟

ހަގީގަތުގައި އަޙްމަދިއްޔާގައި ވަރަށް ގިނަދުވަހު މަސައްކަތް ކުރި މީހެއް އަޅުގަނޑަކީ. އެ ހައިސިއްޔަތުން ދަންނަވާނަމަ އަޙްމަދިއްޔާގެ ސާޅީސްވަނަ އަހަރީ ދުވަސް ފާހަގަކުރެވޭ ފާހަގަ ކުރުމަކީ އަމިއްލަ ނަފްސަށް ލިބޭ ވަރަށް ބޮޑު އުފަަލެއް. އަޅުގަނޑުގެ ހަޔާތުގައި ވަރަށް ދިގުމުއްދަތެއް އަޙްމަދިއްޔާ އަށް ޚިދުމަތް ކުރުމުގައި އަޅުގަނޑުހޭދަކޮށްފިން. އަމިއްލަ ހައިސިއްޔަތުން ދަންނަވާނަމަ އަޅުގަނޑުގެ ހަޔާތުގައި އަންނަ ވަރަށް އުފާވެރި ދުވަހެއް އަޙްމަދިއްޔާގެ 40 ވަނަ އަހަރީދުވަހަކީ. މިސްކޫލަށް މިހާ ގިނަދުވަހު ޚިދުމަތް ކުރުމުގެ ފުރުޞަތު ﷲ މިންވަރުކޮށްދެއްވީތީ، އަޅުގަނޑު އެފަރާތަށް ޙަމްދުކުރަން. މިފަދަ ދުވަހެއްގައި އަޙްމަދިއްޔާގެ ޕްރިންސިޕަލް ކަމުގެ މަގާމުގައި ހުރެގެން އަޙްމަދިއްޔާއަށް ޚިދުމަތް ކުރުމުގެ ފުރުޞަތު ލިބިގެން ދިއުމަކީ އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު އުފަލެއް. އަދި ވަރަށްބޮޑު ޝަރަފެއްވެސްމެ. އަޅުގަނޑާއި އެކު މަސައްކަތް ކުރައްވަމުން ގެންދަވާ އެންމެހާ ބޭފުޅުން ވެސް މިއުފަލުގައި އަޅުގަނޑު ބައިވެރިކުރަން. އެބޭފުޅުން އަޅުގަނޑަށް ވެދެއްވާ އެހީތެރިކަމާއި އެއްބާރުލެއްވުމަކީ، އަޅުގަނޑު ނިހާޔަތަށް ޝުކުރުދަންނަވާ އަދި ހެޔޮހިތުން ގަބޫލުވެސްކުރާކަމެއް. އަޅުގަނޑާއެކީގައި މަސައްކަތް ކޮށްދެއްވާ އަދި މިފުރުޞަތު ތަނަވަސް ކޮށްދެއްވުމުގައި އެބޭފުޅުންގެ ވަރަށްވެސް ބޮޑު ހިއްސާ މީގެތެރޭގައި އެބައޮތް. އެހެންކަމުން އަޅުގަނޑުގެ ނާޒިރުކަމުގައި ހުރެގެން އަޙްމަދިއްޔާގެ 40 ވަނަ އަހަރީ ދުވަސް ފާހަގަކުރެވުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަަލެއް.

40 ވަނަ އަހަރީ ދުވަސް ފާހަގަކުރަން އެންމެޚާއްސަ ގޮތެއްގައި ކުރައްވާ ކަމަކީ ކޮބައިތޯ؟

އެންމެ ޚާއްސަ ގޮތެއްގައި ފާހަގަ ކުރެވޭ ކަމަކީ އަޙްމަދިއްޔާއަށް ސާޅީސް އަހަރު ފުރުމުގެ ގޮތުން ބޭއްވޭ ޚާއްސަ ޖަލްސާ. މި ޖަލްސާ އަކީ މިހާތަނަށް އަޙްމަދިއްޔާގައިބޭއްވޭ އެންމެ ޚާއްޞަ ޖަލްސާއަށް ވެގެންދާނެ. ސާޅީސް  އަހަރުގެ ދިގު މުއްދަތެއް ކަޑައްތުކޮށް އަޙްމަދިއްޔާގެ 40 އަހަރު ފާހަގަ ކުރެވޭއިރު  މި ސްކޫލްގައި ޚިދްމަތް ކުރައްވަމުން ގެންދެވި ވަރަށް ގިނަ ޚިދުމަތްތެރިން، ވަރަށް ޒަމާނުއްސުރެ ޚިދުމަތް ކުރައްވާ ބޭފުޅުން އެބަތިއްބެވި. އެހެންކަމުން އެބޭފުޅުންގެ އެ ކުރެއްވި ޚިދުމަތުގެ އަގު، އަޅުގަނޑަށް ވަޒަންކުރުމުގެ ފުރުޞަތު ލިބުމަކީ ވަރަށް ބޮޑު އުފަލަކަށް ވެގެންދާނެކަމެއް.

ކިތައް ބޭފުޅުން އެބަތިބިތޯ ހަދާނީ ފިލާ ލިބިވަޑައިގަންނަވާ. އަދި ކޮން ކެޓަގަރީ ތަކަކަށްތޯ ހަނދާނީ ފިލާ ބަހާލާފައިވަނީ.

ގާތްގަޑަކަށް 70 ބޭފުޅުން އެބަތިބި މިސްކޫލްގައި ޚާއްޞަ އިނާމު ލިބިވަޑައިގަންނަވާ.

ހަނދާނީ ފިލާ ދިނުމުގައި ބަލާފައިވާ މިންގަޑަކީ 10 އަހަރުން ފެށިގެން 40 އަހަރު ޚިދުމަތް ކުރައްވާފައިވާ ބޭފުޅުން. ބަހާލާފައިވަނީ  3 ކެޓެގަރީއަކަށް.

ފުރަތަމަ ކެޓަގަރީއަކީ އަހަރާއި 10 އަހަރާއި 20 އަހަރާއި ދެމެދު ހިދުމަތް ކުރައްވާފައިވާ ބޭފުޅުން. ދެވަނަ ކެޓަގަރީއަކީ 20 އަހަރާއި 25 އަހަރުގެ މުއްދަތައް ޚިދުމަތް ކުރައްވާފައިވާ ބޭފުޅުން . ތިންވަނަ ކެޓަގަރީއަކީ 25 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތް ކުރައްވާފައިވާ ބޭފުޅުން.

ޖުމްލަ ކޮށް ބުނަންޏާ 10 އަހަރާއި 40 އަހަރަށްވުރެ ގިނަދުވަސްވަންދެން ޚިދުމަތްކުރައްވާފައިވާ ބޭފުޅުން  އަދި އެއީ މިހާރުވެސް ޚިދުމަތުގައި ތިއްބެވި ބޭފުޅުން.

ވޭތުވެދިޔަ 40 އަހަރުތެރޭގައި އަހުމަދިއްޔާއަށް ލިބުނު އެންމެ ބޮޑު ކާމިޔާބަކީ ކޮބައިތޯ؟

އަހުމަދިއްޔާއަށް ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އަހުމަދިއްޔާއަކީ މީހުން ބަލައިގަންނަ މީހުންގެ އިތުބާރު އޮތް ސްކޫލަކަށް ވެގެން ދިއުން. ރާއްޖޭގެ ތަޢުލީމީ ނިޒާމުގެ ތެރޭގައި ނަތީޖާގެ ގޮތުން ފާހަގަކޮށްލެވޭ ސްކޫލަށް ވެގެން ދިއުން. ހަމަ އެެހެންމެ އަޙްމަދިއްޔާގެ ނަތީޖާއަކީ، މީހުން ބަލައިގަންނަ އެންމެ މޮޅު ނަތީޖާ ނެރޭ ސްކޫލަކަށް އަހުމަދިއްޔާ ވާކަން މީހުން ގަބޫލުކުރުން. އަޙްމަދިއްޔާގެ ދަރިވަރުންނަކީ ވަކިމިންގަޑެއްގެ ތެރޭގައި އަޚްލާގީ ސިފަތަކުންޖަރީ ކުރުވައިގެން ތަރުބިއްޔަތު ކޮށްގެން ނެރޭ ކުދިންނަށް ވުމަކީ ވެސް އަޙްމަދިއްޔާއަށް ލިބޭ ވަރަށް ބޮޑު ޝަރަފެއްގެ ގޮތުގައި އަޅުގަނޑު ފާހަގަ ކުރަނީ.

ވޭތުވެދިޔަ 40 އަހަރު ދިމާވި ގޮންޖެހުންތަކުގެ ގޮތުގައި ފާހަގަ ކުރެވުނު ކަންތައްތަކަކީ ކޮބައިތޯ؟

މައިގަނޑު ގޮތެއްގައި މާބޮޑު ގޮންޖެހުމެއް ކުރިމަތި ނުވިޔަސް އަޙްމަދިއްޔާގެ ޑިމާންޑާއި އެއްވަރަށް ނުވަތަ އަޙްމަދިއްޔާ ފުޅާކުރަން ބޭނުންވާވަރަށް ފުޅާ ކުރުމުގައި ދިމާވާ އެންމެ ބޮޑު ދައްޗަކީ، އަހުމަދިއްޔާގައި ޖާގަނެތުން. އަޙްމަދިއްޔާއަކީ ވަރަށް ތުއްތު ކުދިންފެށިގެން މަތީ ސާނަވީއާއި ހަމައަށް ކިޔަވައިދޭ ސްކޫލެއް. ތުއްތު ކުދިންނަށް ގެންގުޅޭކަމަށް ވަންޏާ އެބަޖެހޭ އެކުދިންނަށް ކިޔެވޭނެ ކަހަލަ މާހައުލެއް ގާއިމު ކުރަން. އެހެންކަމުން ޖާގައިގެ ދަތިކަން މި އޮތްގޮތުން މި ސްކޫލްގެ ތެރޭގައި އެ ކުދިންނަށް އެފުރުސަތު ތަނަވަސްކޮށްދިނުން މިހާރު މިއޮތީ ވަރަށް ބޮޑު ގޮންޖެހުމަކަށްވެފައި. ސަބަބަކީ ތުއްތު ކުދިންނަށް ކިޔަވައިދިނުން ބޮޑަށް އަމާޒުކޮށްފައި މިއޮތީ، ޕްލޭ ބޭސްޑް މެތަޑް ނުވަތަ ކުޅުމުގެ ތެރޭން ކުދިންނަށް ކިޔަވައިދިނުން އެއީ އެކުދިންނަށް އެންމެ ފަސޭހައިން އެ ކަންކަން ދަސްވެ، އުގަންނައިދިނުމަށް އެންމެ ފަސޭހަ އެއްގޮތް ކަމުގައި ގިނަ ތަޖުރިބާ ކާރުން ދެކެވަޑަގަންނަވަނީ. އެހެންވީމާ އަހުމަދިއްޔާއިން މިގޮތަށް މިކަންކުރުމުގައި ހުރަސްތަކެއް އެބަހުރި ޖާގައިގެ ދަތިކަމުން.

ކޮބައިތޯ ކުރިމަގުގައިކުރެވޭ ތަސައްވުރަކީ..

ކުރިމަގަށް ކުރެވޭ އުންމީދަކީ، މިއަށްވުރެ ރަނގަޅު ގޮތްތަކެއް ސަރުކާރުގެ ތެރެއިންެވެސް އަޙްމަދިއްޔާއަށް  ފަހިވެގެން އައުން. އަޙްމަދިއްޔާ އިންޓަނޭޝަލް ސްކޫލަކަށްވާތީ އަޙްމަދިއްޔާއިން ދެވޭ ޚިދްމަތްތައް ކުރީ އަހަރުތަކަށްވުރެ މިދިޔަ 40 އަހަރަށްވުރެ 41 ވަނަ އަހަރުން ފެށިގެން އަޙްމަދިއްޔާ އިތުރަށް ތަރައްގީކޮށް އަޙްމަދިއްޔާއިން އިތުރަށް ދެވޭނީ، ކޮންކަހަލަ ޚިދުމަތްތަކެއްތޯ ބަލާ އެ ޚިދުމަތްތައް އަޅުގަނޑުމެން މިސްކޫލްގައި ދިނުމަށް މަސައްކަތް ކުރުން. ވޭތުވެދިޔަ 40 އަހަރަށްވުރެ ކުރިއަށްއޮތް މިދުވަސްތަކަކީ އަޙްމަދިއްޔާއިން ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ރަނގަޅު އަދި ދަރިވަރުންނަށާއި ބެލެނިވެރިންނަށް ހިތްހަމަޖެހޭ މާހައުލެއްގައި އަޙްމަދިއްޔާއިން ދެވޭ ޚިދުމަތް ކުރިއަށް ގެންދިއުން.

މި އުފާވެރި މުނާސަބަތުގައި ދެއްވަން ބޭނުންފުޅުވާ ނަސޭހަތަކީ ކޮބައިތޯ؟

އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ވަރަށް ދިގު ރާސްތާއެއް މިއަދު ކަޑައްތު ކޮށްފިން. ވަރަށް ގިނަ ބޭފުޅުންގެ އެހީތެރިކަމާއި އެއްބާރުލުން އަޅުގަނޑުމެންނަށް ލިބިގެން ދިޔަ. ސާޅީސް އަހަރޭ ދެންނެވިއަސް އެއީ ކުރު މުއްދަތެއް ނޫން. ވަރަށް ދިގު މުއްދަތެއް. އާދައިގެ ކުޑަކުޑަ ސްކޫލެއް އައިސް މިއޮތީ ރާއްޖޭގެ ވަރުގަދަ ސްކޫލްތަކާއި އަރާ ހަމަކޮށްފައި. އެހެންކަމުން އަޅުގަނޑާއި އެކީގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށްވެސް ބެލެނިވެރިންނަށްވެސް އަދި ދަރިވަރުންނަށްވެސް ބުނެލަން ބޭނުންވަނީ މި ސްކޫލް މިހިސާބަށް މިއައީ ވަރަށް ގިނަ މަސައްކަތްތަކެއް އަދި ވަރަށް ގިނަ ހުރަސްތަކެއް ގިރާކޮށްފައި ވަރަށް ގިނަ ކާމިޔާބެއް ލިބިފައިކަން. މިކާމިޔާބު ދެމެހެއްޓުމަށްޓަކައި ހުރިހާ ބޭފުޅުންވެސް މަސައްކަތް ކޮށްދެއްވާށޭ. އަހުމަދިއްޔާއަކީ އެންމެމޮޅު ރާއްޖޭގެ އެންމެފެންވަރު ރަނގަޅު ސްކޫލުގެ ގޮތުގައި ބޭއްވުމަށް މަސައްކަތް ކޮށްދެއްވާށޭ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *