އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް މާގިނަ ދުވަސްތަކެއްނުވެ ޢަމަލީ ސިފަ އަންނާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމްޞާލިޙު މިރޭ ދެއްވައިފިއެވެ. އެ ޔަގީންކަން ރައީސްދެއްވީ އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލަށް 40 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މިރޭ އެ ސްކޫލުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަޙްމަދިއްޔާއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ޖާގައިގެ ދަތިކަމާހުރެ، ދަރިވަރުން އިތުރު ޙަރަކާތެއް ނުވަތަ ތުއްތު ކުދިން ކުޅެން ނުކުމެލާނެ ބިންކޮޅެއް ސްކޫލްގައި ނެތުންކަމެވެ. އެކަމުގައި ސަރުކާރުން ވެދެވެން އޮތް އެންމެ ފުރިހަމަ އެހީތެރިކަމެއް ވެދިނުމަށް މަސައްކަތް ކުރަމުން އަންނަކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
" އަޅުގަނޑު ދަންނަވާނީ، ކޮންމެ ދިގު އިންތިޒާރެއްގެ ފަހަތުގައި ފޮނި ނިމުމެއްވާނެ ކަމަށް. އެކަމުގައި ސަރުކާރުން ވެދެވެން އޮތް އެންމެ ފުރިހަމަ އެހީތެރިކަމެއް ވެދިނުމަށް އަޅުގަނޑުމެން މިއަންނަނީ މަސައްކަތް ކުރަމުން. އެހެންވީމާ، އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންގެ އިންތިޒާރަށް މާގިނަ ދުވަސްތަކެއްނުވެ ޢަމަލީ ސިފަ އަންނާނެކަމުގެ ޔަޤީންކަން އަޅުގަނޑު މިރޭ އަރުވަން." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވިގޮތުގައި، މީގެ 40 އަހަރު ކުރިން ރާއްޖޭގެ ތައުލީމީ ހާލަތު އޮތީ އެހާ ރަނގަޅަކަށް ނޫނެވެ. ރާއްޖޭގެ ގިނަ ރަށްރަށުގައި ރަނގަޅު ފެންވަރު ތައުލީމެއް ވެސް ލިބެން ނެތް ކަމަށާއި އޭރު މާލޭގައި ހުރީ ސަރުކާރުން ހިންގާ އެންމެ ތިން ސްކޫލާއި އަމިއްލަ ބަޔަކު ހިންގި ދެ ތިން ސްކޫލު ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"މާލޭގެ ސަރުކާރު ސްކޫލުތަކުން ވެސް މާލޭގެ ހުރިހާ ކުދިންނަށް އޭރު ޖާގައެއް ނުލިބޭ. އޭރު ދިމާވާ އަނެއް ކަމަކީ ޖެހިޖެހިގެން ދެ އަހަރު ފެއިލްވެއްޖެއްޔާ ސްކޫލުން ވަކިވާން ޖެހުން. އެހެން ވެގެން ވެސް ސްކޫލަކުން ޖާގައެއް ނުލިބި މަގުމަތިވެފައި ތިބި އެތައް ކުދިންނެއް އުޅުނު،" މާލޭގެ ހަތަރު އަވަށުގައި އުފެއްދި އަވަށު މަދަރުސާއަކީ އެ ކުދިންނަށް ހޯދައިދިން ފުރުސަތެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވި އެވެ.
އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލަކީ މިހާރުވެސް ރާއްޖޭގެ ތަޢުލީމީ މައިދާނުގައި ވަރަށް މަތީ މަޤާމެއްގައި ސާބިތުކަމާއެކު ދެމިއޮތް ސްކޫލެއްކަމާއި، މިހާރު މާލޭގައި ހުރި ސްކޫލްތަކުގެ ތެރެއިން، ބޭބީ ނާސަރީން ފެށިގެން ގްރޭޑް 12އާ ހަމައަށް ކިޔަވައިދޭ ހަމައެކަނި ސްކޫލަކީ އަހްމަދިއްޔާ ކަން ފާހަގަކުރައްވައި ދަރިވަރުންނާއި ޓީޗަރުން އެންމެ ގިނަ އެއް ސްކޫލަކަށްވެސް އަޙްމަދިއްޔާ ވެގެންދާނެކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

"މިދިޔަ 40 އަހަރުގެ ތެރޭގައި ތަޢުލީމީ ރޮނގުން މި ސްކޫލްގެ ދަރިވަރުން ހޯދާފައިވަނީ، ރެކޯޑެއްގެ ގޮތުގައި ފާހަގަކުރެވޭ ރަން ވަނަތަކެއް. ސްކޫލް ފެންވަރުގައި ވާދަކުރި އިތުރު ޙަރަކާތްތަކުގައިވެސް، މި ސްކޫލްގެ ނަން ފެވެމުން އަންނަނީ ރަން ވަނަތަކަކުން. " ރައީސް ވިދާޅުވިއެވެ.
އަޙްމަދިއްޔާގެ ކާމިޔާބަށް ބަލާއިރު، ފާހަގަކުރެވޭ އެންމެ ބޮޑު ކާމިޔާބަކީ، ޤައުމަށް ބޭނުންތެރި ދަރިންތަކެއް، މި ސްކޫލުން ބިނާކޮށްދީފައިވާކަން ކަމާއި އޭގެ ފަހަތުގައި އެކުދިން ބިނާކުރުމުގައި އިސްވެ ޙަރަކާތްތެރިވި ގިނަ ބޭފުޅުން، މިތަނުން މިރޭ ފެންނަން އެބަ ތިއްބެވިކަން ފާހަގަ ކުރައްވަމުން އެ ހުރިހާ ބޭފުޅުންނަށް ސަރުކާރުގެ ނަމުގައި، ރައްޔިތުންގެ ނަމުގައި އިޚްލާޞްތެރިކަމާއެކުގައި ޝުކުރު އަދާކުރެއްވިއެވެ.
"އަޙްމަދިއްޔާ ސްކޫލުން ތަޢުލީމު ޙާޞިލުކުރި ދަރިވަރުންގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައިވެސް، އަދި ސަރުކާރުގެ އެހެން މަތީ މަޤާމުތަކުގައިވެސް މިހާރު ޢަމަލީ މަސައްކަތުގައި އެބަ ތިއްބެވި. މިއިންނެވި މިނިސްޓަރު އަޙްމަދު މަޚްލޫފަކީވެސް އޭގެތެރެއިން އެއް ބޭފުޅެއް. އެ ނޫނަސް، ފަންނީ އަދި ހުނަރުވެރި ތަފާތު ދާއިރާތަކުން ޤައުމަށް ޚިދުމަތް ކުރައްވާ ވަރަށް ގިނަ ބޭފުޅުންތަކެއް، މި ސްކޫލްގެ ހިޔާވަހިކަމުގެ ދަށުން ބިނާކޮށްދީފައި އެބަ ތިއްބެވި." ރައީސް ވިދާޅުވިއެވެ.

އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލަށް 40 އަހަރުފުރުން ފާހަގަކުރުމަށް މިރޭ ބޭއްވި ޖަލްސާގައި އަލްމަރްޙޫމް ޑީ އަޙްމަދު ދީދީ ހަނދާނަށް އެރުވޭ ޚާއްޞަ އެވޯޑްދެއްވުމާއި އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލަށް 25 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާފައިވާ ބޭފުޅުންނަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

އަދި މިޚާއްޞަ ޖަލްސާ ޝަރަފްވެރިކޮށްދެއްވަން އަޙްމަދިއްޔާއަށް ވަޑައިގެންދެއްވިކަމަށްޓަކައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ޚާއްޞަ ހަނދާނީ ހަދިޔާއެއް އެރުވުނެވެ.

މި ޖަލްސާއަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ "ހަނދާނީ ގެލެރީ" ބައްލަވާލައްވާފައެވެ.