الْحَمْدُ لِلَّهِ رَبِّ العَالَمِينَ. وَالصَّلاَةُ وَالسَّلاَمُ عَلَى نَبِيِّنَا مَحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ. أَمَّا بَعْد.
ރަމަޟާން މަހަކީ އަހަރެއްގެ ތެރޭގައި އަންނަ އެންމެހައި މަސްތަކުގެ ތެރެއިން އެންމެ މަތިވެރި މާތްކަމެއް ލިބިގެންވާ މަހެވެ. އެމަހަށް ޚާއްޞަ ޝަރަފަކާއި ޤަދަރެއް ލިބިގެންވާ އެންމެބޮޑު ސަބަބަކީ އެމަހުގައި ކީރިތި ޤުރުއާން ބާވައިލެއްވުމެވެ. އިންސާނިއްޔަތަށް ހިދާޔަތެއް ކަމުގައިވީ ﷲ ގެ ކަލާމްފުޅު މިދުނިޔެ މައްޗަށް ބާވައިލެއްވުނު މަހެވެ. އެފޮތަކީ އެފޮތަކަށް ތަބާވާމީހަކަށް ޙައްޤާއި ބާޠިލު ވަކިވެގެންދާނެ ފޮތެކެވެ.
ﷲ سبحانه وتعالى ވަޙީކުރެއްވިއެވެ: ﴿شَهْرُ رَمَضَانَ ٱلَّذِىٓ أُنزِلَ فِيهِ ٱلْقُرْءَانُ هُدًى لِّلنَّاسِ وَبَيِّنَٰتٍۢ مِّنَ ٱلْهُدَىٰ وَٱلْفُرْقَانِ ۚ فَمَن شَهِدَ مِنكُمُ ٱلشَّهْرَ فَلْيَصُمْهُ ۖ﴾البقرة :185 މާނައީ: [ރަމަޟާން މަހަކީ އެމަހެއްގައި ޤުރުއާން ބާވައިލެއްވި މަހެވެ. އެއީ މީސްތަކުންނަށްޓަކައިވާ ހިދާޔަތެއްގެ ގޮތުގައެވެ. އަދި ހިދާޔަތާއި ޙައްޤާއި ބާޠިލު ވަކިކޮށްދޭ ހެކިތަކެއްގެ ގޮތުގައެވެ. އެމަހުގެ (ހަނދު) ފެނިއްޖެ މީހާ ފަހެ އެމަހުގައި ރޯދަ ހިފާހުށިކަމެވެ.] އެޤުރުއާން ބާވައިލެއްވުނު ރެއަކީ ލައިލަތުލް ޤަދްރި ވިލޭރެއެވެ. އެރޭ މިއޮންނަނީ ރަމަޟާން މަހުގެ ތެރޭގައެވެ. އެރޭގެ މާތްކަމާއި ރަމަޟާން މަހުގެ މާތްކަން ގުޅިގެން ދަނީ އެހެންވެގެންނެވެ. އެއީ ކޮންފަދަ މަތިވެރި ރެއެއް ހެއްޔެވެ!
އެ އެންމެ ރެއެއްގައި ކުރެވޭ އަޅުކަމެއްގެ ޘަވާބާއި ދަރުމަ އެތައް އަހަރުތަކެއް ވަންދެން އަޅުކަން ކުރުމޭ އެއްފަދަވެގެން ދެއެވެ. އެއްހާސް މައްސަރުގައި ކުރި މަސައްކަތެއްގެ ޘަވާބާއި އެއްވަރުގެ ދަރުމައެއް އެންމެ ރެއަކުން ލިބިގެންދެއެވެ. އެއީ ހަމަސީދާ އެރޭގައި ކުރެވޭ ޢަމަލުން އެކަންޏެވެ. ﷲ ވަޙީކުރެއްވިއެވެ: ﴿إِنَّا أَنزَلْنَاهُ فِي لَيْلَةِ الْقَدْرِ (1) وَمَا أَدْرَاكَ مَا لَيْلَةُ الْقَدْرِ (2) لَيْلَةُ الْقَدْرِ خَيْرٌ مِّنْ أَلْفِ شَهْرٍ (3)﴾ القدر :1-3 މާނައީ: [ހަމަކަށަވަރުން ތިމަންއިލާހު އެޤުރުއާން ބާވައިލެއްވީ ލައިލަތުލް ޤަދްރި ވިލޭރޭގައެވެ. އަދި ލައިލަތުލް ޤަދްރި ވިލޭރެއަކީ ކޮބައިކަމާއިމެދު ކަލޭގެފާނަށް އަންގައިދެނީ ކޮން އެއްޗެއްތޯއެވެ؟ ލައިލަތުލް ޤަދްރި ވިލޭރެއަކީ އެއްހާސް މައްސަރަށްވުރެ ހެޔޮކަންބޮޑު ރެއެކެވެ.]
ރަމަޟާން މަހަކީ ކެތްތެރިކަން ދަސްކޮށްދޭ މަހެކެވެ. އެމަހުގައި ކެތްތެރިވާންޖެހޭ ކަންތައްތަކެއް ރޯދަވެރިޔާ އާ ކުރިމަތިވެއެވެ. އޭނާ ހިފަހައްޓާ ކޮންޓްރޯލް ކުރަންޖެހެނީ އޭނާގެ އެދުންވެރިކަމުގައި ހިމެނޭ އެންމެ ބާރުގަދަ އެދުންތަކެވެ. ކެއުމާއި ބުއިމާއި ޖިންސީ ޝަހުވަތެވެ. އަދި އޭގެ އިތުރުންވެސް މީހާއަށް ނުބައިމަގަށް ފަހިކޮށްދޭ، ނަފްސުގައި އުފެދޭ ޖަޒްބާތީ ބާރުތަކެވެ. އޭގެ ތެރޭގައި ރުޅިވެރިކަމާއި ޢަދާވާތްތެރިކަމާއި ބަދަލުހިފުމާއި އަނިޔާވެރިވުމާއި ކިބުރުވެރިވުމާއި އަރައިރުންވުމާއި ހަސަދަވެރިވުމާއި ނަފްރަތްތެރިކަމާއި އެހެންމީހުންނާއި މެދު ހަރުކަށިކަން ދެއްކުމާއި ތަޅާފޮޅުން ފަދަ ނޭއްގާނީ ޢަމަލުތައް ކޮންޓްރޯލުކުރުން ހުއްޓެވެ. ބުޚާރީ އާއި މުސްލިމް ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ: ((الصِّيَامُ جُنَّةٌ فَلاَ يَرْفُثْ وَلاَ يَـصْخَبْ وَإِنْ امْرُءٌ قَاتَلَهُ أَوْ شَاتَـمَهُ فَلْيَقُلْ إِنِّي صَائِمٌ مَرَّتَيْنِ)) މާނައީ: [ރޯދައަކީ ކަންކަމުން ރައްކާތެރިކޮށްދޭ އައްޑަނައެކެވެ. ފަހެ ރޯދަވެރިޔާ ހަޑިހުތުރު ބަހުން ވާހަކަ ނުދައްކާހުށިކަމެވެ. އަދި އަރައިރުންވެ ޒުވާބު ނުކުރާހުށިކަމެވެ. އަދި މީހަކު އޭނާއާ ތަޅާފޮޅައިފިނަމަ ނުވަތަ އޭނާއަށް އެއްޗެތި ގޮވައިފިނަމަ ފަހެ އެމީހަކަށް ތިމަންނާ މިހިރީ ރޯދައަށޭ ދެފަހަރަށް ރޯދަވެރިޔާ ބުނާހުށިކަމެވެ.] އެފަދައިން ތަކުރާރުކޮށް ބުނަން އޮތުމުން ދޭހަވަނީ ރޯދަވެރިޔާ އެފަދަ އެއްވެސް ނުބައިކަމެއް ނުކުރާނޭ ކަމުގެ ޔަޤީންކަން އަނެކާއަށް ދިނުމެވެ. އަދި އެފަދަ ކަމެއް ކުރާމީހަކާއި ދެކޮޅަށް އެފަދަ ވިޔާނުދާ ކަމަކައިގެން ރޯދަވެރިޔާ ނުނިކުންނާނޭ ކަމެވެ. ރޯދަވެރިޔާ ތަކުރާރުކޮށް އެބުނަނީ ރޯދައަކީ އެފަދަ ކަންކަން މަނާކުރާ ކަމެއްކަމެވެ. އަދި އެފަދަ ނުބައި ނޭއްގާނީ އެއްވެސް ކަމެއް ނުކުރާނޭ ކަމުގެ ކަށަވަރުކަމެވެ. އަދި ރޯދަވެރިޔާ އެއެންމެހައި ކަމަކަށް ނުހަނު ބޮޑަށް ކެތްތެރިވާނޭ ކަމެވެ. ނިކަން ތަޞައްވުރު ކޮށްލުން ހުއްޓެވެ. މިހާވަރަށް އިންސާނަކު ކެތްތެރިވެވޭނޭ ހެއްޔެވެ؟ ޝައްކެއްވެސް ނެތެވެ. މިއީ ވަރަށް އުނދަގޫ ކަމަކަށްވާނެއެވެ. ނަމަވެސް ރޯދަމަހުގައި ކޮންމެވެސް ވަރަކަށް ފަސޭހަކަން ލިބިފައިވާނެއެވެ. ކޮންމެއަކަސް މިކަމުން އަންގައިދެނީ ރޯދަވެރިޔާ ކެތްތެރިވާވަރެވެ. ކެތްތެރިކަމަކީ އެކަމުގެ ޘަވާބާއި ދަރުމަ ވަރަށްވެސް މަތިވެރިކޮށް ލިބޭ ޢަމަލެކެވެ. އޭގެ ޢަދަދު ނޭނގޭ ވަރުގެ ގިނަގުނަ ޘަވާބު ކެތްތެރިކަމުން ލިބެއެވެ. ﷲ سبحانه وتعالى ވަޙީކުރެއްވިއެވެ: ﴿إِنَّمَا يُوَفَّى الصَّابِرُونَ أَجْرَهُم بِغَيْرِ حِسَابٍ﴾الزمر :10 މާނައީ: [ހަމަކަށަވަރުންވެސް ކެތްތެރީނަށް އަޖުރު ދެއްވެނީ އެއްވެސް ހިސާބެއް ނެތިއެވެ.]
ރަމަޟާން މަހަކީ ޖިންނިޝައިޠާނުންގެ ބޮޑެތި ޝައިޠާނުންތައް ކަސްތޮޅު އެޅުވޭ މަހެވެ. އެއީ ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވޭ މަހެވެ. އަދި ނަރަކައިގެ ދޮރުތައް ބަންދުކުރެވޭ މަހެވެ. ބުޚާރީ އާއި މުސްލިމް ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ: ((إِذَا كَانَت أَوَّلُ لَيْلَةٍ مِنْ رَمَضَانَ صُفِّدَتِ الشَّياطِينُ ومَرَدَةُ الجِنِّ وَغُلِّقَتْ أَبْوَابُ النَّارِ فَلَمْ يُفتَحْ مِنْهَا بَابٌ وَفُتِحَتْ أَبْوَابُ الجنَّةِ فَلَمْ يُغْلَقْ مِنْهَا بَابٌ وَنَادَى مُنَادٍ يَا بَاغِيَ الْخَيْرِ أَقْبِلْ وَيَا بَاغِيَ الشَّرِّ أَقْصِرْ وَلِلَّهِ عُتَقَاءُ مِنَ النَّارِ وَذَلِكَ فِي كُلِّ لَيْلَةٍ)) މާނައީ: [ރަމަޟާން މަސް ފެށޭ ހިނދު ޝައިޠާނުންނާއި ޖިންނީގެ އެންމެ އިސްފަރާތްތައް ކަސްތޮޅު އެޅުވޭހުއްޓެވެ. އަދި ނަރަކައިގެ ދޮރުތައް ބަންދުކުރެވޭ ހުއްޓެވެ. އެއިން އެއްވެސް ދޮރެއް ނުހުޅެވޭނެތެވެ. އަދި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވޭހުއްޓެވެ. އެއިން އެއްވެސް ދޮރުކޮޅެއް ނުލެއްޕޭ ހުއްޓެވެ. އަދި ގޮވާލާ ފަރާތަކުން ގޮވާލައެވެ. އޭ ހެޔޮކަމަށް އެދިގަންނަ މީހާއެވެ! ހެޔޮޢަމަލުތައް ކުރުމަށް ކުރިމަތިލާ ކުރިއަށްދާށެވެ. އަދި އޭ ނުބައިކަމަށް އެދިގަންނަ މީހާއެވެ! ނުބައިޢަމަލުތައް ކުރުން ހުއްޓާލާށެވެ. އަދި ﷲ ނަރަކައިން މިންޖުކުރައްވާ ބަޔަކު ވެއެވެ. އަދި އެއީ ކޮންމެ ރެއަކުވެސް މެއެވެ.] ރަމަޟާން މަހުގެ ޚާއްޞަކަން މިއެންމެ ޙަދީޘަކުންވެސް ވަރަށްފުރިހަމައަށް އެނގިގެންދެއެވެ. ނިހާޔަތައް އިންސާނިއްޔަތަށް މުހިންމު މަހެއްކަން ދޭހަވެއެވެ. ނަރަކައަށް ދާނޭ ފަދަ އެތަކެއް ޢަމަލުތަކެއް ކޮށްއުޅުނު، އަދި ނަރަކައަށް ދިއުމުގައިވި އެތައް ބަޔަކު މިމަހުގައި އެމީހެއްގެ ޢަމަލުތައް އިޞްލާޙުވެ ސުވަރުގެވަންތަ ވެރިއެއްގެ ގޮތުގައި ބަދަލުކޮށްލާނޭ މަހަކަށް މިމަސްވުމުން އެއީ މުޅި އިންސާނިއްޔަތަށް ހުރި ކޮންފަދަ ބޮޑު މަތިވެރިކަމަކަށް ވާނޭ ހެއްޔެވެ! ﷲ سبحانه وتعالى މިރަމަޟާން މަހަށް ޚާއްޞަކޮށް އިންސާނާއަށް ހެޔޮކަންކަމަށް ހިތްވަރު ދެއްވުމަށް އަދި ނުބައިކަންކަމުން ދުރުހެލިކުރުމަށް ބާރުއަޅާނޭ ފަދަ ބާރެއް ނުވަތަ ގޮވާލާ ގޮވާލުމެއް މުސްލިމުންގެ ހިތްތަކުގައި ލެއްވިއެވެ. އޭގެ ސަބަބުން މުސްލިމް މީހާގެ ނަފްސުގެ ތެރެއިން އެގޮވާލާ ގޮވާލުމަށް ގިނަބަޔަކު އިޖާބަދީ ދިރިއުޅުން ވަރަށްބޮޑަށް ބަދަލުކޮށްލައެވެ. ހެޔޮލަފާ ރަނގަޅު މީހަކަށް ބަދަލުވެގެން ދެއެވެ. އަދި ކުރަމުންދިޔަ ގިނަގުނަ ނުބައި ކަންތަކަކުން ވެސް ދުރުހެލިވެއެވެ. އެބައިމީހުންނަށް ﷲ އެދެއްވި ރަނގަޅު ތަރުބިއްޔަތުގެ މަތީގައި ދެމިތިބެއްޖެ ނަމަ އެބައިމީހުންނަކީ ނުހަނު ބާއްޖަވެރި ބަޔަކަށް ވެގެންދެއެވެ. ނަރަކަވަންތަވެރިންގެ ގޮތުގައި ތިއްބާ އެތަނުން މިންޖުވެ ސުވަރުގެވަންތަވެރިންގެ ގޮތުގައި ބަދަލުވެގެން ދެއެވެ.
ރަމަޟާން މަހަކީ އެމަހެއްގައި ރޯދަހިފައިފި ނަމަ އޭގެ ކުރިން ކުރެވިފައިވާ އެންމެހައި ކުދިފާފަތަކެއް ފުހެވިގެންދާ މަހެވެ. އަދި އެމަހެއްގައި ރޭއަޅުކަން ކޮށްފިނަމަ ވެސް އެއަޅުކަންތަކުގެ ޘަވާބުގެ އިތުރުން ކުރިން ކުރެވިފައިވާ އެންމެހައި ކުދިފާފަތަކެއް ފުހެވިގެންދާ މަހެވެ. ބުޚާރީ އާއި މުސްލިމް ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ: ((مَنْ قَامَ رَمَضَانَ إِيْمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ)) މާނައީ: [ރަމަޟާން މަހުގައި އީމާންކަމާއިއެކު ޘަވާބަށް އެދި ރޭއަޅުކަން ކޮށްފިމީހާގެ އިސްވެގޮސްފައިވާ އެންމެހައި ފާފަތަކެއް ފުއްސަވައިފިއެވެ.] އަދި ބައެއް ރިވާޔަތްތަކުގައި [ރޯދަހިފައިފިމީހާ] މިފަދައިން އައިސްފައިވެއެވެ. ނަމަވެސް ރަމަޟާން މަހުގައި ހިފާ ރޯދައާއި ރޭއަޅުކަމުގައި ވަރަށް މުހިންމު ދެ ޝަރުޠެއް މިޙަދީޘްގައި ކަނޑައަޅުއްވާފައިވެއެވެ. އެއީ އީމާންކަމެވެ. މާނައަކީ މިކަންކަން މިކުރަނީ ﷲ ތިމާގެ މައްޗަށް އެކަންކަން ކުރަން ފަރުޟު ކުރެއްވީމާ ކަމުގެ ޤަޞްދު ހިތުގައި ބާއްވައިގެން ކުރުމެވެ. އަދި އެކަންކަމަށް ﷲ މިވެނި އެވެނި ޘަވާބުތަކެއް ކަނޑައެޅުއްވީތީ އެޘަވާބު ހޯދުމަށް ކަމުގެ ޤަޞްދު ހިތުގައި ބާއްވައިގެން މިހެޔޮޢަމަލުތައް ކުރުމެވެ. ފާފަތައް ފުހެވި، ރަމަޟާން މަހުގެ ބަރަކާތް މީހާއަށް ކާމިޔާބުވަނީ ހިތް ނިޔަތް އިޚްލާޞްތެރިކޮށް ސާފު ހިތަކައިގެން މިހެޔޮޢަމަލުތައް ކުރުމުންނެވެ.
އަޅަމެންނަށް މިރޯދައިގެ އެންމެފުރިހަމަ ފައިދާއާއި ޘަވާބާއި ދަރުމަދެއްވާންދޭވެ! އަޅަމެންގެ މިއަޅުކަމަކީ އިބަ ﷲ ގެ ޙަޟްރަތުގައި ޤަބޫލުވެވިގެންވާ ޢަމަލެއް ކަމުގައި ލައްވާންދޭވެ! އާމީން!
وصلى الله وسلم على نبينا محمد وعلى آله وأصحابه أجمعين.