الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.
މުސްލިމުންނޭ ބުނެފި ނަމަ އޭގެ މުރާދަކީ އެބައިމީހުން ތިބީ މާތް ﷲ އަށާއި އެކަލާނގެ ފޮނުއްވި އެންމެހައި ރަސޫލުންނަށާއި އަދި ޚާއްޞަކޮށް މުޙައްމަދު صلى الله عليه وسلم އަކީ އެންމެފަހުގެ ނަބިއްޔާ ކަމަށް އީމާންވެގެންކަމެވެ. އަދި އެބައިމީހުންނީ އިސްލާމީ ޝަރީޢަތަށް ޢަމަލުކުރާ މީހުންނެވެ. މުސްލިމުންނަކީ އީމާންކަމުގެ އަހުލުވެރިންނެވެ. އިސްލާމްދީނަށް ނިސްބަތްވާ މީހުންނެވެ. ނަމަވެސް ބައެއް މުސްލިމުންނަށް އީމާންކަމަކީ އެކަމުގެ ފޮނިމީރުކަމެއް ނަފްސަށް ގެނުވާދޭ ކަމެއްކަން އެނގިފައި ނުވެއެވެ. އެފަދަ އިޙްސާސެއް އެއީ އޮންނަ އެއްޗެއް ކަމެއްވެސް ނޭނގޭ މީހުން އުޅެއެވެ. އެހެނަސް ޙަޤީޤަތަކީ ﷲ سبحانه وتعالى އަށާއި އެކަލާނގެ ރަސޫލާއަށް އީމާންވުމުގެ ސަބަބުން އެމީހެއްގެ ހިތުގައި އެދެފަރާތާ މެދު އުފެދޭ ރުހުމާއި ލޯތްބަކީ އަދި އިސްލާމްދީނަށް ނިސްބަތްވުމުގެ އުފަލަކީ އީމާންކަމުގެ އިޙްސާސްވެ އޭގެ ފޮނިމީރުކަމުގެ ރަހަ އެނގިގެންދާނޭ މީހެކެވެ.
ޞަޙީޙް މުސްލިމްގައި ރިވާވެފައިވާ ޙަދީޘެއްގައި ވެއެވެ: ((ذَاقَ طَعْمَ الإيمانِ مَن رَضِيَ باللَّهِ رَبًّا، وَبِالإسْلامِ دِينًا، وَبِمُحَمَّدٍ رَسُولًا)) މާނައީ: [ﷲ އެއީ ރައްބުގެ ގޮތުގައި އަދި އިސްލާމްދީން އެއީ ދީންކަމުގައި އަދި މުޙައްމަދުގެފާނީ ރަސޫލާ ކަމުގައި ރުހިއްޖެމީހާއަށް އީމާންކަމުގެ ރަހަ ލައިފިއެވެ.]
ރައްބަކީ އެންމެހައިތަކެތި އުފައްދަވާ އެންމެހައިކަމެއް ތަދްބީރުކުރައްވާ ބަލަހައްޓަވާ ގެންގުޅުއްވާ ފަރާތެވެ. އިންސާނާ ﷲ سبحانه وتعالى ގެ ރައްބުވަންތަކަމާމެދު ރުހިއްޖެ ނަމަ އެކަލާނގެއަށް އަޅުކަންކުރަންވެސް ރުހިގެންދާނެއެވެ. އިސްލާމްދީނަށް ރުހިއްޖެ ނަމަ އެންމެހައި ދީންތަކެއްގެ މައްޗަށް އިސްލާމްދީން އިސްކުރާނެއެވެ. އެދީނުގައިވާ ޙުކުމްތަކާއިމެދު ރުހި ޤަބޫލުވެ އެކަންކަމަށް ޢަމަލުކުރުން އެއީ ލޯތްބާއެކު ޝައުޤުވެރިވާ ކަމެއްކަމުގައި ދެކޭނެއެވެ. އަދި މުޙައްމަދު صلى الله عليه وسلم ގެ ރަސޫލުކަމާމެދު ރުހިއްޖެ މީހަކީ އެކަލޭގެފާނު ގެނެސްދެއްވި އެންމެހައި ކަމެއް ޝައްކުކަމެއްނެތި ހިތުގެ އަޑިން ޤަބޫލުކޮށް، ހިތުގައި އެކަންކަން ކުރުމުގައި އެއްވެސް އުނދަގޫކަމެއް ނެތްގޮތެއްގައި އެއެންމެހައި ކަމެއްގައި ހިފާނޭ މީހެކެވެ. އެކަލޭގެފާނު ގެނެސްދެއްވި ކޮންމެކަމަކަށް ލޯތްބާއެކު، ވަރަށް ފުރިހަމަ ބަލައިގަތުމަކުން ބަލައިގަންނާނެއެވެ. ހިތް އޮންނާނީ އެކަލޭގެފާނުގެ ސުންނަތަށް އެއްވެސް ހުރަހެއް ނެތްގޮތުގައި ހިތުގެ ފުންމިނުގެ މަރުޙަބާއަކުން ހުޅުވާލެވިފައެވެ. އެނަބިއްޔާ އަށާއި އެނަބިއްޔާގެ ސުންނަތަށް އޮންނަ ލޯތްބަކާއި ރުހުމުގެ ބޮޑުކަމުގެ ސަބަބުންނެވެ.
ﷲ سبحانه وتعالى ވަޙީ ކުރެއްވިއެވެ: ﴿فَلَا وَرَبِّكَ لَا يُؤْمِنُونَ حَتَّىٰ يُحَكِّمُوكَ فِيمَا شَجَرَ بَيْنَهُمْ ثُمَّ لَا يَجِدُوا فِي أَنفُسِهِمْ حَرَجًا مِّمَّا قَضَيْتَ وَيُسَلِّمُوا تَسْلِيمًا﴾ النساء :65 މާނައީ: [ފަހެ އެހެންނަކުން ނޫނެވެ! ކަލޭގެފާނުގެ ވެރިއިލާހު ގަންދެއްވާ ވަޙީކުރައްވަމެވެ. އެބައިމީހުންގެ މެދުގައި އުފެދޭ ދެކޮޅުވެރިކަމެއްގައި ކަލޭގެފާނުގެ ޙުކުމުން އެބައިމީހުން ޙުކުމްކޮށްފުމަށް ދާންދެން، އަދި އެއަށްފަހު ކަލޭގެފާނު ނިންމެވި ގޮތާއިމެދު އެބައިމީހުންގެ ނަފްސުތަކުގައި ދަތިއުނދަގޫ ކަމެއް ނުވެމެ، އަދި އެބައިމީހުން (ކަލޭގެފާނު ބަޔާންކޮށްދެއްވި ޙުކުމްފުޅު) ފުރިހަމަ ބަލައިގަތުމަކުން ބަލައިގަތުމަށް ދާންދެން، އެބައިމީހުން އީމާންވީ ކަމުގައި ނުވާނެއެވެ.] ހިތުގެ ރުހުމާއެކު އެކަން ބަލައިގަތުމުން މުސްލިމްމީހާގެ ހިތުގައި ފުރިހަމަ އީމާންކަމެއް އޮތްކަން ވަޒަން ކޮށްލެވެއެވެ. އެކަލޭގެފާނު ގެނެސްދެއްވި ކަންކަމަށް ޢަމަލު ނުކުރެވޭ ނަމަ އެފަދަ އީމާންކަމެއް ނެތްކަން ވަޒަންކޮށްލެވެއެވެ. އެކަލޭގެފާނު ގެނެސްދެއްވި ކަންކަން ކުރިކަމުގައި ވީނަމަވެސް އެކަންކަމަށް ހިތުގައި ނަފްރަތެއް އޮތްނަމަ އެއީ ނިފާޤުކަމުގެ ނިޝާނެކެވެ. އެކަންކަމަށް ޢަމަލު ކުރުމުގައި ހިތުގައި ދަތި އުނދަގޫކަމެއް ހުރެ އެކަން ކުރިކަމުގައި ވީނަމަވެސް އެމީހެއްގެ ހިތުގައިވާ އީމާންކަމުގެ އުނިކަން އަންދާޒާ ކޮށްލެވެއެވެ.
މީ ޤިޔާމަތްދުވަހަށް ފުރިހަމައަށް އީމާންވާ ސުވަރުގެއަށް ދިއުމަށް ފެންބޮވައިގަންފައިވާ ހަމަ ކޮންމެ މުސްލިމަކުވެސް އަމިއްލަ ނަފްސު އަމިއްލައަށް އިމްތިޙާނު ކުރަންޖެހޭ ކަމެކެވެ. އީމާންކަމުގެ ފޮނިމީރުކަން ތިމާގެ ހިތުގައި ހުރިމިންވަރު ތިމާގެ ޢަމަލުން ކިރާލަންޖެހެއެވެ. ތިމާ ހިތައް އަރާ އެއްޗެހިން އެއީމާންކަން މިންކޮށްލަން ޖެހެއެވެ. ތިމާގެ ހިތުގައި ތިމާ ޙަޤީޤަތުގައި ލޯބިވާ ކަންކަމުގެ ގޮތުގައި ވަނީ ކޮންކޮން ކަންކަމެއްތޯއެވެ؟ ދުނިޔެވީ އެދުންތޯއެވެ؟ ނުވަތަ ﷲ އަށާއި ރަސޫލާއަށް އޮތް މަތިވެރި އީމާން ކަމަކާއި އުޙުރަވީ އެދުންތޯއެވެ؟ ނުވަތަ ތިމާއަކީ ހިތާއި ދުލާއި ޢަމަލާއި ދިމާނުވާ އޮޅުވާލުންތެރި ހިތެއްގެ ވެރިއެއްތޯއެވެ؟ އިންސާނާގެ މިއެންމެހައި ކަމެއް އެންމެމޮޅަށް ދެނެވޮޑިގެންވަނީ މާތް ﷲ އެވެ. އަދި އެއަށްފަހު އެމީހެއްގެ އަމިއްލަ ނަފްސުގައިވާ މިއެންމެހައި ކަމެއް އެނގޭނީ އެމީހަކަށެވެ. ކަށަވަރުވާ ކަމަކީ އީމާންކަމުގެ ފޮނިރަހަ ވާނަމަ، އެމީހަކު އެންމެ ލޯބިވާނެ ކަންތައްތަކެއް ހުންނާނޭކަމެވެ.
އެފަދައިން ބަޔާން ކުރައްވާ، ބުޚާރީއާއި މުސްލިމްގައިވާ ޙަދީޘެއްގައި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ: ((ثَلاَثٌ مَنْ كُنَّ فِيهِ وَجَدَ بِهِنَّ حَلاَوَةَ الإِيمَانِ: مَنْ كَانَ اللهُ وَرَسُولُهُ أَحَبَّ إِلَيْهِ مِمَّا سِوَاهُمَا، وَأَنْ يُحِبَّ الـمَرْءَ لاَ يُحِبُّهُ إِلاَّ لِلَّهِ، وَأَنْ يَكْرَهَ أَنْ يَرْجِعَ إِلَى الكُفْرِ بَعْدَ إِذْ أَنْقَذَهُ اللهُ مِنْهُ كَمَا يَكْرَهُ أَنْ يُلْقٰى فِي النَّارِ)) މާނައީ: [އެމީހެއްގެ ހިތުގައި އެކަންކަން ވާނަމަ، އޭނާއަށް އެކަންކަމުގެ ސަބަބުން އީމާންކަމުގެ ފޮނިކަން ލިބޭ ތިން މީހަކު ވެއެވެ: ﷲ އާއި އެކަލާނގެ ރަސޫލާ ފިޔަވައި އެހެން ހުރިހައި ފަރާތަކަށްވުރެ އެދެފަރާތް އެމީހެއްގެ ހިތުގައި ލޮބުވެތިކަން ބޮޑުމީހާއެވެ. އަދި މީހަކުދެކެ ލޯބިވާއިރު ﷲ އަށްޓަކައި ނޫން ގޮތަކަށް އެމީހަކު ދެކެ ލޯބި ނުވުމެވެ. އަދި އަލިފާނަށް އެއްލާލުމަށް ނުރުހޭ ފަދައިން، ކާފިރުކަމުން މީހަކު ﷲ ސަލާމަތް ކޮށްދެއްވާފައި ވަނިކޮށް އެނބުރި އެކާފިރުކަމަށް ދިއުމަށް ނުރުހުމެވެ.]
އެބައިމީހުންގެ ހުރިހައިވެސް އުފަލަކީ ﷲ އާއި އެކަލާނގެ ރަސޫލާދެކެ ވާ ލޯތްބެވެ. އިސްލާމްދީނަށް ވާ ލޯތްބެވެ. މުސްލިމުންދެކެ ވާ ލޯތްބެވެ. ހެޔޮޢަމަލު ކުރެވުމުން ހިތަށް އަންނަ އުފާވެރިކަމުގެ އިޙްސާސެވެ. ނުބައިކަމެއް ކުރެވުމުން ހިތަށް ވެރިވެގަންނަ ނުތަވަސްކަމާއި ދެރަޔާއި ހިތާމައެވެ. އެކަން އެފާޅުކޮށްދެނީ މީހާގެ ހިތުގައިވާ އީމާންކަމުގެ ފޮނިކަމެވެ. އަލްމުސްނަދު އަޙްމަދު ގައިވާ ޙަދީޘެއްގައިވެއެވެ: ((مَنْ سَرَّتْهُ حَسَنَتُهُ وَسَاءَتْهُ سَيِّئتُهُ فَهُوَ مُؤْمِنٌ)) މާނައީ: [މީހެއްގެ ހެޔޮކަންތައް އޭނާއަށް އުފާވެރިކަން ގެނެސްދީފި މީހާ އަދި އޭނާގެ ފާފަ އޭނާއަށް ހިތާމަވެރިކަން ގެނެސްދީފި މީހާ ދަންނާށެވެ. ފަހެ އެމީހަކީ އެއީ މުއުމިނެކެވެ.] ވީމާ އީމާންކަމުގެ ހަރުދަނާކަމެއް ނެތްނަމަ އެމީހަކު ކުރާ ހެޔޮޢަމަލަކުން އުފަލެއްގެ އިޙްސާސްކޮށް ނުލެވުނުތާ، ނުބައި ޢަމަލުތަކާމެދު އެއްވެސް އަޅާލުމެއްވެސް ނުހުންނާނެއެވެ.
މީހާގެ ހިތުގައިވާ އީމާންކަން ވަޒަންކޮށްލެވޭނޭ އެހެން ގޮތަކީ އެމީހެއްގެ އަޚްލާޤުންނެވެ. ރަނގަޅު ރިވެތި އިސްލާމީ އަޚްލާޤުން މުސްލިމް މީހާ ޒީނާތްތެރިކޮށްދޭ ބާރަކީ އެމީހެއްގެ ހިތުގައިވާ އީމާންކަމެވެ. އެދައްކުވައިދެނީ އެމީހެއްގެ ނަފްސުގައިވާ އީމާންކަމުގެ ވަރުގަދަ އަސަރެވެ. ތިރުމިޛީ ގައި އައިސްފައިވާ ރިވާޔަތެއްގައިވެއެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: ((أَكْمَلُ الـمُؤْمِنِينَ إِيمانًا أَحْسَنُهُم خُلُقًا)) މާނައީ: [އީމާންކަން އެންމެފުރިހަމަ ވެގެންވާ މުއުމިނުންނަކީ އެބައެއްގެ އަޚްލާޤު އެންމެ ރަނގަޅު މީހުންނެވެ.]
އަދިވެސް މިފަދަ އެތަކެއް ޢަމަލުތަކަކީ އެމީހެއްގެ ނަފްސުގައިވާ އީމާންކަމުގެ އަސަރު ދެނެގަނެވޭނޭ އަދި މިންކޮށްލެވޭނޭ ޢަމަލުތަކެވެ. އެއީ ވަރަށްވެސް ގިނަވެގެންވާ ބައިތަކެކެވެ. އެހުރިހައި ބައިތަކެއް އެއްތަނަކަށް ޖަމާކުރުން އެއީ ލިޔުމުގެ ބޭނުން ކަމުގައި ނުވާތީ އޭގެ ދެތިން މިސާލުން ފުއްދާލީއެވެ. ޖުމްލަގޮތެއްގައި އެނގެންވީ ކަމަކީ އެއީ ހަމައެކަނި މީހާގެ ދުލުން ތިމާއަކީ އީމާންކަން ހުރިމީހެކޭ ބުނެ ކަނޑައެޅޭނޭ އެއްޗެއް ނޫންކަމެވެ. ނަމަވެސް ހުރިހައިވެސް އީމާންކަމަކީ އޭނާގެ ޢަމަލުން ކަނޑައެޅޭނޭ އެއްޗެއް ކަމެވެ. މާތް ތާބިޢީ ބޭކަލެއް ކަމުގައިވާ އަލްޙަސަން އަލްބަޞަރީ ވިދާޅުވި ބަސްފުޅުގެ މާނައިގައިވާ ފަދައިންނެވެ: އެކަލޭގެފާނު ވިދާޅުވިއެވެ: "އީމާންކަމަކީ ބޭރުފުށުން ފެންނަން ހުންނަ ޒީނާތްތެރިކަމެއް ނޫނެވެ. އަދި އެއީކީ ދުލުން ބަޔާންކުރާ އުންމީދުތަކެއްވެސް ނުމެ ނޫނެވެ. އެހެނަސް އެއީ އޭނާގެ ހިތުގެ ތެރެއަށް ވަދެފައިވާ އެއްޗެކެވެ. އަދި އެއީ އެވަދެފައިވާ އެއްޗެއްގެ ތެދުވެރިކަން ޢަމަލުތަކުން ހާމަކޮށްދޭ އެއްޗެކެވެ.]
އަޅަމެންގެ ހިތްތަކުގައި އީމާންކަމުގެ ފޮނިމީރުކަން ލައްވާ، ހެޔޮޢަމަލުތަކުގައި ކުރިއަރައި ގޮސް ނުބައިޢަމަލުތަކުން ދުރުހެލިވުމުގެ ހެޔޮ ތައުފީޤު ދެއްވާށި! އާމީން!
وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.