އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުގައި މާދަރީ ބަހުގެ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކޮށްފިއެވެ.
މާދަރީ ބަހުގެ ދުވަސް ފާހަގަކުރުމަށް ސްކޫލްގައި މިއަދު ވަނީ ވަކިވަކިން ޚާއްޞަ ދެ އެސެމްބްލީ ބާއްވާފައެވެ. ގްރޭޑް 9 އަދި 10 ގެ ދަރިވަރުންނަށް މިއަދު ހެނދުނު 7 ޖެހި އިރު ބޭއްވި އެސެމްބްލީ ޝަރަފުވެރި ކޮށްދެއްވީ ދިވެހިބަހުގެ އެކަޑަމީގެ ނައިބު ރައީސާ ޒުލްފާ އިބްރާހީމެވެ.

ގްރޭޑް 7 އަދި 8 ގެ ދަރިވަރުންނަށް އެސެންބްލީ ބޭއްވީ ހެނދުނު 8 ޖެހިއިރުއެވެ. މި އެސެމްބްލީ ޝަރަފުވެރިކޮށްދެއްވީ ދިވެހިބަހުގެ އެކަޑަމީގެ ރައީސް ޑރ. އަޝްރަފް ޢަބްދުއްރަޙީމެވެ.

މި އެސެންބްލީތަކުގައި ދަރިވަރުންގެ ހުނަރު ވަރަށް ރަނގަޅަށް ފެނިގެންދިޔައެވެ. އެގޮތުން ބަނދިކިޔުމާއި، ރައިވަރު ކިޔުމާއި ޅެން އަދި ފަރިހިކިޔުމާއި ޅެންވެރިކަމުގެ ބާވަތްތަކުން ތަމްސީލު ހުށަހެޅުމުގައި ދަރިވަރުން ވަނީ އެކުދިންގެ ހުނަރުވެރިކަން ވަރަށް ފުރިހަމައަށް ދައްކާފައެވެ.
މީގެ އިތުރުން އެކި ބަހުރުވަތަކުން، އެ ބަހުރުވަތަކުން ވާހަކަދައްކާ އަތޮޅުތަކުގެ ދަރިވަރުން ވަނީ ކުޅަދާނަކަމާ އެކު ވާހަކަދައްކާފައެވެ.

ދިވެހިބަހުގެ އެކަޑަމީގެ ނައިބު ރައީސާ ޒުލްފާ އިބްރާހީމްގެ ވާހަކައިގައި މާދަރީ ބަހުގެ މުހިއްމުކަން ފާހަގަކުރައްވައި އެބަސް ބޭނުންކުރުމަށް ދަރިވަރުންނަށް ހިތްވަރުދެއްވިއެވެ.

އަދި މި ދުވަހަކީ އަމިއްލަ ބަހަށް ދޭންޖެހޭ ލޯތްބާއި ޤަދަރު އިތުރުކުރުމަށް ހޭލުންތެރި ކުރުވުމަށް ބައިނަލް އަޤްވާމީ ފެންވަރުގައި ފާހަގަކުރާ ދުވަހެއްކަން ދަރިވަރުންނަށް ހަނދާންކޮށްދެއްވައި، މި ދުވަސް ފާހަގަކުރަން ފެށި ސަބަބުގެ މައްޗަށް ވަރަށް ތަފްޞީލުކޮށް ވާހަދެއްކެވިއެވެ.