ބުރާސްފަތި, 17 އޭޕްރިލް 2025

އަޙްމަދިއްޔާއާ މެދު "ގާނޫނީ ވަކީލު" އިޔާންގެ ނިޔާ އަކީ ކޮބައިކަން އެނގޭތަ؟

އެއީ 2021 ވަނަ އަހަރުގެ ދެވަނަ ބައިހަރު (ސެމެސްޓަރ) ފެށިގެން އުޅުނު ދުވަސްވަރެވެ. އެ އަހަރު ގްރޭޑް 9 ން އަޅުގަނޑު ކިޔަވައިދިނީ ހަމައެކަނި 9 އޭ އަށެވެ. 9 ބީއަށް ދާންޖެހުނީ އެ ކުލާހަށް ދިވެހި ކިޔަވައިދެއްވާ ޓީޗަރު އޭރު ކަރަންޓީނުގައި ހުރުމުގެ ސަބަބުން ހަފްތާއެއްގެ މުއްދަތަށެވެ. މި ދެންނެވި ހަފްތާގައި އިއްތިފާގަކުން ބަހުސްކުރުމުގެ ފިލާވަޅެއް އޮތެވެ. މި ބަހުސްވީ އިޔާން އަލީ މޫސާގެ ބުގިސް ޖުމުލަތަކުން އިދިކޮޅު ހަފުސްކޮށްލި ބަހުސަކަށެވެ. ހަމަ ހަގީގަތުގައި ވެސް އޭނާގެ ހުނަރުން އަޅުގަނޑު އެދުވަހު ހަމަ ރަނގަޅަށް ވެސް އާ ޝޯޚްވިއެވެ. އެ އުމުރުގެ، އެހާ ހުނަރުވެރި މޮޅު ބަސްމޮށުންތެރީން ފެނިފައިވާލެއް މަދީއެވެ. ކޮންމެ އަކަސް  އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ސާނަވީ ކެޕްޓަން އިޔާން ޢަލީ މޫސާ އަޅުގަނޑު ދަންނަން ފެށި ހިސާބަކީ މިއީއެވެ. މި ބަހުސްގައި އިޔާން ދެއްކި ޖާދޫއިން އޭނާގެ ބަހުގެ ހުނަރާއި ވާހަކަދެއްކުމުގެ ހުނަރަށް ހިތާހިތުން ތަޢުރީފްކުރެވުނެވެ. އިޔާންގެ ހިތް ދިވެހި ބަހަށް ދެވިފައިވާ ވަރު ވަޒަންކުރެވުމުން އިންތިހާއަށް އުފާ ވެސް ވިއެވެ.

އިޔާން ޢަލީ މޫސާ

މި އާރޓިކަލް ލިޔުމަށް އިޔާންއާ ވާހަކަދައްކާލުމުން އިޔާންގެ ހިތުގައި ބިންވަޅުނެގިފައި ވަނީ ހަމައެކަނި ދިވެހި ބަހަށް އޮތް ލޯބި ނޫންކަން އެނގުނެވެ. ބަހާ އެއްވަރަށް އަޙްމަދިއްޔާގެ މި ހިޔާ ދެކެ ވެސް އޭނާ ލޯބިވާކަން އެނގުނެވެ. އިޔާން އަޙްމަދިއްޔާ ސިފަކުރީ ސުވަރުގެއެއް ގޮތަށެވެ.

" އަޅުގަނޑު ސްކޫލް ދެކެ ވަރަށް ލޯބިވޭ. އަޅުގަނޑު އެންމެ ފުރަތަމަ މި މަދަރުސާގެ ދޮރާށިން ވަދެގެން  އައި ދުވަހުން ފެށިގެން، އަޅުގަނޑަށް ނުރުހެވޭ ނުވަތަ ސްކޫލާ މެދު ހިތްހަމަނުޖެހޭ ކަހަލަ އިޙްސާސެއް އެއްވެސް އިރަކު ކުރެވިފައެއް ނެތް. ލީޑިންގ ޓީޗަރުންނާއި، ޓީޗަރުންގެ އިތުރުން، އަޅުގަނޑުގެ އެންމެ ލޮބުވެތި ރަޙްމަތްތެރިން ވެސް އަބަދުވެސް އަޅުގަނޑަށްޓަކައި ތިބޭކަން އެނެގޭތީ ވެސް ވަރަށް އުފާވޭ"، އިޔާންގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ.  " އަޅުގަނޑަށް، އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލަކީ ސުވަރުގެއެއް ފަދަ ތަނެއް.  އަޅުގަނޑަށް އަބަދުވެސް މިތަން (އަޙްމަދިއްޔާ) ސިފަ ވަނީ އަޅުގަނޑުގެ ދެވަނަ ގޭގެ ގޮތުގައި. އަޅުގަނޑުގެ އަމިއްލަ ވަޒަނުގެ ގޮތުގަ."

އިޔާން – އަޙްމަދިއްޔާގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދާއެކު….

އިޔާންއާ ބެހޭ ގޮތުން ސުވާލުކުރުމުން އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ އެސިސްޓެންޓް ޕްރިންސިޕަލް ޝިއުނާ އިބްރާހީމް ނަސީރު ވެސް ފާހަގަކުރެއްވީ އިޔާން ސްކޫލް ދެކެވާ އިމެއް ނެތް ލޯތްބެވެ.

"އިޔާން އަކީ ފަސްޖެހުމެއްނެތި ކަންކަމާ ކުރިމަތިލާ، ސްކޫލް ދެކެ އިންތިހާއަށް ލޯބިވާ، ސްކޫލަށް ރީތި ނަން ހޯދައިދިނުމަށް ފެންބޮވައިގެންފައިވާ ދަރިވަރެއް. އެހެން ކުދިންނަށް ވަރަށް ބޮޑަށް ނަސޭހަތްތެރިވާ ދަރިވަރެއް ވެސްމެ. ޓީޗަރުންނަށް އިޙްތިރާމްކުރާ، ކުދިން ގޮވައިގެން އިސްވެ އުޅެން ދަންނަ، ހިތްތިރި ހިތްހެޔޮ، އަޚްލާގު ރަނގަޅު ދަރިވަރެއް." ޝިއުނާ މިސް ވިދާޅުވިއެވެ.

އެހެން ކުދިންނެކޭ އެއްފަދައިން އިޔާންގެ ނަޒަރުގައި ވެސް އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލަކީ، ހަމައެކަނި ތަޢުލީމީ ރޭހުގެ އިސް ސަފުގައި އޮތް ސްކޫލެއް ނޫނެވެ. ކުދިންގެ އަޚްލާގާއި ތަރުބިއްޔަތާއި،  އިތުރު ޙަރަކާތްތަކުގައި ވެސް ނަމޫނާ ސްކޫލެކެވެ. ދަރިވަރުންނަށް ވަރަށް ހިތްހަމަޖެހޭ މާޙައުލެއް ހޯދައިދޭ ސްކޫލެކެވެ. އިޔާންގެ ބަހުން ނަމަ، މި ސްކޫލުން، ބަލާލި ކޮންމެ ދިމާލަކުން ވެސް ފެންނަނީ ހިތްވަރެވެ. އަޒުމެވެ.

އިޔާން ޢަލީ މޫސާ

އިޔާން ބުނީ ސްކޫލް ކެޕްޓަނަކަށް ވުމަކީ ކުޑައިރުއްސުރެ ފެށިގެން އޭނާ ދެކެމުން އައި ކަޅާއިހުދުގެ ހުވަފެނެއް ކަމަށާއި، ދަރިވަރުންގެ އިސްވާރަށްވެ، ސްކޫލަށް ޚިދުމަތް ކުރެވޭނެ ކަމުގެ ވަރަށް ބޮޑު އުއްމީދެއް އޭނާގެ އޮތް ކަމަށެވެ.

އެ ހުވަފެނުގައި ކުލަޖެހި ސްކޫލްގެ ސާނަވީ އެންމެ އިސް ދަރިވަރަށް ވެވުމުން ވެސް އެތައް ހުވަފެނެއް އޭނާ ވަނީ ބަލާފައެވެ. އެހެން ނަމަވެސް އިޔާންގެ އުއްމީދުތަކާ ހުވަފެންތައް ހަގީގަތަކަށް ހެދުމާ ދެމެދަށް ކޮވިޑްގެ ވައިރަސްވަދެ އޭނާގެ "ޕްލޭން" ފަނިކޮށްލިއެވެ.

ކޮވިޑް-19 ގެ ސަބަބުން ސްކޫލް މާހައުލުގައި ކިޔެވުމުގެ ފުރުސަތު ގެއްލި، ދަރިވަރުންގެ ނަފްސާނީ ދުޅަހެޔޮ ކަމަށް އަސަރުކޮށްފައި ވާތީ، އެކަން ހައްލުކުރުމަށް ދަރިވަރުން ކިޔެވުމަށް ހިތްވަރު ދިނުމުގެ ގޮތުން ސްކޫލްގައި މި ދިރާސީ އަހަރު ބޭއްވި ޚާއްސަ ސެޝަންތަކުގެ އިތުރުން އަދިވެސް އިތުރު ސެޝަންތަކެއް ބާއްވައި، ދަރިވަރުންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށް، ހުނަރުތައް ތަރައްގީކޮށް ކުރިއެރުވުމަށްޓަކައި، ގިނަގިނައިން އިތުރު ޙަރަކާތްތަކުގައި ބައިވެރިވުމުގެ ފުރްޞަތު ދަރިވަރުންނަށް ހޯދައިދިނުމަށް މަސައްކަތްކުރާނޭ ކަމަށް އިޔާން ބުންޏެވެ.

އިޔާން- މަންމައާއެކު… ފޮޓޯ: ހަމްދާ

އިޔާން ގަބޫލުކުރާ ގޮތުން ސްކޫލް ކެޕްޓަނަކީ ހަމައެކަނި ދަރިވަރުންނާ މުޢާމަލާތު ކުރުމުގެ ޤާބިލުކަން ހުރި މީހަކަށް ވުމަކުން އަދި ނުފުދެއެވެ. މުދައްރިސުންނާއި ސްކޫލްގެ އެސްއެމްޓީއާ މުޢާމަލާތުކޮށް،  ސްކޫލަކީ އެންމެންނަށް ވެސް ރަނގަޅު އެންމެން ވެސް ހިތްހަމަޖެހޭ ތަނެއްގެ ގޮތުގައި ދެމެހެއްޓުމުގެ ޒިންމާ އަކީ ސްކޫލް ކެޕްޓަންގެ ވެސް ވާޖިބެކެވެ.

އިޔާން އަށް ސްކޫލް ކެޕްޓަން ކަމުގެ ޓެގް ހަވާލުކޮށްދެއްވަނީ… އަޙްމަދިއްޔާ ފޮޓޯ: ހަރުޝާ

އިޔާން އުންމީދު ކުރަނީ އޯލެވެލްގެ 8 މާއްދާއިން ހުރިހާ މާއްދާއަކުން އޭ ސްޓަރ ހޯދައި ގަދަ 10 ގެ 1 ވަނަ ހާސިލްކުރުމެވެ.

ބަލާޣާތްތެރިކަމާ އެކު ވާހަކަދެއްކުމުގެ ހުނަރު ލިބިފައިވާ އިޔާން ބޭނުންވަނީ އެ ހުނަރުގެ ބޭނުން ހިފޭނެ ދާއިރާއެއް ކަމަށްވާ ޤާނޫނީ ވަކީލަކަށްވާށެވެ.

"ޤާނޫނީ ވަކީލަކަށްވުމަށް އަޅުގަނޑުގެ ހުނަރާ ޤާބިލުކަން އެންމެ އެކަށީގެންވާކަމަށް އަޅުގަނޑު ޤަބޫލުކުރަނީ. އެ ދާއިރާއަށް އަޅުގަނޑުގެ ޝައުޤުވެރިކަން އެބަހުރި. އަޅުގަނޑު އިރާދަކުރެއްވިއްޔާ އަޅުގަނޑަށް ލިބިފައި މިވާ ވާހަކަދެއްކުމުގެ ހުނަރުގެ ބޭނުން ހިފައި މައިންބަފައިންނާއި މި ސްކޫލް ފަޚުރުވެރިވާ ފަދަ މޮޅު ޤާނޫނީ ވަކީލަކަށްވާނަން." އިޔާން އިތުބާރާ ޔަޤީންކަމާ އެކު އޭނާގެ އުއްމީދުތައް ކިޔައިދިނެވެ.

އިޔާން – މިއަހަރުގެ މާދަރީބަހުގެ ދުވަސް ފާހަގަ ކުރުމުގެ އެސެމްބްލީގެ ތެރެއިން. އަޙްމަދިއްޔާ ފޮޓޯ: ހަރުޝާ

އިޔާން މޮޅީ ހަމައެކަނި ވާހަކަދައްކާކަށް ނޫނެވެ. އަދަބީ ތަފާތު އެކި ހަރަކާތްތަކާއި ގުރުއާން މުބާރާތްތަކުން ވެސް އިޔާން ވަނީ އެންމެ ކުޑައިރުއްސުރެ ފެށިގެން ނުހަނު ގިނަ ކާމިޔާބީތައް ހޯދާފައެވެ. އޭގެ ތެރޭގައި އެންމެ ގިނައީ އޭނާގެ ޚާއްސަ ފަންނު ކަމަށްވާ ވާހަކަދެއްކުމުގެ މުބާރާތްތަކުން ހޯދި ވަނަތަކެވެ. ޑްރާމާ މުބާރާތްތަކާއި، ޅެން ލިޔުމާއި ޅެންކިޔުމާއި، ވާހަކަކިޔުމާއި ވާހަކަލިޔުން ފަދަ އަދަބީ ތާފާތު މުބާރާތްތަކާއި ބާސްކެޓް މުބާރާތްތަކުގައި އޭނާއަކީ އެންމެ ވިދުންގަދަ އެއް ދަރިވަރެވެ.

އިޔާންގެ އިސްލާމް މުދައްރިސް ހަލީމަތު ރަހީމާ (ހަލީ މިސް) ވިދާޅުވީ އިޔާން އަކީ ކިޔެވުމާއި އަޚްލާގާއި އިސްނެގުމާއި ގުޅިގެން މަސައްކަތްކުރުމުގައި ވެސް ނަމޫނާ ދަރިވަރެއް ކަމަށެވެ.

އަހްމަދިއްޔާގެ 40 ވަނަ އަހަރީ ޖަލްސާގައި އިޔާން ޝުކުރުއަދާކުރަނީ

" މާޝާ ﷲ. އިޔާން އަކީ ވަރަށް ކިޔަވަން މަސައްކަތްކުރާ، ވަރަށް އަޚްލާގު ރަނގަޅު، ވަރަށް އިސްނަގާ، ވަށައިގެން ހިނގާ ކަންކަމާ މެދު ފިކުރު ހިންގައި، ގޯސްކޮށް ކަމެއް ދާނަމަ އެކަމެއް އިސްލާޙްކުރަން މަސައްކަތްކުރާ، ވަރަށް ވަރަށް ލޯބި ކުއްޖެއް.  އެއީ ހަމަ ސަތޭކައިން އެކެއް." އިންތިހާ ދަރަޖައިގެ ލޯތްބާއެކު ހަލީ މިސް ފާހަގަކުރެއްވީ އަޅުގަނޑަށް ވެސް އިޔާންގެ ކިބައިން ފާހަގަކުރެވޭ ސިފަތަކެކެވެ.

އަޅުގަނޑުމެންގެ އުއްމީދަކީ އަދި ދުޢާއަކީ ވެސް އިޔާންގެ އުއްމީދުތައް ހާސިލްވެ، ޤާނޫނީ ދާއިރާގެ އެންމެ އުހުން އިޔާން ފެނުމެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *