الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.
ބުޚާރީއާއި މުސްލިމް ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ. ޢަބްދުﷲ ބުން ޢުމަރު رضي الله عنه ވިދާޅުވިއެވެ: ﷲ ގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވި އަޑު ތިމަން އެހީމެވެ: ((بُنِيَ الإِسْلَامُ عَلَى خَمْسٍ: شَهَادَةِ أَنْ لَا إِلَهَ إِلَّا اللَّهُ وَأَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ، وَإِقَامِ الصَّلَاةِ، وَإِيتَاءِ الزَّكَاةِ، وَحَجِّ الْبَيْتِ، وَصَوْمِ رَمَضَانَ)) މާނައީ: [އިސްލާމްދީން ބިނާވަނީ ފަސްކަމެއްގެ މައްޗަށެވެ. އެއީ ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަމެއްވެވޭ އެހެން އިލާހަކު ނުވާކަމާއި މުޙައްމަދުގެފާނީ އެކަލާނގެ އަޅާކަމާއި އެކަލާނގެ ރަސޫލާކަމަށް ހެކިވުމެވެ. އަދި ނަމާދު ޤާއިމް ކުރުމެވެ. އަދި ޒަކާތް ދިނުމެވެ. އަދި ގެފުޅަށް ޙައްޖުވުމެވެ. އަދި ރަމަޟާންމަހުގެ ރޯދަ ހިފުމެވެ.]
މިޙަދީޘުން އެނގިގެންދަނީ ޣައިރުމުސްލިމެއްގެ ގޮތުގައި ހުރެފައި އިސްލާމްދީނަށް މީހާއަށް ވަދެވޭނޭ ގޮތެވެ. އެއީ ދެކަމަކަށް އިޤްރާރުވެ ހެކިވެ އެކަމަށް އެއްބަސްވެގެންނެވެ. ކުރުކޮށް ބުނަނީނަމަ އެއީ ﷲ އަށާއި އެކަލާނގެ ރަސޫލާއަށް އީމާންވުމެވެ. އަޅުކަންވެވޭ އެހެނިހެން ހުރިހައި ތަކެއްޗެއް ދޫކޮށްލުމަށްފަހު، ﷲ އަށް އެކަނި އަޅުކަން ކުރުމެވެ. ދުނިޔޭގައި މީސްތަކުން ތަބާވާ އެންމެހައި މީސްތަކުންގެ މައްޗަށް ރަސޫލާއަށް އިސްކަންދީ އެކަލޭގެފާނަށް ފުރިހަމައަށް ތަބާވުމެވެ. އިސްލާމްދީނަށް ވަންނަންވީ ދޮރު ހުޅުވައިލުމަކީ މިއީއެވެ. އަދި މިދޮރު ހުޅުވުމާއެކު އެންމެފުރަތަމަ އެ "މުސްލިމްމީހާ" ކުރަން އަމުރުވެވިގެންވާ ކަމަކީ ފަރުޟު ފަސްނަމާދެވެ. އެފަރުޟު ފަސްނަމާދުގެ މައްޗަކަށް ދީނުގެ އެހެން އެއްވެސް ޢަމަލެއް އިސްވެގެން ނުވެއެވެ. ދީނުގައި ދެންހުރި އެއްވެސް ކަމަކަށް ބުރަދަނެއް އަންނަނީ އިސްލާމްވުމަށްފަހު ފަރުޟު ފަސްނަމާދު ބަރާބަރަށް އަދާކުރުމުގައި ކާމިޔާބު ހޯދުމުންނެވެ.
ސުނަނުއް ތިރްމިޛީގައިވާ ޞައްޙަ ޙަދީޘެއްގައިވެއެވެ: ((إِنَّ أَوَّلَ مَا يُحَاسَبُ بِهِ الْعَبْدُ يَوْمَ الْقِيَامَةِ مِنْ عَمَلِهِ صَلَاتُهُ فَإِنْ صَلُحَتْ فَقَدْ أَفْلَحَ وَأَنْجَحَ وَإِنْ فَسَدَتْ فَقَدْ خَابَ وَخَسِرَ ، فَإِنْ انْتَقَصَ مِنْ فَرِيضَتِهِ شَيْءٌ قَالَ الرَّبُّ عَزَّ وَجَلَّ : انْظُرُوا هَلْ لِعَبْدِي مِنْ تَطَوُّعٍ فَيُكَمَّلَ بِهَا مَا انْتَقَصَ مِنْ الْفَرِيضَةِ ؟ ثُمَّ يَكُونُ سَائِرُ عَمَلِهِ عَلَى ذَلِكَ)) މާނައީ: [ހަމަކަށަވަރުން ޤިޔާމަތްދުވަހުގައި އަޅާގެ ޢަމަލުތަކުގެ ތެރެއިން އެކަމަކާމެދު އެންމެފުރަތަމަ ޙިސާބު ބެއްލެވޭނޭ ކަމަކީ އޭނާގެ ނަމާދެވެ. އެކަން ރަނގަޅަށް ކޮށްފައިވާނަމަ ފަހެ އޭނާއަށް ފަލާޙާއި ކާމިޔާބު ލިބިއްޖެކަން ކަށަވަރެވެ. އަދި އެކަން ފަސާދަވެފައިވާ ނަމަ އޭނާ ގެއްލެނިވެ ހަލާކުވެއްޖެކަން ކަށަވަރެވެ. އޭނާގެ ފަރުޟުގެ ތެރެއިން މިންވަރެއް އުނިވެފައިވާނަމަ ވެރިރައްބު عَزَّ وَجَلَّ ވަޙީކުރައްވާނެތެވެ: ބަލައިފައިހުށިކަމެވެ. ތިމަންއިލާހުގެ އަޅާގެ ފަރުޟުގެ ތެރެއިން އުނިވެފައިވާ ބައި ފުރިހަމަކޮށްދޭނޭ ސުންނަތްކަމެއް އޭނާއަށް ވޭހެއްޔެވެ؟ ދެންއެއަށްފަހުގައި އޭނާގެ ހުރިހައި ޢަމަލެއްވެސް އެފަދައިން ވާހުއްޓެވެ.] މާނައީ ހުރިހައި ޢަމަލެއްގައިވެސް އެކަމެއްގައި އަދާކުރަންޖެހޭ ފަރުޟު ކަންކަމުގައި އުނިކަމެއްވާނަމަ އެއުނިކަން ފުރިހަމަކޮށްދެނީ ހަމައެވައްތަރުގެ ޢަމަލުގެ ތެރެއިން ސުންނަތުގެ ގޮތުގައި ކޮށްފައިވާ ކަންތައްތަކެވެ.
ވީމާ މާތްﷲ ގެ ޙައްޤުތަކުގެ ތެރެއިން އެންމެ ފުރަތަމަ ޤިޔާމަތްދުވަހުން އެކަމެއްގެ ހިސާބު ބެއްލެވޭނޭ ޢަމަލަކީ ނަމާދެވެ. އެނަމާދުގައި އޭނާ ކާމިޔާބުވެގެން ނޫނީ އެހެންކަމެއްގައި ކާމިޔާބުވުމެއް ނުވެއެވެ. މިފަދަ ބޮޑު ޢަމަލެއްގައި މިއަދުގެ މުސްލިމް އުންމަތް އިންތިހާއަށް ފަރުވާކުޑަ ކޮށްފައިވާތަން ފެނުމުން ޙައިރާންވެ އަންތަރީސްވާވަރު ވެއެވެ. ވިސްނުމާއި ޢަމަލުގައި ހުންނަންޖެހޭ އިސްލާމީވަންތަކަން ފަހެ ކޮބައިހެއްޔެވެ؟ މިއަދު އަހަރެމެން މުސްލިމުންގެ ތެރޭގައި ހެވާއި ނުބައި މިވަނީ އަމިއްލަ ބުއްދިން މިނަން ފަށާފައެވެ. ޝަރުޢީ މިންގަނޑު ދޫކޮށްލައި އަމިއްލަ ބުއްދިއަށް އޭނާއަށް ފެންނަ އެންމެ ގޯސް ކަންތައް އެއީ ދީނުގައި އެންމެ ގޯސްކަންތަކަށް ވަރަށްގިނަ ބަޔަކު މިއަދު ހަދައިފިއެވެ. އެހެންނަމަވެސް ﷲ سبحانه وتعالى ގެ ޙަޟްރަތުގައި އެކަން އެގޮތަށް ނުވާނެއެވެ. އެކަލާނގެ ޙަޟްރަތުގައި އެންމެގޯސް ކަންތައްތައް އެއީ އެކަލާނގެ އެންމެބޮޑެތި ފާފަތަކުގެ ގޮތުގައި ކަނޑައަޅުއްވާފައިވާ ކަންކަމެވެ. އެގޮތުން ނަމާދު އެޅުމަކީ ކުފްރާއި އޭނާއާއި ހުރަހަކަށް ވާ ކަންތައް ކަމުގައިވެސް ރަސޫލާ صلى الله عليه وسلم ވަނީ ޙަދީޘްކުރައްވާފައެވެ. ޞަޙީޙް މުސްލިމްގައިވާ ޙަދީޘެއްގައި ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވި ކަމުގައި އައިސްފައިވެއެވެ: ((بَيْنَ الرَّجُلِ وَبَيْنَ الشِّرْكِ وَالكُفْرِ تَرْكُ الصَّلاةِ)) މާނައީ: [މީހާއާއި ޝިރުކާއި ކުފްރާއި ދެމެދުގައި ވަނީ ނަމާދު އެޅުމެވެ.] އެއްފަރާތުގައިވަނީ މުސްލިމް މީހާއެވެ. އަނެއްފަރާތުގައިވަނީ ކާފިރުކަމެވެ. އެދެމެދުގައި ވަކިކޮށްދޭ އެއްޗަކީ ނަމާދެވެ. ބަރާބަރަށް އަދާކުރުމުން އޭނާ އެވަނީ މުސްލިމެއްގެ ގޮތުގައިވީ ފަޅީގައެވެ. އަދި ނަމާދު އަޅައިފިނަމަ އެމީހަކު ވާނޭ ފަޅިއަކީ ކޮބައިކަން އަމިއްލައަށް އަންދާޒާކޮށްލެއްވުން މުހިންމެވެ.
ޢުމަރު ބުން އަލްޚައްޠާބު رضي الله عنه ވިދާޅުވިއެވެ: ((لاَ حَظَّ فِي الإِسْلاَمِ لِمَنْ تَرَكَ الصَّلاَةَ)) މާނައީ: [ނަމާދު އަޅައިފި މީހާއަށް އިސްލާމްދީނުގައި އެއްވެސް ނަޞީބެއް ނުވެއެވެ.]
ތާބިޢީ ބޭކަލެއް ކަމުގައިވާ ޢަބްދުﷲ ބުން ޝަޤީޤް ވިދާޅުވިއެވެ: ﷲ ގެ ރަސޫލާ صلى الله عليه وسلم ގެ އަޞްޙާބު ބޭކަލުން އެޢަމަލެއް ދޫކޮށްލުމީ ކުފުރެއް ކަމުގައި ނަމާދު ނޫން އެހެން ކަމެއްގައި ދެކިލައްވާކަމުގައި ނުވެއެވެ.]
އަޅަމެއްނީ ނަމާދުތައް ބަރާބަރަށް އަދާކުރާ، އެކަމަށް އެއްގޮތަކަށްވެސް ފަރުވާކުޑަ ނުކުރާ ބަޔަކުގެ ގޮތުގައި ލައްވާށި! އާމީން!
وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.