އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ 2019 ވަނަ އަހަރުގެ މަތީ ސާނަވީގެ ހުރިހާގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ޢައިޝަތު ރީޝާ ހޮވިއްޖެއެވެ. މިއަދު ހަވީރު އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް މާލަމުގައި ބޭއްވި 2020 ވަނަ އަހަރުގެ އިނާމު ދިނުމުގެ ހަފްލާގައި އެންމެ މޮޅު ދަރިވަރަށް އިނާމުތަކާއި ސެޓްފިކެޓްތައް ހަވާލުކޮށްދެއްވީ ޖަލްސާގެ ޝަރަފްވެރި މެހްމާން ޑެޕިޔުޓީ އެޓާނީ ޖެނެރަލް އަލްއުސްތާޛާ ޚަދީޖާ ޝަބީނެވެ.

މިއަދުގެ ޖަލްސާގައި 2019 ވަނަ އަހަރުގެ ތަޢުލީމީ ގޮތުން އެކިއެކި ވަނަތައް ހާޞިލް ކުރި ދަރިވަރުންނަށާއި 2019 ވަނައަހަރު އޭލެވެލް އިމްތިޙާންގެ އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށްވެސް ތައްޓާއި ސެޓްފިކެޓް ދެވުނެވެ.
2019 ވަނަ އަހަރު ބޭއްވި އެޗް.އެސް.ސީ. އިމްތިޙާނާ އެޑެކްސެލް އޭ.ލެވެލް އިމްތިޙާނު ތަކުގައި، އަޙްމަދިއްޔާގެ 223 ދަރިވަރުން ބައިވެރިވެ ވަރަށް ރަނގަޅު ނަތީޖާތަކެއް ވަނީ ހާޞިލް ކޮށްފައެވެ. އެގޮތުން 2019 ވަނަ އަހަރުގެ އޭ.ލެވެލްގެ ގައުމީ ގަދަ ދިހައެއްގައި އަޙްމަދިއްޔާގެ 32 ދަރިވަރުން ހިމެނުނެވެ.
އެކި މާއްދާތަކުން ދުނިޔޭގެ ގަދަ 10 އަށް އަޙްމަދިއްޔާއިން 6 ދަރިވަރުން ހޮވުނެވެ. އާދަމް އަނޫސް ވަނީ އެކައުންޓިންގ އިން މުޅި ދުނިޔެއިން 1 ވަނަ ހޯދާފައެވެ. އަޙްމަދު މިޞްބާހު ޢަލީ އަށް އެކައުންޓިންގ އިން މުޅި ދުނިޔެއިން 2 ވަނަ ލިބުނެވެ. ޢައިޝަތު ނިޝްމާ ޙަސަން އިކޮނޮމިކްސް އިން މުޅި ދުނިޔެއިން 3 ވަނަ ހޯދިއެވެ. ޢައިޝަތު ހަމްނާ ޢުމަރު 12އެޗް އިކޮނޮމިކްސް އިން މުޅި ދުނިޔެއިން 5 ވަނަ ހޯދިއެވެ. ޢައިޝަތު ރީޝާ އިކޮނޮމިކްސް އިން މުޅި ދުނިޔެއިން 6 ވަނަ ހޯދިއެވެ. އަދި މަރިޔަމް އިޝްރާ ރަމީޒު 12ޖޭ ބިޒްނަސް ސްޓަޑީޒް އިން މުޅި ދުނިޔެއިން 6 ވަނަ ހޯދިއެވެ.
މީގެ ތެރެއިން އާދަމް އަނޫސް ވަނީ އެކައުންޓިންގ އިން މުޅި ދުނިޔެއިން 1 ވަނަ ހޯދުމުގެ އިތުރަށް މުޅި ރާއްޖެއިންވެސް 1 ވަނަ ހޯދާފައެވެ. އަދި މަރިޔަމް މާވީން މުޞްޠަފާ ވަނީ މުޅިރާއްޖެއިން ދިވެހިން 1 ވަނަ ހޯދާފައެވެ.