ބުރާސްފަތި, 17 އޭޕްރިލް 2025

ޕްރީ ސްކޫލުކުދިންގެ މައިދާނީ ދަތުރު

އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުގެ ދަރިވަރުންގެ ތެރެއިން ޕްރީ ސްކޫލްގެ ދަރިވަރުންނަށް ޚާއްޞަ މައިދާނީ ދަތުރެއް ބާއްވައިފިއެވެ. މި މައިދާނީ ދަތުރު އޮތީ އިއްޔެ ހެނދުނު 7:00 ގައެވެ. މި މައިދާނީ ދަތުރުގައި ޕްރީ ސްކޫލްގެ ދަރިވަރުންތަކެއް ވަނީ މާލޭގެ ލޯކަލް މާރުކޭޓަށް ޒިޔާރަތް ކޮށްފައެވެ. ގިނަ އަދަދެއްގެ ދަރިވަރުންތަކެއް ގޮވައިގެން މާރުކޭޓަށް ދިއުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ އެ ދަރިވަރުންގެ ފިލާވަޅުތަކާއި ގުޅުވާލުމެވެ. ދަރިވަރުންގެ މި މައިދާނީ ދަތުރުން ދަރިވަރުންނަށް ގިނަ އެއްޗެހިތަކެއް ފެނުމާއެކު އެއެއްޗެއްގެ އަސްލު ހުންނަގޮތް ތަޖުރިބާ ކޮށްލުމަށް ފުރުސަތު ލިބިގެން ދިޔައެވެ.

މި މައިދާނީ ދަތުރުގައި ލޯކަލް މާރުކޭޓުގައި ވިއްކަން ހުންނަ ގިނަ ބާވަތްތަކުގެ ތެރެއިން ތަރުކާރީއާއި މޭވާތައް ދަރިވަރުންނަށް ދައްކާލުމަކީ މި މައިދާނީ ދަތުރުގެ އެންމެ ބޮޑު މަޤުޞަދެވެ. ހަމައެއާއިއެކު އެ ތަކެތިހުންނަ ކުލައާއި ، ރަހައިގެ އިތުރުން އެ އެއްޗެއްގައި އަތްލުމުން ދަރިވަރުންނަށް ކުރެވޭ އިޙުސާސްތައް ދެނެގަތުމުގެ ފުރުޞަތު ދެވުނެވެ. މީގެއިތުރުން ތަރުކާރީއާއި މޭވާތަކާއި ބެހޭގޮތުން ދަރިވަރުންނަށް އާންޓީމެންވަނީ އިތުރު މައުލޫމާތު ފޯރުކޮށްދީފައެވެ. މި ކަމުގައި ބައިވެރިވި ގިނަ ދަރިވަރުން ނަކީ ދުވަހަކު ވެސް ލޯކަލް މާރުކޭޓުތެރެއަށް ވަނުމުގެ ފުރުސަތު އަދި ނުލިބޭ ދަރިވަރުންނެވެ. އެހެންކަމުން ކޮންމެ ދަރިވަރަކަށް ވެސް ލޯކަލް މާރުކޭޓުގައި ވިއްކާ މޭވާއާއި ތަރުކާރީގެ ތެރެއިން ކޮންމެ ވެސް އެއްޗެއް ގަނެލުމުގެ ފުރުސަތު ލިބިގެން ދިޔައެވެ. މީގެ އިތުރުން މާރުކޭޓުގެ ގިނަ ގޮޅިތަކުން ވިއްކާ މޭވާއާއި ތަރުކާރީގެ ތެރެއިން ދޮންކޭލާއި، އަނބުފަދަ މޭވާވަނީ ބައެއް ގޮޅިތަކުގެ ސޭޓުން ދަރިވަރުންނަށް ހަދިޔާކޮށްފައެވެ. އެހެންކަމުން މި ފުރުޞަތުގައި އެ ފަރާތްތަކަށް ޝުކުރުދަންނަވަމެވެ.

މިފަދަ މައިދާނީ ދަތުރުތައް ބޭއްވުމުން ދަރިވަރުންގެ ޅަ ސިކުނޑިތަކަށް ފިލާވަޅުތައް ދަސްވެ، އެނގުމަށް ފުރުސަތު ބޮޑުވެއެވެ. ހަމައެގޮތުން ދަރިވަރުން އެ އެއްޗެއް ތަޖުރިބާ ކުރުމުން ހަނދާނުގައި ހުންނަ މިންވަރުވެސް އިތުރުވެއެވެ. މީގެކުރިން ދުވަހަކު ވެސް ނުފެންނަ އެތައް މޭވައަކާއި ތަރުކާރީއެއް ހަމަލޮލަށް ފެނި ދަރިވަރުންގެ ވިސްނުން ފުޅާވެ ތަފާތު ސުވާލުތައް ކުރުމުގެ ޤާބިލުކަން ލިބިގެންދެއެވެ. މިއީ ދަރިވަރުންނަށް ކިޔަވައިދޭ ތަކެތި ގިނަދުވަހު ސިކުނޑީގައި ހަރުލެއްވުމަށް އާންމުކޮށް ގެންގުޅޭ އުސޫލެއް ވެސްމެއެވެ. މިކަހަލަ މައިދާނީ ދަތުރުތަކުގެ ސަބަބުން ދަރިވަރުން ކިޔެވުމަށް ލޯބިޖެހި ދަސްކުރުމުގެ ބާރުގަދަވެއެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *