ޤައުމީ ޚިދުމަތަށް ދޮންވެ ފައްކާވެފައިވާ ޖީލަކަށް ވުމަށްޓަކާ، އަދިވެސް ކިޔެވުމާއިގެން ކުރިއަށްދާން، ޢަޒްމާއެކު މަސައްކަތް ކުރުމަށް އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް ޕްރިންސިޕަލް މުޙައްމަދު ރަޝީދު އިލްތިމާސް ކުރައްވައިފިއެވެ. އިއްޔެ ހަވީރު ބޭއްވި އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް މާލަމުގައި ބޭއްވި މަތީ ސާނަވީ ދަރިވަރުންގެ 2020 ވަނަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާގަޔާއި އަދި ރޭ ބޭއްވި ސާނަވީ ދަރިވަރުންގެ 2020 ވަނަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޕްރިންސިޕަލް ވިދާޅުވީ، އަދިވެސް، އިތުރު ހިތްވަރާއެކު، ކިޔެވުމުގައި ކުރިއަށްދާން ބާރުލާ މަސައްކަތް ކުރުމަށެވެ.

" މިއީ، މި ގައުމަށް، ކިޔަވައިގެންތިބި ޖީލެއް، އިންތިހާއަށް ބޭނުންވެފައިވާ ޒަމާނެއް. މިއީ، ތަޢުލީމާ ހުނަރުން ދޮންވެ ފައްކާވެފައިވާ ޖީލެއް، ޤައުމީ ޚިދުމަތަށް، އިންތިހާއަށް ބޭނުންވެފައި އޮތް، ދުވަހެއް. ކުރުކޮށް ބުނަންޏާ މިއީ، ހަމަ ކޮންމެ ފަންނަކަށްވެސް، ޢިލްމާ ހުނަރުން މޮޅު ދަރިން ބޭނުންވެފާ އޮތް ދުވަހެއް." ޕްރިންސިޕަލް ވިދާޅުވިއެވެ.

ޕްރިންސިޕަލްގެ ވާހަކަފުޅުގައި ވިދާޅުވީ، ދިވެހިރާއްޖޭގެ، މަސައްކަތުގެ ބާޒާރު، މިއަދު ފުޅާވެ، ކަފިވަމުން މިދާ ދުވެއްޔަށް ބަލާއިރު، ޚިދުމަތަށް ބޭނުންވާނެ މޮޅު ދަރިންގެ ބޭނުންތެރިކަން އަހަރުން އަހަރަށް އިންތިހާއަށް އިތުރުވަމުންދާ ކަމުގައެވެ. މިގޮތުން، ޤާނޫނީ އަދި ޝަރުޢީ ދާއިރާގެ އިތުރުން، އޭވިއޭޝަނާއި، އިންޖިނިއަރިންނާއި، އެކައުންޓެންސީންނާ، ސިއްޙީ ޚިދުމަތުގެ ރޮނގުންނާ، އައިޓީގެ ރޮނގުންނާ، މިފަދަ ކިތަންމެ ރޮނގަކުން، މި ގައުމަށް އޮތީ، ހުނަރުވެރި، ތޫނުފިލި، މުރާލި، އިޚްލާސްތެރި ދަރިންނަށް، އިންތިހާއަށް ބޭނުންވެފައި ކަމުގައެވެ.

ބެލެނިވެރިންނާ މުޚާޠަބްކޮށް ޕްރިންސިޕަލް ވިދާޅުވީ، އަޙްމަދިއްޔާއަކީ، ކާމިޔާބު ސްކޫލަކަށް ވެގެން ދިއުމުގެ މެދުވެރިންނަކީ ޢިއްޒަތްތެރި ބެލެނިވެރިންކަމާއި ދަރިވަރުންގެ ތަޢުލީމަށް ބެލެނިވެރިން ކުރައްވާ ހޭދަޔާ، ހުސްކޮށްދެއްވާ ވަގުތާއި ދެއްވާ ސަމާލުކަމާއި ސްކޫލާއެކު ބާއްވާ ގާތް ގުޅުމަކީ، އަހްމަދިއްޔާއަށް ލިބިފައިވާ ކާމިޔާބީ، ދަމަހައްޓަން، ދެއްވާ ވަރަށްބޮޑު އެއްބާރުލެއްވުމެއް ކަމުގައެވެ. އަދި ބެލެނިވެރިން ވެދެއްވަނީ، ދަރިވަރުންގެ މުސްތަޤުބަލަށާ، މިގައުމަށްވެސް، އެހާމެ ފަޚުރުވެރި ޤުރުބާނީއެއް ކަމުގައެވެ.

" މި ފުރުސަތުގައި، ތިޔަލޮބުވެތި ބެލެނިވެރިންނަށް، އަޅުގަނޑު ތަކުރާރުކޮށް ދަންނަވާލަން ބޭނުންވާ އެންމެ މުހިންމު ވާހަކައަކީ، މި ސްކޫލަކީ ކާމިޔާބު ސްކޫލަކަށް ހައްދަވަން، މާޒީއެކޭ އެއްގޮތަށް، މިއަދުވެސް، މިސްކޫލް މި އޮތީ، ބެލެނިވެރިންނާ ގުޅިގެން ކުރިއަށް ދިއުމުގެ އިޚްލާސްތެރި ޢަޒްމުގަ. މި ސްކޫލު އިތުރަށް ހަރުދަނާކޮށް، މި ކާމިޔާބީ ދަމަހައްޓަން މި ކުރާ މަސައްކަތުގާ، އަބަދުވެސް ބެލެނިވެރިންނަށް ޖާގައޮންނާނެ. ބެލެނިވެރިންގެ އެ މުހިންމު ދައުރަކީ، ސްކޫލް ހިންގުމުގާ، ވަރަށް މުހިންމު ބައެއް." ޕްރިންސިޕަލް ވިދާޅުވިއެވެ.

މުދައްރިސުންނާއި، މުޚާޠަބްކޮށް ޕްރިންސިޕަލް ވިދާޅުވީ، މި ސްކޫލުގެ މިފަދަ ކޮންމެ އުފާވެރި އަދި ހަމަ އެހާމެ ފަޚުރުވެރި ޖަލްސާއެއް ބޭއްވިގެން ދާއިރު، ފަރުދާގެ ފުރަގަހުގާ ތިއްބެވި އެންމެ މުހިންމު ދައުރެއް އަދާކުރައްވާ ބޭފުޅުންނަކީ، ލޮބުވެތި ޓީޗަރުން ކަމާއި ޚާއްޞަކޮށް ކޯވިޑް19ގެ ކަޅު ބޯ ވިލާގަނޑުގެ ތެރޭގައި، އޮންލައިންގެ ޒަރީޢާއިންނާ، ކްލާސްތަކަށް ކުދިން ގެނެވެން އޭރު އޮތް މިންވަރަށް، ކުދިން ގެންނަވައިގެން، ކުދިންގެ ކިޔެވުން ކުރިއަށް ގެންދަވަން، މުދައްރިސުންކުރެއްވި ބުރަ މަސައްކަތަކީ، ވަރަށް ކާމިޔާބު މަސައްކަތް ތަކެއް ކަމުގައެވެ.

"އެ މަންޒަރު، އެންމެ ކައިރިން ދުށް މީހަކީ އަޅުގަނޑު. އަޅުގަނޑަށް ފެނުނީ، ދަރިވަރުންދެކެ، ބެލެނިވެރިންނެކޭ އެއްގޮތަށް ތިޔަބޭފުޅުންގެ ހިތްޕުޅުގާ އޮތް އިޚްލާސްތެރި ލޯބި. ކުދިންގެ ކިޔެވުމަށް އެދުވަހު އެޅިފަ އޮތް ކޮންމެ ހުރަހެއް، ތިޔަބޭފުޅުން ގިރާކުރެއްވީ، ވަރަށް ހިތްވަރާ، ޢަޒްމާ، ސާބިތުކަމާއެކު. އެ ބުރަ މަސައްކަތުގެ ނަތީޖާ ފެނިގެން ދިޔައީ، ޘާނަވީ އަދި މަތީ ޘާނަވީ އިމްތިޙާނުތަކުގާ، އެކުދިން ބައިވެރިވެގެން ހޯދި، ފަޚުރުވެރި ކާމިޔާބީން. އެހެން ކަމުން، ހިފެހެއްޓުމެއްނެތް ޝުކުރު، ތިޔަބޭފުޅުންނަށް އަޅުގަނޑު އަރިސް ކުރަން." ޕްރިންސިޕަލް ވިދާޅުވިއެވެ.

އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް މަތީ ސާނަވީ ދަރިވަރުންގެ 2020 ވަނަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާ ބޭއްވީ އިއްޔެ ހަވީރު 4:30 ގައި އަޙްމަދިއްޔާގެ މާލަމުގައެވެ. ސާނަވީ ދަރިވަރުންގެ 2020 ވަނަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާ ބޭއްވީ ރޭ 8:30 ގައި އަހްމަދިއްޔަގެމާލަމުގައެވެ.