ބުރާސްފަތި, 17 އޭޕްރިލް 2025

ޕްރިންސިޕަލް މުޙައްމަދު ރަޝީދުގެ ޚިޠާބު

މިއަދަކީ، އަޙްމަދިއްޔާއަށް 40 އަހަރު ފުރޭ އުފާވެރި ދުވަހެވެ. ކާމިޔާބު ކަމާއެކު، މިހާތަނަށް މި ސްކޫލް ހިންގުމުގެ ހެޔޮ ތައުފީޤާއި މަދަދު ދެއްވި ކަމުގެ މައްޗަށް، ﷲ ސުބްޙާނަހޫ ވަތަޢާލާގެ ކިބަފުޅަށް، ޙަމްދުކޮށް ޝުކުރުވެރި ވަމެވެ.

އާދެ! ޝައްކެއްވެސް ނެތް ގޮތުގައި، މަދަރުސަތުލް އަޙްމަދިއްޔާ ވުޖޫދަށް ގެންނަވަން ހުރިހާ ހޭދައެއް ކުރެއްވި، އަދި ވަރުބަލި ކަމެއްނެތި މި މަތިވެރި މަސައްކަތް ކުރެއްވި ބޭފުޅަކީ، މި މަދަރުސާގެ ބާނީ މއ. ކެމީލިޔާ އަލްމަރުޙޫމް ޑީ. އަޙްމަދު ދީދީއެވެ. އެހެންކަމުން "އަޙްމަދިއްޔާ" މި ނަން ނިސްބަތް ކުރެވޭ ފަރާތަކީވެސް، އެ މާތް މަރުޙޫމެވެ.

މި އުފާވެރި މުނާސަބަތުގައި، އަޅުގަނޑުގެ އެންމެ އިސް ވާޖިބަކީ، އެ މާތް މަރުހޫމްގެ ފުރާނަފުޅަށް ޖަންނަތުލް ފިރުދައުސްގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވުން އެދި، އަރަހުށި ހުސްޠާހިރު ވަންތަ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ޙަޟުރަތުގައި ދުޢާ ދެންނެވުމެވެ.

އާދެ! މަދަރުސަތުލް އަޙްމަދިއްޔާ ޢިމާރާތް ކޮށްފައި މިވަނީ، އޭރު ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކަމުގެ މަޤާމުގައި ހުންނެވި އަލްއުސްތާޛް މައުމޫން ޢަބްދުލް ޤައްޔޫމްގެ ސަރުކާރުން، ސްކޫލް އަޅާނެ ބިމެއް ދެއްވައި، އެ ސަރުކާރުގެވެސް މަދަދާ އެކީގައެވެ. އެހެންކަމުން، އެ ސަރުކާރަށާއި، އޭރުގެ އެޑިއުކޭޝަން މިނިސްޓަރ ޑރ. މުޙައްމަދު ޒާހިރު ޙުސައިނަށާއި ރައީސް މައުމޫނަށް ވެސް، މި ފުރުޞަތުގައި އަޅުގަނޑު ޝުކުރު ދަންނަވަމެވެ.

އަޙްމަދިއްޔާ ޢިމާރާތް ކުރުމުގެ މަސައްކަތުގައި، މި މަދަރުސާ އެ އަވަށަކަށް ނިސްބަތްވާ މައްޗަންގޮޅީގެ ރައްޔިތުންނާއި، އަވަށުގައި އޭރު އިސްކޮށް ތިއްބެވި ބޭފުޅުންގެ މަދަދާއި އެއްބާރު ލެއްވުންވަނީ، ވަރަށް މަތިވެރި ދަރަޖައަކަށް މި މަދަރުސާއަށް ދެއްވައިފައެވެ.  އެ އެންމެހާ ޢިއްޒަތްތެރި ފަރާތްޕުޅު ތަކުގެ އެ މަތިވެރި ޚިދުމަތަށް މި ފުރުޞަތުގައި ވެސް، އަޅުގަނޑު ޝުކުރު ދަންނަވައި، މި އުފާވެރި މުނާސަބަތުގެ ތަހުނިޔާ، އެ އެންމެހައި ބޭފުޅުންނަށް ދަންނަވަމެވެ.

ވޭތުވެދިޔަ 40 އަހަރު ދުވަހުގެ ތެރޭގައި، މި ސްކޫލް މައްޗަންގޮޅީ ރައްޔިތުންގެ ފަޚުރަކަށް ހަދައިދީފައިވަނީ، އެކި ދުވަސްވަރު، އަވަށް ހިންގަވަން ތިއްބެވި އިސްވެރިންނާއި، އަވަށު އޮފީހާއި، މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ވެސް، މަދަދާއި، މަޝްވަރާއާއި، އެހީތެރިކަން ލިބިގެންކަމީ، ޝައްކެއް އޮތް ކަމެއް ނޫނެވެ. އެ ފަރާތްތަކުގެ ޚިދުމަތަށް އަޙުމަދިއްޔާ އަބަދުވެސް ފަޚުރުވެރި ވަމެވެ. ޝުކުރުވެރި ވަމެވެ. އަދި މި އުފާވެރި މުނާސަބަތުގެ ތަހުނިޔާ، އެ އެންމެހާ ބޭފުޅުންނަށް އަޅުގަނޑު މި ދަންނަވަނީ، ނުހަނު އިޙްތިރާމާއި ޝުކުރާ އެކުގައެވެ.

ޖީސީއީ، އޯލެވެލް އާއި އޭލެވެލް އިމްތިޙާނުގައި ކޮންމެ އަހަރަކުހެން މަތީ ވަނަތައް، މި ސްކޫލަށް ލިބިފައިވަނީ، އެކި ދުވަސްވަރު، ސްކޫލް ހިންގަވަން ތިއްބެވި ޕްރިންސިޕަލުންނާއި، ސްކޫލުގެ ސީނިއާ މެނޭޖުމަންޓާއި ޓީޗަރުންނާއި ސްކޫލް ބޯޑުގައި ތިއްބެވި ބޭފުޅުންނާއި ބެލެނިވެރިންނާއި، އިދާރީ މުވައްޒަފުންގެ ވަރަށް ބޮޑު ޤުރުބާނީ ތަކެއްގެ ސަބަބުންނެވެ. މި މަދަރުސާ އެހާ ކާމިޔާބު މަދަރުސާއަކަށް ހައްދަވައި ދެއްވަން، އެ ބުރަ މަސައްކަތްތައް ކުރެއްވި ފަރާތްޕުޅުތަކުގެ މަތިން ހަނދާންކޮށް އެ އެންމެހާ ބޭފުޅުންނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަމެވެ.

މުޅި ރާއްޖޭގެ ނިސްބަތުގައި، މި މަދަރުސާއަކީ، މިއަދުވެސް އެންމެ ކާމިޔާބު އަދި އެންމެ ފަޚުރުވެރި ވަނަތައް ހޯދަމުން އަންނަ ސްކޫލެވެ. އެކަން އެހެން ވެފައި މިވަނީ، މި ސްކޫލުގައި ތިއްބެވި ތަޖުރިބާކާރު، ޢިލްމުވެރި ޤާބިލް މުދައްރިސުންގެ ވަރަށް ބުރަ މަސައްކަތުން ކަމީ، ދެބަސްވެވެން ނެތް ޙަގީގަތެކެވެ.

ޚާއްސަކޮށް، ކޯވިޑު19ގެ ޢާލަމީ ވަބާގެ ދުވަސްވަރު، އޮންލައިންގެ ޒަރީޢާއިންނާއި، ފޭސްޓުފޭސްކޮށް، ކުދިންނަށް ކިޔަވައި ދެއްވުމަށް، މުދައްރިސުން އުފުއްލެވި ބުރައާއި، ދެއްވި ސަމާލުކަމާއި، ލެއްވި ހިތްވަރު، ސީނިއާ މެނޭޖުމަންޓާއި، އިދާރީ މުވައްޒަފުންވެސް ޝާމިލްވާ ގޮތުގެ މަތީން، މި ސްކޫލުގެ ތާރީޚުގައި އަބަދުވެސް ވިދަވިދާ ހުންނާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.

އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް މިއަދު މިވަނީ، ކިޔަވައި ދިނުމުގެ އެންމެ މިޒަމާނުގެ ޓެކްނޮލޮޖީއާއި ފައި ހަމަކޮށް، ކިޔަވައިދޭން ބޭނުންވާނޭ، އެންމެހާ ވަސީލަތް، އެންމެ ފުރިހަމައަށް ގާއިމް ކޮށްފައެވެ. ތަޢުލީމާ ތަމްރީން ދޭނޭ، އެންމެ ގާބިލް ޓީމެއް، މިއަދު ފެންނާން  އޮތް ސްކޫލަކީ އަޙުމަދިއްޔާކަމީ، ދަރިވަރުން އިމްތިޙާނު ތަކުން ހޯދަމުންދާ ކާމިޔާބީ ތަކުންވެސް، ޔަޤީން ކުރެވޭނޭ ކަމެކެވެ.  އެހެންކަމުން، މިހާތަނަށް މިސްކޫލުން ކިޔަވައިގެން ނިކުމެ، ގައުމުގެ އެކި މަގާމުތަކުގައި ޚިދުމަތުގައި ތިއްބެވި ދަރިވަރުންނަށާއި، ސްކޫލުގެ ބެލެނިވެރިންނަށާއި، މައްޗަންގޮޅީ ރައްޔިތުންނަށް، މި އުފާވެރި ދުވަހުގެ މަރުޙަބާއާއި ތަހުނިޔާ ދެންނެވުމަކީ، އަޅުގަނޑަށް މިއަދު ލިބޭ ވަރަށް ޚާއްސަ އުފަލެކެވެ.

އަޅުގަނޑުގެ ދުޢާއަކީ، އަޙްމަދިއްޔާ އިންޓަރނޭޝަލް ސްކޫލުގެ ކުރިމަގަށް އުޖާލާ ދުވަސްތަކެއް މާތް ﷲ މިންވަރު ކޮށްދެއްވުމެވެ. އަދި މިސްކޫލުން ކިޔަވާ ދަރިވަރުންނަކީ، އިސްލާމްދީނަށް ލޯބިކުރާ، ދިވެހި ބަހަށާއި ގައުމިއްޔަތަށް ފަޚުރުވެރިވާ،ގައުމަށް ވަފާތެރި ،ޚިދުމަތްތެރި، މުވާޠިނުން ކަމުގައި ލެއްވެވުމެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *