އަޙްމަދިއްޔާގެ އޭލެވެލް ކުލާސްތައް އަނެއްކާވެސް ސްކޫލްގައި މިއަދު ފަށައިފި

އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ގްރޭޑް 11 އަދި 12 ގެ ދަރިވަރުން ސްކޫލަށް ހާޒިރުވެގެން ކިޔަވައިދިނުން މަސްދުވަހުގެ މެދު ކެނޑުމަށްފަހު މިއަދު ފަށައިފިއެވެ.

އަޙްމަދިއްޔާގެ އެސިސްޓެންޓް ޕްރިންސިޕަލް މޫސާ ޞަލާޙް ވިދާޅުވީ މިއަދުން ފެށިގެން އާ އާއްމު ހާލަތުގައި ސްކޫލްތަކުގައި ކިޔަވައިދިނުމުގެ އުސޫލްތަކާއި އެއްގޮތަށް  ކުލާސްތައް ކުރިއަށް ގެންދެވޭނެ ކަމުގައެވެ. މިގޮތުން ދަރިވަރުން އިމްތިހާނަށް ތައްޔާރު ކުރުމަށްޓަކައި ޚާއްޞަ ޓިއުޓޯރިއަލް ކުލާސްތަކެއް ރާވައިގެން ކުރިއަށް ގެންދެވޭނެ ކަމުގައެވެ. އަދި މިގޮތަށް ކިޔަވައިދިނުން ކުރިއަށް ގެންދިއުމަށް އެޑިޔުކޭޝަން މިނިސްޓްރީ އިން ހުއްދަ ލިބިފައިވާ ކަމުގައެވެ.

"އަޅުގަނޑުމެންގެ މަޤްޞަދަކީ ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހު ފަށާ މޮކް އެގްޒާމަށް އަދި އޮކްޓޯބަރ ގައި ފަށާ އެޑެކްސެލް އޭ. އެސް އެގްޒާމަށް ކުދިން ތައްޔާރުކުރުން. މިގޮތުން ސްކޫލުން މިހާރުވެސް ކުރިއަށް ގެންދާ އޮންލައިން ކުލާސް ތަކުގެ އިތުރުން ސްކޫލްގައިވެސް ކުލާސްތައް ރޭވިގެންދާނެ. އިމްތިހާންތައް ވަރަށް ބޮޑަށް ކައިރިވުމާއެކީ ބެލެނިވެރިންނާއި ޓީޗަރުންނާއި ދަރިވަރުންވެސް މިފަދަ ކުލާސްތަކެއް ރޭވުމަށް އެދެމުންދޭ. އެހެންކަމުން ކުލާސްތައް އަލުން ފެށުމުގެ ހުއްދަ ލިބުމުން ދަރިވަރުންނަށް އިމްތިހާނުގެ ކުރިން ފިލާވަޅުތައް ރިވައިސް ކޮށްލުމަށާއި ޓީޗަރުންނާއެކީ ފިލާވަޅުތައް އޮޅުންފިލުވައި އިމްތިހާނަށް ތައްޔާރުވުމަށް ފުރުޞަތު މިވަނީ ލިބިފައި. ދަރިވަރުންގެ ޞިއްޙަތަކީވެސް ވަރަށް މުހިއްމު ކަމަކަށްވާތީ ކުލާސްތައް ކުރިއަށްދާނީ ކުރީގައިވެސް ހަދާފައިއޮތް ގައިޑް ލައިންގައިވާ ގޮތަށް ތަބާވެގެން" ޞަލާޙް ވިދާޅުވިއެވެ.

އަޙްމަދިއްޔާގައި މިއަދު ކުލާސްތައް ފެށިއިރު ގްރޭޑް 12 ގެ ދަރިވަރުންނަށް ކުލާސްތައް ގެންދިއުމަށް ރާވާލާފައިވަނީ މާސް ސެޝަންތަކެއް ނަގައިދޭ ގޮތަށެވެ.  މިކުލާސްތައް އޮންނާނީ ސްކޫލްގެ ހޯލްގައި ދަރިވަރުން ދުރުދުރުގައި ބައިތިއްބައިގެންނެވެ. މިކުލާސް ތައް ކޮންމެ ދުވަހެއްގެ ހެނދުނު 8:30 ން ފެށިގެން މެންދުރު ފަހުގެ 1:30 ވަންދެން ކުރިއަށް ގެންދެވޭނެއެވެ.  ކޮންމެދުވަހަކު 4 މާއްދާއެއް ކިޔަވައިދޭއިރު ކޮންމެ މާއްދާ އަކަށްވެސް ކަނޑައަޅާފައިވަނީ 75 މިނެޓެވެ. މީގެ އިތުރުން މެންދުރުފަހު "އޮންލައިން" ކުލާސްތައްވެސް ކުރިއަށް ގެންދެވޭނެއެވެ. ގްރޭޑް 11 ގެ ދަރިވަރުންނަށް ސްކޫލަށް ހާޒިރުވެ ކިޔަވައިދިނުމަށް ހަމަ ޖެހިފައިވަނީ ހޯމަ އަދި ބުދަ ދުވަހުގެ މެންދުރު ފަހުގެ 1:00 ން ފެށިގެން 5:30 އަށެވެ. މީގެ އިތުރުން އާދީއްތަ ،އަންގާރަ، އަދި ބުރާސްފަތި ދުވަހު "އޮންލައިން" ކުލާސްތައް ވެސް ކުރިއަށް ގެންދެވޭނެއެވެ.

އަޙްމަދިއްޔާގައި އާ އާއްމު ހާލަތު ގައި 1 ޖުލައި ން 23 ޖުލައިގެ ނިޔަލަށް އޭލެވެލް ކުލާސްތައް ސްކޫލަށް ކުދިން ގެނެސްގެން ވަނީ ކުރިއަށް ގެންދެވިފައެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *