އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ޕްރައިމަރީ ދަރިވަރުންނަށް މި ރަމަޟާންމަހު ދީނީ ދަރުސް ދިނުން ކުރިއަށް ގެންގޮސްފިއެވެ. މިއީ ކޮންމެ އަހަރަކުވެސް ރަމަޟާންމަހާ ގުޅިގެން އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގައި ކިޔަވަމުންދާ ދަރިވަރުންނަށް އަމާޒުކޮށްގެން ގެންދާ ދީނީ ދަރުސް ދިނުމުގެ ޕްރޮގްރާމެކެވެ. އެގޮތުން މި ވޭތުވެދިޔަ ހަފުތާގައި ޕްރައިމަރީގައި ކިޔަވަމުންދާ ދަރިވަރުންނަށް ޚާއްޞަކޮށްގެން ގެންދެވުނު ދަރުސް އޮތީ ކީސްޓޭޖް 1 އަދި 2 ގެ ދަރިވަރުންނަށް ބަހާލައިގެން ދެ ދުވަހެވެ. މި ޕްރޮގްރާމުގެ މަޤުޞަދަކީ ދަރިވަރުންގެ ހިތްތަކުގައި ދީނީ ރޫޙު އަށަގެންނެވުމާއި ދީނީ ކަންކަންކަމަށް ލޯބިޖެއްސެވުމެވެ. މިކަން އިންތިޒާމުކޮށް ރާވާހިންގީ ސްކޫލްގެ އިސްލާމް ޑިޕާޓްމަންޓްގައި މަސައްކަތް ކުރައްވާ ހުރިހާ ޓީޗަރުންނެވެ.

ދީނީ ދަރުސް ޕްރޮގްރާމުގެ ފުރަތަމަ ދަރުސް ދިނުން އޮތީ ކީސްޓޭޖް 1ގެ ދަރިވަރުންނަށެވެ. މި ޕްރޮގްރާމު ބޭއްވީ ހެނދުނު ދަރިވަރުން ސްކޫލަށް ކިޔަވަން ހާޟިރުވުމުން ސްކޫލްގެ ހޯލުގައެވެ. ކީސްޓޭޖު 1ގެ ދަރިވަރުންނަށް ދަރުސް ދެއްވީ އިސްލާމީ މަރުކަޒުގެ އިމާމު އައްޝެއިޚު އިބްރާހީމް ރަޝީދުއެވެ. މި ދަރުސްގައި ގްރޭޑް 1، 2 އަދި 3ގައި ކިޔަވަމުންދާ ގިނަ ދަރިވަރުންތަކެއް ވަނީ ބައިވެރިވެފައެވެ. މީގެ އިތުރުން ސްކޫލްގެ ސީނިއަރ އެސިސްޓެންޓް ޕްރިންސިޕަލް އަލްފާޟިލާ އައިޝަތު ޝީތާ ވެސް ބައިވެރިވެ ވަޑައިގަތެވެ.
ދެވަނަ ދަރުސް އޮތީ ކީސްޓޭޖް 2 ގައި ކިޔަވަމުން ދާ ދަރިވަރުންނަށް އަމާޒުކޮށްގެންނެވެ. މި ދަރުސް ދިނުންވެސް ބޭއްވީ ސްކޫލްގެ ހޯލުގައެވެ. މި ދަރުސް ދެއްވީ އައި، ޔޫ، އެމްގެ ފެކަލްޓީ އޮފް ޤުރުއާން އެންޑް ސުންނާގެ ޑީން އައްޝެއިޚް މުޙައްމަދު މަންޞޫރު އާދަމްއެވެ. މި ދަރުސްގައި ވެސް ސްކޫލްގެ ގިނަ ދަރިވަރުންތަކެއް ބައިވެރިވެފައިވާއިރު ހަމަ ކުރީ ދުވަހެކޭ އެއްފަދައިން ސްކޫލްގެ ގިނަ ޓީޗަރުން ތަކެއްވެސް ވަނީ ބައިވެރިވެފައެވެ. މި ފަދަ ދީނީ ޕްރޮގްރާމްތަކަކީ ސްކޫލްތަކުގެ ދަރިވަރުންނަށް ވަރަށް މުހިންމު އެއްޗެއްކަން މި ބޭއްވުނު ދަރުސްތަކުން ހާމަވިއެވެ. މިއީ ވަރަށް ކާމިޔާބު ޕްރޮގްރާމެއްކަން ދަރިވަރުންގެ ހާޟިރީއިން ފާހަގަވެގެން ދިޔައެވެ.