މިއަދު މުޅި ރާއްޖޭގައި ކުރިއަށް ގެންދިޔަ ދުޅަހެޔޮ ހަށިހެޔޮ ދުވަސް އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގައިވެސް ވަރަށް ކުލަގަދަ ގޮތެއްގައި ފާހަގަކޮށްފިއެވެ. މި ދުވަހުގެ ހަރަކާތްތައް ފެށީ ފަތިސް ނަމާދުންނެވެ.

އެއަށްފަހު، ޓްރެކް ދަނޑުގައި ކުރިއަށްގެންދިޔަ ޚާއްޞަ ދުވުމުގައިވެސް އަޙްމަދިއްޔާގެ ދަރިވަރުންވަނީ ބައިވެރިވެފައެވެ. މި ދުވުން ފައްޓަވައި ދެއްވީ މިނިސްޓަރ އޮފް ޔޫތް ސްޕޯރޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަރމެންޓް މިނިސްޓަރު، އަހުމަދު މަހްލޫފެވެ. އެއްކިލޯ މީޓަރުގެ މި ދުވުމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީގެ އިތުރުން ކުޅިވަރުގައި ފާހަގަކޮށްލެވޭ ތަރިން ވަނީ ބައިވެރިވެފައެވެ.
ދުޅަހެޔޮ ހަށިހެޔޮ ދުވަހުގެ ހަރަކާތްތަކުގެ ތެރޭގައި ދުވަހާ ގުޅޭގޮތުން ދަރިވަރުންނަށް މައުލޫމާތު ދިނުމަށް ޚާއްޞަ އެސަމްބްލީތަކެއް އަޙްމަދިއްޔާގައި ބޭއްވިއެވެ. އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ދުވަހާގުޅޭގޮތުން ދެއްވާފައިވާ މެސެޖެއް މި އެސްމެބްލީތަކުގައި އިއްވުނެވެ.

އަޙްމަދިއްޔާގެ ޕްރައިމަރީގައި ކިޔަވާ ގިނަ ދަރިވަރުން ތަކަކަށް މިދުވަހުގެ ޝިޔާރާ ގުޅުވައިގެން ކުރެހުމުގެ މުބާރާތެއްވަނީ ބާއްވާފައެވެ. އެގޮތުން "ދުޅަހެޔޮ ހަށިހެޔޮ" މި ޝިޔާރާއި ގުޅޭ ޕޯސްޓަރ ކުރެހުމުގެ މުބާރާތެއް ޕްރައިމަރީގައި ކިޔަވާ ހުރިހާ ދަރިވަރުންގެ މެދުގައިވަނީ ބާއްވާފައެވެ. މި މުބާރާތުގައި ބައިވެރިވި ކޮންމެ ކްލާހަކުން އެންމެ މޮޅު ތިން ކުރެހުމެއް ހޮވައި، އެ ކުރެހުންތައް ކުރެހި ދަރިވަރުނަށްވަނީ ސެޓްފިކެޓް ދީފައެވެ. މީގެއިތުރުން މިއަދުގެ އެންމެ މުހިންމު އެއް ހަރަކާތެއްގެ ގޮތުގައި ގެންދެވުނީ ދަރިވަރުންނަށް ޚާއްޞަކޮށްގެން ގެންދެވުނު ޒުމްބާ ކްލާހެވެ. މި ހަރަކާތް ބޭއްވުނީ ސްކޫލްގެ ހޯލުގައެވެ.
މިއަދު މި ގެންދެވުނު ހަރަކާތްތަކުގެ ޚާއްޞަ މެހެމާނެއްގެ ގޮތުގައި ބައިވެރިވެފައިވަނީ ޑަބްލިޔު .އެޗް. އޯ. ގެ ކޯޑިނޭޓަރ މުހައްމަދު ޙާނިމްއެވެ. މިދުވަހާއި ގުޅޭގޮތުން ދަރިވަރުންނާއި މުޙާތަބުކޮށް ވަރަށް މުހިންމު ވާހަކަކޮޅެއް ދެއްކެވިއެވެ. މީގެއިތުރުން އެޑިޔުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު ޢަލީގެ ޚާއްޞަ މެސެޖެއް ވެސް ވަނީ ދަރިވަރުންނަށާއި ސްކޫލްގެ އެންމެހާ ފަރާތްތަކަށް އަޑުއިއްވަވާފައެވެ.

ހަމައެއާއެކު މި ދުވަހުގެ ޝިޔާރުކަމަށްވާ "ދުޅަހެޔޮ ހަށިހެޔޮ" މިޝިޔާރުގެ ދަށުން ޓީޗަރުންގެ ވަރަށް މުހިންމު ޑްރާމާތަކެއް ދަރިވަރުންނަށް ގެނެސްދީފައެވެ. މި ޑްރާމާތަކުގެ އެންމެ މުހިންމު މަޤުޞަދަކީ ދަރިވަރުންނަށް " ދުޅަހެޔޮ ހަށިހެޔޮ" މި ދުވަހުގެ މުހިންމު ކަންއަންގާ ދިނުމުގެ އިތުރުން ދަރިވަރުންނަކީވެސް "ދުޅަހެޔޮ ހަށިހެޔޮ" ދަރިވަރުންތަކަކަށް ހެދުމެވެ.

ދުވަހުގެ ޝިޔާރާއި ގުޅިގެން ގިނަ ހަރަކާތްތަކެއް އަޙްމަދިއްޔާއިން ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން މިއަދު ޕްރައިމަރީގައި ކިޔަވަމުންދާ ދަރިވަރުންގެ ހިނގާލުމެއް ބޭއްވުނެވެ. މި ހިނގާލުމުގައި ސްކޫލްގެ ޕްރިންސިޕަލް އާއި ސްކޫލްގެ ސީނިއަރ އެސިސްޓެންޓް ޕްރިންސިޕަލުންވެސް ބައިވެރިވެ، ވަޑައިގަތެވެ. މި ހިނގާލުން އޮތީ ސްކޫލް ވަށައިގެންވާ މަގުތަކުގައެވެ.