އާރޓިކަލް 59 : ސުންނަތް ނަމާދުތަކުގެ މުހިންމުކަން

الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.

ފަރުޟު ފަސްނަމާދު ކޮންމެ ދުވަހަކު ރެއަކާއި ދުވާލެއްގައި އެކަނޑައެޅިފައިވާ ވަގުތުތަކުގައި އަދާކުރުމަކީ އާޚިރަތުގެ ފަލާޙާއި ކާމިޔާބަށް އެދޭމީހަކަށް ނުހަނު މުހިންމުކަމެކެވެ. ނަމަވެސް ދުނިޔެވީ ޙަރަކާތްތަކާއި މަޝްޣޫލުވުންތަކުގެ ގިނަކަމާއި ދުނިޔެވީ ބޭނުންތަކުގެ މުހިންމުކަން އީމާންކަމުގެ ފޮނިމީރުކަމުގެ މައްޗަށް ގަދަވެފައިވާ މުސްލިމުން ގިނަވުމުގެ ސަބަބުން، އެފަރުޟު ނަމާދުތައް އަދާކުރުމުގައި ފަރުވާތެރިކަން ބަހައްޓަންޖެހޭ ވަރަށް، ގިނަ މުސްލިމުންތަކަކަށް ވަނީ އޭގެ މިންގަނޑުތަކުގައި ނުހިފެހެއްޓިފައެވެ. އެކަމުގެ ސަބަބުން އުނިވެގެންގޮސް ހެދިފައިވާ ބާގަނޑު ބައްދާލައި ފުރިހަމަ ކުރުމަށްޓަކައި މިއުންމަތަށް މާތް ﷲ ވަނީ އިތުރު މާތްކަމެއް ދެއްވާފައެވެ. އެއީ ސުންނަތް ނަމާދުތަކެވެ.

ސުންނަތް ނަމާދުތަކަކީ އެކަމުގެ ސަބަބުން ޤިޔާމަތްދުވަހުގައި ޙިސާބު ބެއްލެވުމުގައި އެމީހެއްގެ ހެޔޮކަމުގެ ތިލަފަތް ބަރުކޮށްދޭ އެއްޗެއްގެ އިތުރުން އެމީހަކު އަދާކުރަންޖެހޭ ވާޖިބުގައި ހިމެނިފައިވާ އުނިކަން ފިލުވާލަދޭވެސް އަޅުކަމެކެވެ. އެކަން ބަޔާންކުރައްވާ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: ((إِنَّ أَوَّلَ مَا يُحَاسَبُ بِهِ الْعَبْدُ يَوْمَ الْقِيَامَةِ مِنْ عَمَلِهِ صَلَاتُهُ فَإِنْ صَلُحَتْ فَقَدْ أَفْلَحَ وَأَنْجَحَ وَإِنْ فَسَدَتْ فَقَدْ خَابَ وَخَسِرَ ، فَإِنْ انْتَقَصَ مِنْ فَرِيضَتِهِ شَيْءٌ قَالَ الرَّبُّ عَزَّ وَجَلَّ : انْظُرُوا هَلْ لِعَبْدِي مِنْ تَطَوُّعٍ فَيُكَمَّلَ بِهَا مَا انْتَقَصَ مِنْ الْفَرِيضَةِ ؟ ثُمَّ يَكُونُ سَائِرُ عَمَلِهِ عَلَى ذَلِكَ))  މާނައީ: [ހަމަކަށަވަރުން ޤިޔާމަތްދުވަހުގައި އަޅާގެ ޢަމަލުތަކުގެ ތެރެއިން އެކަމަކާމެދު އެންމެފުރަތަމަ ޙިސާބު ބެއްލެވޭނޭ ކަމަކީ އޭނާގެ ނަމާދެވެ. އެކަން ރަނގަޅަށް ކޮށްފައިވާނަމަ ފަހެ އޭނާއަށް ފަލާޙާއި ކާމިޔާބު ލިބިއްޖެކަން ކަށަވަރެވެ. އަދި އެކަން ފަސާދަވެފައިވާ ނަމަ އޭނާ ގެއްލެނިވެ ހަލާކުވެއްޖެކަން ކަށަވަރެވެ. އޭނާގެ ފަރުޟުގެ ތެރެއިން މިންވަރެއް އުނިވެފައިވާނަމަ ވެރިރައްބު عَزَّ وَجَلَّ ވަޙީކުރައްވާނެތެވެ: ބަލައިފައިހުށިކަމެވެ. ތިމަންއިލާހުގެ އަޅާގެ ފަރުޟުގެ ތެރެއިން އުނިވެފައިވާ ބައި ފުރިހަމަކޮށްދޭނޭ ސުންނަތްކަމެއް އޭނާއަށް ވޭހެއްޔެވެ؟ ދެންއެއަށްފަހުގައި އޭނާގެ ހުރިހައި ޢަމަލެއްވެސް އެފަދައިން ވާހުއްޓެވެ.] ރިވާކުރެއްވީ ތިރްމިޛީ އެވެ.

ފަރުޟު ނަމާދުން އުނިވެފައިވާ ބައިގެ މުރާދުގައި ދެ މާނައެއްގެ އިޙްތިމާލުވެއެވެ. އެއް އިޙްތިމާލަކީ ފަރުޟު ނަމާދު އޭގެ ޒާތުގައި ދޫވެ ނުވަތަ ދޫކޮށްލައިގެން އައިސްފައިވާ އުނިކަމެވެ. އަދި ދެވަނައީ އެނަމާދު އަދާކުރުމުގައި ޝަރުޠުތަކާއި ވާޖިބުތަކާއި ޚުޝޫޢަތްތެރިކަމުގައި އައިސްފައިވާ އުނިކަމެވެ. މިދެވަނަ އިޙްތިމާލު އެކިދިމަދިމާއިން ވިސްނާލުމުން، އެގޮތް ރަނގަޅުވުން މާބޮޑަށްވެސް ގާތްވެގެންވެއެވެ. އެއްކަމަކީ ފަރުޟު ނަމާދު ނުކޮށް ދޫކޮށްލައިގެން އުނިވުމަކީ ގިނަ ޢިލްމުވެރިންގެ އަރިހުގައި ގިނަޙަދީޘްތަކެއްގެ އަލީގައި އެމީހެއްގެ ދީން މުގުރައިފި މީހެކެވެ. އެފަދަ މުގުރުމެއްގެ އުނިކަން ފޫބެދޭނީ އެމުގުރާލި ކަމެއް އަލުން ބިނާކުރެވިގެންނެވެ. އަލުން އެނަމާދުތައް އަނބުރައި ގެނައުމަކީ ޤިޔާމަތްދުވަހުން ފުރުޞަތު ލިބޭނޭ ކަމެއް ނޫނެވެ. ވީމާ ކަންނެތް ކަމާއި ދުނިޔެވީ އެދުންބޮޑުވެ އެދުނިޔޭގެ އެދުމައިގެން ހެއްލިގެން ގަސްދުގައި ނަމާދުތައް ދޫކޮށްލުމަށްފަހު، އެބައި ސުންނަތް ނަމާދުތަކުން ފުރިހަމަ ވުމަކީ އެކަށީގެންވާ ކަމެއްކަމަކަށް ސަލާމަތް ބުއްދި ޤަބޫލެއް ނުކުރެއެވެ. އޭގެ އިތުރުން ފަރުޟުނަމާދުތަކުގެ ޘަވާބާއި ދަރުމައަށް ބަލާއިރު އެތަކެއް ސުންނަތް ނަމާދުތަކެއް އެއްކޮށްލައިގެން ވެސް އެފަދަ މަތިވެރިކަމާއި މާތްކަން ލިބިފައިވާ ޢަމަލެއްގެ އުނިކަން ފިލުވައިލުމަކީ ވާނޭ ކަމެއް ނޫނެވެ. އޭގެ އަނެއް މާނައަށް ވިސްނާލާއިރު، ވަރަށް މަދުމީހަކަށް ވަރަށް މަދުނަމާދެއް މެނުވީ އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކުރެވުމަކީ ވަރަށް ނާދިރު ކަމެކެވެ. ހަމަ ގިނަފަހަރަށް ކިތަންމެ ތަޤްވާވެރި ދީންވެރި އިޚްލާޞްތެރި މީހެއް ނަމަވެސް އެމީހެއްގެ ނަމާދުގެ ޚުޝޫޢަތްތެރިކަން ގެއްލިގެން ދިއުމަކީ ނަމާދުގެ ތެރޭގައި އަބަދާއި އަބަދުމެ ދީމާވުން ގާތްކަމެކެވެ.

މިއުންމަތުގެ އެންމެ މާތް އެންމެ އިޚްލާޞްތެރި، ރަސޫލާ صلى الله عليه وسلم ގެ އަޞްޙާބު ބޭކަލުންނަށް އެކަންކަން ދިމާވެފައިވީ ހިނދު މިއުންމަތުގެ އެހެން މީހުންގެ ޙާލަކީ ފަހެ ކޮބައިހެއްޔެވެ؟ މުސްލިމުންނަށް އެކަން ދިމާވާނެކަން ބަޔާންކުރައްވާ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: ((إنَّ العبدَ لَيصلِّي الصَّلاةَ ما يُكتُبُ لَهُ منْها إلَّا عُشرُها، تُسعُها، ثمنُها، سُبعُها، سُدسُها، خمسُها، ربعُها، ثلثُها نصفُها)) މާނައީ: [ހަމަކަށަވަރުން އަޅާ ނަމާދު އަދާކުރުމުން، އޭގެ ދިހަބައިކުޅަ އެއްބައި، ނުވަބައިކުޅަ އެއްބައި، އަށްބައިކުޅަ އެއްބައި، ހަތްބައިކުޅަ އެއްބައި، ހަބައިކުޅަ އެއްބައި، ފަސްބައިކުޅަ އެއްބައި، ހަތަރުބައިކުޅަ އެއްބައި، ތިންބައިކުޅަ އެއްބައި، ދެބައިކުޅަ އެއްބައި ނޫނީ އޭނާއަށް ނުލިޔުއްވެއެވެ.] ރިވާކުރެއްވީ އަބޫދާވޫދު އެވެ. މިޙަދީޘްގެ ތެރެއަށް ފަރުޟު ނަމާދުތަކާއި ސުންނަތް ނަމާދުތައް ވަންނާނެއެވެ. ވީމާ އެ ޚުޝޫޢަތްތެރިކަމުގެ އުނިކަން ފަރުޟު ނަމާދުތަކުގައި އާދެއެވެ. އަދި ޚުޝޫޢަތްތެރިކަމުގެ އުނިކަން ސުންނަތް ނަމާދުތަކުގައި ވެސް އާދެއެވެ. މިޙަދީޘްގައި މިބަޔާންވަނީ ބަރާބަރަށް ގަޑިން ގަޑިއަށް ފަރުޟު ނަމާދުތައް ކުރާމީހަކުވެސް އޭނާގެ ނަމާދުގެ ޘަވާބު އޭގެ އެންމެ ފުރިހަމަކަންމަތީ ނުލިޔުއްވިދާނެ ކަމުގެ ވާހަކައެވެ. ސުންނަތް ނަމާދުތަކުގެ ދަރުމައާއި ޘަވާބު ލިބުނު ބައިން ފަރުޟު ނަމާދުގެ އުނިކަން ގެނުވި ބައި ފުރިހަމަ ކޮށްދޭ ޙަދީޘް އާއި ދިމާވެ ގުޅިގެންދަނީ ޚުޝޫޢަތްތެރިކަން ގެއްލިގެން ގޮސް އަންނަ އުނިކަން ފިލުވާލުމުގެ މާނައިން މާނަކުރުމުންނެވެ.

ކޮންމެއަކަސް އިސްވެދިޔަ ކަންކަމަށް ބަލައިލުމުން ސުންނަތް ނަމާދުތަކުގެ މުހިންމުކަން ދެނެގަނެވެއެވެ. އެނަމާދުތަކަށްވެސް އުނިކަމެއް އަޔަނުދީ ހިފެހެއްޓުން އެއީ ކިހާ މުހިންމުކަމެއްކަން ހިތަށް ގެނެވެއެވެ. އަދި އޭގެ އިތުރުން އިންސާނީ އުންމަތުގެ އެންމެމާތް އިންސާނާ ކަމުގައިވާ މާތް ނަބިއްޔާ މުޅި ޙަޔާތްޕުޅުގައި އެއްގޮތަކަށްވެސް ސުންނަތްތައް ދޫކޮށް ނުލައި ދާއިމީ ގޮތެއްގައި ކުރައްވާފައިވުމުންވެސް އަޅަމެން ނިކަމެތިމީހުންނަށް އެކަމުގެ މުހިންމުކަން އޮންނާނެވަރު އިޙްސާސް ކޮށްލެވެއެވެ.

މުސްލިމް ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ: ރަބީޢަތު ބުން ކަޢްބު އަލްއަސްލަމީ ވިދާޅުވިއެވެ: ((كنتُ أبيتُ مع رسولِ اللهِ صلَّى اللهُ عليه وسلَّم فأتيتُه بوَضوئِه وحاجتِه، فقال لي: سلْ، فقلت: أسألُك مرافقتَك في الجَنَّةِ، قال: أو غيرَ ذلك؟! قلتُ: هو ذاك! قال: فأعنِّي على نفْسِكَ بكثرةِ السُّجودِ))  މާނައީ: [ރަސޫލާ އާއެކުގައި ތިމަންނާ ރޭގަނޑު ހޭދަކުރެއްވީމެވެ. ދެން ތިމަން އެނަބިއްޔާގެ ގާތަށް ވުޟޫކުރާނޭ ފެނާއި ޙާޖަތަށް ބޭނުންވާ ތަކެތި ހިފައިގެން އައީމެވެ. ދެން އެކަލޭގެފާނު ތިމަންނާއަށް ޙަދީޘްކުރެއްވިއެވެ: ސުވާލުކުރާށެވެ. ދެން ތިމަން ދެންނެވީމެވެ: ތިމަންނާ ތިޔަނަބިއްޔާއާ އެކުގައި ސުވަރުގޭގައި ވުމަށް ތިޔަނަބިއްޔާގެ އަރިހުން ދަންނަވަމެވެ. ޙަދީޘްކުރެއްވިއެވެ: ތިޔަނޫން ކަމެއް ވޭހެއްޔެވެ؟ ތިމަން ދެންނެވީމެވެ: ހަމަ އެކަމެވެ! ޙަދީޘްކުރެއްވިއެވެ: ސަޖިދަ ކުރުމުގައި ތިބާގެ ނަފްސުގެ މައްޗަށް ބާރުއަޅާށެވެ.] ރަސޫލާ صلى الله عليه وسلم އާ އެކުގައި ސުވަރުގޭގައި ވުމުގެ ނަޞީބު ލިބިގެންދަނީ ނުހަނު ގިނައިން ނަމާދުކުރުމުގައި ވާމީހުންނެވެ. އަބަދާއި އަބަދުމެ ސުންނަތް ނަމާދު ކުރުމުގައި ދެމިހުންނަ މީހުންނެވެ.

ސުންނަތް ނަމާދު ތަކަކީ މީހާ ﷲ سبحانه وتعالى އާއި ގާތްކޮށްދޭ އަޅުކަމުގެ ވަޞީލަތަކަށް ވެގެން ދެއެވެ. ޤުދްސިއްޔަ ޙަދީޘެއްގައި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: މާތް ﷲ ވަޙީކުރެއްވިއެވެ: ((… وَمَا يَزَالُ عَبْدِي يَتَقَرَّبُ إِلَيَّ بِالنَّوَافِلِ حَتَّى أُحِبَّه …)) މާނައީ: [… އަދި ތިމަންﷲ ގެ އަޅާ ދެކެ ތިމަންﷲ ލޯބިވަންދެން، ސުންނަތް އަޅުކަންތައް ކޮށްގެން ތިމަންއިލާހުއާއި އޭނާ ކުއްތަންވުމުގައި ދެމިހުރެއެވެ….]

އަޅަމެއްނަށް ސުންނަތް އަޅުކަންތައް އަދާކުރުމުގައި ކުރިއަރާ ދިއުމުގެ ހެޔޮ ތައުފީޤު ދެއްވާނދޭވެ! އާމީން!

وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.

 

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *