އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ 40 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިއަދު ހެނދުނު ޚާއްޞަ އެސެމްބްލީ އެއް ބާއްވައިފިއެވެ. މި އެސެމްބްލީ ޝަރަފްވެރި ކޮށްދެއްވީ، ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދެވެ.
ކީރިތި ޤުރުއާނުގެ ބަރަކާތުން ޖަލްސާ ފެށީ، ގްރޭޑް 6 އޭ ދަރިވަރުން ފާތިމަތު ޒީކުއެވެ. އެއަށްފަހު އޮތީ، ސްކޫލްގެ ދިދަ އާއި ހައުސްތަކުގެ ދިދަ ނެގުމެވެ. ސްކޫލް ދިދަ ނަންގަވައިދެއްވީ ޕްރިންސިޕަލް އަލްފާޟިލް މުޙައްމަދު ރަޝީދެވެ. ހައުސްތަކުގެ ދިދަ ނެގީ، ސްކޫލްގެ ހަތަރު ހައުސްގެ ކެޕްޓަނުން ނެވެ. އެއަށްފަހު ސްކޫލްގެ ލަވަކިޔުން އޮތެވެ.

އެސެމްބްލީގައި މަރްހަބާ ދެންނެވުމުގެ ގޮތުން ވާހަކަފުޅު ދެއްކެވީ، ސްކޫލްގެ ޕްރިންސިޕަލް އަލްފާޟިލް މުޙައްމަދު ރަޝީދެވެ.

އެއަށްފަހު އަޙްމަދިއްޔާގެ ޚިދްމަތުގައި 5 އަހަރާއި 9 އަހަރާ ދެމެދު ހޭދަކުރައްވާފައިވާ 55 ބޭފުޅުންނަށް ހަނދާނީ ފިލާ ދިނުން އޮތެވެ. ހަނދާނީ ފިލާ ހަވާލު ކޮށްދެއްވީ ޕްރިންސިޕަލް މުޙައްމަދު ރަޝީދެވެ.

އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ޔޫކޭޖީ-2 ގައި ތަޢްލީމް ޙާޞިލް ކުރަމުންދާ ދަރިވަރު އަޙްމަދު ލާމިޙް ހުސާމްގެ ފަރާތުން ސްކޫލަށް ހަދިޔާ ކުރާ ގަސް ހަދިޔާ ކުރުން މި އެސެމްބްލީގައި އޮތެވެ.

މިގަހާ ހަވާލުވެ ވަޑައިގެންނެވީ ސްކޫލްގެ ޕްރިންސިޕަލް އަލްފާޟިލް މުޙައްމަދު ރަޝީދެވެ. އެއަށްފަހު ދުވަހާ ގުޅޭގޮތުން ދުޢާ އެއް ކުރުން އޮތެވެ.

ދެން އޮތީ އަހަރީ ކޭކް ފެޅުމެވެ. ކޭކު ފަޅުއްވައިދެއްވީ ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދެވެ. އެއަށްފަހު ކުރިއަށް ދިޔައީ ހެނދުނުގެ ނާސްތާއެވެ.