އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުގެ 40 ވަނައަހަރީ ދުވަސް ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފިއެވެ. މި ދުވަސް ފާހަގަކުރުމުގެ ގޮތުން ޕްރައިމަރީ ދަރިވަރުންނާއި ޕްރީސްކޫލްގެ ދަރިވަރުން ހިމެނޭގޮތަށް ކުލާސް ޕާޓީއެއް ބޭއްވުނެވެ. މީގެ އިތުރުން ޕްރީ ޕްރައިމަރީގެ ދަރިވަރުންނަށް ޖާދޫ ދެއްކުމުގެ ޝޯއެއް ދައްކާލުން އޮތެވެ.
މި ޝޯއަށް ޖާދޫގަރަކު ގެނެސްގެން ދަރިވަރުންނަށް ތަފާތު ޖާދޫތައް ދެއްކުން އޮތެވެ. މި ޝޯވެގެން ދިޔައީ ދަރިވަރުންގެ މެދުގައި ވަރަށް މަގުބޫލު ޝޯއަކަށެވެ. ހަމައެހެންމެ ވަރަށް ގަޔާވި، އެހާމެ ޝައުގުވެރިވި ޝޯއަކަށެވެ. މިފަދަ ޝޯއެއް އިންތިޒާމުކޮށްގެން ގެންދިޔުމުގެ އެންމެ ބޮޑު އެއް މަޤުޞަދަކީ އަޙްމަދިއްޔާ ސްކޫލުގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ދަރިވަރުން ބައިވެރިކުރުމެވެ. މީގެ އިތުރުން ވެސް އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުގެ ދަރިވަރުންނަކީ ޢިލްމު އުނގެނުމުގެ އިތުރުން އެހެނިހެން ކަންކަމުގައި ވެސް ޝާމިލްކުރާ ދަރިވަރުންނަށް ހެދުމެވެ. މި ޝޯގައި ތަފާތު އުކުޅުތައް ދަރިވަރުންނަށް ފެނިގެން ދިޔައެވެ. ޝޯ ފެށުނީއްސުރެ ނިމެންދެން ދަރިވަރުންގެ ތަރުހީބު މި ޝޯއަށް ލިބިގެން ދިޔައެވެ.

މި ޝޯ އޮތީ ސްކޫލުގެ ހޯލުގައެވެ. ސްކޫލް ހޯލުގެ ޖާގައިގެ ދަތިކަމަށްޓަކައި ފުރަތަމަ، ޝޯ ބެލުމަށްޓަކައި ހޯލަށް ވެއްދީ ގްރޭޑް 1، 2، އަދި 3 ގެ ދަރިވަރުންނެވެ. އެއަށްފަހު ގްރޭޑް 4، 5 އަދި 6 އެއްގެ ދަރިވަރުންނަށް ޖާދޫގެ ޝޯ ދެއްކުން އޮތެވެ. މީގެ އިތުރުން ޕްރައިމަރީ ގްރޭޑް ތަކުގެ ދަރިވަރުންގެ ސެޝަން ނިމުމުން ދެން އޮތީ ޕްރީ ސްކޫލްދަރިވަރުންނަށް ޚާއްޞަ ކުރެވިގެން ގެންދެވުނު ޝޯއެކެވެ. މި ޝޯ ވެސް ވެގެން ދިޔައީ ދަރިވަރުންގެ ތަރުހީބު ލިބުނު ވަރަށް ކާމިޔާބު ޝޯއަކަށެވެ. އަދިވެސް މިފަދަ އެހެން ފުރުސަތަކަށް ދަރިވަރުން ތިބީ އެދިއެދިއެވެ.