އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލަކީ ވަރަށް މުއްސަނދި ތާރީޚީ ސްކޫލެއްކަމާއި އަވަށު މަދަރުސާއެއްގެ ގޮތުގައި ފެށިގެން މިއަދާ ހަމައަށް މިސްކޫލް އައިސްފައިމިވަނީ، އިތުރު އުސްމިނަތަކަކަށް އަބަދުވެސް ދިއުމަށްޓަކައި މަސައްކަތްކުރި ސްކޫލެއްގެ ގޮތުގައި ކަމުގައި މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހީމް ޙަސަން ވިދާޅުވެއްޖެއެވެ. އަޙްމަދިއްޔާގެ 2020 ވަނަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާގައި ރޭ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، އަޙްމަދިއްޔާއަކީ މުހިއްމު ކާމިޔާބީތަކެއް އަބަދުވެސް ތަކުރާރުކޮށް ހޯދަމުންއައި ސްކޫލެއްގެ ގޮތުގައި ފާހަގަކުރެވޭ ކަމާއި، މިއަދު އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް ބެލެވެނީ ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގެ އެހެން ހުރިހާ ސްކޫލްތަކަށް ނަމޫނާ ސްކޫލެއްގެ ގޮތުގައި ކަމުގައެވެ.

"ވަރަށް އާދައިގެ ގޮތެއްގައި އަވަށު ސްކޫލެއްގެ ގޮތުގައި 200 ކުދިންނާއެކު ފެށުނު މި ސްކޫލް މިވަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދާފައި. މިސްކޫލް މިއަދު މިވަނީ މިސަރަހައްދުގައިވެސް ނަމޫނާ ސްކޫލަކަށް ވެގެންދާ ފެންވަރަށް ސްކޫލްގެ ކަންތައްތައް ކުރިއަށް ގެންދެވިފައި. ރާއްޖޭގެ އެކިއެކިކަންކޮޅުތަކުގައި ތަޢުލީމް ޙާޞިލް ކުރަމުންދާ ދަރިވަރުންނާއި އެދަރިވަރުންގެ މުދައްރިސުން މިއަދު އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުން ޖާގަ އެއް ހޯދުމަށް ބުރަ މަސައްކަތެއް ކުރަމުން ގެންދޭ. އެއީ، އެމީހުންގެ ފޮނިއުއްމީދެއް. އަޅުގަނޑުގަބޫލުކުރަނީ، މިސްކޫލް ކަޑައްތު ކޮށްފައިވަނީ ތާރީޚީ މުއްސަނދު ޞަފްޙާ ތަކެކޭ. އަދި މިއަދު ހާސިލްކޮށްފައިވަނީ ރަން ވަނައެއް." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި އަޙްމަދިއްޔާގެ "އެކަޑަމިކް އެޗީވްމަންޓް" ތަކަށް ބަލާލާއިރު ފާހަގަކޮށްލެވޭ ކާމިޔާބީ ވަރަށް ގިނަ ކަމަށް ވިދާޅުވިއެވެ. 2005ވަނަ އަހަރުން ފެށިގެން މެދުނުކެނޑިކޮންމެ އަހަރަކު 1 ވަނަ ސްކޫލްގެ ފަޚުރު އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް ވަނީ ހޯދާފައި ކަމާއި، އޯލެވެލްގައި ބައިވެރިވާ ދަރިވަރުންގެ ތެރެއިން 5 މާއްދާއިން އެންމެ މަތީ އިންސައްތަ ހޯދާ ދަރިވަރުން ތިބި ސްކޫލެއްގެ ފަޚުރު އަޙްމަދިއްޔާ ހޯދާތާ މެދުނުކެނޑި 10 އަހަރުވެއްޖެކަމަށް ވިދާޅުވެ، މިއީ، އާދައިގެ ކާމިޔާބީތަކެއްނޫންކަމާއި، އާދަޔާ ޚިލާފު ކާމިޔާބީތަކެއްކަމާއި މިއީ، ބުރަ މަސައްކަތުން ބަޔަކު ހޯދަމުންދާ ކާމިޔާބީތަކެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވާހަހަކަފުޅުގައި ކާމިޔާބީއެއްހޯދުމަކީ އެއް ކަމެއްކަމާއި އެކާމިޔާބީ ތަކުރާރު ކުރުމަކީ އަދި މުޅިން އެހެންކަމެއްކަމާއި، އެކާމިޔާބީ ތަކުރާރު ކުރަމުން އަދިއެއަށްވުރެ ވަރުގަދަ ކާމިޔާބީއެއް ކޮންމެއަހަރަކުލިބިގަތުމަކީ، އަދި މާބޮޑުކަމެއްކަމަށް ވިދާޅުވިއެވެ. މިކަން އަޙްމަދިއްޔާ ހީވާގި މުރާލި ޕްރިންސިޕަލްގެ ލަފަޔާއި އިރުޝާދުގެމަތިން ސްކޫލްގެ މުދައްރިސުންނާއި ދަރިވަރުންނާއިބެލެނިވެރިން ދަނީ ކާމިޔާބު ކުރަމުންކަމަށް ވިދާޅުވިއެވެ.
ތަޢުލީމްގެ މަރުހަލާ ނިމުމަކީ އަދިސަނަދެއް ހޯދުމަކީ، އެއީ ކަމެއްގެ ނިމުންކަމުގައި ބަލައިގެން ނުވާނެކަމާއި، ބަލަންވާނީ، އެއީ އާ މަރުހަލާއެއްގެ ފެށުންކަމަށް މިނިސްޓަރގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

"ލިބޭ ތަޖުރިބާއަކީ ދެންހުރި މަރުހަލާތަކަށް ދިއުމަށްޓަކައި ލިބޭވަރަށް ރަނގަޅު ފުރުޞަތެއް ކަމުގައި ގަބޫލުކުރަންވާނެ. ސްކޫލުން ލިބޭ ތަފާތު ފުރުޞަތުތަކުން ދަސްވާ ތަޢުލީމީ ފިލާވަޅުތަކާއި ދިރިއުޅުމުގެ ހުނަރުތަކާއި އަދަބީހަރަކާތްތަކުން ދަސްވާ އެކިއެކިކަންކަމާއި ކުޅިވަރުގެ ހުނަރުތަކަކީ މުހިއްމުމީހަކަށް ވުމަށްޓަކައި، ކާމިޔާބު މީހަކަށްވުމަށްޓަކައި ވަރަށްމުހިއްމުކަމެއް. އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގައި މިކަންކަން ތަރުބިއްޔަތު ވެފައިވެފައިވާކަން އަޅުގަނޑު ފާހަގަކޮށްލަން." މިނިސްޓަރ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ޚިޔާލުތައް
އެއީ ހަމަ ނަމޫނާ ސުކޫލެއް….އެސުކޫލުވެސް ވަނީ އެކިގޮތްގޮތުން އީޕީއެސް އާއި ގުޅި ލާމެހިފަ…….! މަރުޙޫމު ހަސަން މާހިރުގެ ތަރުބިއްޔަތުން ގުޅިފަ..ޕުރިންސިޕަލް މުޙައްމަދު ރަޝީދު އަކީ އޭގެ މިސާލެއް.