އިރުޝާދު ދިނުން
އިރުޝާދު ދިނުމަކީ ކޮބައިހެއްޔެވެ؟ އެއީ ކަމެއް ކުރާނޭގޮތް ބުނެދިނުމެވެ. ކަމަކަށް މަގުދައްކައިދިނުމަށް ވެސް އިރުޝާދު ދިނުމޭ ކިޔައެވެ. ކަމެއް ކުރާނެގޮތް ބުނެދިނުމަކީ އިރުޝާދު ދިނުމެވެ. ތާކަށް ދާނޭގޮތް ބުނެދިނުމަކީ އިރުޝާދު ދިނުމެވެ. ގޭމެއް ގުޅޭނޭގޮތް ބުނެދިނުމަކީ އިރުޝާދު ދިނުމެވެ. މި ބަސް ބޭނުންކުރެވޭ ގޮތުގެ މިސާލު:
ގައުމީ ބެޑްމިންޓަން އިރުޝާދު ދިނުމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެނައުމަށް ހަމަޖެހިފައިވާ ކަމަށް ބެޑްމިންޓަން އެސޯސިއޭޝަނުން ބުނެފި އެވެ. (ރާއްޖެ.އެމްވީ – 10 ޖަނަވަރީ 2017)
މި އަހަރުގެ ސެޕްޓެމްބަރު މަހު އޮންނަ އަންހެން ސާފް ޗެމްޕިއަންޝިޕްގައި ވެސް ޓީމަށް އިރުޝާދު ދޭނީ ބާބާ ކޯޗު ކަމަށް އޭނާ ވިދާޅުވި އެވެ. (އަދަދު – 20 ޖަނަވަރީ 2022)
އިރުޝާދުދޭ ލިޔުން
އިރުޝާދުދޭ ލިޔުމަކީ ކަމެއް ކުރާނޭގޮތް ކިޔައިދޭން ލިޔާ ލިޔުމެކެވެ. ނުވަތަ އެއްޗެއް ހަދާނޭގޮތް ކިޔައިދޭން ލިޔާލިޔުމެކެވެ.
އިރުޝާދުދޭ ލިޔުމެއްގެ މައުޟޫޢުތަކުގެ ބައެއް މިސާލު:
- މޯބައިލް ފޯނުގެ ސެޓިން ހަދާނެގޮތް.
- ތަޅެއް ހަރުކުރާނެގޮތް.
- ގޭގައި ޔޯގަޓް ހަދާނެގޮތް.
- ހެދުމެއް ކަނޑާނެގޮތް.
- ކުޅިރިހަ ކައްކާނެގޮތް.
މިއީ މިފަދަ ލިޔުމެއް ލިޔަން ބޭނުންކުރާ އެންމެ ސާދާ މިސާލުތަކެކެވެ. އެއްޗެއް ކައްކާނެ ގޮތް ބުނެދޭ ރަހަފަތް (ރެސިޕީ) އަކީ އިރުޝާދުދޭ ލިޔުމުގައި ވަރަށް މަޝްހޫރު މިސާލެކެވެ. ނަމަވެސް އެސް.އެސް.ސީ އިމްތިހާނުގައި ކުދިން ލިޔާ އިރުޝާދުދޭ ލިޔުމެއްގެ މައުޟޫޢުގެ ދާއިރާ މިއަށްވުރެ ފުޅާވާނެއެވެ. މިސާލު. "ކޮވިޑް19 ފެތުރޭ ދުވަރެއްގައި ދިރިއުޅެންވީގޮތް" މިއީ ތަންކޮޅެއް ދާއިރާ ފުޅާ މައުޟޫޢެކެވެ. މި މައުޟޫޢަށް ލިޔާ ލިޔުމާއި، ކޮފީހަދާނެގޮތް ބުނެދޭން ލިޔާ ލިޔުމަކާ ތަފާތުވާނެއެވެ. އެހެންކަމުން އެސް.އެސް.ސީ އިމްތިހާނަށް ތައްޔާރުވާ ދަރިވަރުން، އިރުޝާދުދޭ ލިޔުން ލިޔާންވާނީ މި ތަފާތާއެކުގައެވެ. މަޒުމޫނެއްގެ ސިފަ ގެނެސްގެންނެވެ. މަޒުމޫނެއްގެ ސިފަ ގެންނަނީ މައުޟޫޢަށް ފަށައިގަންނަން ރަނގަޅު، ގުޅޭ ފެށުމެއް ލިޔެގެންނެވެ. އޭގެ ފަހަތަށް އިރުޝާދުތައް ލިޔުމަށްފަހު، ނިންމުމެއް ގެނެސްގެންނެވެ. ކޮފީ ގިރާގޮތް ބުނެދޭން ލިޔާ ލިޔުމަކަށް ވަކި ފެށުމަކާއި ވަކި ނިންމުމެއް އޮތުން ލާޒިމެއް ނޫނެވެ. ނަމަވެސް ކޮފީ ގިރާގޮތް ބުނެދޭން އިރުޝާދުދޭ ލިޔުމެއް އިމްތިހާނުގައި ލިޔާ ނަމަ ފެށުމަކާއި ނިންމުމެއް އޮންނާންޖެހޭނެއެވެ.
އިރުޝާދުދޭ ލިޔުމެއް ލިޔުމުގެ ބޭނުން
އިރުޝާދުދޭ ލިޔުމެއް ލިޔުމުގެ ބޭނުމަކީ ކަމެއް ކުރާނޭގޮތް އަންގައިދިނުމެވެ. ނުވަތަ އެއްޗެއް ހަދާނެގޮތް އަންގައިދިނުމެވެ. ނުވަތަ ތާކަށް ދާނޭގޮތް ކިޔައިދިނުމެވެ. އިރުޝާދުދޭ ލިޔުމެއް ކާމިޔާބުވާނީ ދީފައިވާ އިރުޝާދާ އެއްގޮތަށް އަމަލުކުރުމުން އެކަމެއް ފުރިހަމައަށް ހާސިލްވާ ނަމައެވެ. މިސާލު:
ތިޖޫރީ ހުޅުވާނޭގޮތް އަންގައިދޭން އިރުޝާދުދޭ ލިޔުމެއް ލިޔާ ނަމަ އެ ލިޔުމުގެ މައިގަނޑަކަށް ވާންޖެހޭނީ ތިޖޫރީ ހުޅުވާނޭގޮތް ބުނެދިނުމެވެ. ތިޖޫރީ ހުޅުވާނީ ކިހިނެއް؟ މި ސުވާލުގެ ޖަވާބު އެ ލިޔުމުން ސާފުކޮށް އެނގެން އޮންނާންވާނެއެވެ. ލިޔުމުގައި ބުނެފައިވާ ކަންކަން، އެ ބުނެފައިވާ ތަރުތީބުން ކުރުމުން ތިޖޫރީ ހުޅުވެންވާނެއެވެ. މިގޮތުން ތިޖޫރީ ހުޅުވިއްޖެ ނަމަ އެ ލިޔުމަކީ ކާމިޔާބު ލިޔުމެކެވެ.
ބަހުގެ ގަވާއިދާއި ހަމަ
ބަސްކިޔަވާ ދަރިވަރުން ލައްވައި އިރުޝާދުދޭ ލިޔުމާއި، މިނޫނަސް ވަކި ބާވަތެއްގެ ލިޔުން މުދައްރިސުން ލިޔުއްވާ ސަބަބެއް އޮވެއެވެ. އެއީ އެކި ބާވަތުގައި ބަސްބޭނުންކުރަންޖެހޭ ގޮތާއި ބޭނުންކުރާ ލަފުޒާއި ޖުމުލައިގެ ބާވަތްތަކާއި މިފަދަ ކަންކަން ތަފާތުވެގެންވުމެވެ. ލިޔުމުގެ ކޮންމެ ބާވަތަކަށް ވެސް ޚާއްސަވެގެންވާ ބަހުގެ ގަވާއިދާއި ހުނަރާއި މިފަދަ ކަންކަން ހުރެއެވެ. ދިވެހި މުގައްރަރުގައި މިއަށް ކިޔަނީ "ބަހުގެ ގަވާއިދާއި ހަމަ"އެވެ. އިނގިރޭސި ބަހުން ކިޔަނީ ލޭންގުއޭޖް ފީޗަރސް"އެވެ. މިގޮތުން ބަލައި ތިރީގައި މި ބަޔާންކުރަނީ އިރުޝާދުދޭ ލިޔުމެއްގައި އާންމުކޮށް ބޭނުންކުރާ ބަހުގެ ގަވާއިދާއި ހަމައެވެ.
-
ބަސްކޮށާރު:
އިރުޝާދު ދޭ ލިޔުމެއްގައި ބޭނުންކުރާނީ ސާދާ ބަސްކޮށާރެކެވެ. ނަމަވެސް އިރުޝާދޭ ކަމަކާ ގުޅޭ ޚާއްސަ ލަފުޒުތަކާއި ފަންނީ ލަފުޒުތައް ބޭނުންކުރެވިދާނެއެވެ. ކުރަންޖެހޭ ކަމެއްގެ ނުވަތަ ހަދަން އުޅޭ އެއްޗަކާ ގުޅޭ ޚާއްސަ ލަފުޒުތަކާއި އިބާރާތްތައް ބޭނުންކުރަންވާނެއެވެ. ފުރަތަމަ، ދެން، އޭގެފަހުން، އެންމެފަހުން ކަހަލަ މަރުހަލާތައް ދައްކައިދޭ ލަފުޒުތައް ބޭނުންކުރާންވާނެއެވެ. މި ލަފުޒުތައް ބޭނުންކުރާންވާނީ ގުޅޭ ތަންތާގައެވެ. މިސާލަކަށް ބަލާނަމަ "ފުރަތަމަ" މި ލަފުޒު ބޭނުންކުރާނީ އިރުޝާދެއް ދޭން ފަށައިގަންނަމުންނެވެ. "ދެން" ބޭނުންކުރާނީ ކުރިން ދިން އިރުޝާދެއްގެ ފަހުން ދެން ކަންކުރާންވީގޮތް ބުނެދޭން ފަށައިގަންނަމުންނެވެ. "އޭގެފަހުން" ބޭނުންކުރާނީ ވެސް ކުރިން ދިން އިރުޝާދެއްގެ ފަހުން ދެން ކަންކުރާންވީގޮތް ބުނެދޭން ފަށައިގަންނަމުންނެވެ. "އެންމެފަހުން" ބޭނުންކުރާނީ ފަހު އިރުޝާދަށް ފަށައިގަންނަމުންނެވެ. އަދި ނިންމާލަމުން ލިޔާ ބަޔާން ފަށައިގަތުމަށް ވެސް މި ލަފުޒު ބޭނުންކުރެވިދާނެއެވެ. ރަނގަޅަށް ދޭހަނުވާ ވަރަށް ކުރުކޮށް ލިޔެގެންނެއް ނުވާނެއެވެ. ބޭކާރު ވާހަކަ ނުވަތަ ބޭނުމެއް ނެތް ވާހަކަ ލިޔެގެންނެއް ނުވާނެއެވެ.
-
ޖުމުލައިގެ ޒަމާން:
އިރުޝާދުދޭ ލިޔުމުގެ ޖުމުލަތަކާއި އިބާރާތްތައް ލިޔާނީ އެއިން ޒަމާން (ވަގުތު) އަންގައިނުދޭ ގޮތަށެވެ. ޖުމުލަތައް ހުންނާންވާނީ timeless present tens ގައެވެ.
އިރުޝާދުދޭ ލިޔުމުގެ އޮނިގަނޑު
- ސުރުޚީ
- ފެށުން
- މައިގަނޑު (ކަންކުރަންވާގޮތް ތަރުތީބުން ބަޔާންކޮށްދީ ލިޔާ ޕެރެގްރާފްތައް)
- ނިންމުން
މި ހަތަރު ބައިގައި ހިމެނެނީ އަންނަނިވި ތަފުސީލުތަކެވެ.
ސުރުޚީ
ކޮންމެ ލިޔުމެއްގެ ވެސް ސުރުޚީ އަންނަންވާނީ އެ ލިޔުމެއްގެ މަރުކަޒީ ޚިޔާލު (ސެންޓްރަލް ތީމު)ގެ ތެރެއިންނެވެ. އިރުޝާދުދޭ ލިޔުމުގައި ވެސް ސުރުޚީ އޮންނާންވާނީ މި ގަވާއިދުގެ ތެރޭގައެވެ. އެހެންކަމުން އިރުޝާދުދޭ ލިޔުމުގެ ސުރުޚީއިން އެ ލިޔުމުގެ މަގުސަދު ދޭހަވާންވާނެއެވެ. ނުވަތަ އެ ލިޔުމުގައި ބުނާކަންކަން ކުރުމުގެ ބޭނުން އެނގެންވާނެއެވެ. މިސާލު
ހ. އެކަކަށް ވެސް ހުޅުވަން ނޭނގޭ ތިޖޫރީ
ށ. ތިޖޫރީ ހުޅުވާނީ ކިހިނެއް؟
ނ. ތިޖޫރީ ހުޅުވާނެގޮތް
ރ. ތިބާއަށް ވެސް ތިޖޫރީއެއް ހުޅުވިދާނެއެވެ.
މިސާލުގައިވާ ސުރުޚީތަކުގެ ތެރެއިން ހ. ގައި އެވާ ސުރުޚީ (އެކަކަށް ވެސް ހުޅުވަން ނޭނގޭ ތިޖޫރީ) އިން އެ ލިޔުމުގެ މަގުސަދެއް ނޭނގެއެވެ. އެކަމަކު ތިޖޫރީއަކީ ނުހުޅުވޭނޭ އެއްޗެއްހެން ވެސް ހީވެއެވެ. އެހެންވީމާ، ލިޔުމުގެ މަގުސަދު ދޭހަކޮށް ނުދޭތީ އެ ސުރުޚީ ރަނގަޅެއް ނޫނެވެ.
ށ. ގައިވާ ސުރުޚީ (ތިޖޫރީ ހުޅުވާނީ ކިހިނެއް؟) އިން ލިޔުމުގެ މަގުސަދު ސާފުވެއެވެ. އެ ލިޔުމުގައި ބުނެދޭނީ ތިޖޫރީ ހުޅުވާނެގޮތްކަން އެނގެއެވެ. އެހެންވީމާ މިއީ ރަނގަޅު ސުރުޚީއެކެވެ. ދެން އޮތް ދެ ސުރުޚީއާ މެދު ތިޔަކުދީން މި ހަމައިން ވިސްނައިފައި ގޮތެއް ނިންމައި މުދައްރިސާ ހިއްސާކޮށްލުން ރަނގަޅެވެ.
ފެށުން
މައުޟޫޢު ތައާރަފުކޮށްދޭ ޖުމުލައަކުން ފަށައިގަނެވިދާނެއެވެ. ނުވަތަ ކިޔުންތެރިންގެ ސަމާލުކަން ލިބޭފަދަ ޖުމުލައަކުން ފަށައިގަނެވިދާނެއެވެ. ނުވަތަ މުދައްރިސް އިރުޝާދު ދެއްވައިފައިވާ ވަކިގޮތަކަށް ފަށައިގަތުން ވެސް ރަނގަޅެވެ.
މިސާލު.
"ތިޖޫރީގެ ނަންބަރާއި ތަޅުދަނޑި އޮތަސް ވަރަށް ގިނަ ފަހަރަށް ތިޖޫރީއެއް ނުހުޅުވެއެވެ. ސަބަބަކީ ތިޖޫރީގައި ނަންބަރު ތަޅަކާއި، ތަޅުދަނޑިން ހުޅުވާ ތަޅަކާ ދެ ތަޅު ހުރުމާއި އާދައިގެ ތަޅު ހުޅުވާގޮތާއި ތިޖޫރީ ތަޅު ހުޅުވާގޮތް ތަފާތުވުމެވެ. މީގެ ސަބަބުން ހުޅުވަން އުނދަގޫވުމަކީ ތިޖޫރީގައި ހިމަނައިފައިވާ ރައްކާތެރިކަމުގެ ސިފައެކެވެ. އެހެންކަމުން މި ލިޔުމުގައި ބަޔާންކުރާނީ ތަޅުދަނޑިއާއި ނަންބަރު ބޭނުންކޮށްގެން ތިޖޫރީއެއް ހުޅުވާނެ ގޮތެވެ."
- ފުރަތަމަ ޖުމުލައިން ބުނަނީ އިރުޝާދެއް ދޭންޖެހޭކަހަލަ މައްސަލައެއް އޮތްކަމެވެ.
- ދެވަނަ ޖުމުލައިގައި ބުނަނީ މައްސަލަ ދިމާވާ ސަބަބެވެ.
- ތިންވަނަ ޖުމުލައިގައި ބުނަނީ މައްސަލަ ދިމާވާ ސަބަބެވެ.
- ހަތަރުވަނަ ޖުމުލައިގައި ބުނަނީ ކުރީގެ ޖުމުލަތަކުގައި ބުނާ ސަބަބަތަކުގެ ސަބަބުން ތިޖޫރީ ނުހުޅެވޭ މީހުންނަށް، ތިޖޫރީ ހުޅުވާނޭގޮތް މި ލިޔުމުގައި ބުނެދޭނޭ ވާހަކައެވެ. އަދި މި ލިޔުމުގައި ހުރީ ކޮން މައުލޫމާތެއްކަމާއި، މި ލިޔުން ކިޔައިގެން އެނގޭނީ ނުވަތަ ދަސްވާނީ ކޮންއެއްޗެއްކަން ވެސް މި ޖުމުލައިން ބުނެދެއެވެ. އެހެންކަމުން މި ޖުމުލަ ވާނީ ކިޔުންތެރިޔާ އާއި ލިޔުމާ ގުޅުވައިދޭ ޖުމުލައަކަށެވެ.
މިސާލުގައި ދައްކައިފައިވަނީ ހަމައެކަނި މިސާލެކެވެ. މިގޮތް ނޫނަސް ފަށައިގަންނަން ރަނގަޅު ވަރަށް ގިނަ ގޮތްތައް ހުންނާނެއެވެ. އެއިން ކޮންމެ ގޮތަކީ ވެސް ރަނގަޅު ގޮތެކެވެ.
މައިގަނޑު (ކަންކުރަންވާގޮތް ތަރުތީބުން ބަޔާންކޮށްދީ ލިޔާ ޕެރެގްރާފްތައް)
މައިގަނޑުގައި ފުރަތަމަ ލިޔާނީ އިރުޝާދުތައް ފަށައިގަންނަ ޕެރެގުރާފެވެ. ފުރަތަމަ އިރުޝާދެވެ. ދެން ދެވަނަ އިރުޝާދެވެ. މިބައިގައި ލިޔާންވާނީ ކަންކަން ކުރާންވާ ތަރުތީބުން ފަހަރަކު ކަމެކެވެ. އެއްކަމެއް ނިމުމުން އަނެއް ކަމެއްގެ އިރުޝާދުތައް އާ ޕެރެގުރާފަކުން ފެށިދާނެއެވެ. (އިމްތިހާނުގައި ލިޔާ ލިޔުމުގައި، އާ ޕެރެގުރާފަކުން ފެށުމާ މެދު މުދައްރިސް ވަކި އިރުޝާދެއް ދެއްވައިފައިވާ ނަމަ އެގޮތަކަށް ހަދާށެވެ.)
ކުރަންވީ ކަމަކާމެދު ނުވަތަ ހަދަންވީ ގޮތަކާމެދު ފިޔަވަޅަކުން ފިޔަވަޅަކުން މިގޮތަށް އިރުޝާދު ދެމުން ގޮސް މަގުސަދު ހާސިލްވަންދެން (އެންމެ ފަހުގެ އިރުޝާދުގެ ނިޔަލަށް) ލިޔާށެވެ.
ތިރީގައި މިވަނީ އިރުޝާދުދޭ ލިޔުމުގެ ތެރެއިން ކުޅިބޯކިބާ އަޅާނެގޮތާ މެދު ޑރ. ޙަސަން ޙަމީދު ލިޔުއްވައިފައިވާ ލިޔުއްވުމަކުން ނަކަލުކޮށްފައިވާ މިސާލެކެވެ.
ބޯކިބާ އަޅަން ޖެހޭ ދުވަހުގެ ކުރީ ރޭ، ހަނޑޫ ފެނު އަޅާނީއެވެ. ދެން އަނެއް ދުވަހު 10 ޖަހާލާއިރު، ހަނޑޫތައް ރީތިކޮށް ދޮވެލާނީއެވެ. ދެން ދެކާށީގެ ހުނި ގާނާ އޭގެ ކިރު، ޖޯޑެއްގެ ތިންބައިކުޅަ އެއްބައި ހުންނަވަރުގެ ތައްޓަކަށް އަޅައި ބަހައްޓާނީއެވެ. މަސްގަނޑާއި ފުށްގަނޑަށް ވެސް (ފެން ނުލައި) ކިރު ފެލާލާފައި އަޅާލަންވާނެއެވެ. ދެންއެއް ކާށީގެ ހުނި އަޅައިގެން ހަނޑޫތައް ދައިމަތީގައި ނުވަތަ މިކްސަރަކުން ހިމުން ކުރާނީ ވަކިވަކި ފުއްތައް ފާހަގަ ނުކުރެވޭ ވަރަށެވެ. ނަމަވެސް އެންމެ ހިމުންކޮށެއް ނޫނެވެ. ދެން މަސްތައް ސާފުކުރާނީއެވެ. މަސްތައް ސާފުކުރާނީ ހަމާއިކައްޓާއި ވަޅޯ ދިލަ ޖެހިފައިވާ ހިސާބު ނުހުންނަ ގޮތަށެވެ. ދެން މަސްތައް ވަރަށް ތުނިކޮށް ކޮށާލާނީއެވެ. މިހާ ހިސާބަށް ކަންތައްތައް ކުރެވުނު އިރު، ފިޔަޔާއި އިނގުރާއި މިރުހާއި ހިކަނދިފަތް ހުންނަން ވާނީ ހިމުންކޮށް ކޮށާފައެވެ. ދެން ލޮނާއި ރީނދުލާއި ހުތް އަޅައިގެން ވަރަށް ރަނގަޅަށް ފިޔާގަނޑާއި އިގުރާއި މިރުހާއި ހިކަނދިފަތް މޮޑޭނީއެވެ. ހުނިގަނޑު އެއްކޮށްލުމަށްފަހު އަނެއްކާ މޮޑޭނީއެވެ. ދެން މަސްތައް އަޅައިގެން މޮޑެ އެއްވީމާ، ދެން އެވީ އޭގެ ތެރެއަށް ފުއްގަނޑު އަޅާށެވެ. ރަނގަޅަށް މޮޑުމަށްޓަކައި، ގާތްގަޑަކަށް ދޮޅު ޖޯޑުހާ ފެން އަޅަން ޖެހިދާނެއެވެ. ދެން ލޮނު އަޅައިގެން ރަނގަޅަށް މޮޑޭނީއެވެ. ދެން މިއަށް ފަހު ބޯކިބާ ފިހާ އެއްޗަކަށް އަޅައި އޭގެ މައްޗަށް ކުރިން ވަކިން ނަގާފާއި ހުރި ކިރުކޮޅު އަޅާނީއެވެ. މިހެން ހެދުމުން ފިހެނިމުނީމާ ބޯކިބާގެ މަތި އޮންނާނީ އޮމާންކޮށް މަޑުންނެވެ. ދެން ފިހާނީއެވެ. މި ވަރުގެ ބޯކިބަލެއްގެ އެއް ފުށް 45 މިނެއްޓާ ގާތްކުރާ އިރަކުން ފިހެވޭނެއެވެ.
——————————- ޑރ. ޙަސަން ޙަމީދު (2019).
ތިރީގައި މިވަނީ "ކަރުނަޔާ ނުލައި ކެއްކުން" މި ފޮތުގައި، މަސްފަތަފޮޅި ފިހާނެ ގޮތާމެދު މުޙައްމަދު އަމީން ލިޔުއްވައިފައިވާ ލިޔުއްވުމަކުން ނަކަލުކޮށްފައިވާ މިސާލެކެވެ.
އެންމެ ފުރަތަމައިން ކާއްޓެއްގެ ހުނި ލައްވައިގެން ހަނޑޫކޮޅު ފުޑުއްވަވާލައްވާށެވެ. މަސްކޮޅު ލިއުއްވާށެވެ. ފިޔާ، އިނގިރު، މިރުސް ކޮއްޓަވާށެވެ······ ރަހަ ދޭވަރަށް ހުތް އަޅުއްވައިގެން، ލޮނު ހެޔޮވަރު ކުރައްވަމުން، މަހާއި ފިޔައާއި، އިނގުރާއި މިރުސް އެއްކޮށް ރަނގަޅަށް މޮޑުއްވަވާށެވެ······ މޮޑުއްވެވި މަހާއި، ކާށި ކިބައެއްގެ ހުންޏާއި، ފުޑުއްވެވި ފުށާއި، އެއްކޮށް އަނެއްކައި ރަނގަޅަށް މޮޑުއްވަވާށެވެ······ ބޮޑުމިން ހެޔޮވާވަރަށް ބޯކޮށް ފަތުގައި ޖައްސަވައިގެން، ތަވަޔަކަށް އަޅުއްވައިގެން މަތިން އަންދަވަމުން، ފިއްސަވާށެވެ.
——————————- މުޙައްމަދު އަމީން ( )
ދެ ބޭފުޅުންގެ ލިޔުއްވުމައި ފޯމެޓް އެއްގޮތެވެ. ނަމަވެސް ހުށަހެޅުއްވުމުގައި މުޚާޠަބު ކުރައްވައިފައިވާ ގޮތް ތަފާތެވެ. ކޮންމެ ލިޔުމެއްގެ ފުރަތަމަ ހަތަރު ޖުމުލައިގެ ނިމުން ބަލައިލުމުން މިކަން ސާފުވާނެއެވެ.
ޑރ. ޙަސަން ޙަމީދުގެ ހަތަރު ޖުމުލަ:
- …………….. އަޅާނީއެވެ.
- …………….. ދޮވެލާނީއެވެ.
- …………….. ބަހައްޓާނީއެވެ.
- …………….. އަޅާލަންވާނެއެވެ.
މުޙައްމަދު އަމީންގެ ހަތަރު ޖުމުލަ:
- …………….. ފުނޑުއްވާށެވެ. (ފުނޑާށެވެ.)
- …………….. ކޮށްޓަވާށެވެ. (ކޮށާށެވެ.)
- …………….. މޮޑުއްވަވާށެވެ. (މޮޑޭށެވެ.)
- …………….. މޮޑުއްވަވާށެވެ. (މޮޑޭށެވެ.)
މުޙައްމަދު އަމީން އިރުޝާދު ދެއްވައިފައިވަނީ މާތްބަހުންނެވެ. މީހަކާ ބުޚާޠަބްކުރާ ގޮތަށެވެ. ޑރ. ޙަސަން ޙަމީދު އިރުޝާދު ދެއްވައިފައިވަނީ އާދައިގެ ބަހުންނެވެ. ވަކި މީހަކާ މުޚާޠަބުކުރައްވައިފައެއް ނެތެވެ.
މި ދެ މިސާލުން އެނގެނީ އިރުޝާދު ދިނުމުގައި ތަފާތު ގޮތްތޮތަށް އިރުޝާދު އިބާރާތްކުރެވޭކަމެވެ. މިއިން ކޮންމެ ގޮތަކީ ވެސް ސައްހަ ރަނގަޅު ގޮތެކެވެ. ނަމަވެސް ގިނަ ލިޔުންތެރީން ގަބޫލުކުރަނީ، ވަކި މީހަކާ މުޚާޠަބުކުރަން ނުޖެހޭ ހާލަތެއްގައި ނަމަ އިރުޝާދު ދޭން ރަނގަޅީ އާންމު ބަހުރުވައިން ކަމަށެވެ.
ނިންމުން
އިރުޝާދުދޭ ލިޔުމެއްގެ ނިންމުން ދެގޮތަކަށް ގެނެވިދާނެއެވެ. އެއްގޮތަކީ، އެންމެ ފަހުން ލިޔުނު އިރުޝާދުގެ ފަހަތުން ކޮމެންޓެއް ލިޔެފައި ނިންމުމެވެ. މިސާލަކަށް "މި ކިޔައިދިން ގޮތަށް ތަރުތީބުން ރަނގަޅަށް ކަންކަން ކޮށްފި ނަމަ ތިޖޫރީ ހުޅުވޭނޭކަން ޔަގީނެވެ".
އަނެއް ގޮތަކީ، ފުރިހަމައަށް ނުވަތަ ފަސޭހައިން ކަންކުރުމަށް ޚާއްސަ އިރުޝާދެއް ނޫނީ ލަފައެއްދޭ ކުރު ބަޔާނަކުން ނިންމުމެވެ. މިގޮތަށް ލިޔާ ބަޔާނަކީ، ލިޔުމުގައި ދީފައިވާ އިރުޝާދުތަކަށް އަމަލުކުރަމުންދާއިރު ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅަކަށް ނުވަތަ އިންޒާރަކަށް ހެދިދާނެއެވެ. މިސާލަކަށް ބަލާނަމަ ތިޖޫރީގެ ތަޅުދަނޑި ބިންދައިގެން ހިނގައިދާނެތީ އެކަމަށް ސަމާލުކުރުވުމަށް މި ބަޔާން ލިޔެވިދާނެއެވެ. ނުވަތަ ނަންބަރުތައް އަމިއްލައަށް ރީސެޓްވެދާނެ ހާލަތެއް އޮންނަ ނަމަ އެވާހަކައަށް ސަމާލުކުރުވުމަށް މި ބަޔާން ލިޔެވިދާނެއެވެ.
އިމްތިހާން މިހައި ކައިރިވެފައިވާއިރު އެންމެ ރަނގަޅު ގޮތަކީ މި ލިޔުމުގެ ނިމުން ގެނައުމަށް މުދައްރިސް އިރުޝާދު ދެއްވައިފައިވާ ގޮތަށް އެކަންކުރުމެވެ. ނުވަތަ މި ލިޔުމުގައި އިރުޝާދު ދީފައިވާ ގޮތަށް އަމަލުކުރާން ބޭނުން ނަމަ މުދައްރިސްގެ ލަފާ ހޯދައިގެން އެކަންކުރުމެވެ.
އެޑިޓަރުގެ ނޯޓް
މުޙައްމަދު ޢާމިރު އަޙްމަދު ފަރެސް އަކީ އަޙްމަދިއްޔާގެ އެންމެ ފުރަތަމަ އަދަބީ މުދައްރިސެވެ. ކާމިނީ ހައުސް (ރެޑް ހައުސް)ގެ އެސިސްޓެންޓް ހައުސްމާސްޓަރެވެ.
ސްކޫލް ކަރިކިއުލަމް އެކުލަވައިލުމާއި ކިޔަވައިދޭ ފޮތްތައް ލިޔުމާއި، ކިޔަވައިދިނުމުގެ ވަސީލަތްތައް އުފެއްދުމާއި މުދައްރިސުން ތަމްރިނުކުރުމުގައި، ތައުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރެއްވިއެވެ.