ބުރާސްފަތި, 17 އޭޕްރިލް 2025

ޕްރީ ޕްރައިމަރީ އިންޓަރކްލާސް މަދަޙަ މުބާރާތް ބާއްވައިފި

އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ދަރިވަރުންގެ ތެރެއިން ޕްރީ ޕްރައިމަރީ ކްލާސްތަކުގެ މަދަޙަ މުބާރާތް ބާއްވައިފިއެވެ. މިއީ ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މުބާރާތެކެވެ. ނަމަވެސް ފާއިތުވެ ދިޔަ ދެއަހަރު މި މުބާރާތްވަނީ ބޭއްވޭގޮތް ނުވެފައެވެ. މުޅި ދުނިޔެއަށް ކުރިމަތިވި އާލަމީވަބާގެ ސަބަބުން ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި ވެސް ބާއްވަމުން އަންނަ އިތުރު ހަރަކާތްތައް ވަނީ މެދުކެނޑިފައެވެ. އެހެންނަމަވެސް މިހާރު މިވަނީ މި ބަލިމަޑުކަމުން އަރައިގެންފައެވެ. އެހެންކަމުން މިހާރު ގިނަ ސްކޫލްތަކެއްގައި މިދުވަސްވަރު ދަނީ އިތުރު ހަރަކާތްތައް އަލުން ފަށާފައެވެ. އެގޮތުން އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ 1443ވަނަ އަހަރުގެ އިންޓަރ ކްލާސް މަދަޙަ މުބާރާތް މިވަނީ ދެދުވަހެއްގެ މަތިން ބާއްވާނިމިފައެވެ.

މިމަހުގެ 19 އިން 20 އަށް ގެންދިޔަ މި މުބާރާތުގައި ޕްރައިމަރީ އާއި ޕްރީސްކޫލް ދަރިވަރުންވަނީ ވަރަށް ރީތި މަދަޙަތަކެއް ހުށައަޅައިދީފައެވެ. ޕްރައިމަރީ ގްރޭޑް ތަކުގެ ދަރިވަރުންގެ މަދަޙަ ހުށައެޅުން އޮތީ މިމަހުގެ 19 ވަނަ ދުވަހުއެވެ. އެ ދުވަހުގެ ހުށައެޅުންތައް ކުރިއަށް ގެންގޮސްފައިވަނީ ތިންދަންފަޅިއަކަށް ބަހާލައިގެންނެވެ. ސްކޫލްގެ ހޯލުގައި ބޭއްވުނު މި މުބާރާތުގައި ހެނދުނުގެ ދަންފަޅީގައި މަދަޙަތައް ހުށައަޅައިދިނީ ގްރޭޑް އެކެއް އަދި ދޭއްގެ ދަރިވަރުންނެވެ.

މެންދުރު ދަންފަޅީގައި މަދަޙަތައް ހުށައަޅައިދިނީ ގްރޭޑް ތިނެއް އަދި ހަތަރެއްގެ ދަރިވަރުންނެވެ. ހަވީރު ދަންފަޅީގައި މަދަޙަތައް ހުށައަޅައިދިނީ ގްރޭޑް 5 އަދި 6ގެ ދަރިވަރުންނެވެ. މި މުބާރާތުގައި ފަނޑިޔާރުކަން ކޮށްދެއްވީ މޯލްޑިވިއަން އައިޑޮލްގެ ބޭފުޅުންނެވެ.

ޕްރީސްކޫލްގެ މަދަޙަތައް ހުށައެޅުން އޮތީ މިމަހުގެ 20ވަނަ ދުވަހުއެވެ. ޕްރީސްކޫލްބައިން ބޭބީ ނާސަރީ، އެލް.ކޭ.ޖީ އަދި ޔޫ.ކޭ.ޖީ ދަރިވަރުންގެ ހުށައެޅުންތައް ވެސް ކުރިއަށް ގެންދެވުނީ ތިން ދަންފަޅިއަކަށް ބަހާލައިގެންނެވެ. ޕްރީސްކޫލްބައިގެ މަދަޙަތައް ހުށައެޅުން ކުރިއަށް ގެންގޮސްފައިވަނީ ސްލޫކްގެ މަލްޓީ ޕާރޕަސްހޯލުގައެވެ.

ޕްރީސްކޫލް ދަރިވަރުންގެ މަދަޙަތަކުގެ ފަނޑިޔާރުކަން ކޮށްދެއްވާފައިވަނީ ޕްރައިމަރީބައިގެ އިސްލާމް ޑިޕާޓްމަންޓުގެ ބޭފުޅުންނާއި ޤުރުއާން ޑިޕާޓްމަންޓްގެ ބޭފުޅުންނެވެ. ފަނޑިޔާރުކަން ކޮށްދެއްވި އެންމެހާ ފަރާތްތަކަށް ޝުކުރުދަންނަވަމެވެ. މި މުބާރާތް ވެގެންދިޔައީ ވަރަށް ވެސް ކާމިޔާބު މުބާރާތަކަށެވެ.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *