الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.
ހަނގުރާމައަކީ ގަދައަޅާ ކުރާ މަސައްކަތަކާއި ގަދައަޅާ ވެވޭ ދިފާޢުވުމެކެވެ. ކުރަންބޭނުންވާ ކަމެއް ކުރުމަށް ކަނޑިފަދަ ތަފާތު އާލަތްތަކުގެ ބޭނުންކުރާއިރު، ދިފާޢުވުމަށް ބޭނުންކުރަނީ އައްޑަނައެކެވެ. އެއީ އެހެންމީހަކަށް ހަމަލާއެއް ދޭން ބޭނުންކުރި އެއްޗެއް ނޫނެވެ. ނަމަވެސް އެއީ ތިމާގެ ނަފްސަށް ލިބިދާނެ ގެއްލުމަކުން އެނަފްސު ރައްކާތެރިކޮށް ދިފާޢުވުމަށް ބޭނުންކުރާ އާލަތެވެ.
ރަމަޟާންމަސް ފެށިގެން ނިމެންދެން އަހަރެމެން ކުރާ އެންމެމުހިންމު ކަމަކީ އެމަހުގެ ދުވާލުގައި ރޯދައަށް ހުރުމެވެ. މިހިފާ ރޯދައަކީ އައްޑަނައަކާ ކިހާ ވައްތަރު އެއްޗެއް ހެއްޔެވެ! އެންމެފުރަތަމަ، މިރޯދައަކީ ކުރާ ކަންތައްތަކެއް ނޫނެވެ. ރޯދައިގައި އެއްވެސް ކަމެއް ތިމާ ރޯދައަށް ހުންނާށޭ ކިޔާފައި ކުރާކަށް ނުޖެހެއެވެ. ނަމާދުގައިހެން ޙަރަމްބަން ތަކްބީރެއް ކިޔާ، ހަށަންބަދެ، ރުކޫޢަށްގޮސް، ސަޖިދައަށްގޮސް ހަދާފަދައިން، އަދި ޒަކާތުގައި ތިމާގެ ފައިސާއިން ބައެއް އެޙައްޤުވާ ފަރާތަކަށް ގޮސް ރައްދުކޮށްދޭ ފަދައިން، އަދި ޙައްޖުގައި ކަޢުބަތުﷲ ގެފުޅަށްގޮސް ޠަވާފުކުރުމާއި ވަކިރަށަކުން ވަކިރަށަކަށް ވަކިގަޑިތަކެއްގައި ގޮސް މަޑުކުރުމާއި ޖަމްރާއަށް ހިލައުކުމާއި މިފަދަ ކަންކަން ކުރާ ފަދައިން، ރޯދައިގައި ރޯދައިގެ ބައެއްގެ ގޮތުގައި ކުރާ އެއްވެސް ކަމެއް ނޯވެއެވެ. އެހެންނަމަވެސް މުޅި ރޯދައަކީ ދިފާޢެކެވެ. ކަންކަން ނުކުރުމެވެ. ކުރަމުން އައި ޙަލާލު ކަންތައްތަކެއްވެސް ނުކޮށް ހުއްޓާލުމެވެ. ނަފްސުގެ އެތެރޭގައި އުފެދޭ ބާރުގަދަ ޣަރީޒާތަކަކާ ދެކޮޅަށް އެކަންކަން ހުއްޓުވަން ކުރެވޭ ދިފާޢީ މަސައްކަތެކެވެ. ޝަހުވަތާއި ދެކޮޅަށް ދިއްކޮށްލާ އައްޑަނައެކެވެ.
ރޯދައަށް ހުރުމަކީ އިންސާނެއްގެ ނަފްސުގެ ތެރޭގައި އުފެދޭ އެންމެ ބާރުގަދަ ދެޣަރީޒާ ކަމުގައިވާ ކެއިންބުއިމުގެ ޝަހުވަތާއި ޖިންސީ ޝަހުވަތު ކޮންޓްރޯލުކޮށް ހިފެހެއްޓުމެވެ. ﷲ سبحانه وتعالى އެކަން ޢާންމުކޮށް ހުއްދަގޮތުގައި ހުއްދަމިންގަނޑުގައި ކުރުން ޙަލާލުކުރެއްވިއިރު، ހަމަ އެކަން ޙަލާލުކުރެއްވި ކަލާންގެ ރޯދަވެރިޔާއަށް އެކަން ނުކުރުމަށް އަމުރު ކުރެއްވީތީ ރޯދަވެރިޔާ އެއިލާހުގެ އަމުރުފުޅަށް ކިޔަމަންގަތުމުގެ ނިޔަތުގައި އެއެންމެހައި ކަމެއް ހުއްޓާލައިގެން ހުރުމަށް ނަފްސު ކުރާ މަތިވެރި މަސައްކަތެވެ.
އޭގެ އިތުރުން އެއީ އާޚިރަތުގެ އަލިފާނުގެ ޢަޛާބުން މީހާ ސަލާމަތްވެސް ކޮށްދޭ އައްޑަނައެކެވެ. ރޯދަ ރޯދައަކަށް ހެދުމަށް ކުރާ އެއްވެސް ކަމެއް ނެތުމާއެކު، އެރޯދައިގެ މަތިވެރި އަޖުރު ބިނާވަނީ އެއައްޑަނައިގެ ވަރުގަދަކަން ހުންނަގޮތަކުންނެވެ. އަދި އެވަރުގަދަކުރުމަށް ކުރާ މަސައްކަތަކުންނެވެ. ރޯދަވެރިޔާގެ އެއައްޑަނައިގެ ވަރުގަދަވަރު އެއީ ﷲ سبحانه وتعالى ނޫންފަރާތަކަށް މިންކުރެވޭނެ ކަމެއް ނޫނެވެ. ނަމަވެސް އެވަރުގަދަ ކުރުމަށް އިތުރަށް ކުރާކަންކަން އިންސާނާ ކޮންޓްރޯލު ކުރެއެވެ. އެއީ ގިނަގިނައިން އަޅުކަން ކުރުމާއި ރޭއަޅުކަން ކުރުމާއި ޤުރުއާން ކިޔެވުމާއި ޛިކުރުމާއި ދުޢާކުރުމާއި ޞަދަޤާތް ދިނުމާއި މީސްތަކުންނަށް ހެޔޮކޮށް ހިތުމާއި އަޚްލާޤީ ރިވެތި ސިފަތަކުން ޒީނަތްތެރިވެގެން ހުރުމެވެ.
ރޯދައަކީ ޝަހުވަތްތަކުން ދުރުވެގެން ހުރުންކަމަށް ވުމާއެކު، އެކަންކަމުން ދުރުވެ ރައްކާތެރިވެގެން ހުރިތޯ ނެތްތޯ އެއީ ފޮރުވިގެންވާ ކަމެކެވެ. އޭނާއަށާއި އޭނާގެ އެންމެހައިކަމެއް މޮޅަށް ދެކެދެނެވޮޑިގެންވާ އިލާހު މެނުވީ އެހެންފަރާތަކަށް އޭނާ އެކަންކަމުން ދުރުހެލިވެގެން ހުރިކަން ވަނީ ވަންހަނާވެގެންނެވެ. ވުމާއެކު އެރޯދައިން އޭނާއަށް ލިބުނު ޙަޤީޤީ ދަރުމައަކާއި ޘަވާބު އެވަނީ ފޮރުވިގެންނެވެ. އެކަން ﷲ سبحانه وتعالى ނޫން ފަރާތެއް ދެނެވޮޑިގެން ނުވެއެވެ. ވީމާ އެރޯދައިގެ ދަރުމައިގެ މިންވަރު ވަނީ ޝަރީޢަތުގައި ކަނޑައެޅުއްވުމެއް ނެތި، ﷲ سبحانه وتعالى ޖަޒާ ދެއްވާން އެކަލާނގެ ޙަޟްރަތުގައި ބޭއްވިފައެވެ. އިމާމް އަޙްމަދު، ޖާބިރު رضي الله عنه ގެ އަރިހުން ރިވާކުރެއްވި ޤުދްސިއްޔަ ޙަދީޘެއްގައި ވެއެވެ: ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: ތިމަންނަބިއްޔާގެ ވެރިއިލާހު ވަޙީކުރެއްވިއެވެ: ((الصِّيَامُ جُنَّةٌ ، يَسْتَجِنُّ بِهَا الْعَبْدُ مِنَ النَّارِ ، وَهُوَ لِي ، وَأَنَا أَجْزِي بِهِ)) މާނައީ: [ރޯދައަކީ އައްޑަނައެކެވެ. އެރޯދައިގެ އައްޑަނައިން އަޅާ ނަރަކައިން ރައްކާތެރިކަން ލިބިގަނެއެވެ. އަދި އެރޯދައަކީ ތިމަންއިލާހަށްވާ އެއްޗެކެވެ. އެއަށް ޖަޒާ ދެއްވާނީ ތިމަން އިލާހެވެ.]
ރޯދައިގެ މަތިވެރިކަން ބަޔާންކުރާ ބާބުގެ ދަށުން فَتْحُ البَارِي ގައި އިބްނު ޙަޖަރު ވިދާޅުވިއެވެ: އިބްނުލް ޢަރަބީ އައްޑަނައެކޭ ބުނެވޭ ބަހުގެ މާނަކުރައްވާ ވިދާޅުވިއެވެ: ރޯދައަކީ ނަރަކައިން ރައްކާތެރިވެވޭ އައްޑަނައެކޭ ބުނެވެނީ އެއީ ނަރަކައަކީ އެވަށައިގެން ޝަހުވާނީ އެދުންތަކުން ފުރިގެންވާ ތަނަކަށްވުމާއެކު، ރޯދައަކީ އެޝަހުވަތްތައް ހިފަހައްޓާދޭ އެއްޗަކަށް ވުމުންނެވެ. މިކަމުން އެނގިގެންދަނީ މިދުނިޔޭގައި ޝަހުވަތްތަކުން ނަފްސު ރައްކާތެރިކުރުމުން، ނަރަކައިން މީހާ ރައްކާތެރިކޮށްދޭ ކަމަކަށް އެކަން ވެގެންދާ ކަމެވެ. اهـ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ: ((يَدَعُ شَهْوَتَهُ وَطَعَامَهُ مِن أَجْلِي)) މާނައީ: [އެރޯދަވެރިޔާ އޭނާގެ ޝަހުވަތާއި އޭނާގެ ކެއުން ތިމަންﷲ އަށްޓަކައި ދޫކޮށްލައެވެ.]
ނަފްސު އެންމެހައި ފާފައަކުން ދުރުހެލިވުމަށް ކޮންމެ މުކައްލަފެއްގެ މައްޗަށް ރަމަޟާން މަހުގައިވެސް އަދި އެނޫންމަހެއްގައިވެސް، އަދި ރޯދައަށް ހުރިކަމުގައިވިޔަސް، ރޯދައަށް ނުހުރިކަމުގައި ވިޔަސް ވަނީ އަމުރުކުރެވިގެންނެވެ. މަތިވެރިއިލާހު އެގޮތަށް އަމުރުކުރެއްވީތީ އެކަންކަމުން ދުރުހެލިވުމަކީ މީހާގެ ތަޤްވާވެރިކަމެވެ. އަދި އެހެންމައްސަރުތަކުގައި ޙަލާލުކުރެވުނު ކަންކަން ރަމަޟާންމަހުގައި ޙަރާމްކުރެއްވުމުން އެކަމުން އެކަލާނގެ އަޅާ ދުރުހެލުވުމުން އެއީ ތަޤްވާވެރިކަމުގެ ލާމަސީލު މިސާލަކަށް ވެގެން ދެއެވެ. އެހެންވުމުން ރޯދައަކީ ޚާއްޞަކޮށް ތަޤްވާވެރިކަން ދައްކުވައިދޭ އަޅުކަމަކަށް ވެގެންދެއެވެ. ރޯދަފަރުޟު ކުރެއްވި އާޔަތުގައި އެއާޔަތް ނިންމަވާލައްވަމުން ﷲ ވަޙީކުރެއްވީ އެފަދައިންނެވެ: ﴿ لَعَلَّكُمْ تَتَّقُونَ﴾البقرة :183 މާނައީ: [ތިޔަބައިމީހުން ތަޤްވާވެރިވޭތޯއެވެ.] ވީމާ ރޯދައަކީ ތަޤްވާވެރިކަމުގެ މަތިވެރި ވަސީލަތެކެވެ.
ރޯދައަކީ މީސްތަކުން އެކަލާނގެ ދެއްވި މަތިވެރި ނިޢުމަތްތަކަށް ޝުކުރުވެރިވުމަށް ދަސްކޮށްދީ ތަރުބިއްޔަތު ކޮށްދޭ އަޅުކަމަކަށްވެސް ވެގެން ދެއެވެ. އޭނާއަށް ލިބިފައިވާ މަތިވެރި ކެއުމާއި ބުއިމުގެ ނިޢުމަތް އެކަލާނގެއަށްޓަކައި އަމިއްލަ ނަފްސަށް މަޙްރޫމްކޮށްގެން ހުރުމާއެކު އެނިޢުމަތުގެ އަގު ވަޒަން ކޮށްލެވެއެވެ. އެކަމަށް އިޝާރާތް ކުރައްވާ ރަމަޟާންމަހުގެ ރޯދައިގެ ބައެއްވާހަކަތައް އައިސްފައިވާ އާޔަތެއް އެކަލާނގެ ނިންމަވާލެއްވީ ﴿وَلَعَلَّكُمْ تَشْكُرُونَ﴾البقرة :185 މިފަދައިންނެވެ. މާނައީ: [އަދި ތިޔަބައިމީހުން ޝުކުރުވެރިވޭތޯއެވެ.]
އޭގެ އިތުރުން ރޯދައަކީ މީހާގެ ޠަބީޢަތުގެ މައްޗަށް ގަދަވެގަނެ ނަފްސު މަޑުމޯޅިކޮށްލާ އެއްޗެކެވެ. މީހާ ﷲ سبحانه وتعالى ގެ މަތިން ހަނދުމަ ކުރުމަށް ބާރުއަޅާދޭ އަޅުކަމެކެވެ. މީހާ އުފެއްދެވި ފަރާތަށް އޭނާގެ ހިތް ލަންބުވާލަދޭ އެކަލާނގެއަށް ޛިކުރުކުރުމުގައި ފިކުރުކުރުމުގައި ބަހައްޓައިދޭ އަޅުކަމެކެވެ. މީހާގެ ނަފްސު އޭނާގެ ހަށިގަނޑު ގެންދާނެ ގޮތަކަށް ގެންދިއުމުގެ އާދަ ބަދަލުކޮށްލުވާ، އެނަފްސުގެ މައްޗަށް ކޮންޓްރޯލް ނަގައި އޭނާ ބޭނުންވާ ހެޔޮމަގުން ގެންދިއުމުގެ ބާރު ހޯދައިދޭ އަޅުކަމެކެވެ. އެއީ މީހާގެ ކިބުރުވެރިކަން ފިލުވާލާ މަޑުމައިތިރިކަމާއި އޯގާތެރިކަން ގެނުވައިދޭ އަޅުކަމެކެވެ. މިސްކީނުންނާއި ފަޤީރުންނަށް އޯގާތެރިވެ އަޅާލުމަށް ހިތްވަރުދޭ އަޅުކަމެކެވެ. އެއީ ލޭގެ ހިނގުން ހަށިގަނޑުގައި މަޑުޖައްސުވާލަދޭ އޭގެ ސަބަބުން ޝައިޠާނާއަށް ދަތިއުނދަގޫކަން ގެނުވައިދޭ ކަމެކެވެ. ކެތްތެރިކަމުގެ ތަފާތު ރިވެތި ސިފަތައް އަށަގަނުވާ އަޅުކަމެކެވެ. ޞިއްޙީ އެތަކެއް ފައިދާއެއް އިންސާނާއަށް ލިއްބައިދޭ އަޅުކަމެކެވެ.
މިއެންމެހައި ކަމެއް ބެހެއްޓުމަށްފަހު، މިޢަމަލުގެ އެންމެމަތިވެރި ސިފައަށް ބަލާއިރު ރޯދައަކީ އިންސާނާ އެއަޅުކަމުގައި ހޭދަކުރާއިރު އޭނާ ހައްދަވާ އޭނާއަށް ރިޒުޤުދެއްވާ ގެންގުޅުއްވާ އިލާހަށް އަޅުވެތިވެފައިވާ ނިކަމެތި އަޅެއްކަމުގެ އިޙްސާސް ގެނުވައި، މަތިވެރި ކަލާނގެގެ އަޅެއްގެ ގޮތުގައި އެރޯދަވެރިޔާ ފެނިގެން ދެއެވެ.
އަޅަމެންނަށް މިރޯދައިގެ އެންމެފުރިހަމަ ފައިދާއާއި ޘަވާބާއި ދަރުމަދެއްވާންދޭވެ! އަޅަމެންގެ މިއަޅުކަމަކީ އިބަ ﷲ ގެ ޙަޟްރަތުގައި ޤަބޫލުވެވިގެންވާ ޢަމަލެއް ކަމުގައި ލައްވާންދޭވެ! އާމީން!
وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.