އަޙްމަދިއްޔާގެ ކުރީގެ ނާޒިރު ޢަބްދުއްރަޝީދު ޢަލީ އަވަހާރަވެއްޖެއެވެ. އުމުރުން 75 އަހަރުގައި އެމަނިކުފާނު އަވަހާރަވީ އިންޑިއާގެ ބެންގަލޫރުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދުގެ ހެނދުނެވެ. އަބްދުއްރަޝީދު ޢަލީ އާލާސްކަންފުޅާ އުޅުއްވާތާ ވަރަށް ގިނަ ދުވަސް ވެއްޖެ އެވެ.
ޢަބްދުއްރަޝީދު ޢަލީ އަކީ މަދްރަސަތުލް އަޙްމަދިއްޔާ (މިހާރު އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް) ގެ އެންމެ ފުރަތަމަ ނާޒިރެވެ. އެއީ 21 ފެބްރުއަރީ 1982 އިން 15 އޮގަސްޓް 1982 އަށެވެ. އަހްމަދިއްޔާގެ ދެވަނަ ނާޒިރު އިސްތިއުފާ ދެއްވުމާއި ގުޅިގެން 23 ޑިސެމްބަރ 1986 އިން 9 ޖުލައި 1989 އަށް ޢަބްދުއްރަޝީދު ޢަލީ ނާޒިރު ކަމުގެ މަގާމާއި ހަވާލުވެވަޑައިގަތްކަން ފާހަގަކޮށްލެވެއެވެ.
އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދު ވިދާޅުވީ، ޢަބްދުއްރަޝީދު ޢަލީގެ ނާޒިރު ކަމުގައި ސްކޫލްތަރައްގީ ކުރެއްވުމަށް ވަރަށް ގިނަ މަސައްކަތްޕުޅުތަކެއް ކުރެއްވިކަމުގައެވެ.
އަބްދުއްރަޝީދު އަވަހާރަވުމާގުޅިގެން މިއަދުންފެށިގެން 3 ދުވަހު އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް ގެ ދިދަ ބައިދަނޑިއަށް ތިރިކުރަން ވަނީ ނިންމާފައެވެ. އަޙްމަދިއްޔާގެ ފުރަތަމަ ނާޒިރު މިދުނިޔެއާއި ވަކިވެ ވަޑައިގެންނެވުމަކީ އަޙްމަދިއްޔާގެ އާޢިލާއަށް ލިބިގެންދިޔަ ވަރަށްބޮޑު ހިތާމައެކެވެ. މި ފުރުޞަތުގައި، ޢަބްދުއްރަޝީދު ޢަލީގެ އާއިލާގެ އެންމެހާ މެންބަރުންނަށް އަޙްމަދިއްޔާގެ އެންމެހާ ދަރިވަރުންނާއި ބެލެނިވެރިންނާއި މުއައްޒަފުންނާއި މުދައްރިސުންގެ ނަމުގައި ތަޢުޒިޔާ ދަންނަވައި މަރުޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލެއްވުންއެދި ދުޢާ ކުރެއެވެ.
އަބްދުއްރަޝީދު ޢަލީ ވަނީ ރައްޔިތުންގެ މަޖިލީހުގެ އަރިއަތޮޅުގެ މެމްބަރުކަން ދެ ދައުރުގައި ކުރައްވައިފަ އެވެ. އަދި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ އދ. އަތޮޅުގެ މެމްބަރުކަން ވެސް އެމަނިކުފާނު ކުރެއްވި އެވެ.
ރައްޔިތުންގެ މަޖިލީހާއި ޚާއްޞަ މަޖިލީހުގެ އިތުރުން ސަރުކާރުގެ އެހެން މަގާމުތައް ވެސް އަބްދުއްރަޝީދު އަދާކުރެއްވި އެވެ. އޭގެ ތެރޭގައި ޖެންޑާ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ކަމާއި ފުލުސް ކޯޓުގެ ފުރަތަމަ އިސް ގާޒީ ކަމާއި ޕްރިޒްންސް ޑިވިޝަންގެ އިސްވެރިޔާ ކަމާއި މާފަންނު އަވަށު އޮފީހުގެ އިސްވެރިއެއްގެ މަގާމު ހިމެނެއެވެ.