އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުގައި މާދަރީ ބަހުގެ ދުވަސް ފާހަގަކުރުމަށް ބާއްވަމުންގެންދާ ޚާއްޞަ އެސެމްބްލީ ތަކުގެ ތެރެއިން މިއަދު މަތީސާނަވީ ދަރިވަރުންގެ 2 އެސެމްބްލީ ބާއްވައިފިއެވެ.
މިއަދު މެންދުރު ފަހު 1:00 ގައި ގްރޭޑް 11 ގެ ދަރިވަރުންނަށް ބޭއްވި އެސެމްބްލީ ޝަރަފްވެރި ކޮށްދެއްވީ، ޅެމާއި ރައިވަރު ހެއްދެވުމަށް މަޝްހޫރު މ. މިލެޓް ޢަބްދުﷲ ރަޝީދެވެ. އޭނާގެ ވާހަކައިގައި މިއަދު ސްޓޭޖުން ފެނިގެން ދިޔައީ ހައިރާންވެ އަންތަރީސްވާހައި މޮޅު ހުށަހެޅުމެއްކަމުގައި ވިދާޅުވިއެވެ. އަދި ވަޒަން ބަހުރުވައިގެ ބާވަތްތަކުގެ ތެރެއިން ރައިވަރަކީ ވަރަށް މުހިއްމު ބާވަތެއްކަމާއި ރައިވަރު ކިޔުމުގެ އުކުޅު ތަކާއި ހަމަތައް ދަރިވަރުންނަށް އޮޅުންފިލުވައިދެއްވިއެވެ. އަދި ބައެއް ރައިވަރުތައް ކިޔާނެ ގޮތުގެ މިސާލުތައް ދެއްކެވިއެވެ.

ގްރޭޑް 12 ގެ ދަރިވަރުންގެ އެސެމްބްލީ ބޭއްވީ މެންދުރުފަހުގެ 2:30 ގައެވެ. މި އެސެމްބްލީ ޝަރަފްވެރި ކޮށްދެއްވީ އެވިޑް ކޮލެޖްގެ ފެކަލްޓީ އޮފް އާޓްސް ގެ ޑީން އަދި ދިވެހިބަހުގެ އެކަޑެމީގެ ކުރީގެ ރައީސް އަޝްރަފް ޢަލީ އެވެ. އަޝްރަފްގެ ވާހަކަ ފުޅުގައި މިއަދު މިލިބުނު އުފަލަކީ، ބަޔާންކުރަން ދަތި އުފަލެއް ކަމާއި މާދަމާގެ ޒުވާނުން، ދިވެހިބަހުން ރީތިކޮށް ވާހަކަ ދައްކާ ރީތިކޮށް ބަނދި ކިޔާ ރީތިކޮށް ރައިވަރު ކިޔާ ރީތިކޮށް ޅެންކިޔާ ރީތިކޮށް ދެކެވޭ ވާހަކަތައް ރީތި ތަމްސީލަކުން މިސްޓޭޖް މަތީގައި ހުށަހެޅިތަން ފެނުމުން ހިތަށް ލިބުނީ ބަޔާންކުރަންވެސް ދަތި އުފަލެއްކަމާއި، ބަސް ދެކެ ލޯބިވާ މީހެއްގެ ހައިސިއްޔަތުން އެއުފާ ހިއްސާ ކުރަނީ އެތައް ގުނައަކަށް ކަމަށް ވިދާޅުވިއެވެ.

މާދަރީ ބަހުގެ ދުވަސް ފާހަގަ ކުރުމަށް މިއަދު ބޭއްވި 2 އެސެމްބްލީތަކުގައި ޅެންވެރިކަމުގެ ބައިތައް ކަމަށްވާ ބަނދި،ކާ އަންބާ، ލަވަ، ފަރިހި، ރައިވަރުން ވަރަށް ހިތްގައިމު ތަމްސީލެއް ހުށަހަޅައިދިނެވެ. އަދި ދުވަހާއިގުޅޭ ގޮތުން ވާހަކަ ދެއްކުމާއި، ބަނދި ރައިވަރު ލަވަ ކިޔުމުގެ ތަފާތު ހުނަރުތަކެއް ދައްކުވައިދިނެވެ.

ގިނަ ބައްސަ އުނގެނުމުގައި ފައްނިއްޔާތު ބޭނުންކުރުން: ގޮންޖެހުންތަކާއި ފުރުޞަތުތައް." މިއީ މިއަހަރު މާދަރީބަހުގެ ދުވަހަށް ކަނޑައަޅާފައިވާ ޝިޢާރެވެ.

މާދަރީ ބަހުގެ ދުވަސް ފާހަގަ ކުރުމަށް އިއްޔެވެސް ހެނދުނު ދަންފަޅީގެ ދަރިވަރުންވަނީ ޚާއްޞަ ދެ އެސެމްބްލީ ބާއްވާފައެވެ. ގްރޭޑް 10،9 ގެ ދަރިވަރުންގެ އެސެމްބްލީ ބޭއްވީ ހެނދުނު 7:00 ގައެވެ. ގްރޭޑް 8،7 ގެ ދަރިވަރުންގެ އެސެމްބްލީ ބޭއްވީ ހެނދުނު 8:30 ގައެވެ.