އަހުމަދިއްޔާ ސްކޫލަށް 40 އަހަރު ފުރުމުގެ އުފަލުގައި ބޭއްވި ޖަލްސާގައި ޕްރިންސިޕަލް ވާހަކަފުޅު ދައްކަވަނީ.. ފޮޓޯ: ރައީސް އޮފީސް

އަޙްމަދިއްޔާގެ ޖާގައިގެ ދަތިކަން ހައްލުކޮށްދެވޭނެ ގޮތެއް ފަހިކޮށް ދެއްވުމަށް ރައީސްގެ އަރިހުން ޕްރިންސިޕަލް އެދިވަޑައިގެންފި

އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ޖާގައިގެ ދަތިކަން ހައްލުކޮށްދެވޭނެ ގޮތެއް ފަހިކޮށް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހުން މި ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދު  އެދިވަޑައިގެންފިއެވެ.

ޕްރިންސިޕަލް މިކަމަށް އެދިވަޑައިގެންނެވީ އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލަށް 40 އަހަރު ފުރުން ފާހަގަކުރުމަށް އެ ސްކޫލްގެ މާލަމުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ޕްރިންސިޕަލް ވިދާޅުވީ އަޙްމަދިއްޔާއަށް ވަންނަން ބޭނުންވާ ކުދިންގެ ޑިމާންޑު އަހަރުން އަހަރަށް މަތިވަމުންދާ ކަމަށާއި އެހެން ނަމަވެސް މި ސްކޫލު މި ހިންގާ ބިންކޮޅުގެ ކުޑަކަމާ، ޢިމާރާތުގެ ދަތިކަން ހުރި ގޮތުން، މި ސްކޫލަށް ވަންނަން އެދޭހާ ހުރިހާ ކުދިންނަށް ޖާގަ ނުދެވޭ ކަމަށެވެ.

އަހުމަދިއްޔާ އަށް 40 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަޑައިގަތުމުން މަރުހަބާ ދެންވެނުން– ފޮޓޯ: ރައީސް އޮފީސް

އަޙްމަދިއްޔާއަކީ، އެއް ފުރާޅެއްގެ ދަށުގާ، މިއަދުވެސް 4 ސްކޫލެއް ހިނގަމުން އަންނަ ސްކޫލެކޭ ވެސް ދެންނެވިދާނެ ކަމަށާއި ސްކޫލުގައި ކިޔަވާކުދިންގެ ޢަދަދު އެހާ ގިނަ ނަމަވެސް މި ސްކޫލުގެ ޖާގައިގެ ދަތިކަމަކީ، އަޙްމަދިއްޔާއަށް މިއަދު އޮތް އެންމެ ބޮޑު ގޮންޖެހުންކަމަށް ޕްރިންސިޕަލް ވިދާޅުވިއެވެ.

"ތުއްތުކުދިންނަށް ބޭނުންވާ އިތުރު ޙަރަކާތްތައް ވީ އެންމެ ރަނގަޅަށް ހިންގަން އެޅިފާވާ އެންމެބޮޑު ހުރަހަކީ ވެސް، ހަމަ މިދެންނެވި ޖާގައިގެ ދަތިކަން. ސްކޫލްގެ އެންމެ ބޮޑު ރައުސުލްމާލު ކަމުގައިވާ ޓީޗަރުން އެންމެ އެދޭ ފަދަ ޒަމާނީ މަސައްކަތުގެ މާހައުލެއް ގާއިމްކުރުމަށް އެޅިފައިވާ އެންމެ ބޮޑު ހުރަހަކީ ވެސް ޖާގައިގެ ދަތިކަން." ޖާގައިގެ ދަތިކަމުގެ ސަބަބުން ކުރިމަތިވާ ތަކްލީފްތައް ފާހަގަކުރައްވަމުން ޕްރިންސިޕަލް ވިދާޅުވިއެވެ.

ޕްރިންސިޕަލް ވިދާޅުވީ މައްޗަންގޮޅީ އަވަށުގެ އިސްބޭފުޅުންނާ، ސްކޫލުގެ ފަރާތުން ވެސް، އަދި އަވަށުގެ ވެސް ވަރަށްބޮޑު އެދުމެއްގެ ގޮތުގައި އަޙްމަދިއްޔާގެ ޖާގައިގެ ދަތިކަމުގެ ވާހަކަ، ވޭތުވެދިޔަ ސަރުކާރުތަކުގެ ވެރިންނާ ހަމައަށް އެކި ފަހަރު މަތިން އުފުލާފައިވީ  ނަމަވެސް އެއްވެސް އަލިމަގެއް ފެނިފައި ނެތް ކަމަށެވެ.

" އަޅުގަނޑުމެން، އާދެ! މައްޗަންގޮޅީ އަވަށުގެ ރައްޔިތުން ވެސް، އަދި އަވަށުގެ އެންމެ ބޮޑު ފަޚުރުކަމުގައިވާ، މި ސްކޫލުން ވެސް، ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙުގެ އަރިއަހުގާ، މި ކަމަށް ޙައްލެއް ހޯއްދަވައި ދެއްވުން އެދި، މިރޭވެސް، މި ވާހަކަ ދަންނަވަން." ޕްރިންސިޕަލް ވިދާޅުވިއެވެ.

މިރޭ ބޭއްވި ޚާއްޞަ ޖަލްސާގެ ތެރެއިން:ފޮޓޯ ރައީސްއޮފީސް

ރޭގެ ޖަލްސާގައި ޕްރިންސިޕަލް ވަނީ ރައީސްގެ ތަޢްލީމީ ސިޔާސަތަށް ވަރަށް ބޮޑަށް ތަޢްރީފްކުރައްވާފައެވެ. އެ ގޮތުން ތަޢްލީމާ ތަމްރީނަށް، މި ސަރުކާރުން ދެއްވާ އަޙަމިއްޔަތުކަމަކީ މިގައުމުގެ މުސްތަގުބަލުގެ ނާ ފައްސިޔަވައިގައި ދަތުރުކޮށް އަމާން ބަނދަރަކަށް ވާޞިލްކޮށްދެއްވުމަށް ރައީސް ފެށްޓެވި ނިޔާމަ ދަތުރެއް ކަމަށް ގަބޫލުކުރައްވައި، ޝުކުރުވެރި ކަމާއެކު އެ ކަން ފާހަގަކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި ދިވެހިރާއްޖޭގެ ކޮންމެ ދަރިއަކަށް ހިލޭ ޑިގްރީއަށް ކިޔެވޭނެ ފުރުސަތު މި ސަރުކާރުން ފަހިކޮށްދެއްވުމާއި މަތީ ތަޢުލީމަށް، އެތައް ސަތޭކަ ދަރިވަރަކަށް، ކޮންމެ އަހަރަކުހެން ލޯނުގެ ފުރުސަތު، ފަހިކޮށްދޭކަން ވެސް ޕްރިންސިޕަލް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން، އާދެ! މައްޗަންގޮޅީ މި މަދަރުސާ، ގަބޫލުކުރަނީ، ވަރަށް އަދަބުވެރިކަމާއެކު، މަނިކުފާނުގެ ކަންފަތްޕުޅާ ހަމައަށް، އަޅުގަނޑުމެން، މި އެރުވި، ވާހަކަފުޅަށް، މަނިކުފާނުގެ ސަރުކާރުން، އިޖާބަދެއްވާ، މި ސްކޫލަށް ދިމާވެފައިވާ ބިމުގެ ދަތިކަމުގެ މައްސަލައަށް އަވަސް ހައްލެއް ހޯއްދަވާ ދެއްވައި އަޅުގަނޑުމެންގެ މި ސްކޫލުގެ މުވައްޒަފުންނާއި ދަރިވަރުން އަދި ބެލެނިވެރިންނާ މި މައްޗަންގޮޅި ހިނިތުން ކުރުވާނެ ކަމަށް. އަޅުގަނޑުމެން ކެތްތެރިކަމާ އެކު މި ތިބީ ޖާގައިގެ ދަތިކަމުގެ ތަކުލީފުން، އަޙްމަދިއްޔާ ބަރުދާސްތުކުރަމުން މިދާ ވޭނާ ކެކުޅުމުގެ ޚަރީފްކަން ފިލާ  މުޅިން އާ ބަހާރަކަށް އަލިވިލި، މާޔޫސްވެފައިވާ ހިތްތަކަށް ތަސައްލީއެއް ލިބޭ ފަދަ އުފާވެރި ޚަބަރެއް ކައިރި މުސްތަޤްބަލެއްގައި އަޑުއިވޭނޭ ކަމުގެ އުއްމީދުގަ." ޕްރިންސިޕަލް ވިދާޅުވިއެވެ.

އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލަށް ވަނުމަށް އެތައް ސަތޭކަ ދަރިވަރުން ކިއުގައި ތިބި ނަމަވެސް ބިމާއި އިމާރާތުގެ ދަތިކަމާ ހުރެ އެ ކުދިންނަށް ޖާގަދެއްވެވެން ނެތްކަމުގެ ކަންބޮޑުވުން  މީގެ ކުރިން ވެސް ޕްރިންސިޕަލް ވަނީ ފާޅުކުރައްވާފައެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *