ބުރާސްފަތި, 24 އޭޕްރިލް 2025

އާރޓިކަލް 60 : ޒަކާތް އަދާކުރުމުގެ މުހިންމުކަން

الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.

ދުނިޔޭގެ ތަފާތު އެކި އެދުންތަކުގެ ވަށައިގެން އިންސާނާ ބެދިފައިވާއިރު، އެއިންސާނާގެ އެންމެ މުހިންމު އަދި އޭނާ އެދޭހާގޮތަކަށް ބައްޓަންކުރުވައިގެން އުޅޭ ކަންކަމުގެ ތެރޭގައި، އޭނާ ބޭނުންވާ ކަންކަމާ މެދު އެކަނި ވިސްނުމާއި، އޭނާގެ މުދާ އޭނާ ބޭނުންވާހައި ގޮތަކަށް ހޭދަކުރުމާއި، އޭނާ ބޭނުންހާ ވައްތަރެއްގެ އެއްޗެއް އޭނާގެ ބަނޑަށް އަޅައިގެން ދިރިއުޅުން ބައްޓަން ކުރުން ހިމެނެއެވެ. ނަމަވެސް ވިސްނުމާއި ފިކުރުން އޭނާގެ ޚަލްޤު ކުރެއްވި ފަރާތްކަމުގައިވާ، މާތްﷲ އާ އޭނާ ގުޅުވައިދޭނޭ ފަދައިން، ހަމައެކަނި ﷲ سبحانه وتعالى އެންގެވީތީ އެކަލާނގެއަށް ތިމާގެ ވިސްނުމާއި އެންމެހައި ގުނަވަންތައް ކިޔަމަންކުރުވާ އަޅުވެތިކުރުވުމަށް ނަމާދު ފަރުޟު ކުރެއްވިއިރު، މުދާ ހޭދަކުރުމުގައިވެސް އޭނާ އެކަލާނގެއަށް އަޅުވެތި ކުރުވުމަށް ޒަކާތުގެ އަޅުކަން ފަރުޟު ކުރެއްވިއެވެ. އެމަތިވެރި އަޅުކަން އަދާކުރުމުގެ ސަބަބުން މީހާގެ ނަފްސު ޠާހިރުކޮށްލައެވެ. ޒަކާތަކީ ދަހިވެތިކަމާއި އެހެންމީހުންނާމެދު ކިބުރުވެރިކަން ދެއްކުމުގެ ނުބައި ސިފަތަކުން އެނަފްސު ސާފުކޮށްލަދޭ އެއްޗެކެވެ.

ޒަކާތަކީ އޭނާގެ އަތުގައިވާ މުދަލުގެ އަޅުވެތިކަމުން މީހާ ދުރުކޮށް ސާފުކޮށްދޭ އަޅުކަމެކެވެ. މީހާ އެހެން އެއްވެސް މީހަކާއި ދޭތެރޭ ވިސްނުމެއް ނެތި ތިމާގެ އަމިއްލަ ފައިދާއަށް ދުނިޔޭގައި ލެއްވި މުދަލުން މަންފާ ލިބިގަތުމުގެ ވިސްނުމުން މީހާ ދުރުކޮށްދީ، އެމުދަލުގެ ބައެއް އެހެންމީހުންނަށް ވެސް ބަހާލައި ހޭދަކުރުމަށް އަމުރުކުރެއްވި މަތިވެރި އަޅުކަމެކެވެ. އެހެންކަމުން އެކަން އިސްލާމްދީނުގެ ރުކުނެއްގެ ގޮތުގައި ކަނޑައެޅުއްވިއެވެ. ޙަދީޘްގައި އިސްލާމްދީން ބިނާވަނީ ފަސްކަމެއްގެ މައްޗަށް ކަމަށް އައިސްފައިވާއިރު އޭގެ ތެރެއިން އެއް ކަމަކީ ޒަކާތް އަދާކުރުމެވެ. ﷲ ވަޙީކުރެއްވިއެވެ: ﴿وَأَقِيمُواْ ٱلصَّلَوٰةَ وَءَاتُواْ ٱلزَّكَوٰةَ ۚ وَمَا تُقَدِّمُواْ لِأَنفُسِكُم مِّنْ خَيْرٍۢ تَجِدُوهُ عِندَ ٱللَّهِ ۗ إِنَّ ٱللَّهَ بِمَا تَعْمَلُونَ بَصِيرٌ﴾البقرة :110 މާނައީ: [އަދި ތިޔަބައިމީހުން ނަމާދު ޤާއިމް ކުރާށެވެ. އަދި ތިޔަބައިމީހުން ޒަކާތް ދޭށެވެ. ތިޔަބައިމީހުންގެ ނަފްސުތަކުން އެއްވެސް ހެޔޮކަމެއް ކޮށްފައިވާނަމަ އެކަމަކަށް ތިޔަބައިމީހުންނަށް ﷲ ގެ ޙަޟްރަތުގައި (އޭގެ ޘަވާބު) ވެއެވެ. ހަމަކަށަވަރުން ﷲ އީ ތިޔަބައިމީހުން ކުރާކަންތައްތައް ދެކެވޮޑިގެންވާ އިލާހެވެ.]

މުދަލު ޒަކާތަކީ މުއްސަދިންގެ ފަރާތުން ފަޤީރުންނަށާއި މިސްކީނުންނަށާއި އަދި ޤުރުއާނުން ކަނޑައެޅިގެންވާ  އެހެނިހެންވެސް މީހުންނަށް ފޯރުކޮށްދެވޭ މުދަލުގެ މިންވަރަކަށް ޝަރުޢީގޮތުން ދެވިފައިވާ ނަމެވެ. އެމިންވަރު ނެރުމަށް ކަނޑައެޅިފައިވާ މީހުންނަކީ މުސްލިމުންނަށް ވުމާއެކު މުއްސަންޖަކަށްވުން ޝަރުޠުވެގެންވެއެވެ. ޝަރުޢީގޮތުން އެއީ މުއްސަންޖެއް ކަމަށް ނިންމެނީ އޭނާގެ އަތުގައި ނިޞާބު ހަމަވެ، އެމިންވަރަށްވުރެ މަދުނުވެ އޭނާގެ އަތުގައި އެމިންވަރަށް ފައިސާ އެއްއަހަރުވަންދެން ހުރުމުންނެވެ. ރާއްޖޭގައި މިދުވަސްވަރު ނިޞާބުގެ އެމިންވަރަކީ 7241.15 ދިވެހި ރުފިޔާއެވެ. އެއްއަހަރުވަންދެން މީހެއްގެ އަތުގައި މިމިންވަރަށް ނުވަތަ އެއަށްވުރެ ގިނައިން ހުރެއްޖެ ނަމަ އެމިންވަރުގެ ސާޅީސް ބައިކުޅަ އެއްބަޔަކީ ޒަކާތުގެ މިންވަރެވެ. އެޒަކާތުގެ މިންވަރު ދެން އޭގެ ފަހުން އެމުއްސަނދި މީހާގެ އަތުގައި ހުރުމަކީ ކަނޑައެޅިގެން ޙަރާމް ކަމެކެވެ. އަދި އެމީހަކު އެންމެބޮޑު ފާފައިން ފާފަވެރިވާނޭ ކަމެކެވެ. ވީހާވެސް އަވަހަކަށް އެމުދަލުގެ ޙައްޤުވެރި ފަރާތަކަށް ރައްދުކުރުމަށްޓަކައި އަވަސްވެގަންނަން ޖެހެއެވެ. ފަޤީރަކަށް ނުވަތަ މިސްކީނަކަށް ނުވަތަ އަލަށް އިސްލާމްވެފައިވާ ފަރާތަކަށް ނުވަތަ ޙާލުގައިޖެހިފައިވާ ދަތުރުވެރިޔަކަށް ނުވަތަ ޖިހާދުގެ މަގުގައި އެހޭދަ ކުރެވޭނޭ ފަރާތަކަށް އެފައިސާ ފޯރުކޮށްދޭންޖެހެއެވެ.

އެޒަކާތް އަދާނުކުރުމަކީ ބޮޑުވެގެން ފާފައެކެވެ. އެކަމުގެ ނުރައްކަލާއި އާޚިރަތްދުވަހުގައި ކުރިމަތިލާންޖެހޭނޭ ކަމެކެވެ. އެކަމުގެ ގަދަފަދަ ޢަޛާބުގެ ރަހައާއި ކުރިމަތިލާންޖެހޭނެއެވެ.

ﷲ سبحانه وتعالى ވަޙީކުރެއްވިއެވެ: ﴿ٱلَّذِينَ لَا يُؤْتُونَ ٱلزَّكَوٰةَ وَهُم بِٱلْءَاخِرَةِ هُمْ كَٰفِرُونَ﴾ فصّلت :7 މާނައީ: [އެބައިމީހުންނަކީ ޒަކާތް ނުދޭ މީހުންނެވެ. އަދި އެބައިމީހުންނީ އެއީ އާޚިރަތްދުވަހަށް ކާފިރުވެފައިވާ މީހުންނެވެ.]

އެބައިމީހުން އެއަދާކުރަންޖެހޭ ޙައްޤު އަދާނުކޮށް ވަނިކޮށް ޤިޔާމަތްދުވަހާއި ބައްދަލުވެއްޖެ ނަމަ ނަރަކައަށް އެއްލައިލެވޭ ވަގުތުގައި ތިމާއަކީ ޒަކާތް ނުދޭ މީހެކޭ ބުނުމުގެ މަގަށް އިންތިޒާރު ނުކޮށް، މިދުނިޔޭގައި އިޞްލާޙުވެ ޒަކާތް އަދާކުރުމަށް އަވަސްވެގަންނަންޖެހެއެވެ. އެހެންނޫންނަމަ ފަހެ، އެއީ ކޮންފަދަ އަބާއްޖަވެރިއަކަށް ވާނޭ ހެއްޔެވެ؟ ﷲ ވަޙީކުރެއްވިއެވެ: ﴿كُلُّ نَفْسٍ بِمَا كَسَبَتْ رَهِينَةٌ، إِلاَّ أَصْحَابَ الْيَمِينِ، فِي جَنَّاتٍ يَتَسَاءَلُونَ، عَنْ الْمُجْرِمِينَ، مَا سَلَكَكُمْ فِي سَقَرَ، قَالُوا لَمْ نَكُ مِنَ الْمُصَلِّينَ، وَلَمْ نَكُ نُطْعِمُ الْمِسْكِينَ، وَكُنَّا نَخُوضُ مَعَ الْخَائِضِينَ، وَكُنَّا نُكَذِّبُ بِيَوْمِ الدِّينِ، حَتَّى أَتَانَا الْيَقِينُ﴾ المدّثر :38-46 މާނައީ: [ކޮންމެ ނަފްސެންމެ ވަނީ އެނަފްސެއް ހޯދައިގެންފި ކަމަކުން ބަދެވިގެންނެވެ. ކަނާތުގެ އަހުލުވެރިން ފިޔަވައެވެ. ސުވަރުގެތަކުގައި އެބައިމީހުން އެއްބަޔަކު އަނެއްބަޔަކާ މުޖްރިމުންނާ މެދު ސުވާލުކުރާނެތެވެ. ތިޔަބައިމީހުން ނަރަކައަށް ވަނުމަށް މެދުވެރިވީ ކޮންކަމެއް ހެއްޔެވެ؟ އެބައިމީހުން ބުނާނެތެވެ. ތިމަންމެންނީ ނަމާދުކުރި ބަޔަކު ކަމުގައި ނުވަމުއެވެ. އަދި ތިމަންމެންނީ މިސްކީނުންނަށް ކާންދިން ބަޔަކު ކަމުގައިވެސް ނުވަމުއެވެ. އަދި ބޭކާރު ވާހަކަދައްކާ މީހުންނާއެކު ދޮގުވާހަކަތައް ދައްކާ އުޅުނީމުއެވެ. އަދި މަރު އައިސް އަހަރެމެންނާ ޖެހެންދެން، އަހަރެމެން ޤިޔާމަތް ދުވަސް ދޮގުކޮށް އުޅުނީމުއެވެ.] އެއީ މިސްކީނު ފަޤީރުންނަށް އެބައިމީހުންނަށް ޙައްޤުވާ ބައި އޭނާގެ އަތުން ފޯރުކޮށް ނުދީ ތިބި މީހުންނެވެ. ޒަކާތުގެ މުދާ އެހެންމީހުންނަށް ނުދީ އުޅުނު މީހުންނެވެ. އެއީ އެބައިމީހުން ނަރަކައަށް ދިޔަ ސަބަބެއް ކަމުގައިވެގެން ދިޔައެވެ.

އަދިވެސް ކާފިރުންގެ ސިފަތައް ބަޔާންކުރައްވާ، ﷲ سبحانه وتعالى ވަޙީކުރެއްވިއެވެ: ﴿كَلَّا بَل لَّا تُكْرِمُونَ الْيَتِيمَ، وَلَا تَحَاضُّونَ عَلَى طَعَامِ الْمِسْكِينِ﴾ الفجر: 17-18 މާނައީ: [ހަމަހިލައި އެހެންނަކުން ނުވާނެއެވެ. ތިޔަބައިމީހުންނީ ޔަތީމުންނަށް މާތްކޮށް ނުހިތާ ބައެކެވެ. އަދި ތިޔަބައިމީހުންނީ މިސްކީނުންނަށް ކާންދިނުމުގެ މައްޗަށް ބާރުއަޅާވެސް ބަޔަކީމުއެއް ނުމެނޫންމެއެވެ.] މިއެންމެހައި ދަލީލުތަކުންނާއި އަދި މިނޫންވެސް އެތަކެއް ދަލީލުތަކުން ދޭހަވަނީ ޒަކާތް އަދާނުކުރުމަކީ ވަރަށްވެސް ނުބައިވެގެންވާ ކަމެއް ކަމެވެ.

އަޅަމެއްނީ ޒަކާތް ބަރާބަރަށް އަދާކުރާ ބަޔަކު ކަމުގައި ލައްވާނދޭވެ! އަދި އެކަމަށް ފަރުވާކުޑަ ކުރާމީހުންގެ ތެރެއިން އަޅަމެން ނުލައްވާނދޭވެ! އާމީން!

وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.

ޚިޔާލު ދެއްވާ!

Your email address will not be published. Required fields are marked *