އެންމެ ރަނގަޅު ނަތީޖާ ނެރޭ ކުދިންގެ ލިސްޓްގެ ތެރޭގައި ހިމެނޭތޯ މަސައްކަތް ކުރުމަށް ޕްރިންސިޕަލް މުޙައްމަދު ރަޝީދު އިލްތިމާސް ކުރައްވައިފިއެވެ. އަޙްމަދިއްޔާގެ 40 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް މިއަދު ހެނދުނު ދަރިވަރުންނަށް ބޭއްވި ޚާއްޞަ އެސެމްބްލީގައި ވާހަކަފުޅު ދައްކަވަމުން ޕްރިންސިޕަލް ވިދާޅުވީ، ވަރަށް ކުޑަކުޑަ ސްކޫލަކުން ފެށި މިސްކޫލްގެ ނަތީޖާ ތަކަށް ބަލަންޏާ މުޅި ރާއްޖެއިން އެންމެ ރަނގަޅު ނަތީޖާ ހޯދުމުގެ ރެކޯޑް އަދިވެސް އޮތީ އަޙްމަދިއްޔާ ގެ އަތުގައިކަމާއި، އަޙްމަދިއްޔާއިން އަބަދުވެސް މަސައްކަތް ކުރަމުން މިގެންދަނީ އަޙްމަދިއްޔާ ކުދިންނަކީ އަޚްލާގު ރަނގަޅު ކިޔެވުމަށް މޮޅު އަދި މިސްކޫލްގެ ދޮރޯށިން ނުކުންނަ ކޮންމެ ކުއްޖަކީ ގައުމަށް ފައިދާހުރި ބޭނުންހިފޭ ކުއްޖެއްގެ ގޮތުގައި ހެދުމަށް ކަމުގައެވެ. އަދި މިކަހަލަ ފަޚްރުވެރި ސްކޫލެއްގައި ކިޔެވުމުގެ ފުރުޞަތު ލިބުމަކީ އުފާ ކުރަންޖެހޭ ފަޚްރުވެރިވާންޖެހޭ ކަމެއްކަމަށް ވިދާޅުވިއެވެ. އަދި އަޒުމް ކަނޑައަޅަންވީ މިކަހަލަ ސްކޫަލަކުން ތަޢުލީމް ޙާޞިލް ކުރަމުންދާއިރުގައި މިފަދަ ކުއްޖެއްގެ ގޮތުގައި މިސްކޫލް ނިންމާ ގައުމަށް ޚިދްމަތް ކުރާ ކުއްޖެއްގެ ގޮތުގައި ވުމަށް ކަމަށްވެސް ޕްރިންސިޕަލް ވިދާޅުވިއެވެ.

ގްރޭޑް 10ގެ ކުދިންނާއި މުޚާޠަބްކޮށް ޕްރިންސިޕަލް ވިދާޅުވީ، އޯލެވެލް އިމްތިހާން މިއޮތީ މޭ، ޖޫންގައި ކަމާއި އެންމެ ރަނގަޅު ނަތީޖާ ނެރޭ ކުދިންގެ ލިސްޓްގެ ތެރޭގައި ހިމެނޭތޯ، ވަރަށް ބޮޑަށް މަސައްކަތް ކުރަންވާނޭކަމުގައެވެ. މިއަހަރަކީ އަޙްމަދިއްޔާއަށް ވަރަށް ޚާއްޞަ އަހަރެއް ކަމަށްވާތީ މިއަހަރުގެ ތެރޭގައި ވަރަށް ރަނގަޅު ނަތީޖާތަކެއް ހޯދަން އެބަޖެހޭކަމާއި، އެކާމިޔާބާއި ޝަރަފް ހޯދައިދޭންތިބި ކުދިންނަކީ މިއަދު ގްރޭޑް 10 ގައި ކިޔަވަމުންދާ ކުދިންކަމަށް ވިދާޅުވެ އެކަމަށް އަޒުމް ކަނޑައަޅައިގެން މަސައްކަތް ކުރުމަށް އިލްތިމާސް ކުރެއްވިއެވެ.

އަޙްމަދިއްޔާގެ ތާރީޚަށް ބައްލަވާ ލައްވަމުން ޕްރިންސިޕަލް ވިދާޅުވީ، އަޙުމަދިއްޔާއަކީ، 1982 ވަނަ އަހަރުގެ ފެބްރުއަރީމަހުގެ 21 ވަނަ ދުވަހު މަދްރަސަތުލް އަހްމަދިއްޔާ ގެ ނަމުގައި އަވަށު ސްކޫލެއްގެ ގޮތުގައި އުފެދުނު ވަރަށް ކުޑަކުޑަ ސްކޫލެއްކަމާއި އޭރު ތިބީ 200 ވަރަކަށް ކުދިންކަމާއި 6 މުދައްރިސުންކަމާއި އިދާރީ 2 މުވައްޒަފުން ކަމަށް ވިދާޅުވިއެވެ. އެހާވެސް ކުޑަކޮށް ފެއްޓި ސްކޫލެއް މިއަދު ތަރައްގީވަމުން ތަރައްގީވަމުން އައިސް އިންޓަނޭޝަނަލް ސްކޫލަކަށް ބަދަލުވެ މިއަދު 40 އަހަރު ފުރިހަމަ ކުރިއިރު މި ސްކޫލަކީ މުޅި ރާއްްޖެއިންވެސް އެންމެ ފާހަގަކޮށްލެވޭ ސްކޫލަށްވެފައިވާ ކަމަށް ވިދާޅުވިއެވެ.