އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ މަތީ ސާނަވީ ދަރިވަރުންނަށް ހުޅުވައިލައިގެން ބޭއްވި "ރޯޑް ޓު ހިންމަފުށި" އިންޓަރކްލާސް ފުޓްސަލް އަދި ހޭންޑްބޯލް މުބާރާތުގެ ފައިނަލް މެޗުތައް ކ.ހިންމަފުށީ ސްކޫލްގެ ޓާފު ދަނޑުގައި 18 މާރިޗު ވީ ހުކުރު ދުވަހު ބާއްވައިފިއެވެ.

ފިރިހެން ދަރިވަރުންގެ ފުޓްސަލް މުބާރާތުން ފައިނަލަށް ދަތުރުކުރީ 11 އެލް އަދި 12 އެލް ކުލާހެވެ. އަދި އަންހެން ދަރިވަރުންގެ ހޭންޑްބޯލް މުބާރާތުން ފައިނަލަށް ދަތުރުކުރީ 12 އެޗް އަދި 12 ބީ އެވެ.

މިދިޔަ ހުކުރު ދުވަހު (11 މާރިޗު 2022) ރެހެންދީ ސްކޫލްގެ ދަނޑު ތަކުގައި ގްރޭޑް 11 އަދި 12 ގެ ކުލާސްތަކު މެދުގައި ބޭއްވި މި މުބާރާތުން ހޮވުނު ފައިނަލް ޓީމުތަކާއި އެކު ސްކޫލްގެ ޕްރިންސިޕަލާއި ސީނިއަރ މެނޭޖްމަންޓުގެ ބައެއް ބޭފުޅުންނާއި މުދައްރިސުންނާއި ސަޕޯޓަރުންނާއި ސްކޫލްގެ ބޭންޑު ކުދިންނާއެކު ދިޔަ މި ދަތުރު ވަނީ ވަރަށް ކާމިޔާބާ އެކު ކުރިއަށް ގެންދެވިފައެވެ.
ހަވީރު 4:30 ގައި ފެށި މުބާރާތުގެ ފައިނަލް މެޗުތައް ޝަރަފްވެރިކޮށްދެއްވީ އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދާއި ހިންމަފުށީ ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ޢަރީފެވެ. މެޗްފެށުމުގެ ކުރިން އަޙްމަދިއްޔާގެ ބޭންޑުގެ ދަރިވަރުން ޤައުމީ ސަލާމް ކުޅުނެވެ. އެންމެ ފުރަތަމަ ކުޅުނީ ހޭންޑް ބޯލް މުބާރާތުގެ ފައިނަލެވެ. 12 ބީ އާއި 12 އެޗް ކުޅުނު ފައިނަލް މެޗް 4 ލަނޑު 3 ލަނޑުން ކާމިޔާބު ކުރީ 12އެޗް އެވެ.

އެއަށް ފަހު ސްކޫލްގެ ބޭންޑުގެ ފަރާތުން ވަރަށް ފުރިހަމަ ހުށަހެޅުމެއް ހުށަހެޅިއެވެ.
އެންމެ ފަހުން ކުޅުނީ ފުޓްސެލް މުބާރާތުގެ 12 އެލް އާއި 11 އެޗްގެ ފައިނަލް މެޗެވެ. 3 ލަނޑު އެއްލަނޑުން ފުޓްސެލް މުބާރާތް ކާމިޔާބުކުރީ 11 އެލް އެވެ.

މޮޅުވި ޓީމުތަކަށް ޓްރޮފީ އާއި މެޑެލް ހަވާލުކޮށްދެއްވީ އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދެވެ. 2 ވަނައަށްދިޔަ 2 ޓީމުގެ ކުޅުންތެރިންނަށް މެޑެލް ހަވާލުކޮށްދެއްވީ ހިންމަފުށި ސްކޫލްގެ ޕްރިންސިޕަލް އަލްފާޟިލް މުޙައްމަދު ޢާރިފެވެ.
މީގެ އިތުރުން ހޭންޑްބޯލް މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ލިބުނީ 12އެޗް ގެ އިޝާދާ އިބްރާހިމަށެވެ.
އަދި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ ކަމަށް ހޮވުނީ 12ބީ ގެ އައިޝަތު އީލާފް އިބްރާހިމެވެ.
ހަމަ އެފަދައިން ފުޓްސަލް މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ލިބުނީ 11އެލް ގެ ޢަލީ ޔަމީން ޢަބްދުލް ޖަލީލަށެވެ.
އަދި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ 12އެލް ގެ މުޙައްމަދު ފައުޒާނެވެ.