الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.
ޖިބްރީލު عليه السلام އެއްދުވަހެއްގައި އިންސާނެއްގެ ސިފައިގައި ރަސޫލާ صلى الله عليه وسلم ގެ އަރިހަށް ވަޑައިގެން އިސްލާމްކަމާއި އީމާންކަން ކިޔައިދެއްވިއިރު ތިންވަނަ ކަމަކަށް ކިޔައިދެއްވީ އިޙްސާންތެރިކަމެވެ. އެޙަދީޘްގައި އިޙްސާންތެރިކަމަކީ ކޮބައިކަމާއި މެދު ޖިބްރީލުގެފާނު ރަސޫލާ صلى الله عليه وسلم އާ ސުވާލު ކުރެއްވުމުން އޭގެ ޖަވާބުގައި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: ((أنْ تَعْبُدَ اللَّهَ كَأنَّكَ تَرَاهُ، فإنْ لَمْ تَكُنْ تَرَاهُ فإنَّه يَرَاكَ)) މާނައީ: [އެއީ ތިބާ ﷲ ދެކެދެކެ ހުންނަ ފަދައިން އެކަލާނގެއަށް އަޅުކަން ކުރުމެވެ. އަދިފަހެ، ތިބާއަށް އެކަލާނގެ ނުފެންނަ ކަމުގައިވިޔަސް ފަހެ ހަމަކަށަވަރުންވެސް އެކަލާނގެ ތިބާ ބައްލަވާ ވޮޑިގަންނަވައެވެ.]
ވީމާ އިޙްސާންތެރިކަމާއި އެކު އަޅުކަން ކުރާމީހަކާއި، ހަމައެކަނި އީމާންވެ އިސްލާމްދީނަށް ޢަމަލުކުރާ މީހަކު އިޙްސާންތެރިކަމެއް ނެތި އަޅުކަން ކުރާ މީހަކާއި ތަފާތުވެގެންވެއެވެ. އެމީހަކީ އީމާންވެފައިވާ މުއުމިނަކު ކަމުގައިވިޔަސް އަދި އިސްލާމްދީނުގެ ޙުކުމްތަކަށް ޢަމަލުކުރި ކަމުގައިވިޔަސް އޭނާގެ އިޙްސާންތެރިކަން ނެތްނަމަ އަޅުކަންކުރުމުގެ އެންމެ ފުރިހަމަކަން އެވަނީ ގެއްލިފައެވެ. އަޅުކަންތައް ﷲ سبحانه وتعالى ގެ ޙަޟްރަތުގައި އެންމެ ޒީނަތްތެރިވެގެންވާ ގޮތުގައި ފުރިހަމަކަން ގެނެސްދެނީ އިޙްސާންތެރިކަމާއެކު އަޅުކަން ކުރުމުންނެވެ. ވީމާ މިއީވެސް އިސްލާމްކަމާއި އީމާންކަމާއި ނުހަނުބޮޑަށް ގުޅިލާމެހިފައިވާ އެއްޗެކެވެ. އެގޮތުން ޤުރުއާނުގައި ބައެއްފަހަރު އިޙްސާންތެރިކަން އީމާންކަމާއެކު އަނެއްބައިފަހަރު އިސްލާމްކަމާއެކު އަދި އަނެއްބައިފަހަރު ތަޤްވާވެރިކަމާއި ނުވަތަ ހެޔޮޢަމަލުތަކާއި ގުޅުވައިގެން އައިސްފައިވެއެވެ. ﷲ سبحانه وتعالى ވަޙީކުރެއްވިއެވެ: ﴿لَيْسَ عَلَى الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ جُنَاحٌ فِيمَا طَعِمُوا إِذَا مَا اتَّقَوا وَّآمَنُوا وَعَمِلُوا الصَّالِحَاتِ ثُمَّ اتَّقَوا وَّآمَنُوا ثُمَّ اتَّقَوا وَّأَحْسَنُوا ۗ وَاللَّهُ يُحِبُّ الْمُحْسِنِينَ﴾ المائدة :93 މާނައީ: [އީމާންވެ ޞާލިޙު ޢަމަލުތައް ކުރި މީހުންނަކަށް އެބައިމީހުން (ކުރިން) ކައިފައިވާ ތަކެއްޗަކަށް އެބައިމީހުންގެ މައްޗަކަށް އެއްވެސް ފާފައެއް ނުވެތެވެ. އެއީ ތަޤްވާވެރިވެ (ﷲ އަށް ބިރުވެތިކަމާއެކު) އެކަލާނގެއަށް އީމާންވެ ޞާލިޙު ޢަމަލުތައްކޮށް ދެން އެއަށްފަހުގައިވެސް ތަޤްވާވެރިވެ އެކަލާނގެއަށް އީމާންވެ ދެން އެއަށްފަހުގައިވެސް ތަޤްވާވެރިވެ އިޙްސާންތެރިވުމުންނެވެ. އަދި ﷲ އިޙްސާންތެރީން ދެކެ ލޯބިވެވޮޑިގަންނަވައެވެ.] އީމާންވެ ހެޔޮޢަމަލުކޮށް ތަޤްވާވެރިވުމަކުން އެމީހަކު ﷲ سبحانه وتعالى ލޯބިވެވޮޑިގަންނަވާ އިޙްސާންތެރި މީހުންގެ ތެރެއަކުން ނުވާނެތެވެ. އިޙްސާންތެރިކަންވެސް އެމީހަކު ގެނެސްގަންނަންޖެހެއެވެ.
އިސްލާމްކަމާއި ވަކިން ގުޅުވައިގެން ﷲ سبحانه وتعالى ވަޙީކުރެއްވިއެވެ: ﴿وَمَن يُسْلِمْ وَجْهَهُۥٓ إِلَى ٱللَّهِ وَهُوَ مُحْسِنٌ فَقَدِ ٱسْتَمْسَكَ بِٱلْعُرْوَةِ ٱلْوُثْقَىٰ ۗ ﴾ لقمان :22 މާނައީ: [އަދި އިޙްސާންތެރިމީހެއްގެ ގޮތުގައި، އެމީހެއްގެ މޫނު ﷲ އަށް (ކިޔަމަންތެރިކޮށް) އިސްލާމްވެއްޖެ މީހާ ފަހެ އިތުބާރު ލިބިފައިވި އުޅައްގަނޑުގައި (މާނައީ ޝަހާދަތުގެ ދެކަލިމައިގައި) ގަދައަށް ހިފަހައްޓައިފިކަން ކަށަވަރެވެ.]
ވީމާ އިސްލާމްވެ ﷲ سبحانه وتعالى އަމުރުކުރެއްވި ކަންކަމަށް ފުރިހަމައަށް ކިޔަމަންތެރިވެ ހެޔޮޢަމަލު ކުރުމުގައި ކުރިއަރައި ދާހިނދު އެމީހެއްގެ ކިބައިގައި އިޙްސާންތެރިކަން އަށަގެންނެވުމަކީ ނުހަނު މުހިންމު ކަމެކެވެ. އޭގެ ސަބަބުން އެމީހަކީ އިސްލާމްވެ އީމާންވުމުގެ އިތުރުން ނުހަނު މާތް މީހަކަށް ވެގެންދެއެވެ. ﷲ سبحانه وتعالى ގެ ޙަޟްރަތުގައި އެމީހެއްގެ ދަރަޖަ އުފުލިގެން ދެއެވެ. އިޙްސާންތެރިވެ އެކަލާނގެ ދެކިދެކި ވާޙާލުގައި އެކަލާނގެއަށް އަޅުކަން ކުރުމުގެ ސަބަބުން އެބައިމީހުންނަށް ދުނިޔޭގައި ޙަޤީޤީ ގޮތެއްގައި އެކަލާނގެއަށް ބަލައިލުމުގެ ފުރުޞަތު އަދި އެކަލާނގެ ފެނުމުގެ ފުރުޞަތު ލިބުމަކީ މުސްތަޙީލުކަމެއް ކަމުގައިވީ ނަމަވެސް ޤިޔާމަތްދުވަހުން އެފަދަ އިޙްސާންތެރިންނަށް އެކަލާނގެ ޙަޤީޤީ ފެނުމަކުން ފެންނާނެކަން ކަށަވަރެވެ. ﷲ سبحانه وتعالى ވަޙީކުރެއްވިއެވެ: ﴿لِّلَّذِينَ أَحْسَنُوا الْحُسْنَىٰ وَزِيَادَةٌ ۖ ﴾ يونس :26 މާނައީ: [އިޙްސާންތެރިވީމީހުންނަށް ވަނީ އެންމެ ރަނގަޅު (ސުވަރުގޭގެ ޖަޒާއެވެ.) އަދި އެއަށްވުރެވެސް އިތުރު (ޖަޒާއެވެ.)] މިއާޔަތުގައި މިވާ އިތުރު ޖަޒާގެ މުރާދުގެ ގޮތުގައި ނަބިއްޔާ صلى الله عليه وسلم ބަޔާންކުރައްވާފައިވެއެވެ: އެއީ ސުވަރުގޭގައި ﷲ ގެ ވަޖުހުފުޅަށް ބެލުމެވެ. މިޙަދީޘް އައިސްފައިވަނީ ޞަޙީޙް މުސްލިމްގައެވެ. މިކަން އިޙްސާންތެރިކަމާއެކު އަޅުކަން ކުރުމާ ވަރަށްބޮޑަށް ގުޅުވާލުން މުނާސިބުވެގެންވެއެވެ. ސަބަބަކީ އިޙްސާންތެރިއަކީ މުއުމިނު މީހާ މިދުނިޔޭގައި އެކަލާނގެއަށް އަޅުކަން ކުރުމުގައި ހިތް ޙާޟިރުކޮށްގެން ހުރެ، އެކަލާނގެ އޭނާގެ ޢަމަލުތައް ބައްލަވާވޮޑިގެންވާކަން ހިތްމައްޗަށް ގެނެސްގަނެގެން ހުރެ އަޅުކަން ކުރާމީހެކެވެ. އޭނާގެ ހިތުން އެކަލާނގެ ފެންނަ ފަދައެވެ. ވީމާ އޭނާ އަޅުކަން ކުރަމުން ދާއިރު އޭނާ އެކަލާނގެ ދެކެދެކެގެން ހުރެ އެކަލާނގެއަށް އަޅުކަން ކުރަމުން ދެއެވެ. ފަހެ އޭގެ ޖަޒާއަކީ ޙަޤީޤީގޮތުގައި ހަމަލޮލުން އާޚިރަތުގައި އެކަލާނގެ ފެނުމެވެ.
ފަހެ، މީގެ އިދިކޮޅު ގޮތަށް ކާފިރުންނާއި މެދު ޢަމަލުކުރެވެއެވެ. އެމީހުންގެ ޖަޒާއަކީ މިދުނިޔޭގައި އެކަލާނގެއަށް ކުފުރުވެ އެކަލާނގެއަށް އަޅުކަން ކުރުމުން އެއްކިބާވުމުން ޤިޔާމަތްދުވަހުންވެސް އެމީހުންނަށް އެކަލާނގެ ފެނުމުން އެއްކިބާ ކުރުމެވެ. ﷲ ވަޙީކުރެއްވިއެވެ: ﴿كَلَّا إِنَّهُمْ عَن رَّبِّهِمْ يَوْمَئِذٍ لَّمَحْجُوبُونَ﴾ المطففين : 15 މާނައީ: [ހަމަހިލާ އެހެނަކުން ނުވާނެއެވެ. ހަމަކަށަވަރުން އެދުވަހުން އެބައިމީހުންގެ ކިބައިން އެބައިމީހުންގެ ވެރިއިލާހު އެބައިމީހުންނަށް ފެނުމުން ވަނީ ފަރުދާކުރެވިގެންނެވެ.] އެއީ އެމީހުންގެ ދުނިޔޭގެ ޙާލަތުގެ ޖަޒާއެވެ. ދުނިޔޭގައި އެބައިމީހުންގެ ހިތްތައް ވީ މަތިމައްޗަށް އެކަލާނގެ އެންގެވި ޙައްޤު ގޮތަށް ބަންދު ކުރެވިގެންނެވެ. އޭގެ ސަބަބުން އެބައިމީހުންނަށް އެކަލާނގެ ދެނެގަތުން ވީ މިދުނިޔޭގައި ބަންދުކުރެވިފައެވެ. އަދި ދުނިޔޭގައި އުޅުނުއިރު އެކަލާނގެ ބައްލަވާވޮޑިގަންނަވާ ކަމާމެދު އެބައިމީހުންވީ ޣާފިލުވެގެންނެވެ. އާޚިރަތުގައި އޭގެ ޖަޒާއަކީ އެބައިމީހުންނަށް އެކަލާނގެ ޙަޤީޤީ ފެނުމުންވެސް ބަންދުކޮށްލުމެވެ.
ވީމާ އީމާންވެއްޖެ ކޮންމެ މީހަކު ތަޤްވާވެރިކަމާއެކު އެކަލާނގެއަށް އަޅުކަން ކުރަންޖެހެއެވެ. އެއަޅުކަމުގައި އެކަލާނގެއަށް އޭނާގެ ހިތް ޙާޟިރުކުރަންޖެހެއެވެ. އެކަލާނގެއާ ކުއްތަންވެގެންވާކަން ހިތަށް ގެނެސްގަންނަން ޖެހެއެވެ. އޭނާވަނީ އެކަލާނގެ ކުރިމަތިފުޅުގެ މަތީކަން ފުރިހަމަ ދެނެގަތުމަކުން ދެނެގަންނަން ޖެހެއެވެ. އޭނާ އެކަލާނގެ ކުރިފުޅުމަތީގައި ހުންނައިރު އެއަޅާއަށް އެކަލާނގެ ފެންނަ ފަދައެވެ. އޭގެ ސަބަބުން އޭނާ އެކަލާނގެއަށް ބިރުވެތިވުމާއި ޚުޝޫޢަތްތެރިވުމާއި އެކަލާނގެ ހައިބަތުގެ ބޮޑުކަމާއި އެކަލާނގެ މަތިވެރިކަން ހިތަށް ވެރިވުން މަޖުބޫރު ކުރުވައެވެ. އަޅުކަން އެންމެހައި ދެއްކުންތެރި ކަމަކުންނާއި އަޑުއިއްވުމަކުންނާއި ހިތުގެ ނުސާފުކަމުން ޠާހިރުކޮށް އެއަޅުކަން އެންމެހައި އުނިކަމަކުން ސާފުކުރަންޖެހެއެވެ. އަދި އެއަޅުކަން އިޙްސާންތެރިކޮށް ރަނގަޅުކޮށް ފުރިހަމަކޮށް ކުރަންޖެހެއެވެ. އިމާމް ނަސާއީ ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ. އިބްނު ޢުމަރު رضي الله عنه ވިދާޅުވިއެވެ: ތިމަންނާގެ ހަށިގަނޑުގައި އެކަލޭގެފާނު ހިއްޕަވާލެއްވުމަށްފަހު ޙަދީޘްކުރެއްވިއެވެ: ((اُعْبُدِ اللهَ كَأَنَّكَ تَرَاهُ)) މާނައީ: [ތިބާ ﷲ އަށް އަޅުކަން ކުރާއިރު އެކަލާނގެ ފެންނަ ފަދައިން އެކަލާނގެއަށް އަޅުކަން ކުރާށެވެ.]
މިކަމުން އެނގިގެންދަނީ އެކަލާނގެއަށް ހެޔޮޢަމަލު ކުރުމުގައިވާ މުއުމިނު މީހުންގެ ދެބަޔަކު ވެއެވެ. އެއްބަޔަކީ ﷲ سبحانه وتعالى ދެކެދެކެ ވާޙާލުގައި އަޅުކަން ކުރާމީހާއެވެ. އެމީހަކީ އެކަލާނގެއާ މެދު ޤުރުއާނާއި ސުންނަތުގައި އައިސްފައިވާ ޢިލްމު ފުރިހަމައަށް ލިބިފައިވުމާއެކު، އެކަލާނގެ ފުރިހަމައަށް މަޢުރިފަތުކޮށް ދެނެގަނެފައިވާ މީހާއެވެ. އަނެއްމީހަކީ ﷲ سبحانه وتعالى އެމީހަކަށް ބައްލަވާވޮޑިގެންވާކަން ފުރިހަމައަށް ދެނެދެނެ ހުރެ ހެޔޮޢަމަލުތައް ކުރަމުންދާ މީހާއެވެ. އެފަދަ މީހަކީވެސް އެކަލާނގެއަށް އިޚްލާޞްތެރިކަމާއެކު އެކަލާނގެއަށްޓަކައި ހެޔޮޢަމަލު ކުރާމީހެކެވެ. މިދެބައިމީހުންނަކީވެސް މިލިޔުން ފެށުނުއިރު ބަޔާންކުރެވުނު ޙަދީޘްގައިވާ ފަދައިން އިޙްސާންތެރީންނެވެ.
އިޙްސާންތެރިކަމާއެކު އަޅުކަންތަކާއި އެހެނިހެން ހެޔޮޢަމަލުތައްވެސް ކުރާ ބަޔަކު ކަމުގައި އަޅަމެން ލައްވާށި! އާމީން!
وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.